އަނަންޔާ.
20 މެއި 2020 - 09:59
އިންޑިއާގެ ތެލެގޫ ފިލްމު އިންޑަސްޓްރީގެ މަޝްހޫރު އެކްޓަރު ވިޖޭ ދެރަވަރަންކޮންޑާއާ އެކު، ބޮލީވުޑްގެ ބަތަލާ އަނަންޔާ ޕާންޑޭ ފިލްމެއް ކުޅެމުން އަންނަ އިރު، އޭގެ ޕްރޮޑިއުސަރު އަނަންޔާ އަށް ވަރަށް ބޮޑަށް ތައުރީފުކޮށްފި އެވެ.
ޕްރޮޑިއުސަރެއްގެ ގޮތުގައި ކަރަން ޖޯހަރް ވެސް ހިއްސާވާ ފިލްމާ ބެހޭ ގޮތުން ޕްރޮޑިއުސަރު ޗަރްމޭ ކޯރް ބޮލީވުޑަށް ލައިފަށް ދިން އިންޓަވިއުއެއްގައި ބުނީ އަނަންޔާ އަކީ ވަރަށް މޮޅު ބަތަލާއެއް ކަމަށެވެ.
"އެއީ ކުރިން އަހަރެމެން އުންމީދު ވެސް ނުކުރާ ވަރުގެ ހުނަރުވެރި އަދި އެހާމެ ޑިސިޕްލިން ބަތަލާއެއް. އަހަންނަށް ވަރަށް ޔަގީން މި ފިލްމު ރިލީޒްވުމާ އެކު، އަނަންޔާވެގެން ދާނެ އިންޑިއާގެ އެންމެ ކުޅަދާނަ ތިން ބަތަލާއިންގެ ތެރެއިން އެކަކަށް،" ޗަރްމޭ ބުންޏެވެ.
އޭނާ ބުނިގޮތުގައި އަނަންޔާ އަކީ އެކުގައި މަސައްކަތްކުރަން ފަސޭހަ، ވަރަށް ބަސްއަހާ ބަތަލާއެކެވެ. އަދި ބަތަލާއަކު އެހާ ޑިސިޕްލިން ނަމަ އޭނާގެ މަސައްކަތް ވަރަށް ފުރިހަމަވާނެ ކަމަށް ޗަރްމޭ ބުންޏެވެ.
އޭނާ ކިޔައިދިން ގޮތުގައި "އަރުޖުން ރެޑީ" އާއި "ޑިއާ ކޮމްރޭޑް" ފަދަ ފިލްމުތައް ކުޅުނު ވިޖޭ އަކީ ވެސް އެހާ މޮޅު އަދި ޝަކުވާތައް މަދު އެކްޓަރެކެކެވެ. އެހެންވެ އެ ދެ ތަރިންނާ އެކު ފިލްމުގެ މަސައްކަތް ހީކުރި ވަރަށް ވުރެ މާ ފަސޭހަ ކަމަށް ބުންޏެވެ.
ވިޖޭ އާއި އަނަންޔާގެ އެކްޝަން ތުރިލާގެ ނަން އަދި ރަސްމީކޮށް އިއުލާނެއްނުކުރެ އެވެ. ނަމަވެސް ބައް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭގެ ނަމަކީ "ފައިޓާ" އެވެ. ފިލްމުގެ ޑައިރެކްޓަރަކީ ޕޫރީ ޖަގަންނަދެވެ.
އަނަންޔާ ބޮލީވުޑަށް ތައާރަފުވީ މިދިޔަ އަހަރު ކަރަންގެ ދަރުމާ ޕްރޮޑަކްޝަނުން ގެނެސްދިން "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިންނެވެ. އުމުރުން އަދި 21 އަހަރުގެ ބަތަލާ އަކީ އެކްޓަރު ޗަންކީ ޕާންޑޭގެ ދަރިއެކެވެ.
އަނަންޔާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޑައިރެކްޓަރު މަގުބޫލް ޚާންގެ "ޚާލީ ޕީލީ" އާއި ޑައިރެކްޓަރު ޝަކުން ބަޓްރާގެ ނަން އިއުލާންނުކުރާ ފިލްމެއް ހިމެނެ އެވެ.
އަނަންޔާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ފަހުކޮޅު އެޅުވި "ޕަތީ ޕަތުނީ އޯރް ވޯ" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy