04 އެޕްރީލް 2020 - 08:45
ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރާއި އޭނާގެ ފިރިމީހާ އާނަންދު އަހޫޖާ ގުޅިގެން ފިލްމު ޕްރޮޑިއުސްކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނީ އާނަންދު ކުރިން އުޅުނީ ސޯނަމްގެ ބައްޕަ އަދި މަޝްހޫރު އެކްޓަރު އަނިލް ކަޕޫރާއި އަންހެން ކޮއްކޮ ރިއާ ކަޕޫރާ ގުޅިގެން ފިލްމު ޕްރޮޑިއުސްކުރަން ކަމަށެވެ. ރިއާ ވަނީ ކުރިން ވެސް ސޯނަމް ކުޅެފައިވާ ފިލްމުތަކެއް ޕްރޮޑިއުސްކޮށްފަ އެވެ. އޭގެ ތެރޭގައި "ވީރޭ ދީ ވެޑިން" އާއި "ހޫބުސޫރަތު" ގެ އިތުރުން "އައިޝާ" ހިމެނެ އެވެ.
ހަންގާމާ އިން ބުނީ ރިއާ އާއި އަނިލްއާ ވަކިން ދެމަފިރިން އެކަނި ހިއްސާވާ ގޮތަށް ޕްރޮޑަކްޝަން ހައުސްއެއް އުފައްދައި، ފިލްމު ޕްރޮޑިއުސްކުރަން އާނަންދަށް ލަފާދިނީ ސޯނަމް ކަމަށާއި އަންނަ އަހަރުގެ ތެރޭގައި އެ މަސައްކަތް ފަށާނެ ކަމަށެވެ. އާންމުކޮށް އިނގިރޭސިވިލާތުގައި ދިރިއުޅޭ އާނަންދަކީ ވިޔަފާވެރިއެކެވެ. އޭނާ އާއި ސޯނަމް ކައިވެނިކުރީ 2018 ގަ އެވެ.
ހަންގާމާ އިން ބުނިގޮތުގައި ފިލްމީ ދާއިރާ އަށް އިންވެސްޓްކުރުމަކީ އާނަންދު ކުރިން ވެސް ކުރަން ވަރަށް ބޭނުންވެފައި ހުރި ކަމެކެވެ. އެގޮތުން އަންހެނުންނާ ހިއްސާވެގެން ޕްރޮޑަކްޝަން ހައުސްއެއް އުފައްދާ އިރު، ސޯނަމްގެ އާއިލާ އަކީ މުޅިން ކަހަލަ ގޮތަކަށް ފިލްމީ ފަންނާނުން ތިބި އާއިލާއެކެވެ.
އޭގެ ތެރޭގައި އަނިލް އާއި ރިއާ އާއި ސޯނަމްގެ ފިރިހެން ކޮއްކޮ ހާޝްވަރްދަން ކަޕޫރާއި ސޯނަމްގެ ބޮޑުބޭބެއިން ކަމަށްވާ ބޯނީ ކަޕޫރާއި ސަންޖޭ ކަޕޫރާއި އަރުޖުން ކަޕޫރާއި ޖާންވީ ކަޕޫރް ފާހަގަކޮށްލެވެ އެވެ.
މިހާރު ކުޅޭނެ ފިލްމެއް އަތުގައި ނެތް ސޯނަމް އެންމެ ފަހުން ސްކްރީނުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި "ދަ ޒޯޔާ ފެކްޓާ" އިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy