މުނިފޫހިފިލުވުން / ބޮލީވުޑް ކައިވެނި

ދިވްޔާ މަރުވިތާ އެތައް އަހަރެއް، ސާޖިދު އަދިވެސް ހަނދާންތަކާ އެކު

ނުވަދިގައިގެ އަހަރުތަކުގައި ވިދައިލި އަދި ވަރަށް ޒުވާން އުމުރުގައި ކުއްލި ގޮތަކަށް މަރުވި، ސާޖިދު ނަދިއަދްވާލްގެ އަލަތު އަނބިމީހާ ދިވްޔާ ބާރްތީ އަކީ އަދިވެސް ސާޖިދުގެ ހަޔާތުގެ ވަރަށް މުހިއްމު ބައެއް ކަމަށާއި ދިވްޔާގެ ހަނދާންތައް ރައްކާކޮށްގެން މިހާރުވެސް ގެންގުޅޭ ކަމަށް ސާޖިދުގެ މިހާރުގެ އަންހެނުން ވަރުދާ ނަދިއަދުވާލާ ބުނެފި އެވެ.

ކާމިޔާބު އެތައް ފިލްމެއް މިހާތަނަށް ޕްރޮޑިއުސްކުރި ސާޖިދާއި ދިވްޔާ ކައިވެނިކުރީ 1992 ގަ އެވެ. ހަމަ އެ އަހަރު ދިވްޔާ މަރުވީ މަސްތުގެ ހާލަތުގައި ހުރެ، އެޕާޓްމަންޓްގެ ބެލްކަނިން ވެއްޓިގެންނެވެ. އެ މަރަކީ މުޅި ބޮލީވުޑް ރޮއްވައިލި، ގިނަ ބަޔަކަށް ގަބޫލުކުރަން ވެސް ދަތިވި ހާދިސާއެކެވެ.

ދިވްޔާގެ ކުރު ކެރިއަރުގައި ކުޅުނު އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި ޝާހްރުކް ޚާން ބޮލީވުޑަށް ތައާރަފުވި ފިލްމު "ދީވާނާ" އާއި ހަމަ އޭނާއާ އެކު ކުޅުނު "ދިލް އާޝްނާ ހޭ" އާއި ގޯވިންދާއާ އެކު ކުޅުނު "ޝޯލާ އޯރް ޝަބްނަމް" އާއި "ދިލް ކާ ކިޔާ ކަސޫރް" އަދި "ގީތު" ހިމެނެ އެވެ.

ދިވްޔާގެ އެންމެ ފަހުގެ ފިލްމަކީ އޭނާ މަރުވި ފަހުން 1993 ގައި ރިލީޒްކުރި "ޝަތުރަންޖް" އެވެ.

ދިވްޔާ މަރުވިތާ އަހަރުތަކެއް ފަހުން ސާޖިދާއި ވަރުދާ ކައިވެނިކުރީ 2000 ވަނަ އަހަރު އެވެ. އަދި އެ ކައިވެންޏަށް ދެ ކުދިން ވެސް ލިބިފައިވެ އެވެ.

ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި ވަރުދާ ބުނީ ދިވްޔާ އަކީ އަބަދު ވެސް އެ މީހުންގެ އާއިލާގެ ބައެއް ކަމަށެވެ. އަދި އަންބެއްގެ ހައިސިއްޔަތުން ސާޖިދުގެ ހިތުން އެއްވެސް ވަރަކަށް ދިވްޔާގެ ހަނދާންތައް ފޮހެލުމަށް މަސައްކަތް ނުކުރާ ކަމަށް ވެސް ބުންޏެވެ.

"އަހަރެން ދެކެނީ އެއީ ހަމަ އާއިލާ މެމްބަރެއްގެ ގޮތުގައި. މިހާރު ވެސް ދިވްޔާގެ މައިންބަފައިންނާ އަހަރެމެންގެ އާއިލާއާ އޮންނަ ގުޅުން ވަރަށް ބޮޑު. އަދި ދިވްޔާގެ އުފަން ދުވަހާއި މަރުވި ދުވަސް ކަހަލަ ކަންކަން ފާހަގަކުރަނީ ވެސް އެންމެން އެކީގައި." ވަރުދާ ބުންޏެވެ.

އޭނާ ބުނީ ދިވްޔާއާ ބެހޭ ގޮތުން ވާހަކަ ދައްކާތީ ބައެއް މީހުން މަލާމާތްކޮށް، ފާޑުފާޑުގެ ބަސްތައް ރައްދުކުރާ ކަމަށެވެ. ނަމަވެސް ދިވްޔާ އަށް އޭނާގެ ހިތުގައި އެއްވެސް އިރަކު، ނަފުރަތެއް، ރުޅިވެރިކަމެއް އަދި ހަސަދަވެރިކަމެއް ވެސް ނޯންނަ ކަމަށް ބުންޏެވެ.

ވަރުދާ ބުނިގޮތުގައި ސާޖިދުގެ ހަޔާތަށް އޭނާ އައީ ވެސް ދިވްޔާ މަރުވިތާ އެތަކެއް އަހަރު ފަހުން ކަމަށްވާތީ އޭނާއާ ދޭތެރޭ ނުބައި ހިތެއް އޮންނަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އަދި ސާޖިދު އަދިވެސް ދިވްޔާގެ ބައެއް ހަނދާންތައް ރައްކާކޮށްގެން އުޅޭތީ އެކަމާ ވެސް ހިތްހަމަނުޖެހިގެން ނޫޅޭ ކަމަށް ބުންޏެވެ.

"ދިވްޔާ ގެންގުޅުނު ސެންޓާއި އެ ނޫން ވެސް އެ ބާވަތުގެ އެއްޗެހި ސާޖިދު މިހާރު ވެސް ހަނދާނަކަށް ގެންގުޅޭ. "އަހަރެންގެ ދަރިން ވެސް ވަރަށް ގިނައިން ދިވްޔާގެ ފިލްމުތައް ބަލާނެ. އެ ކުދިން ދިވްޔާ އަށް ނިސްބަތްކުރަނީ ބޮޑު މަންމަގެ ގޮތުގައި."

ދިވްޔާގެ ކުއްލި މަރާ އެކު އެ ދުވަސްވަރު ވަރަށް ގިނަ ބައެއްގެ އިނގިލި ސާޖިދަށް އަމާޒުވެ، އޭނާ އަށް ފާޑުކިޔުންތަކެއް ވެސް މާޒުވި އެވެ. ނަމަވެސް އޭގެ އަހަރުތަކެއް ފަހުން އިންޑިއާ ޓުޑޭ އަށް ދިން އިންޓަވިއުއެއްގައި ސާޖިދު ވަނީ ދިވްޔާގެ މަރުވީ އަމިއްލަ އަށް ނޫން ކަމަށާއި އެ މަރުގައި ޝައްކުކުރަން ޖެހޭ ކަހަލަ އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމަށް ބުނެފަ އެވެ.

ސާޖިދު ބުނެފައިވާ ގޮތުގައި ދިވްޔާ މަރުވީ އެ އޭނާ އޭރު އުޅެމުން ދިޔަ މުމްބާއީގެ އެޕާޓްމަންޓްގެ ފަސް ވަނަ ބުރީގެ ބެލްކަނީގައި މަސްތުގެ ހާލަތުގައި ހުއްޓާ، ކޮންޓްރޯލް ނުވެ ވެއްޓިގެންނެވެ.

ސާޖިދާއި ދިވްޔާ.

ދިވްޔާ މަރުވި އިރު އޭނާ ސޮއިކޮށްފައި ހުރި ވަރަށް ގިނަ ފިލްމުތަކެއް ވެސް ހުއްޓެވެ. ފަހުން އެކިއެކި ބަތަލާއިން ބައެއް ފިލްމުތައް ކުޅުނު ބައެއް ފިލްމުތައް ވަނީ ދިވްޔާގެ މަރާ އެކު ހުއްޓާލައިފަ އެވެ. އަނިލް ކަޕޫރާއި ސްރީދޭވީ 1994 ގައި ކުޅުނު "ލާޑްލާ" އަކީ ދިވްޔާ މަރުވި އިރު ވަރަށް ބޮޑު ބައި ޝޫޓް ވެސްކޮށްފައި އޮތް ފިލްމެކެވެ. އެކަމަކު އެ ފިލްމު ގެނެސްދިނީ އޭނާ ކުޅުނު ރޯލް ކަނޑާލައި، ސްރީދޭވީ ލައްވައި ފިލްމު ނިންމައިގެންނެވެ.

ދިވްޔާގެ މަރުވުމަށް ފަހު، ސާޖިދު އަލަތު އަނބިމީހާގެ ހަނދާނަކަށްޓަކައި އޭނާގެ އާއިލީ ފިލްމު ކުންފުނި ނަދިއަދްވާލާ ގްރޭންޑްސަން އިން ހަދާ ފިލްމުތައް ފެށުމުގެ ކުރިން ސްކްރީނަށް ދިވްޔާގެ ފޮޓޯއެއް ވެސް އަރުވަ އެވެ. އެކަމަކު ފަހުން ވަނީ އެކަން ހުއްޓާލައިފަ އެވެ.

0 ކޮމެންޓް, 59 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 76%
icon angry icon angry 7%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454