13 މެއި 2020 - 09:45
އާދިއްތަ ދުވަހާ ގުޅޭ
"ދެން މި ތަނަށް ނާންނަން ކަލޭ ނިޔަތްގަނޭ،" އަނިލް އަމުރުކުރިއެވެ. "މިހެން ބުނާއިރު ވެސް އަހަންނަށް އެނގޭ ކަލޭގެ ނިޔަތް އޮތް ގޮތް އަހަންނަކަށް ނޭނގޭނެކަން. އެކަމަކު ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ފަރާތަށް އަހަރުމެން ދެ މީހުން ކުރެ އެކެއްގެ ނިޔަތެއް ވެސް ސިއްރެއް ނުކުރެވޭނެ. ކަލޭ ފަހަރެއްގަ ގަބޫލު ނުކޮށްފާނެ. އެކަމަކު އަހަރެން ގަބޫލުކުރަނީ އެ ގޮތަށް. އެހެންވެ، މިރޭ ކަލެއަށް މިނިވަންވެވޭނީ ކަލޭ ދެން ނާންނަން ނިޔަތްގަތީމަ. ކަލޭ މަކަރުހަދާ ނަމަ ކަލެޔަކަށް ނުދެވޭނެ. އެ ގޮތަށް އަހަރެން މި އެދެނީ. ކަލެއަށް ވިސްނިއްޖެތަ މަ މި ކިޔާ އެއްޗެއް؟"
"ހަނާ" ވިސްނައިލަން އިރުކޮޅެއް ނެގިއެވެ. ޖިންނިސައިތާނުންނަކީ ފަސޭހައިން އެއްބަސްވާ ބައެއް ނޫނެވެ. އަނިލް އެ ކަން ހަނދާނެއް ނުނެތެއެވެ. ކުރިން އަނިލް ރުޤްޔާ ކުރި ބައެއް ފަހަރުތަކުގައި ޖިންނިސައިތާނާ އަނދަމުންދާއިރު ވެސް ތައުބާއެއް ނުވެއެވެ. ބަލި ގަބޫލެއް ވެސް ނުކުރެއެވެ.
"ކަލޭ ތީ ހާދަހާ ނުލަފާ މީހެކޭ!" ރުޅިއައިސްފައި ހަނާ ބުންޏެވެ.
"މަ މިހާރު ބުނެފީމެއްނު ކަލޭ ތި ކަހަލަ އެއްޗެހި ނުކިޔާށޭ،" އަނިލް އިންޒާރުދިނެވެ. "މި ކަން ފެށުމުގެ ކުރިން މަށެއް ނުބުނަންތަ ކަލޭ ފަހުން ނުބުނައްޗޭ މަށަކީ ނުލަފާ މީހެކޭ، އަނިޔާވެރި މީހެކޭ. ނުބުނަންތަ؟ ކަލެއަށް ކިހާ ވަގުތެއް ދިނިން؟"
"އާނ! މަ ހަނދާންއެބަހުއްޓޭ!" ހަނާ ބުންޏެވެ. "ކަލޭ އެހެން ބުނެފަ އޮތީމަ އެ ކަހަލަ އެއްޗެއް ނުބުނަން ވެސް ވަރަށް އޮވެފީމޭ. ކަލޭމެންނަކީ މަށީގެ އަހުލުވެރިން. އަހަރުމެންނަކީ އަލިފާނުގެ އަހުލުވެރިން. މަ ނުޖެހޭ ކަލޭ ބުނާހާ ގޮތެއް ހަދާކަށް."
"އެކަމަކު ދެން އެހެން ގޮތެއް ނެތޭ! ކަލޭ ހީކުރަނީ މަގޭ ބާރުން ކަމަށްތަ ކަލޭ މައިތިރިކޮށްފަ ތި އޮތީ،" މަލާމާތުގެ ރާގެއްގައި އަނިލް ބުންޏެވެ. "ތިހިރީ ކަލޭމެން ވިސްނާލެއް ހަނިކަން. ކަލޭމެންނަށް އަހަރުމެން ފެނޭ. އަހަރުމެންނަކަށް ކަލޭމެން ނުވެސް ފެނޭ. އެކަމަކު ﷲ ގެ ވާގިފުޅާ އެކު ގުޑާނުލެވޭ ވަރު ކޮށްފަ ތި އޮތީ. ތި ޖެހެނީ އާދޭސްކުރަން."
މިނިވަން ވެވޭތޯ ހަނާ އުޅުނެވެ. ހީވަނީ ނިކަން ރަނގަޅަށް ބަނދެލައިފައި އޮތް މީހަކު ސަލާމަތްވާން އުޅޭހެންނެވެ.
"ވަރިހަމަ!" ހަނާގެ ރާގު އޭރު ވެސް ހުރީ ގޮތް ދޫނުކުރާ ކަހަލަ ގޮތަކަށެވެ. "މަ ދޫކޮށްލާ! ދާންވެއްޖެ!"
"ކަލެއަކަށް ނީވޭތަ މަ މި ކިޔާ އެއްޗެއް؟" އަނިލް ބުންޏެވެ. "ދެން މި ތަނަށް ނާންނަން ކަލޭ ހިތަށްނާރުވާހާ އިރަކު ކަލެއަކަށް މިނިވަނެއް ނުވެވޭނޭ. އެކަމަކު އިރުއަރަންދެން މިހެން ކިޔާލަކިޔާލައެއް އަހަންނަކަށް ނީނދެވޭނެ. ކަލޭ އުފާކޮށްބަލަ ތި ހާލުގަ ކަލޭ އޮތްއިރު ވެސް، މަގޭ އަތުގަ ބާރު އޮތްއިރު ވެސް އަދިވެސް ކަލެއަށް ނަސޭހަތްދޭތީ. ވަގުތު ދޭތީ. ކިތައް ފުރުސަތު ކަލެއަށް ދެވިއްޖެ! ދެން މަށަށް ޖެހޭނީ ކަލޭ އަންދާލަން. އެހެން ބުނީމަ ކުރީ ޒަމާނުގެ ޖިންނީން ކިހާ ބިރުގަންނަކަން ކަލެއަށް އެނގޭތަ؟"
ކުއްލިއަކަށް ހަނާ ހަމަހިމޭންވިއެވެ. ހީވީ އޭނައަށް ވިސްނުނުހެންނެވެ. އަންދާލައިފާނެތީ ބިރުގަތްހެން ވެސް އަނިލްއަށް ހީވިއެވެ. އަނިލް އެންމެ ބޭނުންވި ގޮތަކީ އެއީއެވެ. ހުރިހާ މަގެއް ބަންދުވުމުން މެނުވީ ބާރުގެ ބޭނުންކުރާކަށް އަނިލްގެ ހިތެއް ނޭދެއެވެ.
"ކަލޭ ހަމަ އަސްލު ވެސް ތި އުޅެނީ މަ އަންދާލަންތަ؟" ބިރުގެންފައިވާ ކަހަލަ ރާގެއްގައި ހަނާ އެހިއެވެ. " ކެރޭނެތަ؟ ކަލެޔަކަށް ނުކެރޭނެ!"
"ދެން ކަލޭ ބަލަން ހުރޭ!" ފެންފުޅި ނަގަމުން އަނިލް ބުންޏެވެ.
އަނިލް ކިޔަވަމުން ހަނާ ގަޔަށް ފެން ބުރުއްސަން ފެށިއެވެ. ބަލަންތިބި މީހުންނަށް ފެންނަނީ ފެނެވެ. އެހެންނަމަވެސް އެއީ އާދައިގެ ފެނެއް ނޫނެވެ. ވަކި އާޔަތްތަކެއް ކިޔަވައި، ކުރިން ތައްޔާރުކޮށްފައިވާ ފެނެކެވެ. ޖިންނިސައިތާނުންނަށް އެއީ އަލިފާނެވެ. ހަނާގެ ގައިގައި ފެން ޖެހޭ ކޮންމެ ތަނެއް ޖިންނި ސައިތާނާގެ ގައިން ފިހޭނެއެވެ. ވިރިގެން ފައިބާނެއެވެ. އެ ފަދަ ވޭނެއް އަޅާނެއެވެ. އިރުކޮޅެއް ނުވެ ހަނާ ހަޅޭއްލަވަން ފެށިއެވެ. ތެޅިފޮޅެން ފެށިއެވެ.
"މަ ދޫކޮށްލާ!" ހަނާ އަމުރުކުރިއެވެ. "އެހެން ނޫނީ އަޑުގަދަކުރާނަން. ކަލޭމެންގެ މީހުން އެއްކުރާނަން."
ހަނާ ހަޅޭއްލެވީ އާންމު އިންސާނަކަށް ހަޅޭއްލެވޭ ވަރަށް ވުރެ މާ ބާރަށެވެ. އެއީ އިންސާނެއްގެ ހަކަތައެއް ނޫނެވެ. އިންސާނެއްގެ އަޑެއް ވެސް ނޫނެވެ. ބައެއް ފަަހަރު ހީވަނީ ތިން ހަތަރު އަޑު އެއްފަހަރާ އަންނަހެންނެވެ. އަނެއްބައި ފަަހަރު އަންނަނީ ވަރަށް ބަރު، ފުސް އަޑެކެވެ. ރިޒްވާން ކަންބޮޑުވިއެވެ. ހިސާބުގަނޑުން ފުލުހުންނަށް ގުޅައިފާނެތީއެވެ. އަނިލްއަށް ވެސް އެ ބިރު އޮތެވެ. ރުޤްޔާކުރުމާއި، ޖިންނިސައިތާނުންނާއި، ސިހުރަކީ ކޮންމެ ކޮންމެ ބަޔަކަށް ވިސްނޭނެ އެއްޗެއް ނޫނެވެ. ފުލުހުން އަތުވެއްޖެއްޔާ ވާނީ އަންހެންކުއްޖަކަށް ބަޔަކު އަނިޔާކުރީ ކަމަށެވެ. ޖިންނީގެ މަގުސަދަކީ އެއީއެވެ. އޭނަ މަސައްކަތްކުރީ އެ ފަދަ މާހައުލެއް އުފެއްދޭތޯއެވެ. "ހަނާގެ" އަޑު ކޮޓަރިން ބޭރަށް އިވެއެވެ. ބޮޑުކޮޓަރީގެ ސޯފާގައި އިށީނދެގެން ތިބި ޒާހިދާއާއި ނަސީމަށް ވެސް އިވެއެވެ. އެކަކަށް ވެސް އެ އަޑަށް ކެތްކުރާކަށް ފަސޭހައެއް ނޫނެވެ. އެހެންނަމަވެސް އެހެނެއް ނުބުނެއެވެ. ކޮޓަރި ތެރޭގައި ކުރާ ކަމެއް ކުރަނީ ހަނާއަށް ރަނގަޅަކަށެވެ. ވީމާ، ދެ މީހުން ވެސް ކޮންމެވެސް އެހެން ވާހަކައެއް ދައްކައިގެން ހަނާގެ އަޑު ނީވޭކަމަށް ހަދަން މަސައްކަތް ކުރިއެވެ. އެންމެ ފަހުން ޒާހިދާ އަކަށް ކެތެއް ނުވިއެވެ.
"އެކަމަކުވާ!" ޒާހިދާ މަޑުމަޑުން ބުންޏެވެ. "ދެން އެ ކަން ހުއްޓާލަން ވެއްޖެއްނު!"
ހުއްޓާލަން ނަސީމު ވެސް ބޭނުމެވެ. ހަނާ ރަނގަޅުވާން ވެސް ބޭނުމެވެ. މައްސަލައަކީ އެއިން އެއް ކަމެއް ވެސް ނުވާތީއެވެ.
"އަޅާނުލާ!" ކެތްތެރިކަން އިސްކުރަމުން ނަސީމު ބުންޏެވެ. "ރިޒްވާން އެތެރޭގަ އެބަ އިނެއްނު! އޭނައަށް އެނގޭނެ ހުއްޓާލަންވީމަ. މީހުންގެ ހިތްނުބައި ވީމަ ހުރިހާ މުސީބާތެއް ވެސް ޖެހޭނެ."
ނަސީމު ހީކުރީ އެ ވަރަށް ބުނީމައި ޒާހިދާއަށް ވިސްނޭނެ ކަމަށެވެ. އެކަމަކު ޒާހިދާ އެއްޗެއް ނުބުންޏެވެ.
"ހަނާގެ ނުލާހިކު ގާތް މީހަކު އެ މަންޖެއަށް ސިހުރުހަދައިގެން އެ އުޅެނީ،" ނަސީމު އަނެއްކާ ވެސް ތަންކޮޅެއް ތަފުސީލު ކޮށްލިއެވެ. "އަދި ނަން ކަށަވަރު ނުވަނީ. ކަށަވަރުވާ ދުވަހު އަހަންނަށް ވަރިހަމަ އޭނަގެ މަންމަ ވިޔަސް ފުކަކަށް ވަންދެން ބަވާލާނަން."
ޒާހިދާ ވަރަށް އެހެން ކަހަލަ ގޮތަކަށް ނަސީމަށް ބަލައިލިއެވެ. އޭގެ މާނަ ކިތަންމެހާ ވެސް ފުނެވެ. ދެން ނަސީމު އަނގަ ހުޅުވައިލީ ޒާހިދާޔާ ސުވާލުކުރާށެވެ. އެކަމަކު ކޮޓަރިތެރެއިން އިވުނު ގަދަފަދަ އަޑުފަށްގަނޑެއްގެ ސަބަބުން ދެ މީހުންނަށް ވެސް ފުންމައިގެން ތެދުވެވުނެވެ. ހީވީ ތަޅުންގަނޑު މައްޗަށް އެއްޗެއް ވެއްޓުނު ހެންނެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް ހަނާގެ ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. އޭރު ވެސް "ހަނާ" ހަޅޭއްލަވައެވެ. ޒާތެއްގެ އުނދަގޫ އަޑެއް ނެރެގެންނެވެ. ރިޒްވާންގެ މަންމަ ކޮޓަރީގެ ދޮރު ހުޅުވާނީ ކިހާ އަޑު ގަދަ ވީމަކަން އަނިލްއަށް އިހުސާސް ކުރެވުނެވެ. އެހެންނަމަވެސް ހަޅޭއްނުލަވަން ބުނާކަށް އަނިލް ބޭނުމެއް ނުވިއެވެ. ޖިންނިއެއް ގާތުގައި އެހެން ބުނެގެން ކާމިޔާބު ނުވާނެތީއެވެ. އަނިލް ބޭނުންކުރީ ބުއްދިއެވެ.
"އޭ!" މަލާމާތް އެކުލެވިފައިވާ ރާގެއްގައި އަނިލް ބުންޏެވެ. "ތީ ހަމަ އެންމެ ބާރު؟ ތިޔަށް ވުރެ އަޑު ގަދައެއް ނުކުރެވޭނެ؟ ކަލޭ ތި ހީކުރަނީ މީ ކުރީ ޒަމާނުގަ ހުންނަ ކަހަލަ ފަން ޖިފުޓިއެއްކަމަށްތަ؟ ކަލެޔާ އެއްވަރަށް ކަލޭގެ ވިސްނުން ވެސް ހަމަ ކަޓީއޭ ދޯ؟ ބަލަ މީ ކޮންކުރީޓު އިމާރާތެކޭ. ކަލޭ ކިތަންމެ ބާރަށް ހަޅޭއްލެވިޔަސް މި ތަނުން އަޑެއް ބޭރެއް ނުވާނެ. ހުރިހާ ދޮރެއް އެހެރީ ލައްޕާފަ. އެކަކަށް ވެސް އަޑެއް ނީވޭނެ. ކަޑައެއްނު! ތިހާ ބާރަށް ހަޅޭއްލެވީމަ ކަލޭ ވަރުބަލިވުން ނޫން ކަމެއް ނުވާނެއްނު! އިހު ޒަމާނުގަ ކަލޭ ހަޅޭއްލަވައިގަންނަ އިރަށް އަވަށްޓެރިން ދުވެފަ އަޔަސް މިހާރަކު ނާންނާނެ."
ހަނާ ހަޅޭއްލެވުން ހުއްޓައިލިއެވެ. އަނިލްގެ ރޭވުން ކާމިޔާބުވާން ފެށިއެވެ. އެކަމަކު ބޭރަށް އަޑު އިވޭނެކަން އަނިލްއަށް ކަށަވަރެވެ. ފަހަރެއްގައި ބަޔަކު އަތުވެދާނެކަމަށް ވެސް އަނިލް ހުރީ ތައްޔާރުވެގެންނެވެ. އެއީ ވަރަށް ނުތަނަވަސްވި ދަނޑިވަޅެކެވެ. ހަނާ ހިމޭންވި ގޮތަށް ދެން އެއްޗެއް ނުބުންޏެވެ. ބައި ގަޑިއިރު ވިއެވެ. އަނިލް އެތައް ވާހަކައެއް ދެއްކުމުން ވެސް އެއްވެސް ޖަވާބެއް ނުދިނެވެ. އެއީ ވެސް ޖިންނީން ހަދާ ގޮތެކެވެ. ގޮތް ހުސްކޮށްލުމަށް ޓަކައެވެ. އަނިލް އަކަށް ގޮތެއް ހުހެއް ނުވެއެވެ.
"އޯކޭ!" ފެން ފުޅި ނަގަމުން އަނިލް ބުންޏެވެ. "ކަލޭ އޮވޭ! މަ އަނެއްކާ ވެސް ފެންޖަހާލާނަން."
އަނިލް ކިޔަވަން ފެށިއެވެ. ފެންޖަހަން ފެށިއެވެ. ހަނާ އެއްވެސް ހަރަކާތެއް ނުކުރިއެވެ. ގާތުގައި އިން ރިޒްވާނަށް އެ މަންޒަރު ބަލަން ވަރަށް އުނދަގޫވިއެވެ. ހަނާގެ އެ މަކަރުގެ ބޭނުމަކީ އެއްގޮތުން ނުވިއްޔާ އަނެއް ގޮތަކުން ނަމަވެސް ކިޔެވިޔަ ނުދިނުމެވެ. ރިޒްވާން ކަންބޮޑުވެގެން އަނިލްއަށް ބަލައިލިއެވެ. އަނިލްގެ އިޝާރާތަށް ނާހިދު ވެސް ކިޔަވަން ފެށިއެވެ. އަނިލްގެ ފޯނު ހުޅުވައިފައި ފޯނުން ވެސް ޤުރުއާން ޖަހަން ފެށިއެވެ. މާރިދުންނާއި އިފުރީތުންނަށް ވެސް އެ ތިން އަޑަކަށް ކެތެއް ނުވާނެއެވެ. އެއީ އަނިލްއަށް ކަށަވަރު ކަމެކެވެ. ތަނުގައި ޤުރުއާންގެ އަޑު ގުގުމަމުންދިޔައިރު ދެން ވާނީ ކިހިނެއް ކަމެއް އެކަކަށް ވެސް ނޭނގެއެވެ. ހަނާގެ ހަށިގަނޑު ތެރެއިން ޖިންނި ދެމިގަނެގެން ދިޔައީބާއޭ އަނިލް ހިތަށްއެރި ވަގުތުކޮޅެއް ވެސް އައެވެ. އެކަމަކު އެއީ ވެގެން ވާނެ ގޮތެއް ނޫނެވެ. އަނިލްގެ ފުރިހަމަ ކޮންޓުރޯލުގެ ދަށުގައި ބަނދެފައި އޮއްވައި ޖިންނި އަކަށް ނުދެވޭނެއެވެ.
"ހަނާއަށް ކަމެއްވީތަ؟" ޒާހިދާ ސުވާލުކުރިއެވެ.
އެކަކު ވެސް އެ ސުވާލަކަށް ޖަވާބެއް ނުދެއެވެ. އެންމެ ފަހުން، އެ ބުރަށް ކިޔަވަންޖެހޭ ހުރިހާ އެއްޗެއް ކިޔަވައި ނިމިއްޖެއެވެ. އެކަމަކު ހަނާގެ އެއްވެސް ހަރަކާތެއް ނެތެވެ. ނޭވާލައެވެ.
"އޭ ﷲ ގެ ޢަދުއްވާ!" އަނިލް ވަރަށް ހަރުކަށިކޮށް ބުންޏެވެ. "ވާހަކަދައްކާ!"
ނުނިމޭ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިންސިއެއްގެ ޝަކުވާ
14 May 2020
އަނިލްގެ ބަސް މަގު ގެނެސްފއިވާ ގޮތް ވެސް ވަރަށް ހުތުރު. އެފަދަ އިހްތިރާ މެއް ލިބިގެންވާ މީހަކު އެގޮތަށް ވާހަކަދެއްކު މުން ވަރަށް ނުފާޑު.. ޒަ މާނީއަކަސް އަނިލްގެ ކެރެކްޓަރ އަކާ ނުގުޅޭ.. ތީތި ކަޑައެއްނު.. ކަލޭ މާ ގައްޑާވެލީތަ؟... ފަދަ ބުނުންތައް ހި މެނޭ
ތެދެކޭ2
15 May 2020
ވަރަށް ބޮޑު ތެދެއް. ކުރީ ޕާޓްތަކުގައިވެސް ހަމަ އެހެން ހުރީ. ބިންމާވެސް މާ 'ކޫލްވެ 'ގައްޑާ'ވެ ހިތުން، 'ޒަމާނީ' ވެލާފަ މިއޮތީ.
އާ މިނާ
13 May 2020
ބިން މާ ވާހަކަ ލިއުން ހުއްޓާލާފައި ޖިންނި މޮޔަވެފައި ތިބޭ މީހުންނަށް ފަރުވާކުރަން މާރަނގަޅުވާނެ ހެން ހީވެ.ކާ މިޔާބު ރާޣީއެއް. ޔަޤީން. ވާހަކަ ކިޔާ މީހުންވެސް މިހާރު މި މިމަސައްކަތުން ކައިގެން ބޮއިގެން އުޅެވޭ ވަރު ވެއްޖެ. ޝުކުރިއްޔާ ބިން މާ
ކުރަތްބޭބެގެ
13 May 2020
ސަޅި ރުޤްޔާ ކޯހެއް މީ. ވާޗުއަލްކޮށްވެސް ކުރިއަށް ގެންދަން ލަފާދެން.
އިންސާނެއްގެ ޝަކުވާ
13 May 2020
ހަނދާން ވަނީ ކުރިން ބިންމާ ލިޔުނު ޔާސީން ކިޔާ ވާހަކަގަނޑު، އެފޫހިގަނޑަށް ވުރެން މީތި ހަޑި، ތާކުންތާކު ޖެހޭ ކަމެއް ނުވޭ، ފަސް ޕާޓު ނިމިގެން ދިޔައީ އެއްރޭ އެއްދުވާ ނުނިމި. މިދެން ބޮޑު ވަރު... ރުޤްޔާ ކުރިއެކޭ ކިޔާފަ މިހާ ހާސަރު ނުދެމިޔަސް ވާނެ ދޯ. އެއްވެސް ކަހަލަ އޮއްޓަރެއް ނެތް، ވަރަށް ހަޑި
އައިން
13 May 2020
މިދެން ކޯއްޗެއް ހުސްހާސަރު ތަފާތު ކަމެއް ނުވޭ ހެސްފޫހި
ނައީމް ޖިންނި
13 May 2020
ވަރަށް ސަޅި....
ޝީޒާ
13 May 2020
ވަރައްސަޅި
އާސިފު
13 May 2020
ބައެއް މީހުންނަށް މިއީ ހާސަރެއްހެން ހީވިޔަސް ރުޤްޔާ ދަންނަ މީހެއްވީއްޔާ އެނގޭނެ މީހަމަ ޕްރޮސެސް ދާ ގޮތްކަން، ހަގީގަތުގަ ވެސް ވަރަށް ރިއަލް
ކޮކާ
13 May 2020
ރުޤްޔާ ކުރެވިދާނެ، އެކަމަކު މިއަކު ނެތް ޝައުޤުވެރިވާ ކަމެއް، ވާހަކަ ފެށުނީއްސުރެން ހަމަ އެކައްޗެއް ވަނީ. އެހެންވެ ހާސަރު ދަމަނީޔޭ ބުނަނީ!
ބުރި ބޮޑު ޖިންނި
13 May 2020
އެކަަމަކު މިއަކީ ވާހަކައެކޭ! މި ވަރަށް ހާސަރު ނުދެމިޔަސް ވާނެ!? ވަރަށް ހަޑި!