03 އެޕްރީލް 2020 - 08:44
މި އަހަރުގެ ފަހުކޮޅު ގެނެސްދޭން ނިންމާފައިވާ ކުޅިވަރު ފިލްމު "ތޫފާން" އަކީ ކެރިއަރުގައި މިހާތަނަށް ކުޅޭ އެންމެ މޮޅު ފިލްމަށް ވާނެ ކަމަށާއި މިއީ މިހާތަނަށް އެންމެ ބުރަކޮށް މަސައްކަތްކުރަން ޖެހުނު ފިލްމު ކަމަށް ފަރުހާން އަޚްތަރު ބުނެފި އެވެ.
މި ފިލްމަކީ 2013 ވަނަ އަހަރު ފަރުހާނާ އެކު "ބާބް މިލްކާ ބާގް" ގެނެސްދިން ޑައިރެކްޓަރު އޯމް ޕްރަކާޝް މެހެރާ ހަދާ ފިލްމެވެ. އިންޑިއާގެ ކުރީގެ އެތުލީޓް މިލްކާ ސިންގްގެ ރޯލް އެ ފިލްމުގައި ކުޅެގެން ފަރުހާނަށް އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ވެސް ލިބިފައިވެ އެވެ. "ބާގް މިލްކާ ބާގް" އަކީ ކެރެކްޓާ އަށް ތައްޔާރުވުމުގެ ގޮތުން ފަރްހާން ހަށިގަނޑަށް ވެސް ވަރަށް ބޮޑު ބަދަލުތަކެއް ގެނައި ފިލްމެކެވެ.
ހަމަ އެގޮތަށް "ތޫފާން" އަކީ ވެސް ހަމަ އެހާ ބޮޑަށް ފިޒިކަލީ ތައްޔާރުވާން ޖެހުނު ފިލްމެކެވެ. މި ފިލްމުގައި ފަރުހާން ފެނިގެންދާނީ ބޮކްސިންތެޅުންތެރިއެއްގެ ރޯލުންނެވެ. އަދި ފިލްމުގެ ޝޫޓިން ފެށުމުގެ ކުރިން އޭނާ ވަނީ ވަރަށް ގިނަ ޓްރޭނިންތަކެއް ވެސް ހަދައިފަ އެވެ.
Toofan Uthega!! FIRST LOOK! #TOOFAN releasing 2nd October 2020!! 🥊❤️ @excelmovies @ROMPPictures @RakeyshOmMehra @ritesh_sid @mrunal0801 @SirPareshRawal @urfvijaymaurya @ShankarEhsanLoy @Javedakhtarjadu @ZeeMusicCompany #AnjumRajabali #AAfilms pic.twitter.com/iahhC48gDd
— Farhan Akhtar (@FarOutAkhtar) September 30, 2019
"ދިލް ޗާތާހޭ" އާއި "ޑޮން" ފަދަ ފިލްމުތަކުގެ ޑައިރެކްޓްކޮށްފައިވާ ފަރުހާން ބުނިގޮތުގައި "ތޫފާން" އަށް ކުރެވޭ އުންމީދުތައް ވަރަށް ބޮޑެވެ. އަދި އޭނާގެ ކެރެކްޓާ އަށް 100 ޕަސަންޓް ދީފައިވާނެ ކަމަށް ބުންޏެވެ. ފަރުހާން ބުނީ މި ފިލްމަކީ ބެލުންތެރިން ފިލްމާ ދޭތެރޭކުރާ އުންމީދުތައް ހަގީގަތަކަށް ހަދައިދޭނެ ފިލްމެއްކަމާ ދޭތެެރޭ ޝައްކެއް ނެތެވެ. އެގޮތުން "ތޫފާން" ގެ މުޅި ޓީމް ވަރަށް ވެސް ފުރިހަމަ، މޮޅު ފިލްމެއް ގެނެސްދޭން މަސައްކަތްކޮށްފައިވާ ކަމަށް ބުންޏެވެ.
ޖުމްލަ 50 ކްރޯޑް ރުޕީސް (7 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާފައިވާ ފިލްމުގެ ކާސްޓުންގެ ތެރޭގައި މުރްނާލް ތާކޫރް، ޕަރޭޝް ރާވަލް އަދި އީޝާ ތަލްވާރު ހިމެނެ އެވެ.
ކުރިން މި އަހަރުގެ އޮކްޓޯބަރު 2 ގައި ސިނަމާތަކަށް ގެނެސްދޭން ނިންމި "ތޫފާން" ބެލުންތެރިންނާ ހަމައަށް އަންނާނީ މި އަހަރުގެ ސެޕްޓެމްބަރު 18 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy