20 މެއި 2020 - 10:05
އާދިއްތަ ދުވަހާ ގުޅޭ
"ކަލޭ ގަބޫލުކުރަންތަ ﷲ ޞުބުޙާނަޙޫ ވަތަޢާލާކަން އެންމެ ބާރުގަދައީ؟" އަނިލް އެހީ ބުއްދިވެރި ސުވާލެކެވެ.
އެއީ ޖަވާބެއް ދިނުމުގެ ކުރިން "ހަނާ" އެންމެ ގިނަ އިރު ވިސްނި ސުވާލެވެ. ނުވަތަ އެ މަޚުލޫގުންގެ މެދުގައި އެންމެ ގިނައިރު ބަހުސުކުރެވުނީ ވެސް އެ މައްސަލައިގައެވެ. ސަބަބު ވަރަށް ސާފެވެ. އިންކާރު ކޮށްފިއްޔާ އަނިލްގެ ފަރާތުން އެ ކަމަށް ހުޅުވިފައިވާ ދޮރު ބަންދުވީއެވެ. އިގުރާރު ވެއްޖެއްޔާ ޖިންނިސައިތާނުންގެ ތެރެއިން އޭނަ ބާކީ ކޮށްލާނެއެވެ. ސައިތާނުންގެ އެއްވެސް ގަބީލާއަކުން މަރުހަބާއެއް ނުކިޔާނެއެވެ. ގަބީލާތަކުގެ ނުފޫޒާއި ބާރު ގަދަ ޖިންނިސައިތާނުންގެ ދުނިޔޭގައި، ގަބީލާއެއްގެ ރުހުމުން މަހުރޫމުވުމަކީ ވަރަށް ބޮޑު ކަމެކެވެ. ދިރިހުރުމާއި މަރާ ދެމެދު ނެގޭ ގުރުއަތަކަށް ވެސް އެ ކަން ވެދާނެއެވެ. ހިމާޔަތް ހޯދާކަށް އަނިލް ކައިރިއަކަށް ޖިންނިއަކަށް ނާދެވޭނެއެވެ. ޖަވާބު މާ ބޮޑަށް ލަސްވުމުން އަނިލް އަނެއްކާ ވެސް ސުވާލު ތަކުރާރުކުރިއެވެ. ޖަވާބު އަވަސް ކުރުމަށް އެދުނެވެ.
"އާނ!" ހަނާ އެއްބަސްވިއެވެ. "އަހަރުމެންނަށް އެ ކަން ފެނިއްޖެ ދެންމެ!"
އެ ޖަވާބާ މެދު އަނިލް ހިތްހަމައެއް ނުޖެހުނެވެ. އިސްލާން ދީން ގަބޫލުކުރަނީ ބިރެއް ނުވަތަ މަޖުބޫރެއް ކުރިމަތި ކުރުވައިގެން ނޫންކަން އަނިލް ޔަގީންކުރަން ބޭނުންވިއެވެ.
"ތި މުޅީން ސަކަރާތްވީއެއްނު!" ޝަކުވާގެ ރާގެއްގައި އަނިލް ބުންޏެވެ. "ދެންމެ މި ތަނުގަ ހިނގި ކަންތައްތަކުގެ ސަބަބުން ނޫނީ ކަލޭމެންނަށް ލިބުނު އަނިޔާގެ ސަބަބުން ބިރުން އިސްލާން ނުވައްޗޭ! އެ ގޮތަށް ބިރުގަނެގެން އިސްލާން ވުމަކީ ބޭކާރު ކަމެއް. އަހަންނަކަށް ވެސް ކަލެއަކަށް ވެސް އެއިން ނުކުރާނެ ފައިދާއެއް. ކަލޭ ހިތުގެ އަޑިން ޖެހޭނެ މި ބުނާ ކަންކަން ގަބޫލުކުރަން. ﷲ ޞުބުޙާނަޙޫ ވަތަޢާލާއަކީ އެންމެ ބާރުގަދަ ފަރާތްކަން. އެންމެ ދީލަތި އެންމެ އޯގާވަންތަ ކަލާނގެކަން. ﷲ ގެ ވާގިފުޅާ ނުލާ އަހަންނަކަށް ވެސް ކަލެޔަކަށް ވެސް އެއްވެސް ކަމެއް ނުކުރެވޭނެކަން. ކަލޭމެން އެންމެން ވެގެން ހަނާއަށް އަނިޔާކުރަން އުޅުނަސް ﷲ ޞުބުޙާނަޙޫ ވަތަޢާލާ އޭނަ ރައްކާތެރި ކުރައްވައިފިއްޔާ ކަލޭމެންނަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެކަން. މި ހުރިހާ އެއްޗެއް ވެސް އެއްވެސް ޝައްކެއް ނެތި، ހިތުންރުހުމުން ކަލޭމެން ޖެހޭނެ ގަބޫލުކުރަން."
އެއްބަސްވުމަކާ ހަމައަށް އަންނަން ޖެހުމުން އެއްވެސް ޖަވާބެއް އަވަސްކުރުމަކީ "ހަނާ" އަށް ފަސޭހަ ކަމަކަށް ނުވެއެވެ.
"އާނ! ގަބޫލުކޮށްފިން!" ކުޑަ އިރުކޮޅަކަށް ފަހު، ކިޔަމަންތެރި އަޑަކުން ހަނާ ބުންޏެވެ. "އެކަމަކު ކަލޭ ބުނެގެނެއް ނޫން!"
"ރަނގަޅޭ! އެ ގޮތޭ މަ ބޭނުމީ ވެސް" އަނިލް ހިތުން ރުހުމުން ބުންޏެވެ.
"މި ތަނަށް އާދޭ ޚަދީޖާ ކިޔާ ދައްތައެއް،" ހަނާ އިތުރަށް ބުންޏެވެ. "އެއްކަލަ ސްކޫލު ކައިރިން ފެނެއެއްނު! އޭނަ ބުނެގެން މި އިސްލާން ވަނީ."
"ތީ އަހަންނާ ބެހޭ ކަމެއް ނޫން،" އަނިލް އެއް ކަމެއް ވަރަށް ރަނގަޅަށް ހަނދާން ކޮށްދިނެވެ. "ހަނާއަށް ކަލޭ ދެން އެއްވެސް އުނދަގުލެއް ކޮށްގެން ނުވާނެ. އަދި ވެސް އެއް ވާހަކަ. ހަނާއަށް ކަލޭމެން ދެން އިތުރު ޖެއްސުމެއް ކޮށްގެން އަހަންނާ ކަލޭމެންގެ ކުރިމަތިލުމަކަށް ދެން އަންނަން ޖެހިގެން ނުވާނެ."
އަނިލް އެހެން ބުނުމުން ހަނާގެ މޫނުމަތިން ނަފުރަތުގެ އަސަރު ފާޅުވިއެވެ. ރުޅިއައިސްގެން ފުން ނޭވާތަކެއް ވެސް ލިއެވެ.
"އަހަރެން ނޫޅެން ކަލެޔާ ކުރިމަތިލާކަށް،" ހަނާ އެއްބަސްވިއެވެ. "ކަލެއަކީ ވަރަށް ނުލަފާ މީހެއް."
"އަހަނ! ތިހިރީ ކަލޭމެންގެ ވިސްނުން ހުންނަ ގޮތް،" ހިނިއައިސްފައި އަނިލް ބުންޏެވެ. "ކިހާ ރަނގަޅަށް ކަލޭމެންނަށް ކަންތައް މި ކޮށްދިނީ؟ ކަލޭމެންގެ ތެރެއިން ކިހާ ބަޔަކު އިސްލާން ވާނެ؟"
"ބޭރުން ވެސް ބަޔަކު އެބަ ހަޅޭއްލަވާ!" ބިއްދޮށަށް ބޯ އަނބުރައިލައިފައި ހަނާ ބުންޏެވެ. "އެ އެންމެން ވެސް އިސްލާން ވާން ބޭނުމޯ އެބަ ގޮވާ!"
އަނިލް ބެލީ އެއީ ރަނގަޅު ފުރުސަތެއް ކަމަށެވެ. ދޮގަކަށް ވިޔަސް އެއިން ލިބޭނެ ގެއްލުމެއް ނެތެވެ. ތެދަކަށް ވެއްޖެއްޔާ ކިތަންމެހާ ވެސް ރަނގަޅެވެ. އަނިލް އެ ދައުވަތު ގަބޫލުކުރިއެވެ.
"އިސްލާން ވާން ބޭނުން އެންމެން ވައްދާ!" އަނިލް އެދުނެވެ.
