19 އެޕްރީލް 2020 - 08:51
އޭބީސީގެ މަޝްހޫރު ޓީވީ ސިލްސިލާ "ގްރޭސް އެނަޓަމީ" ގެ ކުރިއަށް އޮތް ސީޒަނުގެ އެޕިސޯޑްތަކެއްގައި ދުނިޔެ މިހާރު ހަނގުރާމަކުރަމުން އަންނަ ކޮވިޑް-19 ގެ ވާހަކަ ގެނެސްދިނުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށް އެ ސިލްސިލާގައި މުހިއްމު ރޯލެއް ކުޅޭ ބަތަލާ އެލެން ޕޮމްޕިއޯ ބުނެފި އެވެ.
ޑރ. މެރެޑިތު ގްރޭގެ ރޯލުން ފެންނަ 50 އަހަރުގެ ބަތަލާ ވެރައިޓީ އަށް ދިން އިންޓަވިއުއެއްގައި ބުނީ "ގްރޭސް އެނަޓަމީ" އަކީ މެޑިކަލް ޑްރާމާއަކަށްވާތީ ކޮވިޑް-19 ފަދަ ނުރައްކާތެރި ސިއްހީ ބަލިމަޑުކަމެއްގެ ވާހަކަ އެ ސިލްސިލާގެ ތެރެއަށް ގެނައުން ވަރަށް އެކަށީގެންވާ ކަމަށެވެ. އެހެންވެ އެފަދަ ވިސްނުންތަކެއް ޕްރޮޑަކްޝަން ޓީމްގެ ތެރޭގައި އެނބުރެމުން އަންނަ ކަމަށް ބުންޏެވެ.
How incredible was the #GreysAnatomy season finale, directed by @DM_Pratt?! 😍 pic.twitter.com/6ZK0eGW6fU
— Greys Anatomy (@GreysABC) April 12, 2020
އެލެން ބުނިގޮތުގައި "ގްރޭސް އެނަޓަމީ" ގައި ކޮރޯނާވައިރަސް ޖެހިގެން އުޅެން ޖެހޭ ހާލު ދެއްކުމަކީ މި ބަލީގެ ނުރައްކާތެރިކަން ހާމަކޮށްދޭން ވެސް ކުރެވިދާނެ މުހިއްމު މަސައްކަތެކެވެ.
ދެހާސް ފަހެއްގައި ގެނެސްދޭން ފެށި އެ ސިލްސިލާ އަކީ ބެލުންތެރިންގެ ލޯތްބާއި މަގުބޫލުކަން ވަރަށް ބޮޑަށް ހޯދާފައިވާ އެއްޗެކެވެ. މިހާތަނަށް 16 ސީޒަން ގެނެސްދިން އިރު އެންމެ ފަހު ސީޒަން ނިންމާލާފައި ވަނީ މި މަހުގެ 9 ގަ އެވެ. ސެޕްޓެމްބަރު 26، 2019 ގައި ފެށި އެ ސީޒަން ނިންމައިލީ 21 އެޕިސޯޑާ އެކީގަ އެވެ.
މިހާތަނަށް "ގްރޭސް އިނަޓަމީ" ގެ 363 އެޕިސޯޑް ދައްކާފައިވެ އެވެ.
ގޯލްޑެން ގްލޯބާއި އެމީ އެވޯޑް ވެސް ހޯދާފައިވާ މި ސިލްސިލާގެ 17 ވަނަ ސީޒަން އިއުލާންކޮށްފައި އޮތަސް ގެނެސްދޭނެ އިރެއް އަދި ނޭނގެ އެވެ. މި ވަގުތު ކޮރޯނާވައިރަހާ ހެދި ފިލްމީ މަސައްކަތްތައް ވަނީ އެއްކޮށް ހުއްޓުމަކަށް އައިސްފަ އެވެ.
"ގްރޭސް އިނަޓަމީ" އަކީ ވަރަށް ބޮޑު ކާސްޓެއް ވެސް ހިމެނޭ ސިލްސިލާއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy