06 މެއި 2020 - 09:51
އާދިއްތަ ދުވަހާ ގުޅޭ
"ހުރިހާ ވާހަކައެއް ގަބޫލެއް ނުކުރަން." ރުޅިއައިސްފައި ހަނާ ހަޅޭއްލަވައިގަތެވެ.
ބޮލުގަރިއްސައިގަނެގެން އެ ރިހުމަށް ކެތްކުރަން އުޅޭ ވަގުތު ނިތްކުރިޔަށް އަރާ ކަހަލަ ރޫތަކެއް ހަނާގެ ނިތްކުރިޔަށް ވެސް އަރައިފައި ހުއްޓެވެ. އަނިލް ގާތަށް ލާނެތް ހިންޏެއްއައެވެ. ކަމެއް ވަމުންދާއިރު ވެސް ކަމެއް ނުވާކަމަށް ހެދުމަކީ އިންސާނުން ކުރާ ކަމެކެވެ. އެ ކަމުން ޖިންނިސައިތާނުން ވެސް އިސްތިސްނާއެއް ނުވެއެވެ. "ހަނާ" ރުޅިއައުމަކީ ކެތްތެރިކަން ކޮޅުންލާކަމުގެ ހެއްކެކެވެ. ޖިސްމާނީ ހަށިގަނޑެއް ނެތަސް ޖިންނީންނަކީ ވެސް ވޭން ތަހައްމަލުކުރަން ޖެހޭ މަޚުލޫގެކެވެ. ހިތްވަރުކޮށްގެން އެ ކަން ފޮރުވުމާއި، ދޮގުހެދުމާއި، އޮޅުވައިލުމަކީ މުޅީން އެހެން ކަމެކެވެ.
"ހާދަހާ ރުޅިއެއް ތިއައީ؟" އަނިލް ހައިރާންވިކަމަށް ހެދިފައި ބުންޏެވެ. "ގަބޫލުކުރަންތަ އަހަރެން އެތައް ފަހަރަކު ކަލޭމެންނަށް ނަސޭހަތްދިންކަން؟"
"ބޭނުމެއް ނޫން ކަލޭގެ ނަސޭހަތް އަޑުއަހާކަށް." ހަނާ ޖަވާބުދިނެވެ.
"ތީ ކަލޭމެންގެ ނުލަފާކަމާ ބޮޑާކަމެއްނު!" އަނިލް ވާހަކަދެއްކީ ތަންކޮޅެއް މަޑުންނެވެ.
ކިޔެވުން މެދުކަނޑައިލުމުން ހަނާ ކުޑަކޮށް ހަމަޖެހުނުކަން އަނިލްއަށް ފާހަގަކުރެވުނެވެ. ނިތްކުރީގައި ހުރި ރޫތައް އޮބުނެވެ.
"އަހަރުމެންނަކީ ނުލަފާ ބަޔެއް ނޫން،" ޖަވާބުގައި ހަނާ ބުންޏެވެ. "މި ތާ ތިބި ބަޔަކު އެބަ ބޭނުންވޭ ކަލޭ ދައްކާ ވާހަކަތައް އަޑުއަހާލާ، ކަލެޔާ ވާހަކަދައްކާހަދާލަން."
"ތީ ބޭކާރު ކަމެއް. މަ މިއުޅެނީ ކަލޭމެން ފޫހިފިލުވައިދޭކަށް ނޫން،" އަނިލް އަނެއްކާ ވެސް ކިޔަވަން ތައްޔާރުވިއެވެ. "ކަލޭމެން މި ތަނުން ދާނީތަ ނޫނީ މަ ކިޔަވަން ފަށަންވީތަ؟"
"ކަލޭ ކިޔަވާ އެއްޗެއް ކިޔަވާ!" ލިބުނު ފުރުސަތުގައި އަނެއްކާ ވެސް "ހަނާ" ބޮޑާވިއެވެ.
ސުލްހައިގެ ދޮރު ބަންދުވިކަން އަނިލްއަށް އިހުސާސްކުރެވުނީ އެ ހިސާބުންނެވެ.
"މައްސަލައެއް ނެތް!" އަނިލް ޖަވާބުދިނެވެ. "މި ފަށަނީ. ކަލޭ ދެން ނުބުނާތި ފެންބޯށޭ، ފާހާނާއަށް ދާށޭ! އެއްތާކަށް ވެސް ނުދެވޭނެ! ކަލޭ ފަހަރެއްގަ ހީކޮށްފާނެ އަހަރެން ކިޔެވުން ހުއްޓާލީ ކަލޭގެ ސަބަބުންނޭ. އެއީ ވަރަށް ބޮޑު އޮޅުމެއް. އަހަރެން ކިޔެވުން މެދުކަނޑާލީ އަހަރެން ބޭނުންވި ހިސާބަށް ކިޔަވާފަ. ހިތަށްއެރީ ދެވަނަ ފުރުސަތެއް ވެސް ކަލޭމެންނަށް ދޭނަމޭ! އެ ޗާންސު ވެސް ގެއްލުނީ. ދެން ކަލޭ ޖެހޭނީ އެނދުން ނުތެދުވެވިފަ ތިހެން އިންނަން."
"ނީންނާނަން!" ހަނާ ގަދަބަސް ބުނެލިއެވެ. "ކަލޭ ތި ހީކުރަނީ އަހަންނަށް ގޮތް ހުސްވާނެކަމަށް. ދެން ކަލޭ ކިޔަވަން ފަށައިފިއްޔާ އޭނަގެ ބުރުގާ ނަގާ އެއްލައިލާނަން. ޖުއްބާ ވެސް ހިއްލާނަން. ކަލެއަށް ކެރޭނެތަ އިންނަން؟ މަޑަކުން ނީންނާނަން މަށެއް. ލާހިކެއް ނޫން މަ ހިފާއްޓާކަށް."
"ނުވެސް އުޅެން ހިފާއްޓާކަށް،" އަނިލް ވަރަށް ހަމަޖެހިލައިފައި ބުންޏެވެ. "ކަލޭމެން ވަރަށް ބޭނުންވާނެ ހައެއްކަ މީހުންނަށް ވެސް ކަލޭމެން ނުހިފޭއްޓޭނެކަން ދައްކާލަން. އެޔެއްނު ކަލޭގެ ބޭނުމަކީ. އެކަމަކު ކަލޭ ގައިގަ އަތްނުލީމަ ދެން ނޯންނާނެ ހެދޭނެ ގަދައެއް. ކަލޭ ބަލަން ހުންނާތީ ކަލެއަށް ވާ ގޮތް."
އަނިލް އެހެން ބުނާއިރަށް ހަނާ ވައްތަރެއް ޖައްސައިލިއެވެ. އަދި އެނދުމައްޗަށް އަރައި އެނދުގެ ބޯލާކޮޅު ފަޑީގައި ލެނގިލައިގެން ނިކަން ރަނގަޅަށް ހަމަޖެހިލިއެވެ. ހީވަނީ ކިބުރުވެރި ރަސްކަލަކު އޭނަގެ ތަހުތުގައި ވެޑުވިފައި، ބޮޑާކަމާ އެކުގައި އޭނަގެ ދަރުބާރާ ކުރިމަތިލިހެންނެވެ.
"އަސްތާ!" އަނިލް މަލާމާތްކޮށްލިއެވެ. "ކަލޭ ގައްޑާވެލީތަ؟ ހިތުން ކަލޭތީ ވަރަށް ބިޔަ އިފުރީތެއް ދޯ؟"
"އާނ!" ތަންކޮޅެއް ބިރުވެރި އަޑަކުން ހަނާ ބުނެލިއެވެ. "ކުޑައެއް ނުވާނެ!"
"ކަލޭ ހިތުން ކަލޭ ބޮޑީ،" އަނިލް ކުރިޔަށް ވުރެ ބޮޑަށް ހަމަޖެހިލިއެވެ. "މި ތާނގަ މި ތިބަ އެއްވެސް މީހަކަށް ނޭނގޭ ކަލޭ ކިހާ ބޮޑުކަމެއް. އަހަންނަކަށް ވެސް ނޭނގޭ. ކަޑައެއްނު! ހަނާއަކީ، އަހަންނާ ބަލާފަ އުމުރުން ވަރަށް ހަގު ކުއްޖެއް. މަށަށް ހީވަނީ ކަލޭ ވެސް ތީ ހަމަ އެހާ ކުޑަކުއްޖެއްހެން."
"އަހަރެން ވަރަށް ބިޔަވާނެ." ޗޮކެއްކަނޑައިފައި ހަނާ ބުނެލިއެވެ.
އަނިލްގެ ބޭނުން ފުދުނެވެ. ޖިންނިސައިތާނުންނާ ވާހަކަދައްކަންވާ ގޮތް އަނިލްއަށް އެނގެއެވެ.
"ކަލޭ އެންމެ ފަހުން އެއްބަސްވީއޭ ދޯ!" ހިނިއައިސްފައި އަނިލް ބުންޏެވެ. "މަ ހީކުރީ ކަލޭ ތި ކަން ސިއްރުކުރާނެކަމަށް. ތި ދައްކާ ވާހަކައިންނާ ކަލޭ އުޅޭ ގޮތުން ހީވަނީ ކަލެޔަކީ އަސްލު ވަރަށް މުސްކުޅި އެއްޗެއްހެން. މުޅިން ވެސް ކަޓު ކަންތަކެއްނު ކަލޭ ތި ކުރަނީ."
"އާނ!" ހަނާ ކުޑަކޮށް ހިތްދަތިވެފައި އެއްބަސްވިއެވެ. "އަސްލު އަހަރެންގެ އުމުރު ވަރަށް މަތިވެއްޖެ! އެކަމަކު ކަލެޔަކަށް ލާހިކެއް ނޫން އަހަރެން ހިފާއްޓާކަށް. އަހަރެން ވަރަށް ބާރުގަދަވާނެ."
"އުމުރުން ދުވަސްވީމަ ކަލެއަށް ހީވަނީ ކަލޭ މައިތިރި ނުކުރެވޭނެހެން،" ތަޖުރިބާގެ އަލީގައި އަނިލް ވާހަކަދެއްކިއެވެ. "މިހާ ތަނަށް ކަލެއަށް ފެނުނު ކަންތައްތަކުން ކަލެއަށް ހީވަނީ އެކަކަށް ވެސް ކަލޭ މައިތިރިއެއް ނުކުރެވޭނޭ. ވެދާނެ ކުރިން އެއްވެސް މީހަކަށް ކަލޭ ހިފާއްޓާނުލެވުނު ކަމަށް ވެސް. އެ ކަމާ ކަލޭ ތި ފުއްޕަނީ. ﷲ އިރާދަކުރެއްވިއްޔާ އަހަރެން ކަލޭ ގައިގަ އިނގިލި ކުރި ވެސް ޖައްސާނުލާނަން. އެކަމަކު ﷲ ގެ ވާގިފުޅާ އެކީ ކަލޭ ތި ދަނަށް ދަންމާލާނަން މި ފަހަރު."
ހަނާ ޖެހިލުންވިއެވެ. ހަގީގަތުގައި އިންސާނުން ދެކެ ޖިންނީން ޖެހިލުންވާނެއެވެ. ޖިންނިސައިތާނުން ކުރިހޯދަނީ އިންސާނާގެ ސިކުނޑިއަށް ވަސްވާސް ވައްދައި، ކުށްހީ ކުރުވައިގެންނެވެ. ޖިންނީންނަކީ މާ ބާރުގަދަ، ބިރުވެރި ބައެއް ކަމަށް ހީކުރުވައިގެންނެވެ.
"ކަލޭ ތީ ވަކި ބާރުގަދަ މީހެއްތަ؟" ގޮތްދޫނުކުރާ ރާގެއްގައި "ހަނާ" އެހިއެވެ. "މާ މޮޅު މީހެއްތަ ތީ؟"
"އަހަންނަކީ އެއްވެސް މީހެއް ނޫން،" އަނިލް އަމިއްލައަށް އެއްބަސްވިއެވެ. "އަހަންނަކީ ނިކަމެތި އިންސާނެއް. އަހަންނަށް ބާރުދެއްވަނީ އަހަންނާ ކަލޭ ވެސް ހެއްދެވި ފަރާތުން. އެއީ ﷲ. ދުނިޔޭގަ ލައްވައިފައިވާ ހުރިހާ އެއްޗެއް މިލްކުވެ ވޮޑިގެންވާ، ގަދަ ކީރިތިވަންތަ، ކުޅަދުންވަންތަ، ފެށުމެއް ނުވާ ނިމުމެއް ނުވާ، އެންމެ މަތިވެރި އިލާހު."
"ދެން ކަލޭ ކީއްވެ ޖިންނީންގެ އެހީ ހޯދަނީ." ހަނާ ހިތުން މޮޅު އެއްޗެއް ބުނެލިއެވެ.
"އޭ! ވަރަށް ސަޅިއެއްޗެއް އިނގޭ ތި ބުނީ،" އަތްތިލަބަޑި ޖަހައިލައިފައި އަނިލް ބުންޏެވެ. "މި ތަނުގަ ތިބި އެންމެން ތި ވާހަކަ ގަބޫލުކުރާނެ. ކަލޭ ބޭނުންވަނީ ދޭތެރެޖައްސާކަށްނު ދޯ! ހެޔޮނުވާނެ ތި ކަހަލަ އެއްޗެހި ނުކިޔާ! އަހަރެން ބޭޒާރުވެގެން ހަލާކުވެއްޖެ! ދެން އެކަކު ވެސް ބޭނުމެއް ނުވާނެ އަހަރެން ލައްވާ ރުޤްޔާކުރާކަށް. ދެން ވެސް އެ ވާހަކަ ނުދައްކައްޗޭ!"
"ދައްކާނަން،" ގޮތް ދޫނުކުރާ ކަހަލަ ރާގެއްގައި ހަނާ ބުންޏެވެ. "ކަލޭގެ މަކަރު އެ މީހުންނަށް ނޭނގުނަސް މަށަށް އެނގޭ. ކަލެއަކީ ޖިންނީންނަށް ތަބާވާ، ޖިންނީންގެ އެހީ ހޯދާ މީހެއް."
ކަންބޮޑުވެގެން ތެޅިގަތުމުގެ ބަދަލުގައި އަނިލް ހޭން ފެށިއެވެ. ޖިންނި މާޔޫސްކޮށްލުމުގެ ބޭނުމުގައެވެ.
"އޭ!" ހެމުންހެމުން އަނިލް ބުންޏެވެ. "މިހާރު އެންމެނަށް ޝައްކުވެއްޖެ! ކިހާ ކަޑަކަމެއް ކަލޭ ތި ކުރަނީ. ތިހެން ނުކިޔާ!"
"ކިޔާނަން. ފަޅާއަރުވާލާނަން،" އަޑަށް ބާރުލައިފައި ހަނާ ބުންޏެވެ. "ކަލޭ ގެނައި މީހަކު އެބަހުއްޓެއްނު ބޭރުގަ ވެސް."
"އޭ! އެ ކަން ވެސް ފަޅާއެރީ ދޯ!" އަނިލް ހެވިފައި ބުންޏެވެ. "ކަލޭ ހާދަ ގަދައޭ! ބޭރުގަ ހުރި މީހާ ދެކެ ބިރުގަނޭތަ؟"
"އައްޗި!" ހަނާ ވަގުތުން ވާހަކަ ބަދަލުކޮށްލިއެވެ. "އެ ތާ މީހަކު ހުރި ނަމައެއްނު! އެކަކު ވެސް ނެތް އެ ތާކު."
"އަހަނ! ކިހިނެއް އެ ވީ؟" އަނިލް އެހިއެވެ. "ކަލޭ އަމިއްލަ އަތަކަށްނު ތި ގޮވަނީ. މަ ބޭޒާރުކޮށްލަން ދޫކޮށްލި ހަވާ މައްޗަށް ނާރަނީސް ތި ގޮވީ. ކަލޭ ތިޔޮއް މުސްކުޅި، ތަޖުރިބާކާރު، ބިޔަ އިފުރީތަކަށް ނޭނގޭ މޮޅު ދޮގެއް ވެސް ހަދާލާކަށް. ކަޑަ ދޯ!"
ހަނާގެ އިރުކޮޅަކަށް ހިމޭންވިއެވެ. އަނިލްއާ ވާހަކަދައްކައިގެން ކުރި ނޭރޭނެކަން އޭނައަށް އިހުސާސްވި ކަހަލައެވެ.
"ކަލެޔަކަށް އަހަންނެއް ނުހިފޭއްޓޭނެ!" އަނެއްކާ ވެސް ހަނާ ބުންޏެވެ.
"ތިހެން ކަލޭ ނުކިޔަބަލަ!" އަނިލް އެދުނެވެ. "ކަލޭ ނިކަން ތެޅިފޮޅިބަލަ މަށަށް މައިތިރިނުކުރެވޭތޯ! ކަލޭގެ ތި ބާރު ނިކަން އެންމެނަށް ދައްކާލަބަލަ! އޭރުންތާ ކަލޭގެ މޮޅުކަން އެންމެނަށް ފެންނާނީ. ކަލޭ ތި ވަރަށް ފުއްޕަނިކޮށް، ﷲ ގެ ވާގިފުޅާ އެކީގަ މަގޭ އެންމެ އިނގިއްޔަކުން ކަލޭ އެނދުމައްޗަށް ދަންމާލާ ތަން ފެނުނީމަ މި ތަނުގެ މި ތިބަ އެންމެން ކަލެއަށް މަލާމާތްކޮށްފަ ހޭނެ. ކަލެއަށް އެނގޭތަ އެ ކަން؟"
"ކަލެއަކަށް ނުކުރެވޭނެ އެއްކަމެއް ވެސް." ހަނާ ގޮންޖެހިއެވެ.
"ބުނަން! ކަލެއަށް ވަރަށް ފުރުސަތު ދެވިއްޖެ!" ވާހަކަ ނިންމައިލުމުގެ ގޮތުން އަނިލް ބުންޏެވެ. "އަހަރެން ބޭނުމެއް ނޫން ކަލެއަށް އަނިޔާކުރާކަށް. އެހެންވެ އެކި ގޮތްގޮތަށް މި ވިސްނައިދިނީ. ކިޔަވަން ފެށުމަށް ފަހު ދެން މަށެއް ހުއްޓައެއް ނުލާނަން. ކަލެޔަކާ ވާހަކައެއް ވެސް ނުދައްކާނަން. ކަލެއަށް ވާ އަނިޔާތަކަށް ޒިންމާވާން ޖެހޭނީ ކަލޭ."
އަނިލް ކިޔަވަން ފެށިއެވެ. ފުރަތަމަ "ހަނާ" އެއްޗެއް ނުބުނެ އިނީއެވެ. ކުޑަމިނުން އެސްފިޔަ ވެސް ޖަހައިނުލައެވެ. ހުއްޓައިނުލައި ފަންސަވީހަކަށް މިނެޓު ވަންދެން އަނިލް ކިޔެވި ފަހުން، ކުއްލިއަކަށް ހަނާ ހޭން ފެށިއެވެ. ހީވާ ކަހަލައެވެ. އަނިލްގެ ކިޔެވުމަކުން ހަނާ އަކަށް އެއްވެސް ކަމެއް ނުވެއެވެ. ޖިންނި އަކަށް އެއްވެސް ގެއްލުމެއް ނުދެވެއެވެ. މަންޒަރު ބަލަން ތިބި މީހުންނަށް ފެންނަމުންދިޔައީ އަނިލްގެ ނުކުޅެދުންތެރިކަމެވެ. ޖިންނިސައިތާނާގެ ކުޅަދާނަކަމެވެ. އެއީ އަނިލް އަލަށް ދެކޭ މަންޒަރެއް ނޫނެވެ. ވީމާ، ކުޑަ ވެސް މަޑުޖެހުމަކާ ނުލައި ވަރަށް ޔަގީންކަމާ އެކު އަނިލް ކިޔެވިއެވެ.
"ކަލޭ ހިތުން މަށަށް ވަރަށް އެބަ އަނިޔާވޭ!" ހީނހީނފައި ހަނާ ވާހަކަދެއްކިއެވެ. "ތި ކިޔަވާ އެއްޗެއް މުޅީން ބޭކާރުވެ އެންމެ ފަހުން ކަލޭ ވެސް ބޭޒާރުވެ ނިމުނީ! ދެން ހުއްޓާލާ!"
އަނިލް އެއްވެސް އެއްޗެއް ނުބުނެ ސާބިތުކަމާ އެކުގައި ކިޔެވުމުގައި ދެމިހުއްޓެވެ. ހަނާ މަޑުމަޑުން ކޮންމެވެސް އެއްޗެއް ބުންޏެވެ. އެ ކަމާ ވެސް އަނިލް އެއްޗެއް ނުބުނުމުން އަނިލްއާ ދިމާއަށް ސިންގާއެއްހެން ހަނާ ފުންމައިގަތެވެ.
ނުނިމޭ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަންޑިގަނޑާރަ
09 May 2020
ވާހަކައެކޭ ކިޔަފަ ލިޔާނެ ހާސަރެއް ނޫން މިއަކީ. ވާހަކަ ކިޔަން މިވަންނަނީ ވަރަށް އުންމީދުގަ... މިދެން ވާހަކައޭ ކިޔާތަ. ބޮޑުފޫހިގަނޑެއް!
ފޫހި ވާހަކައެއް
09 May 2020
އަނިލް ކޮންމެ ފަހަރަކު ވެސް ކިޔަވަން ފަށަނީ ނުހުއްޓާ ކިޔެވުމުގެ ނިޔަތުގަ. އެކަމަކު އިރުކޮޅެއް ނުވެ ޖިންނިއާ ކޮންމެވެސް ހާސަރެއް ދަމާނެ. 3 ވަނަ އެޕިސޯޑުން ފެށި ރުޤްޔާ އަދި ވެސް ނިމޭކަށް ނޫޅޭ.
ފޙު
07 May 2020
ޢާޅޭ. މިއީ ވާހަކައެއްތަ? މިގޮރަށް އެއްއަހަރު ވަންދެން ވެސް ވާހަކަ ލިޔެވިދާނެ.
ނޫމާ
06 May 2020
ކުއަރަންޓީން ނިމޭއިރު މި ހާސަރު ނިމޭނެކަމަށް އުންމީދުކުރަން
ކުރަފަތްބޭބެ
06 May 2020
ކޮރޯނާ އާ ހެދި ކޮލެޖް ޔުނިވާސިޓީތައް ބަންދުކުރީމަ އޮންލައިންކޮށް ރުޤުޔާ ކްލާސްތަކެއް ހިންގަނީތަ؟
މަ ބުނަން
06 May 2020
ހާސަރު ކިޔަމާ މިވާހަކައަށް
ނައީމް ޖިންނި
06 May 2020
އަސްލު ހަގީގަތުގައި ވަރަށް ރިއަލް .. ސަޅި
ފފފފފފފއ
06 May 2020
އާދިއްތަ ދުވަހާ ގުޅޭ ކުރީ ދުވަހެކޭވެސް އެއްގޮތައް އަނިލް ދަނީ ކިޔަވަމުންނެވެ. ނުނިމޭ
ސްނޯ
06 May 2020
އަދިވެސް ރުޤްޔާ ނުނި މޭ؟ ބިން މާބެ .ކިހިނެއް މިފަަހަރު ތި ހަދަނީ؟
ާއާމިނަ
06 May 2020
މީ ރުޤްޔާ ކޯހެއްތަ