ހަނާ އެއްޗެއް ނުބުނެ އިރުކޮޅެއް ދިޔައެވެ. ބަޔަކު ވަން ތަނެއް އަނިލް އަކަށް ނުފެނެއެވެ. އިތުރު އެއްވެސް އަޑެއް ވެސް ނީވެއެވެ. މައްސަލައަކީ އެއީއެވެ. ޖިންނީންގެ ދުނިޔޭގައި ހިނގާ ހުރިހާ ކަމެއް ރާޤީ "ބަލަންޖެހޭނީ" ބަލިމީހާގެ ދުލުންނެވެ.
"އެއް ލައްކަ ތިރީސް ދޭއް ވަދެއްޖެ!" ހަނާ ބުންޏެވެ. "ވަރަށް ގިނަ ބަޔަކު މި ފަހަރު އިސްލާން ވާނެ."
އެއީ ތެދެއްކަން އަނިލްއަށް ކަށަވަރު ކުރެވޭނެ އެއްވެސް ގޮތެއް ނޯވެއެވެ. ޖިންނީންނަކަށް އިސްކޮޅެއް، ބައްޓަމެއް ނުވަތަ ބަރުދަނެއް ނުވެއެވެ. އިނގިލީގެ ނިޔަފަތި ދަށުގައި ވެސް އެތައް ހާސް ބަޔަކަށް ފިލައި ތިބެވިދާނެއެވެ.
"އިސްލާންވާން ބޭނުން ނުވާ އެންމެން ނެރޭ!" އަނިލް އެދުނެވެ.
"މަ ބުންޏަކަސް ނުނިކުންނާނެ." ހަނާ ޖަވާބުދިނެވެ.
"އުހުނ! އެ ބަޔަކު މި ތާ ތިބެގެން ނުވާނެ. ދުރުގަ ބަލަން ތިބެގެން ވެސް ނުވާނެ." އަނިލް ހިތްހަމަނުޖެހިފައި ބުންޏެވެ.
"ކުޑަކޮށް މަންޒަރު ބަލާލަން ބައިތިއްބަ ބަލަ!" ހަނާ އެދުނެވެ.
ޖިންނީގެ އެހެން މަގުސަދެއް އޮތްހެން އަނިލްއަށް ހީވީ އެ ހިސާބުންނެވެ. ދީން ބަދަލުކުރުމަކީ ޖިންނިސައިތާނުން އެންމެ ނުރުހޭ ކަންތަކެވެ. ވަކީން ހާއްސަކޮށް އިސްލާން ދީނަށް ދައުވަތުދޭ އަޑުއަހާކަށް ވެސް އެ މަޚުލޫގުން ބޭނުމެއް ނުވާނެއެވެ. ބަންގި ގޮވާ އަޑު އިވެން ފެށުމުން އެ އަޑު ނާހަން ހަޅޭއްލެވުމާއި ކަންފަތުގައި އަތްއެޅުމަކީ ވެސް ޖިންނިސައިތާނުން އާންމުކޮށް ކުރާ ކަމެކެވެ. އެ ވަރުން ނުފުދިއްޖެއްޔާ އެ ތަނަކުން ފިލައި ރައްކާވާނެއެވެ. ވީމާ، ޖިންނީންގެ ބަޔަކު އިސްލާން ދީން ގަބޫލުކުރާ ތަން ބަލަން ބަޔަކު ތިބޭނެ ހެއްޔެވެ؟ އަނިލްގެ ބުއްދި ގަބޫލެއް ނުކުރެއެވެ.
"އުހުނ! އެއްވެސް ވަރަކަށް ނުބެލޭނެ،" އަނިލް އެއްބަހެއް ނުވިއެވެ. "ހަމަ މިހާރު ނެރޭ!"
"އާނ! މަޑުކުރޭ! މި ބުނަނީ!" ހަނާ ވެސް އެއްބަސް ވިއެވެ.
ހަނާ އެނބުރުނީ ކުޑަދޮރާ ދިމާއަށެވެ. އަދި އެހެން އޮވެގެން ތުންތެޅުވިއެވެ.
"ކޮން ތުނމެއް ތި ތަޅުވަނީ؟" އަނިލް ސުވާލުކުރިއެވެ. "ކަލޭމެން ސިހުރުހަދަނީތަ؟"
"ސާބަހޭ ދެން،" ހިތްހަމަނުޖެހިފައި ހަނާ ބުންޏެވެ. "ސިހުރެއް ނަހަދަމޭ! އަހަންނަކަށް ނޭނގެ ސިހުރުހަދާކަށް ވެސް."
ހަނާ އެތައް އިރަކު ތުން ތަޅުވައިފައި އެ ބަޔަކު ހިނގައްޖެ ކަމަށް އިޝާރާތުން ބުނުމުން އަނިލް ޝަހާދަތް ކިޔައިދިނެވެ. އަޑު ދަށުން "ހަނާ" ވެސް ޝަހާދަތް ކިޔެވެ. ހަނާގެ ރާގުގައި އެއްވެސް ކެހިވެރިކަމެއް ނެތެވެ.
"މިހާރު ދެން ތި އިސްލާން ވީ،" އަނިލް ވަރަށް އުފަލާ އެކު ނަސޭހަތްދިނެވެ. "ދެން ކަލޭމެން އައިސް އިންސާނުންނަށް އުނދަގޫކޮށް، އިންސާނުންގެ ތެރޭގަ އުޅެގެން ނުވާނެ. އަހަރެން މި ކުރި އެއްވެސް ކަމަކީ އަހަރެންގެ ބާރެއް ހުރެގެން އަހަންނަށް ކުރެވުނު ކަމެއް ނޫން. އަހަންނަކީ ވެސް ﷲ ގެ އަޅެއް. ހުރިހާ ބާރެއްގެ ވެރިފަރާތަކީ ﷲ. ހުރިހާ އެއްޗަކާ، ތަނަކާ، ކަމަކާ، އިލްމެއްގެ ވެސް ވެރި ފަރާތަކީ ﷲ. މި އިލްމަކީ ﷲ އިރާދަކުރައްވާ އަޅަކަށް ދެއްވާ އެއްޗެއް."
އަނިލް ވާހަކަދައްކާ ވަގުތު "ހަނާ" ކޮންމެވެސް އެހެން ކަމެއް ކުރާހެން އަނިލްއަށް ހީވިއެވެ. އަނިލްއަށް އެ ކަން އެނގެނީ ހަނާގެ ހަށިގަނޑަށް އަންނަ ކުދިކުދި ބަދަލުތަކުގެ ސަބަބުންނެވެ.
"ތި ބުނީ ޖިންނި ބާރުގެ ވާހަކަތަ؟" ލާނެތް ރާގަކަށް ހަނާ ސުވާލުކުރިއެވެ.
"ކޮން ޖިންނި ބާރެއް؟" އަނިލް ހިތްހަމަނުޖެހިފައި ބުންޏެވެ. "ކަލޭ ހީނުކުރައްޗޭ މީ ޖިންނި ބާރުކަމަށް. ތިހެން ކިޔައިގެން ކަލޭ އިންސާނުން މަގުފުރައްދާތީ އަދިވެސް ތި ކަހަލަ ހިޔާލު ތި އަންނަނީ. މީކީ ޖިންނި ބާރެއް ނޫން. ބަލިމީހާގެ މައްޗަށް އަހަރެން މި ކިޔަވަނީ ޤުރުއާނުން ސާބިތުވާ ދުއާތައް. އެ ދުއާތައް ވަގުތުން ވަގުތަށް އިޖާބަވުމަކީ ﷲ ގެ ކުޅަދުންވަންތަކަން. އަހަރެންގެ ނޫނީ ޖިންނީގެ މޮޅުކަމެއް ނޫން އެއީ. ކަލޭމެން ދެން އިސްލާން ދީން ދަސްކުރާށޭ ކިޔާފަ ވެސް އިންސާނުން ކައިރިއަށް އައިސްގެން ނުވާނެ. މީ ހަމަ އިންޒާރެއް."
"އާނ ނާންނާނަމޭ. އޭ! ޚަދީޖާ އަތުވެއްޖެ!" ހަނާ ކުއްލިއަކަށް ބުންޏެވެ.
"އަހަނ! ތި ސަކަރާތްވީ!" އަނިލް ބުންޏެވެ. "އޭނަ ނެރޭ!"
ފަރުދާގެ ބިއްދޮށުގައި ނިއުޅެމުންދާ ސިއްރުތައް މަޑުމަޑުން ހާމަވާން ފެށިއެވެ. އަނިލް ހުރީ ވަރަށް ތައްޔާރުވެގެންނެވެ.
"އެއީ ކީއްވެ؟" ހައިރާންވެފައި ހަނާ އެހިއެވެ. "އޭނައަކީ މުސްލިމް ޖިންނިއެއްނު!"
"އޭނަ ނެރޭ!" އަނިލް ބުންޏެވެ. "އަހަރެން ﷲ އަށް ދަންނަވާނަން ކަލޭމެންނަށް އިސްލާން ދީން ދަސްކޮށްދޭން ކަލޭމެންގެ ތެރެއިން އެހެން ބަޔަކު މި ތަނަށް ފޮނުވަން. އެ ބަޔަކު އައިމަ ކަލޭމެން ކޮންމެހެން އަހަރެން ކައިރީގަ އެ ބަޔެއްގެ އަދަދާ، ތިބި ގޮތަކާ ބުނާނެ ކަމެއް ވެސް ނެތް. އެ ބަޔަކާ އެއްކޮށް ކަލޭމެން ދޭ. އެ ނިމުނީ. އަލަކުން ދެން އެ ބަޔަކު މި ތާކަށް ނާންނާނެ."
"ކީކޭ ކިޔައިފަ ކަލޭ ދުއާކުރާނީ؟" ހަނާ އެ ކަން ވެސް އޮޅުންފިލުވަން ބޭނުންވިއެވެ.
އެއީ ޖިންނިން ކުރަންޖެހޭ ސުވާލެއް ނޫނެވެ. އެހެން ނަމަވެސް ސުވާލުކުރުމުން ދެން އަޅަންވީ ފިޔަވަޅު އަނިލްއަށް ވިސްނުނެވެ. އަނިލް އެއްވެސް ޖަވާބެއް ނުދިނެވެ.
"އާނ! މައްސަލައެއް ނެތް،" ހަނާ އެއްބަސްވިއެވެ. "އަޅެ ކަލޭ ތި ކިޔަވާ އެއްޗެއް ކިޔަވައިގެން ތި ގެންނަ ބަޔަކު ގެނެސްބަލަ!"
އަނިލް ދުއާކުރިއެވެ. ބޭރަށް އަޑުނީވޭ ވަރަށެވެ. ހުރިހާ ކަމެއް ބަރާބަރަށް ގޮއްސިއްޔާ ދުއާ ނިމޭއިރު މުސްލިމް ޖިންނީންގެ ބަޔަކު ތިބޭނީ އައިހެވެ. އެ ބަޔަކު ތިބޭނީ ހުދު ހެދުމުގައި ހުދު އަސްތަކަކަށް ސަވާރުވެގެންނެވެ. ކޮންމެ ފަހަރަކު ވެސް އޭގެ ބޮޑު ފައުޖެއް އަންނާނެއެވެ.
"ކޮބާ؟" އަނިލް ސުވާލުކުރިއެވެ. "އެއްވެސް ބަޔަކު އަތުވެއްޖެ؟"
"ނާދޭ!" ޗޮކެއްކަނޑައިފައި ހަނާ ބުންޏެވެ. "މި ތާކަށް އެއްވެސް ބަޔެއް ނާދޭ!"
ނުނިމޭ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލި ބެ
23 May 2020
އަޅުގަނޑަށް ހީވަނީ މި ބޭފުޅުން ކޮމެންޓް ކުރައްވާއިރު މިވާހަކައިގެ ނަން ނު ބައްލަވަނީ ހެން އެހެންނަ މީގާ ބޮޑު އަކުން ލިޔެފަ އެއޮތީ "ޖިންނިއެއް ގެ ސަކުވާ" ވިޔަ އެހެން ވީމާ މިވާހަކާއިގަ އޮންނާނީ އެމީހުން ގެ ސިކުވާނު. މޮޔަދިވެހިން.
