ކަނިކާ ކަޕޫރް ކޮވިޑް-19 އިން ފަސޭހަވެއްޖެ

އިންޑިއާގެ މަޝްހޫރު ފަންނާނުންގެ ތެރެއިން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވި އަންހެން ލަވަކިޔުންތެރިޔާ ކަނިކާ ކަޕޫރް ބަލިން ފަސޭހަވުމާ އެކު ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.


"ބޭބީ ޑޯލް" އާއި "ބީޓް ޕޭ ބޫޓީ" ގެ އިތުރުން "ޗިޓިޔަ ކަލައްޔާ" ފަދަ މަގުބޫލުތައް އެތައް ލަވައެއް ކިޔާފައިވާ 42 އަހަރުގެ ލަވަކިޔުންތެރިޔާ ކޮރޯނާވައިރަހަށް ޕޮޒިޓިވްވީ އިނގިރޭސިވިލާތަށް ކުރި ދަތުރަކަށް ފަހު އިންޑިއާ އަށް އެނބުރި ދިޔަތާ ތިން މަހެއްހާ ދުވަސް ފަހުން ބަލީގެ އަލާމަތްތައްކެއް ފެނިގެން ޓެސްޓްކުރުމުންނެވެ. އޭނާ އަށް ފަރުވާދީ ހޮސްޕިޓަލުން ދޫކޮށްލީ ހަ ވަނަ ފަހަރަށް ހެދި ޓެސްޓް ހޯމަ ދުވަހު ނެގަޓިވްވުމާ ގުޅިގެންނެވެ.

ކަރަންޓީނުކޮށް ކަނިކާ އަށް ފަރުވާ ދިނީ އޭނާ އުފަން ސިޓީ ލަކްނޫގެ ސަންޖޭ ގާންދީ ޕޯސްޓްގްރެޖްއޭޓް އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސް (އެސްޖީޕީޖީއައިއެމްއެސް) ގަ އެވެ.

ކަނިކާ ކޮވިޑް-19 އަށް ޕޮޒިޓިވްކަން އެނގުމާ އެކު ވަރަށް ގިނަ ވާހަކަތަކެއް މީޑިއާތަކުގައި ފެތުރިވެ، އޭނާ އަށް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވި އެވެ. އެގޮތުން ކޮރޯނާވައިރަހުގެ ބަލިމަޑުކަމުގެ ތެރޭގައި ބޭރު ގައުމަކުން ދަތުރުކޮށް، އެކަމަށް އެއްވެސް ފަރުވާލެއް ނުބަހައްޓައި، އެތައް ބަޔަކާ އޭނާ ބައްދަލުވެ، ގައިގޯޅިކޮށް އުޅެފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ފަރުވާ ހޯދަމުން ކަނިކާ އާންމުކުރި ޕޯސްޓެއް.

އެގޮތުން މާޗް މަހު ކުރީކޮޅު ބޭއްވި ހޯލީ ފެސްޓިވަލްގެ ތެރޭގައި ވެސް ކަނިކާ އެތައް ބަޔަކާ އެކު ޕާޓީކޮށްފައިވާ ކަމަށާއި އޭނާގެ ފަރާތުން އެތައް ބަޔަކަށް ބަލީގެ ނުރައްކާ އޮތް ކަމަށް ބުނެފައިވެ އެވެ. އަދި މިކަމާ ގުޅިގެން ވަރަށް ގިނަ ބަޔަކު ޓެސްޓް ވެސް ކުރި އެވެ.

މީގެ އިތުރުން ބައެއް މީހުން ވަނީ ކަނިކާ ވައިރަސް ހިފައިގެން އިންޑިއާ އަށް ދިޔައީ މިދިޔަ މަހުގެ ތެރޭގައި ކޮވިޑް-19 އަށް ޕޮޒިޓްވެ، ފަރުވާ ހޯދުމަށް ފަހު ފަސޭހަވެފައިވާ ޕްރިންސް ޗާލްސްގެ ފަރާތުން ކަމަށް ބުނެ، އޭނާއާ އެކު ނަގާފައިވާ ފޮޓޯތަކެއް ވެސް ދައުރުކޮށްފައިވެ އެވެ. ނަމަވެސް ސޯޝަލް މީޑިއާގައި ދައުރުކުރި އެ ފޮޓޯތަކަކީ 2015 ގައި ޕްރިންސް ޗާލްސްއާ އެކު އެކު ނަގާފައިވާ ފޮޓޯތަކެކެވެ.

އާންމުން ސިއްހީ ނުރައްކަލެއްގެ ތެރެއަށް ގަސްތުގައި ވައްޓާލި ކަމަށް ބުނެ ކަނިކާގެ މައްސަލަ ތަހުގީގުކުރަން ފުލުހުންނަށް ވެސް ހުށަހަޅާފައިވެ އެވެ. އެ މައްސަލަ ހުށަހެޅީ ލަކްނޫގައި މަސައްކަތްކުރާ ޗީފް މެޑިކަލް އޮފިިސަރެކެވެ.

މިދިޔަ އަހަރު ސްޓާ ޕްލަސް އިން ގެނެސްދިން "ވޮއިސް އިންޑިއާ" ސީޒަން ތިނެއްގައި ޖަޖްކަން ވެސް ކުރި ކަނިކާ އަކީ ތިން ކުދިންގެ މައެކެވެ. އޭނާގެ ކައިވެނި ވަނީ 2012 ގައި ރޫޅިފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ކަނިކާ ކޮވިޑް-19 އިން ފަސޭހަވި އިރު، ޝާހްރުކް ޚާން "ޗެންނައި އެކްސްޕްރެސް" އާއި "ރާ.ވަން" އަދި "ހެޕީ ނިއު އިޔާ" ފަދަ ފިލްމުތަކުގެ ޕްރޮޑިއުސަރު ކަރީމް މޮރާނީގެ ހަގު އަންހެން ދަރިފުޅު ޝަޒާ މޮރާނީ ބައްޔަށް ޕޮޒިޓިވްވެގެން މިހާރު އަންނަނީ ފަރުވާ ދެމުންނެވެ. ޝަޒާ އަކީ "އޯލްވޭޒް ކަބީ ކަބީ" އާއި "ބާގް ޖޯނީ" ފަދަ ފިލްމުތައް ކުޅުނު ބަތަލާ ޒޯއާ މޮރާނީގެ ކޮއްކޮ އެވެ.

ކޮވިޑް-19 ގައި އިންޑިއާ އިން މަރުވި މީހުންގެ އަދަދު މިހާރު 100 އިން މައްޗަށް އަރާފައިވާ އިރު، ބަލި ޖެހުނު މީހުންގެ އަދަދު 4،000 އަށް ވުރެ ގިނަ އެވެ. އަދި 300 އެއްހާ މީހުން ބަލިން ފަސޭހަވެފައިވެ އެވެ.