ސިނގިރެޓެއް ނުބޮން، ބޭނުމީ ދުނިޔެއިން އެ ނައްތާލަން: ރިތިކް

ދުންފަތުގެ އިސްތިއުމާލު ނުކުރާ ކަމަށާއި ކްރިޝް ކަހަލަ ހަގީގީ ސުޕަހީރޯއެއް ނަމަ ކުރާނެ އެއް ކަމަކީ ވެސް ދުނިޔެ އިން ސިނގިރެޓް ނައްތައިލުން ކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރިތިކް ރޯޝަން ބުނެފި އެވެ.


އޭނާ މިގޮތަށް ބުނެފައި ވަނީ ސޯޝަލް މީޑިއާގައި އާންމުކުރި މޯޝަން ފޮޓޯއަކާ ގުޅިގެން ފޭނަކު ކުރި ސުވާލެއްގަ އެވެ. ރިތިކްގެ ކުރީގެ އަންހެނުން ސުޒާން ޚާން މި މަހުގެ 26 ވަނަ ދުވަހު އިންސްޓަގްރާމްގައި އާންމުކުރި ފޮޓޯގައި ފެންނަނީ ރިތިކް ދެ ތަރިންނާ އެކު ގޭގެ ބެލްކަނީގައި ބޭރު ބަލަން ތިއްބަ އެވެ. އަދި ފޮޓޯ ނެގިފައި އިން ގޮތުން އޭނާގެ އަތުގައި ސިނގިރެޓެއް އޮތްހެން ހީވެ އެވެ.

އެކަމާ ގުޅުވައިގެން ފޭނަކު ކުރި ސުވާލުގެ ޖަވާބުގައި ބުނީ އޭނާ އަކީ ސްކްރީންގައި ކުޅޭ ކްރިޝް ކަަހަލަ ސްޕަހީރޯއެއް ނަމަ ކުރާނެ އެއް ކަމަކީ މިހާރު ދުނިޔެ ހަނގުރަކުރަމުންދާ ވައިރަސް ނައްތާލައި، ދުނިޔެއިން ސިނގިރެޓް ވެސް ނައްތައިލުން ކަމަށެވެ.

"އަހަންނަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހެއް ނޫން." ބޮލީވުޑްގެ އެންމެ ފިޓް އެކްޓަރުންގެ ތެރޭގައި ހިމެނޭ ރިތިކް ބުންޏެވެ.

ބޮލީވުޑްގެ މަޝްހޫރު ވަރަށް ގިނަ ތަރިންނަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނެވެ. އޭގެ ތެރޭގައި ސަލްމާން ޚާނާއި ޝާހްރުކް ޚާނާއި އަޖޭ ދޭވްގަން ފަދަ އޭ-ލިސްޓް ތަރިން ފާހަގަކޮށްލެވެ އެވެ.