އާންޝް.
19 މެއި 2020 - 08:43
ސަލްމާން ޚާންގެ "ޓައިގާ" ފްރެންޗައިޒްގެ ތިން ވަނަ ފިލްމުން ފުރުސަތު ދޭނެ ކަމަށް ބުނެ ބަޔަކު ފޯނުކުރަމުން ދާތީ އެ މައްސަލަ އާންމުންގެ ސަމާލުކަމަށް ގެނެސް ފުލުހުންނަށް ހުށަހަޅައިފި އެވެ.
މި ކޯލް ލިބުނު އެކްޓަރު އާންޝް އަރޯރާ ވެސް ވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅައި މިކަން ހިނގި ގޮތް ކިޔައިދީފަ އެވެ.
ބައެއް ޓީވީ ސިލްސިލާތަކުގައި ވެސް މަސައްކަތްކޮށްފައިވާ ޒުވާން އެކްޓަރު އިންޑޯ-އޭޝިއަން ނިއުސް އެޖެންސީ (އިއަންސް) އަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާ އަށް ގުޅީ ޝުރޫތީގެ ނަމުގައި އަންހެނެއް ކަމަށާއި އެއީ ސަލްމާންގެ ފިލްމު ކުންފުނި އެސްކޭ ފިލްމްސްގެ ކާސްޓިން ޑައިރެކްޓަރަކު ކަމަށް ބުނެފައިވާ ކަމަށެވެ.
"މާޗް މަހުގެ ފުރަތަމަ ދުވަހު އޭނާ އަހަންނަށް ގުޅާފައި ބުނީ އެބައޮތޭ "އޭކް ތަ ޓައިގާ 3" ކިޔާ ފިލްމެއްގެ ރޯލެއް ދޭންވެފައި. އަންނާށޭ މާޗް މަހުގެ ތިނެއްގައި އޮޑިޝަނަށް،" އާންޝް ބުންޏެވެ. "ދެން އަހަރެން ވަރަށް ތައްޔާރުވެގެން ހުއްޓައި ފަހުން ގުޅާފައި ބުނަނީ ޑައިރެކްޓަރު ޕްރަބޫދޭވާ ވަރަށް ބިޒީވެގެން އޮޑިޝަން ކެންސަލްކޮށްފިއޭ."
އޭނާ ކިޔައިދިން ގޮތުގައި "އޭކް ތަ ޓައިގާ 3" އިން ދޭން ބުނި ކަމަށް ބުނާ ރޯލަކީ ރެސްލިންތެޅުންތެރިއެއްގެ ގޮތުގައި ފެނިގެންދާ ފިލްމުގެ ވިލަން ރޯލެވެ. އަދި ސަލްމާންގެ ފިލްމަކުން ފުރުސަތެއް ލިބޭކަން އެނގުމުން ވަރަށް އުފާވި ކަމަށާއި އެއީ ކޮންމެ މީހަކަށް ވެސް ވާނެ ގޮތް ކަމަށް އާންޝް ބުންޏެވެ.
އޭނާ ބުނީ ޝުރޫތީ ކިޔާ މީހާގެ ހަބަރެއް ފަހުން ނުވާ ކަމަށާއި އެއީ އޮޅުވައިލުމެއްކަން އެނގުނީ ސަލްމާން މި މަހުގެ 13 ވަނަ ދުވަހު ކުރި ޓްވީޓަކާ ގުޅިގެން ކަމަށެވެ. އެ ޓްވީޓްގައި ވަނީ އެއްވެސް ފިލްމަކަށް ސަލްމާން ކާސްޓުން ނަގަމުން ނުދާ ކަމަށާއި އެސްކޭއެފްގެ ނުވަތަ އޭނާގެ ނަމުގައި އެއްވެސް ބަޔަކު މުއާމަލާތްކުރާ ނަމަ އެކަމާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފަ އެވެ.
Mat karo rumours pe trust.... #staysafe @SKFilmsOfficial pic.twitter.com/fP83TRrePa
— Salman Khan (@BeingSalmanKhan) May 13, 2020
ސަލްމާންގެ އެ ޓްވީޓާ ގުޅިގެން އާންޝް ވަނީ އޭނާ އަށް ލަނޑު ދިން މީހާގެ މައްސަލަ ވަގުތުން މުމްބާއީގެ އޮޝިވާރާ ފުލުހުންނަށް ހުށަހަޅައިފަ އެވެ.
"ޓައިގާ" ފްރެންޗައިޒަކީ ސަލްމާނާއި ކެޓްރީނާ ކެއިފާ އެކު ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ގެނެސްދޭ ސީރީޒެކެވެ. މީގެ ފުރަތަމަ ބައި "އޭކް ތަ ޓައިގާ" ގެނެސްދިނީ 2012 ގައި ޑައިރެކްޓަރު ކަބީރް ޚާނެވެ. އަދި ދެވަނަ ބައި "ޓައިގާ ޒިންދާ ހޭ" 2018 ގައި ގެނެސްދިނީ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރެވެ.
ތިން ވަނަ ބައި ގެނެސްދޭން ހަމަޖެހިފައި އޮތް ނަމަވެސް އެ ފިލްމު އަދި ރަސްމީކޮށް އިއުލާނެއްނުކުރެ އެވެ. އަދި އެ ޑައިރެކްޓްކުރާނެ މީހަކު ވެސް ނުނިންމަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާޢިމް
20 May 2020
"ޓައިގާ ޒިންދާ ހޭ" އެއީ 2017 ގައި ރިލީޒް ކުރި ފިލްމެއް