08 އެޕްރީލް 2020 - 08:25
ސަޕޯޓަރުން އަބަދުވެސް ބޮޑެތި އުންމީދުތަކެއް ކުރާތީ މޯޓިވޭޝަން އިތުރުވާ ކަމަށް ބޮލީވުޑްގެ ޒުވާން އެކްޓަރު ޓައިގާ ޝްރޮފް ބުނެފި އެވެ.
ފިލްމު ކުޅެން ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ އެކްޓަރުންގެ ލިސްޓުން ޖާގަ ހޯދި ޓައިގާ، 30، މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާ ކުރާ މަސައްކަތްތައް ގިނަ ބަޔަކަށް ކަމުދިއުމަކީ އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށެވެ.
"އަދި ފޭނުންގެ އުންމީދުތައް އަހަންނާ ދޭތެރޭ ބޮޑު ވުމަކީ ހަގީގަތުގައި އެންމެ ބޮޑަށް މޯޓިވޭޓްވާ ސަބަބު. ޓައިގާ ބުންޏެވެ.
އޭނާ ބުނިގޮތުގައި ކުރާ މަސައްކަތްތައް ބަލައިގަނެ، އެކަމަށް ސަޕޯޓަރުން ތައުރީފުކޮށް ވާހަކަ ދައްކައި، ހިތްވަރު ދިނުމަކީ ބުރަކޮށް މަސައްކަތްކުރުމުގެ ޖޯޝާއި ފޯރި އިތުރުކޮށްދޭ ކަމެކެވެ. އަދި ކުރާ މަސައްކަތްތަކާ ދޭތެރޭ އަމިއްލަ އަށް ވެސް ހިތްހަމަޖެހޭ ނަމަ ކަންބޮޑުވެ، ހާސްވާން ޖެހޭ ސަބަބުތަކެއް ނެތް ކަމަށް ބުންޏެވެ.
"އަހަރެން އަބަދު ބެސް ބަލަނީ އޯޑިއަންސް ބޭނުންވާ ކަހަލަ މަސައްކަތްތައްކުރަން." ފިލްމު "ހީރޯޕަންތީ" އިން 2014 ގައި ބޮލީވުޑަށް ނުކުތް އެކްޓަރު ބުންޏެވެ.
ބެލުންތެރިން ޓައިގާ ބަލައިގަތީ ހަމައެކަނި މޮޅު އެކްޓަރެއްގެ ގޮތުގައެއް ނޫނެވެ. އޭނާ ފާހަގަކުރެވެނީ މި ވަގުތު ބޮލީވުޑްގައި ހުރި އެންމެ ވަރުގަދަ އެއް އެކްޝަން ހީރޯގެ ގޮތުގަ އެވެ. އަދި ފިޓްނެސް އަށް ދޭ ސަމާލުކަމާއި ޓައިގާގެ ނެށުމުގެ ހުނަރަކީ ވެސް ގިނަ ބައެއްގެ ތައުރީފު އަބަދު ވެސް އޮހެމުން އަންނަ ކަމެކެވެ.
ކޮރޯނާވައިރަހާ ހެދި މި ވަގުތު މަސައްކަތްތަކާ ދުރުވެ، ގޭގައި ހުންނަން ޖެހުމުން ވެސް ޓައިގާގެ ފަރާތުން އެންމެ ބޮޑަށް ފާހަގަކުރެވެނީ ކަސްރަތަށް ދޭ ސަމާލުކަމެވެ. އެގޮތުން ގޭގައި ކަސްރަތުކުރާ ވީޑިއޯތައް އޭނާ އަންނަނީ އިންސްޓަގްރާމްގައި ހިއްސާކުރަމުންނެވެ.
މަޝްހޫރު އެކްޓަރު ޖެކީ ޝްރޮފްގެ ދަރިފުޅުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި "ބާގީ 3" އެވެ. ކޮރޯނާވައިރަހާ ހެދި އެ ފިލްމުގެ ޝޯތައް ހުއްޓައިލަން ޖެހުނު ނަމަވެސް، މި އަހަރު ދެވަނަ އަށް އެންމެ ރަނގަޅު ވިޔަފާރިއެއް ކުރި ފިލްމަކީ އެއީ އެވެ.
ރިޕޯޓްތައް ބުނާގޮތުން ކޮރޯނާވައިރަހުގެ ބަލިމަޑުކަން މައިތިރިވެ، އާންމު ހާލަތަކަށް ގޮސް ސިނަމާތައް އަލުން ހުޅުވުމުން "ބާގީ 3" އަލުން ސިނަމާތަކަށް ގެންނަން ނިންމި ނަމަވެސް، އެ ފިލްމުގެ ޓީމުން މިހާރު ނިންމާފައި ވަނީ ފިލްމު ސްޓްރީމިން އަށް ދޫކޮށްލާށެވެ. އެގޮތުން ޑިޒްނީ+ ހޮޓްސްޓާ އިން ވަރަށް އަވަހަށް ފިލްމު ބަލައިލުމުގެ ފުރުސަތު ބޮޑު ކަމަށްވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy