ސާކް ފިލްމް ފެސްޓިވަލަށް "އަހުޝަމް" އާއި "މިކޮއެ ބައްޕަ ބައޭބައޭ"

މި އަހަރުގެ ސާކް ފިލްމް ފެސްޓިވަލްގައި ރާއްޖޭން ދެ ފިލްމެއް ބައިވެރި ކުރަން ނިންމައިފި އެވެ.


އަންނަ މަހު ސްރީ ލަންކާގައި އޮންނަ ސާކް ފިލްމް ފެސްޓިވަލަށް މި އަހަރު ރާއްޖޭން ހުށަހަޅާފައިވާ ދެ ފިލްމަކީ މިދިޔަ އަހަރު އޮގަސްޓްގައި ޑާކް ރެއިން އެންޓަޓައިންމަންޓުން ރިލީޒް ކުރި "މިކޮއެ ބައްޕަ ބައޭބައޭ" އާއި ނޮވެމްބަރުގައި ރިލީޒް ކުރި ސީޒަނަލް މޫވީސްގެ "އަހްޝަމް" އެވެ.

"މިކޮއެ ބައްޕަ ބައޭބައޭ" އަކީ މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ރަވީ ފާރޫގް ޑައިރެެކްޓްކޮށްފައިވާ ސަސްޕެންސް ތުރިލާއެކެވެ. ފިލްމުގައި ލީޑް ރޯލް ކުޅެފައި ވަނީ އައިޝަތު ރިޝްމީ އާއި މުހައްމަދު މަނިކެވެ.

ފިލްމް "މިކޮއެ ބައްޕަ ބައޭބައޭ" ގެ ޓްރެއިލާއެއް

"އަހްޝަމް" އަކީ އަލީ ސީޒަން ޑައިރެކްޓްކޮށް، އެކްޓްކޮށްފައިވާ ފިލްމެކެވެ. އޭނާ ފުލުހެއްގެ ރޯލް ކުޅެފައިވާ އެ ފިލްމަކީ މަސްހުނި ރަހަތަކެއް އެކުލެވޭ ފިލްމެކެވެ. އައިމިނަތު ރިޝްފާ ބަތަލާގެ ރޯލް ކުޅެފައިވާ "އަހްޝަމް" ގެ ސްކްރީންޕްލޭ ލިޔެފައި ވަނީ މަހުދީ އާއި އަހުމަދު ޒަރީޒެވެ.

"މިކޮއެ ބައްޕަ ބައޭބައޭ" އާ ބެހޭ ގޮތުން އެ ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ ސާކް ފިލްމް ފެސްޓިވަލުން ފިލްމަށް ރަނގަޅު އެވޯޑެއް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

"އެކަމަކު އިތުރަށް އެއްޗެއް ބުނަން އެނގޭނީ ފެސްޓިވަލްގައި ދެން ވާދަ ކުރާ ފިލްމުތަކަކީ ކޮބައިކަން ވެސް އެނގިގެން. އުންމީދު ކުރަން ރަނގަޅު ވަނައެއް ލިބޭނެ ކަމަށް،" ސާކްގެ ގައުމުތަކުން ފިލްމްތައް ވާދަ ކުރާ ފެސްޓިވަލާ ބެހޭ ގޮތުން މޮގާ ބުންޏެވެ. "ފަހަކަށް އައިސް މި ފެސްޓިވަލްގައި ވަނަތައް ލިބިފައި ހުރީ ސަަސްޕެންސް ތުރިލާތަކަށް. އެހެންވެ ފިލްމަށް ކުރެވޭ އުންމީދު ބޮޑު."

"އެކަމަކު އިތުރަށް އެއްޗެއް ބުނަން އެނގޭނީ ފެސްޓިވަލްގައި ދެން ވާދަ ކުރާ ފިލްމުތަކަކީ ކޮބައިކަން ވެސް އެނގިގެން،" މޮގާ

އޭނާ ބުނީ "މިކޮއެ ބައްޕަ ބައޭބައޭ" ގައި ލީޑް ރޯލް ކުޅެފައިވާ މަނިކާއި ރިޝްމީ އަށް އެކްޓިން އިން އެވޯޑަކަށް ވެސް އުންމީދު ކުރެވޭ ކަމަށެވެ.

ފިލްމް "އަހްޝަމް" ގެ ޓްރެއިލާއެއް

ސީޒަންގެ "އަހްޝަމް" މި އަހަރުގެ ފެސްޓިވަލްގައި ވާދަކުރާ އިރު، މިދިޔަ އަހަރު އޭނާގެ "އިންސާނާ" ވަނީ ސާކް ފިލްމް ފެސްޓިވަލުން ބްރޯންޒް މެޑެލް ހޯދައިފަ އެވެ. އެހެންވެ މި އަހަރަކީ އަނެއްކާ ވެސް ސީޒަނަށް އިތުރު މެޑެއްޔެއް ތަކުރާރު ކުރަން ލިބިގެން ދާނެ ފުރުސަތެކެވެ.