ޑާކް ރެއިން އެންޓަޓައިންމަންޓްގެ "ނޮވެމްބަ" އަންނަ އަހަރަށް ފަސްކޮށްފި

ޑާކް ރެއިން އެންޓަޓައިންމަންޓުން އަންނަ ޖުލައި މަހު ސިނަމާއަށް ގެންނަން ނިންމާފައި އޮތް ފިލްމު "ނޮވެމްބަ" އަންނަ އަހަރަށް ފަސްކޮށްފި އެވެ.


ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ހެދި، މި އަހަރު ފިލްމު އަޅުވާނެ ރައްކާތެރި މާހައުލެއް އޮތް ކަމަށް ނުފެންނާތީ އަންނަ އަހަރަށް ފިލްމު ފަސްކުރި އިރު، ފިލްމު ގެނެސްދޭނެ އިރެއް ސްޓޫޑިއޯ އިން ނުބުނެ އެވެ.

ކުރިން އޮތް ގޮތުން ނަމަ "ނޮވެމްބާ" އަޅުވަން އޮތީ ޖުލައި މަހުގެ 6 އެވެ. މި ފިލްމަކީ އަލީ ޝިފާއު (ޗިއްޕެ) އާއި ފިލްމުގެ ސްކްރީންޕްލޭގައި ވެސް ހިއްސާވި އައިޝަތު ފުއާދު ތައުފީގު ޑައިރެކްޓްކޮށްފައިވާ އަސަރު ގަދަ ލޯބީގެ ފިލްމެކެވެ.

މާލެ އާއި އައްޑު އާއި ލ. އަތޮޅުގެ އިތުރުން ކ. އަތޮޅުގެ ބައެއް ރަށްރަށާއި ސިންގަޕޫރްގައި ވެސް މަންޒަރުތައް ނަގާފައިވާ "ނޮވެމްބާ" ގެ ސްކްރީންޕްލޭ ލިޔުނީ އައިޝަތާއި އަހުމަދު ތޮލާލެވެ.

މި ފިލްމުގެ ތަރިންނަކީ ޖުމައްޔިލް ނިމާލު (ޖުމަލް) އާއި މަރިޔަމް މަޖުދާ އެވެ. އަދި ބޮޑު ކާސްޓެއް ފެނިގެންދާ "ނޮވެމްބާ" ގެ ވަރަށް ހާއްސަ ރޯލަކުން ކުރީގެ އެކްޓަރު އިސްމާއީލް ވަޖީހު ވެސް ފެންނާނެ އެވެ.

ޑާކް ރެއިނުން "ނޮވެމްބާ" އަންނަ އަހަރަށް ފަސްކުރި އިރު، އެ ސްޓޫޑިއޯ އިން މި އަހަރު އިއުލާންކުރި ފިލްމުތަކުގެ ތެރޭގައި "ބަޅިނދު" އާއި "ބައިސާ" އާއި "ކައިވެނީގެ އަމާޒު" ގެ އިތުރުން "ރެހެން ހަދީޖާ" ވެސް ހިމެނެ އެވެ. މީގެ ތެރެއިން "ބަޅިނދު" އަކީ ޝޫޓިން ވެސް ފަށާފައި އޮތް ފިލްމެކެވެ.

މިދިޔަ އަހަރު ގެނެސްދިން ފިލްމު "މާމުއި" އިން ކުރިފަޅުވައިގެން "ފައްކަލޭ" ގެ ނަމުގައި ވަނީ ވެބް ސީރީޒެއް ވެސް ގެނެސްދޭން ޑާކް ރެއިނުން އޮތީ އިއުލާންކޮށްފަ އެވެ.