ސެލީނާ.
10 މެއި 2020 - 09:53
ފިލްމީ ދާއިރާ އަށް ނުކުމެ، މާ ގިނަ ދުވަހެއް ނުވަނީސް އެކްޓިންއާ ދުރަށް ދިިޔަ އިރު އެންމެ ހިތާމަކުރާ ކަމަކީ އަސްލު ހުނަރު ދައްކައިލެވޭ ކަހަލަ ފުރުސަތުތަކެއް ނުލިބުން ކަމަށް ބަތަލާ ސެލީނާ ޖެއިޓްލީ ބުނެފި އެވެ.
ފިލްމު "ޖާނަޝީން" އިން 2003 ގައި ބޮލީވުޑަށް ނުކުމެ "ނޯ އެންޓްރީ" އާއި "ގޯމާލް ރިޓާންސް" އަދި "މަނީ ތޯ ހޭ ހަނީ" ފަދަ ފިލްމުތައް ކުޅުނު 38 އަހަރުގެ ބަތަލާ ބުނީ އުންމީދުކުރި ވަރުގެ ކެރިއަރެއް ބިނާނުކުރެވުނީ އޭނާ އަކީ ފިލްމީ ދާއިރާއާ އެއްވެސް ގުޅުމެއް ނެތް މީހަކަށްވުމުން ކަމަށެވެ.
"އަހަންނަކީ ހަމަ ބީރައްޓެއްސެއް ކަހަލަ މީހެއް. ފިލްމީ ދާއިރާއާ އެއްވެސް ގުޅުމެއް އޮތް މީހަކު އާއިލާގެ ތެރެއަކު އަދި ދަންނަ މީހުންގެ ތެރެއަކު ވެސް ނެތް. އަމިއްލަ އަށް ކުރި ހިތްވަރުން ހަގީގަތުގައި ދެވުނު ހިސާބަކަށް ދެވުނީ،" ދުބާއީގެ ވިޔަފާވެރިއަކާ ކައިވެނިކޮށްގެން މިހާރު ތިން ދަރިން ވެސް ތިބި ބަތަލާ އިންސްޓަގްރާމް ލައިވް އިންޓަވިއުއެއްގައި ބުންޏެވެ.
ދެހާސް އެއް ވަނަ އަހަރު މިސް އިންޑިއާގެ ތާޖު ވެސް ހާސިލުކުރި ސެލީނާ ބުނީ އޭނާ އަށް އެހާ ކުރިއަށް ނުދެވުނީ އިރުޝާދު ދޭނެ ގާތް މީހަކު ނެތުމުން ކަމަށެވެ.
"ގައިޑްކޮށް ދޭނެ މީހަކު ވެސް ނެތް. އެހެންވެ ކަންނޭނގޭ އަސްލު އަހަރެންގެ ހުނަރު ދައްކައިލެވޭނެ ކަހަލަ ފުރުސަތުތަކެއް ނުލިބުނީ. އެއީ ރިގްރެޓްވާ ކަމަކީ،" މިހާރު ޔޫއެންގެ ގުޑްވިލް އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތްކުރާ ސެލީނާ ބުންޏެވެ. "އެކަމަކު އަހަރެން ހިތްހަމަޖެހޭ ދެވުނު ހިސާބާއި ކުރެވުނު މަސައްކަތްތަކާ ދޭތެރޭ."
ފިލްމީ ދާއިރާއާ ދުރަށް ދިޔަތާ އަހަރުތަކެއް ފަހުން ސެލީނާ ކުޅުނު ފިލްމެއް މިދިޔަ މަހު ޒީ5 އިން ސްޓްރީމްކޮށްފައިވެ އެވެ. އެއީ "ސީޒަން ގްރީޓިންސް" އެވެ. ސެލީނާ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައި ވަނީ 2012 ގެ "ވިލް ޔޫ މެރީ މީ؟" އިންނެވެ. އޭނާގެ ކުރު ކެރިއަރުގައި ކުޅުނު އިތުރު ފިލްމުތަކުގެ ތެރޭގައި "ސިލްސިލޭ"، "ޒިންދާ"، "ޕޭއިން ގެސްޓްސް"، "ހެލޯ ޑާލިން" އަދި "ތޭންކް ޔޫ" ހިމެނެ އެވެ.
ސެލީނާ އާއި ދުބާއީގެ ވިޔަފާވެރިޔާ ޕީޓާ ހާގް ކައިވެނިކުރީ 2011 ގަ އެވެ. އޭގެ ފަހުން އޭނާ ދިރިއުޅެނީ އިންޑިއާ އިން ބޭރުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy