މުނިފޫހިފިލުވުން / ވާހަކަ

ޖިންނިއެއްގެ ޝަކުވާ

ބުދަ ދުވަހާ ގުޅޭ

ކއެ ކަމާ ވެސް އަނިލް އެއްޗެއް ނުބުނުމުން އަނިލްއާ ދިމާއަށް ސިންގާއެއްހެން ހަނާ ފުންމައިގަތެވެ. ކުޑަކޮށް ސިހުނު ނަމަވެސް އަނިލް ހަމަޖެހިލައިގެން އިނީއެވެ. ދެން ތިބި ދެ މީހުން ހަނާ ހުއްޓުވަން އުޅުނެވެ. އެކަމަކު އަނިލްގެ އިޝާރާތުން އަޅާނުލުމަށް ބުނުމުން އެކަކު ވެސް ހަނާ ގަޔަކު އަތެއް ނުލައެވެ. ހަނާ އޮތީ ހަތަރެސްފައިޖަހައިގެންނެވެ. މަޑުމަޑުން އައިސް ހަނާގެ މޫނު އަނިލްގެ މޫނާ ކައިވަތެއްހާ ވަރަށް ގާތްކޮށްލިއެވެ.

"ކަލޭ ބީރުތަ؟" ހަނާގެ ކަރުތެރެއިން ނުކުތީ ބިރުވެރި އަޑެކެވެ. "މަ ދާންވެއްޖެ މި ތަނުން."

ފެންނަ ކަމަށް ވެސް އަނިލް ނުހެދިއެވެ. ކުރިޔަށް ވުރެ ބާރަށް ކިޔަވަން ފެށިއެވެ.

"ރިޒްވާން!" ރިޒްވާނާ ދިމާއަށް އެނބުރިލަމުން ހަނާ ބުންޏެވެ. "މީ ހާދަހާ ނުލަފާ މީހެކޭ. އެނގޭތަ އެ ކަން. ހަމަ މިހާރު އޭނަ މި ތަނުން ނެރޭ! އެހެން ނޫނީ އަހަރެން މި ދުއްވައިގަންނަނީ. ދުއްވައިގަތީމަ ދެނެއް މަށެއް ނުހުއްޓުވޭނެ އެކަކަށް ވެސް."

ރިޒްވާން ބަލައިލީ އަނިލްގެ އިޝާރާތަކަށެވެ. ދެން ވެސް އަނިލް އިޝާރާތްކުރީ އަޅާނުލުމަށެވެ. އެ އިޝާރާތް ހަނާއަށް ފެނުނެވެ.

"އަދި އަތުން ފާޑުފާޑުގެ ވައްތަރު ޖައްސައެއްނު އެބަ،" ރުޅިއައިސްފައި ހަނާ ބުނެލިއެވެ. "މި ނަގަނީ ބުރުގާ!"

އެކަކު ވެސް އަޅާނުލުމުން ބުރުގާ ނެގުމަށް ޓަކައި ހަނާ ބުރުގާގައި ހިފިއެވެ. އަނިލް ވަގުތުން ހަނާގެ އަތް ބަނދެލިއެވެ. އެ ބަނުމަކީ އާންމު އުސޫލުން ބަންނަ ކަހަލަ ބަނުމެއް ނޫނެވެ. ބަލަންތިބޭ މީހުންނަށް ފެންނާނީ އަނިލްގެ ޝަހާދަތް އިނގިލިން ކޮށްލާ ބަނުމުގެ ހަރަކާތެކެވެ. އެ ހިސާބުން ދެން ބަނދެވުނު މީހާގެ އަތެއް ގުޑުވައެއް ނުލެވޭނެއެވެ. ހަނާއަށް ވެސް ވީ އެހެންނެވެ.

"ހޫނ! ފެށީ!" ހަނާ ރުޅިއައިސްފައި ބުންޏެވެ. "ބަލިގަނޑު ހިލުނީ. ކަންތަކާ ޖެހުނީ. ތި ނޫން ކަމެއް ކަލެޔަށް އެނގޭތަ؟ ކަމެއް ވާއިރަށް ބަނުން. ކަމެއް ވާއިރަށް އެއްސުން."

ހަނާ ކުޑަކޮށް މައިތިރިކުރުމަށް ޓަކައި އަނިލް ފެން ފުޅިން ހަނާގެ މޫނަށް ފެންފޮދެއް ބުރުއްސައިލިއެވެ. ފުރަތަމަ ފަހަރު ފެންޖެހުމުން ހަނާ ހޭން ފެށިއެވެ. ހީވަނީ އޭނައަށް ވަރަށް މަޖާވި ހެންނެވެ. އަނިލް ކިޔަވަމުން ދޭތެރެއަކުން ފެންޖަހަމުން ކުރިޔަށް ގެންދިޔައެވެ.

"އޭ! މިހިރަ މީހާޔާ!" ހަނާ އަކަށް ކެތެއް ނުވިއެވެ. "މަށަށް އެބަ ތަދުވެޔޭ! މަ ދާންވެއްޖޭ! މަ ނޫޅެން އަމުދަކުން މި ތާ ހުންނާކަށް. މަ ދޫކޮށްލާ!"

އެ ހިސާބުން އަނިލް ޖަވާބުދޭން ފެށިއެވެ.

"ބަލަ ދެންމެއެއްނު ކަލޭގެ ގަދަފަދަ ކަމުގެ ވާހަކަ ކަލޭ ދެއްކީ،" އަނިލް ބުންޏެވެ. "ކަލޭގެ ގައްޑާކަން ދައްކާލަންވީނު! ނިކަން ވިސްނާލަބަލަ! ފެންފޮދެއް ޖަހާލާއިރަށް ކަލޭ ތިހިރަގެން އަނދަނީ. މަ ނަމަ އަސްލު ހަމަ ވަރަށް ކަޑަވާނެ. އެހާ ފުއްޕާފަ އުޅެނިކޮށް މި އެންމެން ކުރިމަތީގަ ކަލޭ މުޅިން ބޭޒާރެއްނު ތިވީ."

ހަނާ އެއްޗެއް ނުބުންޏެވެ. ރިޒްވާނާއި ނާހިދުގެ މޫނަށް ވަކިވަކިން ބަލައިލިއެވެ. ރިޒްވާން އިނީ ވަރަށް ސީރިޔަސްވެފައެވެ. ނާހިދު އިނީ މަލާމާތުގެ ހިންޏެއް އައިސްފައެވެ. އަނިލް އަނެއްކާ ވެސް ކިޔަވަން ފެށިއެވެ. އޭރު ވެސް ހަނާ އޮތީ ހަތަަރެސްފައި ޖަހައިގެންނެވެ. އެހެން އޮވެގެން ބޯތެޅުވިއެވެ. އަނގަ ހުޅުވައިގެން ކަރުތެރެއިން ވައި އަޑު ނެރުނެވެ. އަނދަމުންދާއިރު ޖިންނިސައިތާނާ އެ ފަދަ ކިތަންމެ ވައްތަރެއް ޖައްސައެވެ. އެކަކު ވެސް އެ ކަމަށް ސަމާލުކަން ނުދިނުމުން އެނދުގައި ހަނާ ޖައްސައިލިއެވެ. އިރުކޮޅަކު އޮވެލައިފައި ހަތަރެސްފައި މައްޗަށް ތެދުވެފައި ފުންމައިގަންނަން ތައްޔާރުވާން ފެށިއެވެ. އަނިލް ލޮލުން އިޝާރާތްކުރުމުން ރިޒްވާން އައިސް ހަނާގެ ފައިގައި ހިފޭއްޓިއެވެ. ފުންމިޔަ ނުދިނުމަށް ޓަކައެވެ.

"ދެން ހުއްޓާލާ!" ހަނާގެ އަސްލު އަޑުން ރިޒްވާނާ ދިމާއަށް ބުންޏެވެ. "އަހަރެން ފާހާނާއަށް ދާންވެއްޖެ! ދޫކޮށްލާ!"

"އޭ! ވަރަށް ސަޅި އެއްޗެއް ތި ހެދީ،" ހިނިއައިސްފައި އަނިލް ބުންޏެވެ. "މިހާރު ހަމަ އެންމެނަށް އޮޅިއްޖެ! ކަލޭ ހާދަހާ މޮޅޭ ހަނާގެ އަޑުން ވާހަކަދައްކަން. އަހަންނަކީ ވަރަށް ގަމާރު މީހެއް. އަހަންނަކަށް މިހާރަކު ނޭނގޭނެ އިންސިއެއް ޖިންނިއެއް. ކަލޭ ނިކަން ދޭބަލަ ފާހާނައަށް. ނިކަން ދޭބަލަ! އަޅެ ބަލައިލަބަލަ ދެވޭތޯ!"

"އޭ!" ކުއްލިއަކަށް އަނިލްއާ ދިމާއަށް އެނބުރިފައި ބަރު އަޑަކުން ހަނާ ބުނެލިއެވެ. "ކަލެޔަކާ ނުދައްކަން ވާހަކައެއް."

"ބަލަ ތި ފަޅާއެރީނު!" ދިމާކުރާ ކަހަލަ ރާގެއްގައި އަނިލް ބުންޏެވެ. "މަށަކީ ކަލޭ ނަމަ އެންމެނާ ވެސް ވާހަކަދައްކާނީ އެއް އަޑަކުން އެއް ރާގަކަށް. އޭރުންނެއްނު އޮޅޭނީ."

"ކަލޭ ވާހަކަދެއްކީމަ މަ ވަރަށް އެބަ ރުޅިއާދޭ އިނގޭ!" ހަނާގެ އަޑު ހައްތަހާ ބަރުވެ، ފުސްވަމުންދިޔައެވެ.

ޖިންނީންގެ އަސްލު އަޑު ބަރުވެފައި ފުސްވާނެއެވެ. އެ ކަން ގުޅިފައި އޮންނަނީ އެ މަޚުލޫގުންގެ އުމުރާއެވެ. އަޑުހަރުކޮށް ހަޅޭއްލަވައިގެންފި ނަމަ އަޑުގެ ބަރުކަމުން މުޅި ތަނަށް ގުޑުންއަރާނެއެވެ. އެކަމަކު އަޑުގެ ފުސްކަމެއް ނުކެނޑޭނެއެވެ.

"މަގޭ ބޭނުމަކީ ހަމަ ކަލޭ ރުޅިއެރުވުން،" ވަރަށް ހަމަޖެހިލައިފައި އަނިލް ބުންޏެވެ. "ކަލޭ ހީނުކުރާތި އަހަރުމެންނަށް އޮޅުވާލެވޭނޭ. މަށަށް އެނގޭ ކަލެޔަކަށް ރުޅި ކޮންޓުރޯލެއް ނުކުރެވޭނެކަން. އޭގެ ފައިދާ މި ނަގަނީ."

ހަނާގެ މޫނުމަތިން ހިތާމައިގެ އަސަރު ފާޅުކުރިއެވެ. ތަންކޮޅެއް އޯގާތެރިކޮށް ރިޒްވާނާ ވާހަކަދައްކަން ފެށިއެވެ. ހަނާގެ ބޭނުމަކީ ގަދަބާރުން ނުކުރެވުނު ކަންތައް ލޯބިން ކުރުމެވެ.

"ރިޒްވާން! އަހަރެންގެ ފަޔަށް ވަރަށް އެބަ ތަދުވޭ!" އާދޭހުގެ ރާގެއްގައި ހަނާ ބުންޏެވެ. "ހަނާއޭ މީ! ރިޒްވާންގެ ވައިފް! މި މީހުން ކައިރީގަ ބުނެބަލަ ނުކުންނާށޭ."

ހަނާގެ ރޭވުން ކާމިޔާބެއް ނުވިއެވެ. ކުރިލިބުނީ އަނިލްއަށެވެ. ކުޑަމިނުން ހަނާގެ ފައިން ރިޒްވާނެ ދުލެއް ވެސް ނުކުރިއެވެ.

"އަދި މީނަ އެބަހުއްޓެއްނު މަގޭ ދެފައިގަ ހިފާއްޓައިގެން،" ރިޒްވާނާ ދިމާއަށް ހަނާ ބުންޏެވެ. "ހާދަ ބާރަކަށޭ ހިފާއްޓައިގެން ތިހިރީ. ވަރަށް އެބަ ތަދުވޭ!"

