މުނިފޫހިފިލުވުން / ވާހަކަ

ޖިންނިއެއްގެ ޝަކުވާ

ބުދަ ދުވަހާ ގުޅޭ

އިރުކޮޅެއް ވަންދެން މައްޗަށް ބަލަހައްޓައިގެން އިނެވެ. އެތައް އިރަކު އެހެން އިނދެފައި ކުއްލިއަކަށް އަނިލްއަށް ބަލައިލިއެވެ. އެހެން މީސްމީހުންގެ މޫނަށް ބަލަން ފެށިއެވެ. ނިކަން އަވަސްއަވަހަށެވެ. އެ ހަރަކާތް އެންމެ ވައްތަރީ ކުކުޅެއްގެ ހަރަކާތާއެވެ. ދެ ލޯ ބޮޑުކޮށްލައިގެން އިންސާނަކު އެ ހަރަކާތްތައް ކުރާއިރު ފެންނަނީ ހިތަށް ބިރުވެރިކަން ވަންނަ ކަހަލަ ގޮތަކަށެވެ. ތަނުގައި ތިބި އެހެން މީހުން އަނިލްއަށް ބެލިއެވެ. ވަމުންދާ ގޮތް އަނިލް ކިޔައިދޭނެކަމުގެ އުންމީދުގައެވެ. ހަނާ ލައްވާ ޖިންނި ކުރަން އެ އުޅެނީ ކީއްބާއޭ އަނިލް ވެސް ހިތަށްއެރިއެވެ.

"ކޮބާ މިހާރު ނަގާ ނިމުނީ؟" އަނިލް އެހިއެވެ. "މާ ވައްތަރު ނުދައްކާ އަވަހަށް ތި ކަން ނިންމަން އުޅޭ!"

"ނަގައިފީމޭ!" އެނދުގައި ހަމަޖެހިލަމުން ހަނާ ބުންޏެވެ. "ދެން މަ ދޫކޮށްލާ!"

"އެއްކޮށް ނެގީ؟" އަނިލް އެހިއެވެ. "ޔަގީން؟ ދޮގުނަހަދައްޗޭ އިނގޭ! އަލުން ކަލޭ ލައްވާ އެއްޗެއް ނަގުވަން ޖެހިއްޖެއްޔާ ކަލޭގެ ބޯކަނޑާލާނަން. ހަމަ ރަނގަޅަށް މި ބުނީ."

"އޭ! އެހެން ނަހަދައްޗޭ!" ހަނާ އެދުނެވެ. "ބުނާ ގޮތް ހެދީމަ އަނިޔާކޮށްގެން ނުވާނެ. ހަދިޔާއެއްނު ދޭންވާނީ."

ޖިންނިސައިތާނާ ލައްވައި ގިނައިން ވާހަކަދެއްކުވުމުން އަނިލްއަށް އިތުރު މައުލޫމާތުތަކެއް ލިބެމުންދިޔައެވެ. ދެން ކަން ކުރަންވާ ގޮތް ކުރިޔަށް ރާވައިލެވެއެވެ.

"އެއީ ކީއްވެ؟" އަނިލް ސުވާލުކުރިއެވެ. "އަސްލު ކަލެއަކީ ވަރަށް ކުޑަ ގޮލައެއްކަން އަހަންނަށް އެނގޭ ކަލޭ ވާހަކަ ތި ދައްކާ ގޮތުން. ކަލެއަށް ކިތައް އަހަރު؟"

"ކަލޭ ނުޖެހޭ އަހަރެންގެ ސައިޒާ އުމުރު ބަލާކަށް. ކަލޭ ތި ނަގުވާ އެއްޗެއް ނަގުވާފަ އަހަރެން ދާން ދޫކޮށްލާ!" ހަރުކަށިކަމާއި އާދޭސް ވެސް އެކުލެވިފައިވާ ރާގެއްގައި ހަނާ ބުންޏެވެ. "މަ ބޭނުމެއް ނޫން ކަލެޔާ ވާހަކަދައްކާކަށް."

"ކަލޭ ގޮއްސިއްޔާ އަލުން އަންނާނަންތަ؟" އަނިލް ވަރަށް ލަސްލަހުން އެހިއެވެ. "އަލުން މީނަޔާ އަޅައިގަންނާނަންތަ؟ އުނދަގޫކުރާނަންތަ؟ ހުރިހާ ސުވާލަކަށް ޖަވާބުދީފަ ކަލެޔަށް ދެވޭނީ. ކަލޭ ދައްތަ ބުންޏަސް އަނބުރާ މީނަ ކައިރިއަށް ނާންނަން ކަލޭ ޖެހޭނެ އެއްބަސްވާން. މީނަ އެކަންޏެއް ވެސް ނޫން. އެއްވެސް އިންސާނަކަށް ގޯނާއެއް ނުކުރާނަމޭ ބުނޭ!"

"މަ ނުޖެހޭ ތިޔަށް ޖަވާބުދޭކަށް،" އަނެއް ފަރާތަށް މޫނު އަނބުރައިލަމުން ހަނާ ބުންޏެވެ. "މަ އުޅޭނީ މަގޭ އާއިލާ އުޅޭ ތާކު. އާއިލާ ދާ ކޮންމެ ތަނަކަށް މަ ދާނަން. މަ ބޭނުންވާނެ ވަރަށް މަޖާކުރަން. އެކަކަށް ވެސް އެ ކަމެއް ނުހުއްޓުވޭނެ. ކަލެޔަކަށް ވެސް އެ ކަމެއް ނުހުއްޓުވޭނެ."

މައްސަލަ ހައްލުވާކަށް ނޫޅުނެވެ. އަނެއް ކޮޅުން އެ ރެޔަށް ނިންމާލަން އަނިލްއަށް މަޖުބޫރުވާން ފެށިއެވެ. އަނިލް ތަނަކަށް ދާންޖެހިފައިވާތީ އެކަންޏެއް ނޫނެވެ. އިންސާނެއްގެ ހަށިގަނޑު ތެރެއަށް ރޫހާނީ މަޚުލޫގުން ވަދެނުކުމެ ހެދުމަކީ އިންސާނާ ވަރުބަލިކޮށްލާ ކަމެކެވެ. އޭގެ އަސަރު ފެންނާނީ، އިންސާނެއްގެ ހާލަތަށް އެނބުރިއައިސް ބަލިމީހާ ލޯ ހުޅުވައިލާ ވަގުތުއެވެ. ވީމާ، ހަނާއަށް ލުޔެއް ދޭން އަނިލް ބޭނުމެވެ.

"ކަލޭގެ އާއިލާ އުޅެނީ މިތާ،" އަނިލް ބުންޏެވެ. "އޭނަ މާނައަކީ ކަލޭ ވެސް މި ތަނަށް އަންނާނަމޭ؟"

"އަހަރެން އެހެނެއް ނުބުނަމެއްނު،" އެނދުގެ ބިއްދޮށަށް ޖެހިލަމުން ހަނާ ބުނެލިއެވެ. "ދައްތަ ވެސް ބުންޏެއްނު އަހަރުމެންގެ އާއިލާއަކީ އެއްކޮށް އުޅޭ އާއިލާއެކޭ. އަހަރުމެން އަބަދުވެސް އުޅޭނީ އެއްކޮށް. މަ ދާން ދޫކޮށްލާ! މިތާ އިނދެއިނދެ ފޫހިވެއްޖެ!"

"ކޮންމެވެސް އެއްގޮތަކަށް ނިންމާފަ ކަލެޔަށް ދެވޭނީ،" ޖިންނިއަށް ލިބިފައިވާ ފުރުސަތު ހަނިކުރުމުގެ މަގުސަދުގައި އަނިލް ބުންޏެވެ. "އޭރުން އަހަންނަށް ވެސް އެނގޭނީ ކަލޭގެ ކަންތައް ކޮންމެވެސް އެއްގޮތަކަށް ނިންމާލަން."

ބިރުވެރި އިންޒާރުދިނުމަކީ، ވަކި ހައްދެއްގެ ތެރޭގައި ޖިންނިސައިތާނުން ބޭތިއްބުމަށް ޓަކައި އަނިލް ކުރާ ކަމެކެވެ. ވާހަކަދައްކާއިރު ޖެހިލުންކުޑަކަން ދެއްކުމާއި، ޖިންނީންގެ ބާރުތަކަށް ގޮންޖެހުމުގެ ބޭނުމަކީ ވެސް އެއީއެވެ.

"އޭ! އަހަންނަށް ކިހިނެއް ހަދަން ކަލޭ ތި އުޅެނީ؟" ހަައިރާންވެފައި ހަނާ އެހިއެވެ.

"ނިންމާލަން މި އުޅެނީ،" އަނިލްގެ ރާގުގައި ވަނީ ޔަގީންކަމެވެ. "ބޯކަނޑައިލީމަ ނިމުނީނު!"

ހަނާ ކަންބޮޑުވިއެވެ. ބިއްދޮށަށް ޖެހިލިއެވެ. ހީވާ ކަހަލައެވެ. އަނިލްގެ އަތްނުފޯރާ ހިސާބަށް ގޮއްސިއްޔާ އަނިލްއަކަށް ކަމެއް ނުކުރެވޭނެއެވެ. އެ ހިސާބުން ދެން އޮތީ ދެ ނަސްލު ދެމެދުގައި ހިނގި ބަހުގެ ހަމަލާތަކެވެ. އިންޒާރާއި ޝަކުވާތަކެވެ.

"ތީ ހާދަހާ ނުލަފާ މީހެކޭ ދޯ!" ހައިރާންވެފައި ހަނާ ބުންޏެވެ. "ތިހާ ފަސޭހައިން ބޯކަނޑާކަށް ނުވާނެއްނު! އަހަންނަކީ މުސްލިމެކޭ! ކަލޭ ވެސް ތީ މުސްލިމެއް. އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަނިޔާއެއް ނުދޭނެ. އަހަރުމެންނަކީ އަޚުންތަކެއް. އެހެންވީމާ އެހެން ހަދައިގެން ނުވާނެ."

"އެކަމަކު މުސްލިމުންނޭ އަޚުންނޭ ކިޔައިގެން ކަލޭ ކީއްވެ މުސްލިމަކަށް ތި އަނިޔާކުރަނީ؟" އަނިލް ރުޅިއައިސްފައި އެހިއެވެ.

"އަހަރުން ހަމަ މިހެން އައިސް ތިބީ! އަހަރުމެން އަނިޔާއެއް ނުކުރަން. މިހާރު ވެސް އަހާބަލަ!" ހަނާ އެއްބަހެއް ނުވިއެވެ. "ދައްތަ ވެސް އައިސް އޭނައަށް ނަސޭހަތްދިނީ. އޭނަގެ ފިރިމީހާ އޭނަޔާ އަޅައެއްނުލާ!"

"ބަލަ އެއީ ކަލޭމެންނާ ބެހޭކަމެއް ނޫނޭ!" އަނިލް ހަނދާންކޮށްދިނެވެ. "ކިހާ ވަރުގަދަ ކަމެއް."

"އުހުނ އަހަރުމެން ވެސް ދެރަވާނެއްނު! އެހީވާން ބޭނުމޭ!" ހަނާ ޖަވާބުދިނެވެ.

"މީނަ ނޫން މީހަކު ނުފެނުނީތަ އެހީވާން؟" އަނިލް އެހިއެވެ. "ކިހާ އިންސާނުންނެއް މި ރަށުގަ އެބައުޅޭ؟ ކަލޭމެންގެ ތެރޭން ޖިންނިއަކަށް އެހީވެބަލަ! މީނަޔާ ކަލޭ އަޅައިގަނެގެން ތި އުޅެނީ ކީއްވެގެންތަ؟"

"ނައީމް ފޮނުވައިގެން! ނައީމް ބުނީ..." އެ ހިސާބުން ހަނާގެ ވާހަކަ މެދުކަނޑައިލިއެވެ. "އޭ! އަހަންނަށް މާ ގިނަ ވާހަކަ ދޯ މި ދެއްކެނީ؟"

"އާނ! ކަލޭ ލައްކަ ވާހަކަދައްކައިފި! ދެން މައްސަލައެއް ނެތް! އަހަންނަށް އެނގެން ބޭނުންވާ ހުރިހާ އެއްޗެެއް އެނގިއްޖެ!" އަނިލް ވަރަށް ހަމަޖެހިލައިފައި ބުންޏެވެ.

"އޭ! ކޯޗެއް ކަލެއަށް އެނގުނީ؟" ހަނާ އެހިއެވެ.

"އެޔެއް ނުބުނާނަން. މަ ވެސް ނުޖެހޭނެ ކަލޭ އަހާ ހުރިހާ ސުވާލަކަށް ޖަވާބުދޭކަށް. މީގެ ފަހުން ކަލޭމެންނާ ބައްދަލުވެއްޖެއްޔާ، އެއްވެސް ވާހަކައެއް ނުދައްކާނަން. ހަމަ މަރާލާނީ!" އަނިލް އިންޒާރުދިނެވެ.

"މައްސަލައެއް ނެތް! ކަލޭ ބޭނުން ގޮތަށް ހަދާ!" ކޮންމެވެސް ސަބަބަކާ ހުރެ ވާހަކަ ކުރުކޮށްލަން ހަނާ މަސައްކަތްކުރިއެވެ. "ދައްތަ އެބަ ބޭނުންވޭ ވާހަކަދައްކަން."

އަނިލް ހުއްދަ ދިނެވެ. އެއީ އެހެން އޮންނަ ކަމެކެވެ. ހުއްދަޔާ ނުލައި އެކަކަށް ވެސް އަނިލްއާ ވާހަކަދެއްކުމުގެ ފުރުސަތެއް ނުލިބޭނެއެވެ. ކިތަންމެ ބޭނުންވިޔަސް ޖެހޭނީ ހުންނާށެވެ. އަނިލް ހުއްދަދިނުމާ އެކު ހަނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. ކުޑަކުއްޖެއްގެ ސަކަ މިޒާޖު ކެނޑި، ހަރު ފާޑު ޖެހިއެވެ. އެހެން މީހަކަށް ފާހަގަ ނުކުރެވުނަސް އަނިލްއަށް ވަރަށް ރަނގަޅަށް އެ ކަން ފާހަގަވިއެވެ.

"ކިޔާބަލަ ތި ކިޔާ އެއްޗެއް!" އަނިލް އެދުނެވެ.

"އަހަރުމެން ދާނީ އިސްލާން ވެގެން. އިސްލާމް ވާންވީތަ؟" އެންމެ ފުރަތަމަ ހަނާ ވާހަކަދެއްކި ރާގުގައި އެހިއެވެ.

"އަޖައިބެއްނު! ތީ ކަލޭމެންގެ އިޚުތިޔާރުގަ އޮތްކަމެއްނު!" މާ ބޮޑު ޝައުގުވެރިކަމެއް ނެތި އަނިލް ބުންޏެވެ. "މަ ބުނެގެން ނޫނީ މަ ބިރުދައްކައިގެންތަ ކަލޭމެން އިސްލާން ވާންޖެހެނީ؟ ބަލަ ކަލޭމެން ބުނީމެއްނު ކަލޭމެންނަކީ އިސްލާމުންނޭ! އެކަމަކު މަ ބުނަން ވާހަކައެއް. އިސްލާން ޖިންނިއެއް ތިހެނެއް ނޫޅޭނެ."

"ޖިންނީން އުޅޭ ގޮތް ކިހިނެއް ކަލެއަށް އެނގެނީ؟" ހަނާ އެހިއެވެ.

"އަހަންނަށް އެނގޭ ތި ފާޑަށް އެއްޗެހި އަހަނީ ކަލޭ ދަސްކުރަންކަން،" އަނިލް ބުންޏެވެ. "އޭރުން ދެން ރުޤްޔާކުރާ މީހެއް ކައިރީގަ ބުނެވޭނެތާ ތީ މުސްލިމެކޭ. މުސްލިމުން އުޅޭނީ މިހެންނޭ! ކަލޭމެންނަކީ އަބަދުވެސް އޮޅުވާލައިގެން، މަކަރުހަދައިގެން އުޅޭ ބައެއް. މުސްލިމުންގެ ތި ސިފައެއް ނުހުންނާނެ. މުސްލިމް ޖިންނީން އައިސް އިންސާނުންނަކާ މަސްހުންޏެއް ނުވާނެ. ދުއްޕާނެއް ވެސް ނުކުރާނެ."

އަނިލް ބުނި އެއްޗަކާ މެދުގައި "ހަނާ" ވިސްނިހެން ހީވިއެވެ. އެއްޗެއް ނުބުނެ އިރުކޮޅަކު އިނެވެ.

"މައްސަލައެއް ނެތް!" އަނިލް ބުނި އެއްޗެއް ގަބޫލުކުރާ ކަހަލަ ރާގެއްގައި ހަނާ ބުންޏެވެ. "އަހަރުމެން އަލުން އިސްލާންވާން ބޭނުން."

އާންމު ގޮތެއްގައި ޖިންނި އިސްލާން ވާނީ ރާޤީ ޝަހާދަތް ލައިދިނީމައެވެ. ރާޤީގެ އަޑު ދަށުން ޝަހާދަތް ކިޔައިގެންނެވެ. އެހެންނަމަވެސް އަނިލް ޝަހާދަތް ކިޔުމުގެ ކުރިން "ހަނާ" ޝަހާދަތްކިޔަން ފެށިއެވެ. އާންމުކޮށް ކަޅު ކުލައިގައި ތިއްބަސް، ޖިންނިސައިތާނުންނަކީ އެކި ކުލަކުލައިގަ ތިބޭ ބަޔެކެވެ. އިސްލާންވާ އިރަށް ކޮންމެ ޖިންނިއެއްގެ ވެސް ކުލަ ހުދު ކުލައަށް ބަދަލުވެއެވެ. ހުރިހައި ކަމެއް ރަނގަޅަށް ގޮއްސިއްޔާ، ޝަހާދަތް ކިޔައި ނިމޭއިރު އެއްކޮށް ކުލަ ބަދަލުވާނެއެވެ. ނުވަތަ އިރުކޮޅެއް ތެރޭގައި އެއްކޮށް ހުދުވެ ނިމޭނެއެވެ.

"މަ މިހިރީ މިހާރު ހުދުކުލައިގަ." އަނިލް ނުވެސް އަހަނީސް ހަނާ ބުންޏެވެ.

"މަ އަހައިފިތަ ކަލޭ ތިހިރީ ކޮން ކުލައެއްގަ ހޭ؟" އަނިލް ސުވާލުކުރިއެވެ.

"ކަލޭ އަހާނެއްނު،" ހަނާ ބުންޏެވެ. "އެހެންވެ ބުނެލީ!"

"އެހެން ވިއްޔާ ކަލޭ ތިހިރީ ހުދު ކުލަޔަކު ނޫން!" އަނިލް ބުންޏެވެ.

"އުހުނ! ހަމަ އަސްލު ވެސް!" ހަނާ އަނެއްކާ ވެސް ބުންޏެވެ. "މަ ކީއްކުރަން ދެން ދޮގުހަދަންވީ؟ މަ މިހިރީކީ ތާށިވެފައެއް ނޫނޭ!"

"އެހެންތަ؟" އަނިލް އެހިއެވެ. "އެކަމަކު ކަލެޔަކަށް ނުދެވޭނެ އަހަރެން ދޫނުކުރަނީހެއް."

"އުހުނ!" ހަނާ އިންކާރު ކުރިއެވެ. "އަހަންނަށް ދެވޭނެ!"

"ﷲ އިރާދަކުރެއްވިއްޔާ ނުދެވޭނެ ކަލެޔަކަށް،" އަނިލް ގޮންޖަހައިފައި ބުންޏެވެ. "ކަލެއަށް މި ތަނުން ނުކުމެވޭނީ އެންމެ ގޮތަކަށް. އެއީ ކަލޭ އެނބުރި ނާންނާށާ، އެންވެސް އިންސާނަކަށް އުނދަގޫ ނުކުރަން ނިޔަތްގަތުން. އެ ނޫން އެއްވެސް ގޮތަކަށް ކަލެޔަކަށް ނުނުކުމެވޭނެ. ގަދަކަމުން ނުކުންނަށް އުޅެފިއްޔާ ކަލޭ ހައްތަހާ ބާރުވެ، ތާށިވާނީ."

"އެ ވާހަކަޔޭ މި ބުނަނީ،" ހަނާ އެއްބަސްވިއެވެ. "އަހަންނަށް އެނގެޔޭ ނުކުމެވޭނެ ގޮތް. ތި ބުނި ގޮތަށް ނިޔަތްގަނެގެންނޭ މަ މިހިރީ. އޭ! މަގޭ ނަމަކަށް ދެން ކިޔާނީ ނައީމް އިނގޭ."

"ބަލަ ކަލޭ ބުނީމެއްނު ތީ އަންހެނެކޭ!" އަނިލް ދަނޑިވަޅުގެ ބޭނުންހިފިއެވެ.

ނުނިމޭ

17 ކޮމެންޓް, 55 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 5%
icon angry icon angry 27%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރާޖު

05 April 2020

ތިހާ ކުރު ކޮން ގެނަސްދޭއި ރުދުވާލަކުބައެއްގެނަސްދީބަލަ

The name is already taken The name is available. Register?

ނާޒި މް

05 April 2020

ޖިންނި ހަށިގަނޑަށް ވަދެ ތެޅި ތެޅިފަ ދާއިރު މަފަކީރު އޮންނަނީ ދެ މިފަ..ވޭންހުރި ކަ މެއް..!!

The name is already taken The name is available. Register?

ލޮޓަސް ބޭބް

05 April 2020

އެއްވެސް ކަމެއް ނުވޭ، އެނގުނު އެއްޗެއް ނެތް، ހަމައެކަނި ޖިންނިއާ ފޮނި އަނގަތަޅާލީ މިއަދުގެ ބައިގަ، ވާހަކަ ކުރިއަކަށް ނުދޭ، އެނގުނުއެއްޗެއް ހަރާމުންހަރާން، ހަ އެޕިސޯޑު ނިމިގެން ދިޔައިރުވެސް އެންމެ ސީންއެއް، ދެން ނުކިޔޭނެ މަށަކަށް، ވަރަށް މަސައްކަތް ކޮށްފިން، މި ހުއްޓާލީ މިވާހަކަ، ބިންމާއަށް ވަރަށް ސަލާން.

The name is already taken The name is available. Register?

ބުރި ބޮޑު ޖިންނި

05 April 2020

?? ރަނގަޅު ވާހަކައެއް ތިބުނީ. މަ ހީހީ ހަލާކުވެއްޖެ.??

The name is already taken The name is available. Register?

ވިޝާ

05 April 2020

އަނިލް ގަދަ އިނގޭ

The name is already taken The name is available. Register?

ޒޫންކޮ(ޒޫނާ)

05 April 2020

ނާޒި މުވެސް ނައިފަރު މީހަކުލައްވާ ރުގުޔާ ކުރިފަހުން ބޮޑަށް ގޯސްވީ..!!

The name is already taken The name is available. Register?

ކަރިޝް

05 April 2020

ވަރަށް ފޫހި ހުދު ކުލަ ކަޅު ކުލަ އަދިވެސް ދުނިޔޭގަ ލެއްވިހާކުލައެއް ލިޔޭ ދިގުކުރާން އެއްވެސް އޮށްޓަރެއްނެތް މިހާރު ތި ގެނެސްދޭބައިގާ

The name is already taken The name is available. Register?

ކ

05 April 2020

މިހެން ގޭގަ ބިއްޖެހިފަ ތިބޭ އިރު ވާހަކަ ކޮންމެދުވަހަކު ގެނެސްދޭނަމަ ފޫހިފިލީހޭނުން

The name is already taken The name is available. Register?

ނައީމް ޖިންނި

05 April 2020

ބިންމާ! ދެން ތިހެން ނުތަޅުވަބަލަ ދޯ!! ނިކަން ދިގު ކޮށް ނޫނީ އެއްކޮށް ވާހަކަ ގެނެސް ނިންމާލަ ދީބަލަ ދޯ!

The name is already taken The name is available. Register?

އަބްދުއްﷲހަލީމް

05 April 2020

ވަރައް ފުރިހަމައިގޭ

The name is already taken The name is available. Register?

ގަނޑިޔާ!!!

05 April 2020

ގުޑް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454