ޝެއިޚްް ޖިންނި
21 May 2020
އިސްލާން، ދީނެއްނޫން،، އިސްލާ މް ދީން
ދިގު ހާސަރު
20 May 2020
ނަސީބެއް މި ވާހަކަ ނުކިޔުންކަން. ފްރެންޑެއް ބުނެގެން ކޮމެންޓްސް މި ކިޔާލީ. ބިންމާއޭ ބުނީމަ ހޭބަލި ވާނޭ ބިންމާއަށް ހީވެގެންތަ ބޮޑު ހާސަރެއް ތި ލިޔުނީ
ބޭކާރު
20 May 2020
ބިންމާ ހެޔޮނުވާނެ މިއޮށްފަދަ ރޯދަމަހު މީހުން ހޮޑު ނުލައްވަބަލަ. އެއްޗަކަށް އެއްޗެއް ލިޔާކަށް ނުވާނެއެއްނު. އާމްދަނީ ހޯދުމުގެ މަގްސަދުގައާއި ކިޔުންތެރިނަށް މުނިފޫހިފިލުވުމުގެ ބޭނުމުގަ ގެނެސްދޭ އެއްޗެހި ވިއްޔަ! ހެޔޮގޮތުގަ ބޭނުންކޮށްބަލަ
ބޮޑު ފޫހި
20 May 2020
ބިންމާއަށް ހީވީ ކޮންމެ ހާސަރެއް ދެމިޔަސް މީހުން ތިބޭނީ ދެމިޔަކަނުން ސޮނި ވެއްޓޭ ވަރުވެފައޭތަ؟ ރޯދަމަހު އެެއްޗެއް ލިޔާހިއްނެތިއްޔާ ތި ހާސަރު ދެމިގަޑީގަ ތަންކޮޅެއް ބޭނުންތެރި މަސައްކަތެއް ނޫނީ އަޅުކަމެއް ކޮށްލިނަަމަ
ބޮޑު ހާސަރު
20 May 2020
ބިންމާ ކީއްކުރަން ދެމި ހާސަރެއްކަން ބުނެލަ ދޭތި! ކޮން ބޭނުމެއް އޮވެގެން ކޮން މަގުސަދެއް ހާސިލް ކުރަން ދެމި ފަތިވަރެއްހޭ! އޮށްޓަރެއް ނެތްތާ ކުންނުވެސް ނެތް. ކޮންމެ އެޕިސޯޑެއް ކީ އޭ ހީނުކުރާތި! ހަމަ މަތިމަތިން ދުއްވާލީ ލިޔެފަ އޮތީ އެކައްޗެއް ތޯ ބަލާލަން
ޤާރީ8
20 May 2020
މޮޅު ރާޤީއެކޭ ދޯ. ހަމަ ދުޢާކޮށްލީ، ޓަޓަސް..
ދީނަކީއިސްލާމްދީން1
20 May 2020
ދުނިޔޭގައި އެއްވެސް ޤައުމެއް އޮވޭބާ، އެބަޔެއްގެ ދީނުގެ ނަންވެސް އޮޅުވާލައިގެން ކިޔާ،، މިރާއްޖެ ނޫނީ. ވެދާނެ ދީނުގެ ނަންވެސް 'ދިވެހި' ކޮށްލަނީކަމަށް ދޯ. އެކަމަކު މުސްލިމް ނޫން ޤައުމުތަކުގެ މީހުންވެސް މިދީނުގެ ނަން ކިޔަނީ ރަނގަޅަށް. ޖޯޖް ބުޝްއަށްވެސް، ޑޮނަލްޑް ޓްރަމްޕްއަށްވެސް، ނަތަންޔާހޫއަށްވެސް 'އިސްލާމް' ކިޔަން އެނގޭ.
ބުރަފަތިކަނބުލޮ
20 May 2020
ވަރަށް ފައްކާ ވާހަކައެއް. ސަޅި.
އަހުމަދު ސަޢީދު
20 May 2020
އަހަރެން މި ހަވީރު ނޫހާއި އަދި ފަހުން މިހާރު ނޫހުގައި ބިންމާ ލިޔަމުންދާ ވާހަކަތައް ވަރަށް ކިޔައިފީމެވެ.ހަމަތެދެކެވެ.މިވަރުގެ ފޫހިވި ދިގު ވާހަކައެއް ދުވަހަކުވެސް އަދި ނުކިޔަމެވެ.އެއްވެސް ކްރިއޭޓިވިޓީއެއް ނެތީއެވެ.ތާކުން ތާކު ނުޖެހޭ ސިފަކުރުންތައް ގިނައީއެވެ.ހީވަނީ ރުގްޔާ ޓިއުޓޯރިއަލް އެއް ހެންނެވެ.ވާހަކަ ނިންމާލައި އަޅެ ބްރޭކެއް ނަގާފައި އެހެން ވާހަކައެއް ފަށާބަލާށެވެ.އ