"ބަލަ އެއީ ހަނާގެ ފިރިމީހާއޭ،" އަނިލް ޖަވާބުދިނެވެ. "އޭނަ ނުހިފާނެ ހަނާއަށް ތަދުވާ ގޮތަކަށް. އަހަންނަށް ހަމަ ގެރެންޓީ! ކަލެއަށް ތި ތަދުވަނީ. ކަލެއަށް ހީވޭ ދޯ ކަލޭގެ ދެ ފައި މަތީގަ އޭނަ އިށީނދެގެން އިންނަހެން."

"އާނ! އެއީ ކީއްވެގެންތަ؟" ހަނާއަށް ބުނެވުނެވެ.

"ކޮބާ ހީވޭ! އެކަމަކު އޭނަ އެ އިންނަނީ ނުލާހިކު މަޑުމަޑުން ދެ ފައިގަ ހިފާއްޓާލައިގެން،" ލިބުނު ދަނޑިވަޅުގައި ޖިންނީންގެ ބަލިކަށިކަން އަނިލް ހަނދާންކޮށްދިނެވެ. "ވިސްނާލަބަލަ ކަލޯމެންގެ ނިކަމެތިކަން."

"އޭ ތިހެން ނުކިޔާ!" އަމުރުވެރި ރާގަކަށް ހަނާ ބުންޏެވެ. "އަހަރެން ކުޑައެއް ނުވާނެ."

"ބަލަ ތިހެން ކަލޭ ބުނާކަން އެކަންޏެއްނު!" އަނިލް ހަނދާންކޮށްދިނެވެ. "ދެން ކޮން ކަމެއް ކަލެޔަށް ކުރެވުނީ؟ ތި ބޮޑުކަމާ ބިޔަކަން ދައްކާލަން ނިކަން މަށަށް ފެނިލަބަލަ! ނުވާނެ އެ ކަމެއް. ކަޑައެއްނު! ކަލޭ ބޭނުން ވިޔަސް މަށަކަށް ނުވެސް ފެނެވޭ! ކަލޭ ބޭނުން ވިޔަސް މަށަކަށް އަނިޔާއެއް ނުކުރެވޭ! މި ތާ މި ތިބަ އެއްވެސް މީހަކާ ނުބެހެވޭ. ކަލޭ ތިހެން ހަމަ ފުއްޕަފުއްޕާފަ ހުންނާކަށްނު ތި ޖެހެނީ. ތިމާގެ ނިކަމެތިކަން ގަބޫލުކުރާކަށް ނުވޭތަ އަދިވެސް."

ހަނާ ބަނޑުން އޮށޯތެވެ. ދަނޑިވަޅު ބަލައިފައި އެ އޮތް ގޮތަށް އެނދުގައި ހަނާ "ބަނދެލި" އެވެ. ނުފެންނަ ނަނުގަނޑަކުންނެވެ. ފަށަކާ ޖެހި ފަށެއް ވާގޮތަށެވެ. ހަނާ ހިރިލަން އުޅުނެވެ. އެއްކަމެއް ވެސް ނުކުރެވުނެވެ. ހަނާއަށް މަޖުބޫރުވީ ބަލި ގަބޫލުކުރާށެވެ.

"ކަމެއް އެބަހުރިތާ!" ޗޮކެއްކަނޑައިފައި ހަނާ ބުންޏެވެ. "ދެން މަށަކަށް އުންޑުން ވެސް ނުޖެހެވޭނެ ދޯ!"

އަނިލް ކިޔަވަން ފެށިއެވެ. ވަމުންދާ ގޮތް ނުބުންޏަސް ޖިންނިއަށް ލިބޭނެ އަނިޔާ އަނިލްއަށް ވަޒަންކުރެވެއެވެ. ޖިންނިސައިތާނުންނަކީ ވޭނަށް ކެތްކުރަން ކުޅަދާނަ ބަޔެކެވެ. އިންސާނުން މާޔޫސްކޮށްލަން ވޭނަށް ކެތްކުރުމުގައި ޖިންނީން ދެމިތިބެއެެވެ. އެންމެ ފަހުން "ވިންދާ" ޖެހެންދެނެވެ. އެ ދަނޑިވަޅު ވެސް އައެވެ.

"ދެން ހުއްޓާލާށޭ!" ވަރުބަލިވެފައިވާ އަޑަކުން ހަނާ ބުންޏެވެ. "ބުނެފީމެއްނު މަ ދާން ދޫކުރާށޭ. މަ ނޫޅެން ކަލެޔާ ވާހަކަދައްކާކަށް. ކަލޭތީ އެހެން ނޫނަސް މާ ރަނގަޅު މީހެއް ނޫން. ކަލެއަކީ ޖިންނީންގެ އެހީ ހޯދާ މީހެއް. ކަލޭ ގެނައި ޖިންނި އެބަހުރި ފުރާޅުމަތީގަ. މަ ނުގަނޭ އެއްވެސް ބިރެއް. ބިރުގަންނަން ހިތަށް ވެސް ނާރާ. އެ ޖިންނި އަކަށް ލާހިކެއް ނޫން މި ތަނަށް ވަންނާކަށް."

ހަނާ ތެދުވަން މަސައްކަތް ފެށިއެވެ. ކިރިޔާ ވެސް އަތަކަށް ހިރިލާ އިރަށް އަނިލް އެ ދިމާއަކުން ބަނދެލައެވެ. ފައި ނަގަން އުޅޭ އިރަށް ފައި ބަނދެލައެވެ. ޖިންނީންގެ ފަހުގެ ޖީލު އެހެނެއް ނޫޅެއެވެ. އަނިލް އެ ކަން ފާހަގަކުރިއެވެ.

"ކަލޭމެންނަކީ ބަނޑާ ގުޅުން ހުރި ބަޔެއް ނޫން،" އަނިލް ވަރަށް ޔަގީންކަމާ އެކުގައި ބުންޏެވެ. "މަށަށް ހަމަ ޔަގީންވެއްޖެ މިހާރު. ބަނޑުގަ އުޅޭ ބަޔަކަށް ތިހެނެއް ނޫޅެވޭނެ. މަގޭ ހިތް ބުނަނީ ކުދިކުދި އެއްޗެހިތަކެކޭ ބަނޑުގަ އުޅެންޖެހޭނީ."

ހަނާ ހޭން ފެށިއެވެ. ބޭޒާރުވީމައި ހޭ ކަހަލަ ގޮތަކަށެވެ. އަދި މުސްކުޅިން ނަށާއިރު ޖައްސާ ކަހަލަ ވައްތަރުތަކެއް ޖެއްސޭތޯ މަސައްކަތްކުރަން ފެށިއެވެ. ހަނާއަށް ކިރިޔާ ވެސް ހެލުވެނީ ބޮލާއި ބުމައެވެ.

"ކަލޭ މުޅިން ވެސް ތި ހަދަނީ މުސްކުޅިވެ ބާވެފަ ހުރި މަކަރު،" އަނިލް އިތުރަށް ތަފުސީލުކޮށްދިނެވެ. "ފާހާނާއަށް ދާންވުމާ، ފެންބޮވުމާ، ފަޔަށް ތަދުވުމާ، ދާންވެގެން ޝަކުވާކުރުމާ މީ މާ ކުރީ ޒަމާނުގެ ބާވެފަހުރި އެއްޗެހި. މި ޒަމާނުގެ ޖިންނީން އެ ކަހަލަ ފަޅޯ ވާހަކައެއް ނުދައްކާނެ. ކަލެއަށް އެނގޭތަ އެކަން؟"

"އޭ! އަސްލު ވެސްތަ؟" ކުޑަކޮށް ހައިރާންވެފައި ހަނާ ބުންޏެވެ. "މަށަށް އުޅެވޭ ވައްތަރުން ދޯ ބޭޒާރުވަނީ؟"

"ކޮބަ ކަލެޔަކަށް ނޭނގުނެއްނު އެ ވަރު ވެސް،" އަނިލް ބުންޏެވެ. "މަގޭ ކައިރީގަ މިހާރު ތި އަހަނީ. އެކަމަކު މި ރޭ ކަލޭ ދުލެއް ނުކުރާނަން. ކަލެއަށް މިރޭ ދެވޭނެ އޮތީ އެންމެ ގޮތެއް."

"އެއީ ކޮން ގޮތެއް؟" ހަނާ ސުވާލުކުރިއެވެ.

ނުނިމޭ

29 ކޮމެންޓް, 65 ރިއެކްޝަންސް

icon happy icon happy 23%
icon sad icon sad 0%
icon angry icon angry 77%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޞފޗޔފވނޖ ފ

13 May 2020

މިއީ ހަގިގީ ވަހަކައެއް؟ އަސްލުވެސް ޖިންނީންނާއު ވާހަކަ ދައްކަނީ މިގޮތަށްތައް.

The name is already taken The name is available. Register?

ސުބޫތު2

11 May 2020

ބިންމާ، ޝަހާދަތް އިނގިލިން ޖިންނި ބަނުން އެއީ ކޮން ޙަދީޘަކުން ސާބިތުވާ ކަމެއްތޯ ރާޤީވެރިން ގާތު އަހާލަދީބަލަ. ރުޤްޔާ ޝަރުޢިއްޔަ ކިޔާތީ ހަމަ އޮޅުން ފިލުވާލަން ބޭނުންވަނީ.

The name is already taken The name is available. Register?

ހަރޫސް

11 May 2020

ބިންމާ ނަން ބޭނުންކޮށްގެން އެހެން މީހަކު ވާހަކަ ލިޔެފަ..މަށެއް ގަބޫލެއް ނުކުރާނަން ބިންމާ މިވަރުގެ ހަޑިއެއް ހާވާނެކަމަކަށް...

The name is already taken The name is available. Register?

އިންސާނެއްގެ ޝަކުވާ

10 May 2020

ޕިސްޕިސް މިހާ ފޫހި ވާހަކައެއް ދުވަހަކު ނުކިޔޭނެކަން ނޭގެ! އަދިވެސް ޒުވާބުކުރުމުގަ! ހެދުނު އިރުއަރާ އިރުއޮއްސެނީ ޒުވާބުގަ!، ޖިންނިގެ ސަޅިބައިސާ ކެނޑުމުގަ!، ބިރުދެއްކުމުގަ. މިނެޓެއްފަހުން ރޮއި ހޭރުން، އަނެއް މިނެޓުގެ ގޮތްދެއްކުން!، މިއެކޭ ބޮޑު މުސީބާތެކޭ އެއްވަރު! އަނިލް ހީވަނީ ޖިންނިއާ ފޮނި އަނގަތަޅަންދާ މީހެއް ހެން. ވާކަމެއް ހަރާމުން ހަރާން އޭނައަށް، މި ޖިންނިއަށް އައި މިހާރު ސަޕޯޓުކުރަނީ، އަނިލްގެ ޝަކުވާތަކުން ސަލާމަތްވޭތޯ. #ޓީމުޖިންނި #ގޯހަނާ

The name is already taken The name is available. Register?

ފޒުހި

10 May 2020

އާޅޭ ހާދަފޫއްސޭ. ޢެއްވެސް ހާދިސާ އެއް އާކަމެއް ނުހިނގާތާ އެތައްދުވަހެއް. މިއީ ވާހަކައެއްނޫން.

The name is already taken The name is available. Register?

ށީޒާ

10 May 2020

އަސްލު ވާހަކަ ކިތަންމެހާވެސް ރީތި ކަލޭމެންނަކަށް ނޯވޭ ދޯ ރަނގަޅު އެއްގޮތެއްވެސް

The name is already taken The name is available. Register?

ރޭޒަރުބޭބެ.

10 May 2020

ސާބަހޭ ބިންމާ. ލޮކްޑައުން ނިމެންދެން ހިފާއްޓާލާތި! ތިއޮތީ ކޮރޯނާ ޖިންނި އަރާފަ.

The name is already taken The name is available. Register?

ޢައިމިނަ

10 May 2020

ފޫހިވެއްޖެ މިހާރު އަބަދު އެކަައްޗެއް

The name is already taken The name is available. Register?

ނެކްސްޓް

10 May 2020

ކޮމެންޓްތައް ވާހަކަ އަށް ވުރެން އިންޓްރެސްޓިންގް

The name is already taken The name is available. Register?

ފާނު

10 May 2020

ކުދިންނޭ މީ ނުނިމޭ ވާހަކަ... ކޮތަރު އައިސް ހަނޑޫ ފުކެއް... އިރުކޮޅަކުން އަނެއް ހަނޑޫފުށް ކައިލައިފި... އަނެއްކާ އަނެއް ހަނޑޫ ފުށް...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454