ކްރިތީ: ރިތިކްގެ "ކްރިޝް 4" ގެ ބަތަލާގެ ރޯލް އޭނާ އަށް ހުށަހަޅާފައިވާ ކަމަށްވޭ.
01 ޖެނުއަރީ 2019 - 07:26
ރިތިކް ރޯޝަން ސުޕަހީރޯއެއްގެ ރޯލު ކުޅޭ "ކްރިޝް" ފްރެންޗައިޒްގެ ހަތަރު ވަނަ ބައި 2020 ގައި ގެނެސްދޭނެ ކަމުގެ ޔަގީންކަން ޑައިރެކްޓަރު ރާކޭޝް ރޯޝަން ވަނީ ދީފަ އެވެ.
މި ފިލްމާ ބެހޭ ގޮތުން ވާހަކަ ދެކެވޭ ކޮންމެ ފަހަރެއްގައި އެންމެ ގަދައަށް ސުވާލުކުރަނީ ފިލްމުގެ ބަތަލާއާ ބެހޭ ގޮތުންނެވެ. ރާކޭޝް މިދިޔަ އަހަރު ދިން އިންޓަވިއުއެއްގައި، ފިލްމުގެ ބަތަލާގެ ރޯލުން ޕްރިޔަންކާ ޗޯޕްޅާ ފެންނާނެ ކަމުގެ އިޝާރާތެއް ވަނީ ދީފަ އެވެ. އޭނާއަކީ 2006 ގައި ރިލީޒް ކުރި "ކްރިޝް" އާއި 2013 ގައި ރިލީޒް ކުރި "ކްރިޝް 3" ގެ ބަތަލާ ވެސް މެ އެވެ.
ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ދާދި ފަހުން ރިޕޯޓްކޮށްފައިވާ ގޮތުގައި "ކްރިޝް 4" ގެ ބަތަލާގެ ރޯލް ވަނީ މިދިޔަ އަހަރު ރިލީޒް ކުރި "ކާބިލް" ގައި ރިތިކާ އެކު ބަތަލާގެ ރޯލް ކުޅުނު ޔަމީ ގޯތަމަށް ހުށަހަޅައިފަ އެވެ.
އޭގެ ފަހުން ކެޓްރީނާ ކެއިފަށް ވެސް ފިލްމު ހުށަހެޅި ވާހަކަތަކެއް ފެތުރުނެވެ. މިހާރު ރިޕޯޓްތައް ބުނަނީ "ކްރިޝް 4" ގެ ބަތަލާގެ ރޯލުން ފެނުމުގެ ފުރުސަތު ބޮޑީ އަރަމުން އަންނަ ޒުވާން ބަތަލާ ކްރިތީ ސެނަން ކަމަށެވެ.
ކްރިތީ މިދިޔަ މަހު ތާޖް ރިސޯޓްގައި.
ކްރިތީ ރާކޭޝްއާ މިދިޔަ ހަފުތާގައި ބައްދަލުކޮށްފައިވާ ކަމަށާއި ފިލްމު ރަސްމީކޮށް މި އަހަރުގެ ތެރޭގައި އިއުލާން ކުރާނެ ކަމަށް ޑެކަން ކްރޮނިކަލްސް އިން ބުންޏެވެ.
ކްރިތީ މިހާރު އަންނަނީ އަރްޖުން ކަޕޫރާ އެކު ކުޅޭ އަޝުތޯޝް ގޮވަރިކާގެ ތާރީހީ ފިލްމު "ޕާނިޕަޓް" ގެ މަސައްކަތް ކުރަމުންނެވެ. މި އަހަރަކީ ކްރިތީގެ ފެނުން ގިނަ އަހަރަކަށް ވާނެ އެވެ.
މި އަހަރު ރިލީޒް ވާނެ އޭނާގެ ފުރަތަމަ ފިލްމަކީ މާޗް 1 ގައި ރިލީޒް ކުރާ "ލުއްކާ ޗުއްޕީ" އެވެ. އޭގެ ފަހުން އެޕްރީލް 19 ގައި ކްރިތީގެ ހާއްސަ ފެނިލުމެއް ހިމެނޭ ކަރަން ޖޯހަރުގެ "ކަލަންކް" ސިނަމާތަކަށް އަންނަ އިރު، "އަރްޖުން ޕަޓިއާލާ" މެއި މަހުގެ 3 އަށް ވަނީ ތާވަލުކޮށްފަ އެވެ.
މީގެ އިތުރުން ކްރިތީގެ "ހައުސްފުލް 4" އޮކްޓޯބަރު މަހުގެ 26 ގައި ސިނަމާތަކަށް އަންނާނެ އެވެ.
"ކްރިޝް 4" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ޑިސެމްބަރު، 25، 2020 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy