31 މެއި 2020 - 09:26
ބުދަ ދުވަހާ ގުޅޭ
"ކިރުޕެކެޓު ގެނައުމުގެ ކުރިން ގޮތެއް ނިންމާ!" ހަނާގެ ކަންފަތާ ދިމާއަށް ގުދުވެލައިފައި މަޑުމަޑުން އަނިލް ބުންޏެވެ. "ކިރުޕެކެޓު މި ތަނަށް ގެނެއްސިއްޔާ ހަނާ އެ ނުބޯނެ ގޮތެއް ނޯންނާނެ. ދޯ ހަނާ! ކިރުޕަކެޓު ހަމަ ދޭ އިރަށް ބޯލާނަމެއްނު!"
"އާނ!" ވަގުތުން ހަނާ ޖަވާބުދިނެވެ. އަދި އިރުކޮޅަކު މަޑުކޮށްލައިފައި ބުންޏެވެ. "އަހަންނާ ދިމާއަށް ބުނެފި މީ އަދި ހާދަހާ ވަރުގަދަ މީހެކޯ. އަދި ބުނެފިއެއް ނޫންހޯ އާނއެކޭ! ކިރަކީ މީނައަށް މީރު އެއްޗެއް ވެސް ނޫނޯ!"
ބައެއް ފަހަރު އަނިލް ގާތަށް ހިނި ވެސް އާދެއެވެ. ޖިންނިސައިތާނުންގެ ބާރު ކެނޑި ނިކަމެތިވާ ގޮތް ފެނުނީމައެވެ. އެހެންނަމަވެސް ރުޤްޔާކުރާ ގަޑީގައި އެއް ގޮތެއްގައި ސާބިތުވެ ހުރުމަކީ މުހިންމު ކަމެކެވެ. މާ ބޮޑަށް ސަމާސާކޮށް ޖިންނީން ބޮލަށް ސަވާރުކުރުމަކީ ވަގުތު ބޭކާރުވުމުގެ އިތުރަށް ނާކާމިޔާބާ ކުރިމަތިލާން ޖެހޭ ކަމެކެވެ.
"މީރު ނޫނަސް ހެވޭ!" އަނިލް ވާހަކަދެއްކީ ތަންކޮޅެއް ހަރުކަށިކޮށެވެ. "އޭނަ އެ ބުނީނު ބޯނަމޭ. ކަލެޔަށް ރަނގަޅަށް އެނގޭނެ އޭނަ އެ ބޮއިފިއްޔާ ދެން ވާނެ ގޮތް."
ހަނާގެ ބަނޑުގައި ހުރި ސިހުރާ ހަވާލުވި ޖިންނިޔާ އަނިލް ވާހަކަދައްކަމުން ގެންދަނިކޮށް ކިރުޕަކެޓާއި ޒައިތޫނި ތެޔޮ ހިފައިގެން ނާހިދު ވަނެވެ. ނާހިދުގެ ފަހަތުން ހަނާގެ މައިދައިތަ ޒާހިދާ ވެސް ވަނެވެ. ޒާހިދާއަކީ ސިހުރު ހެއްދި ކަމަށް ޝައްކު ކުރެވޭ މީހެކެވެ. އަނިލް ހިތަށްއެރިއެވެ. ނާހިދުގެ ފަހަތުން ޒާހިދާ ވަނީ ކީއްވެގެން ހެއްޔެވެ؟ އަނިލް ކިޔަވަން ފެށިއެވެ. ކިރަށް ޒައިތޫނި ތެޔޮ އަޅައި ތައްޔާރުކުރީ ނާހިދެވެ.
"އޭނަ ކޮންމެހެން އެ ބޯނެ ކަމެއް ނެތޯ. އަހަރެން އެ ސިހުރު ނަގާފާނަމޯ!" ގޮތް ދޫކުރަން ތައްޔާރަށް ހުރިކަމުގެ ޚަބަރު ޖިންނި ފޮނުވީ ވެސް ހަނާ މެދުވެރިކޮށެވެ. "މަ ބޭނުމޯ ކަލެއަށް އެހީވާން."
އިންސާނަކު ސިހުރު ހެދުމުން އެ މަސައްކަތާ ހަވާލުވަނީ ޖިންނީންގެ ތެރެއިން ވަރުގަދަ މަޚުލޫގުންނެވެ. އެއީ އިންސާނާގެ އަތުން ފަހުން ބަދަލު އަތުލާ ގޮތަށް ކުރާ ވިޔަފާރިއެކެވެ. އެއަށް ފަހު ސިހުރު ވަޅުލަންވާ ތަނެއްގައި ވަޅުލުމަށް ފަހު ފާރަވެރިވެގެން ހުންނަން ހަވާލުކުރަނީ އެ ކަމަށް އިސްކޮށްފައި ތިބޭ އާދައިގެ ޖިންނީންގެ ތެރެއިން ޖިންނިއަކަށެވެ. ބައެއް ފަހަރު އެ ޖިންނި އަނެއްކާ އެހެން ޖިންނިއަކާ ވެސް ހަވާލުކުރެއެވެ. އިންސާނުން މަސައްކަތާ ހަވާލުވެފައި އެ މަސައްކަތް އެހެން މީހަކާ ހަވާލުކުރާ އުސޫލުންނެވެ. އަނިލް ވާހަކަދައްކަމުން ގެންދިޔައީ ކިތައް ވަނަ ފާރަވެރިޔާޔާއާ ކަމެއް އަނިލް އަކަށް ވެސް ނޭނގެއެވެ. ވަރަށް ވަރު ކޮށްލީމައި ނޫނީ ޖިންނިސައިތާނުން އެ ވާހަކަތަކެއް ކިޔައެއް ނުދޭނެއެވެ.
"އުހުނ! ދެން ކޮންމެހެން ކަލޭ އެ ސިހުރު ނަގާނެކަމެއް ވެސް ނެތް!" އެހީތެރިކަމަށް އިންކާރުކުރަމުން އަނިލް ބުންޏެވެ. "މާ ކުރިން މަ ބުނީމެއްނު ކިރުޕަކެޓު ގެނައުމުގެ ކުރިން ގޮތެއް ނިންމާށޭ. މިހާރު ވަގުތު ފާއިތުވެއްޖެ!"
ލިބުނު ފުރުސަތުގައި އަނިލް ވެސް ބެލީ ވީހާ ވެސް ގަދަކޮށްލެވޭތޯއެވެ. އެ މަންޒަރު ބަލާކަށް ޖިންނި އަކަށް ކެތެއް ނުވިއެވެ. ތެޅިފޮޅިގަތެވެ. ކިރު ތައްޔާރުކޮށްފައި ފުޅިޔަކަށް އަޅައިގެން ނާހިދު އައެވެ. އަނިލް އަތަށް ދިނެވެ.
"އިހަށް ތި ފުޅި ދުރުގަ ބަހައްޓާށޯ!" ހަނާ އެދުނެވެ. "މަ އޭތި ނެގީމަ ބޯލާށޯ!"
"އެއީ ކީއްވެ؟" ނޭނގޭ ކަމަށް ހެދިފައި އަނިލް އެހިއެވެ.
"އޭރުން މަށަކަށް ނުވާނެ ނޫންހޯ އެއްވެސް ކަމެއް!" ހަނާ ބުންޏެވެ. "މަށަށް ދެވޭނެ ނޫންހޯ! ސިހުރު އޮއްވާ ބޮއިފިއްޔާ މަ ވެސް ހަލާކުވާނޯ! މަށަށް ވަރިހަމަޔޯ ބުޔަސް. އެކަމަކު އޭތި ނެގީމަ ބޯލާށޯ!"
ދެވަނަ ފުރުސަތެއް ދޭން ވެސް އަނިލް ހުރީ ތައްޔާރަށެވެ.
"ސިހުރު ލާންވީ އެތި ވެސް ތައްޔާރުކޮށްފަ މިހިރީ،" އަނިލް ބުންޏެވެ. "ހަމަ ނެގުމާ އެކު މިއަށް ވައްޓާލީމަ ނިމުނީ. މަކަރުނަހަދައްޗޭ!"
"އާނއެކޯ!" ޖަވާބުގައި ހަނާ ބުންޏެވެ. "މަ ހަލާކުވާން މަ ވެސް ބޭނުމެއް ނުވާނެ ނޫންހޯ! މަށަކީ ޕްރިންސެކޯ! މަ ބޭނުމޯ އަރާމުކޮށް ގިނަ ދުވަހު ދުނިޔޭގަ އުޅެން."
"އަހަންނަށް ވަރިހަމަ ޕްރިންސަކަސް،" ޝައުގުވެރިކަމެއް ނެތި އަނިލް ބުންޏެވެ. "ނަގާ!"
ޖިންނީން ލައްވާ ސިހުރު ނަގުވާ އިރު އެ ސިހުރެއް އިންސާނުންގެ ލޮލަކަށް ނުފެންނާނެއެވެ. އަނިލް އަކަށް ވެސް ނުފެނެއެވެ. ހަމަ އެކަނި ފެންނާނީ ބަލިމީހާ ކުރާ ހަރަކާތަކެވެ. ލޯމަރައިގެން އެނދުގައި އޮތް ހަނާ ވެސް އެ ފަދަ ހަރަކާތްތަކެއް ކުރިއެވެ. ނުފެންނަ އެއްޗެއް މުށުތެރެއަށް ލައިގެން އަނިލްއާ ދިމާއަށް އަތް ދިއްކޮށްލިއެވެ. ކުރިއްސުރެ ކިޔަވައިފައި ހުރި ކުޑަ ފެން ބާލިދީ އަނިލް ދިއްކޮށްލިއެވެ.
"ވައްޓާލާ!" އަނިލް އެދުނެވެ.
ހަނާ މުށް ހުޅުވައިލި ވަގުތު ފެންގަނޑު ކުޑަ ހަލަބޮލިކަމެއް އައިހެން ހީވިއެވެ. ފެނުގެ ކުލަޔަކަށް ބަދަލެއް ނާދެއެވެ. އަންނާކަށް ނުވެސް ޖެހޭނެއެވެ.
"ދެން ތި ބޯ އެއްޗެއް ބޯށޯ،" ހަނާ ވާހަކަދެއްކިއެވެ. "މަ މި ރައްކާވަނީޔޯ! ތި ބޮއެގެން ތިބޭށޯ ހެވި ދިލިފަ!"
އެ ހިސާބުން އޭނަޔާ އަނިލްއާ ދެމެދުގައި އޮތް ގުޅުން ކެނޑުނެވެ. އަނިލް ނިންމީ އޭނަ ދިޔައީ ކަމުގައެވެ. އިރުކޮޅަކުން ހަނާ ލޯ ހުޅުވިއެވެ. ހަނާ ބުނި ގޮތުގައި ހީވީ އަލިގަނޑެއް މައްޗަށް އަރައިގެން ދިޔަހެންނެވެ. އޭގެ ފަހުން އޭނަގެ އެއްވެސް ޚަބަރެއް ނުވެއެވެ. އަނިލް ކިރުފުޅި ދިއްކޮށްލިއެވެ.
"މާ މީރެއް ނުވާނެ އިނގޭ. އެއް ނޭވަޔަކުން ނުވެސް ބޮވޭނެ." ކުރީ ބައިގައި އަނިލް ބުންޏެވެ.
ކުޑަކޮށް ނުތަނަވަސް ވެ އިނދެގެން ފުޅީގައި ހަނާ ހިފިއެވެ. ރިޒްވާނާއި ޒާހިދާ ނޭވާ ހިފަހައްޓައިލައިގެން ތިއްބެވެ. އެ ހިސާބަށް ގޮސްފައި ވެސް ބަލިމީހާގެ އަތުން ފުޅި ވެއްޓިފައި އެބަ ހުއްޓެވެ. ވަކި ހިސާބަކަށް ބޮއިފައި ދެން ކުރިޔަށް ނުދާ ފަހަރު ވެސް އާދެއެވެ. ޖިންނިސައިތާނުންގެ ތެރެއިން އެންމެ ވަރުގަދައީ މާރިދުންނާއި އިފުރީތުންނެވެ. އެ ފަދަ މަޚުލޫގުންނަށް މާއްދީ އެއްޗެއްސަށް ބާރުފޯރުވެއެވެ. ގޮނޑިއާއި މޭޒު ކަހަލަ އެއްޗެހި އެއް ތަނުން އަނެއް ތަނަށް ގެންދެވެއެވެ. މީހަކު ހިފައިގެން ހުންނަ ފުޅިއެއް ވިއްސައިލުމަކީ ވެސް ނުކުރެވޭނެ ކަމެއް ނޫނެވެ. ސާބިތުކަން މަތީގައި ތިބީ އަނިލްއާއި ނާހިދެވެ. ހަނާ ހޮޑުލާނެ ކަމަށް ބަލައިފައި އެ ކަމަށް ބޮޑު ތައްޓެއް ހުރީ ތައްޔާރުކޮށްފައެވެ. އަނިލް ދޭތެރެއަކުން ޒާހިދާއަށް ވައްކަޅިން ބަލައިލައެވެ. އޭނަގެ މޫނުމަތިން އަނިލްއަށް ފެނުނީ ލޯބިވާ މަޔެއްގެ މޫނުމަތިން އެ ފަދަ ވަގުތެއްގައި ފެންނާނެ ފަދަ ހިތްދަތިކަމެކެވެ. ހަނާ ކިރުފުޅިން ކޯވަރެއް ބޮއިލިއެވެ. ޔަގީނުން ވެސް އެ ކޯވަރު އަރުތެރެއިން އެތެރެއަށް ދިޔައެވެ. ދެވަނަ ކޯވަރެއް ވެސް ބުއެވެ. ހޮޑުލާން ގެނައި ތަށި ހިފައިގެން ހަނާ ކައިރިއަށް ޒާހިދާ ޖެހިލިއެވެ. އެއީ މީހަކު ބުނެގެން ޒާހިދާ ކުރި ކަމެއް ނޫނެވެ. މަންމަޔަކު ދަރިޔަކަށް ކޮށްދޭނެ ކަހަލަ އޯގާތެރި ކަމެކެވެ. ތިންވަނަ ކޯވަރެއް ވެސް ހަނާގެ އަރު ތެރެއިން އެތެރެއަށް ދިޔައެވެ. އެ ހިސާބުން ނިމުނީކީ ނޫނެވެ. ފަހަރަކު ކޯވަރެއް ބޮމުން ގޮސް ފުޅި އެއްކޮށް ހުސްކޮށްލިއެވެ.
"ދެން ހޮޑުލާ!" ހިތާހިތުން އަނިލް ބުނެލިއެވެ.
ހަނާ ފާޑަކަށް ހުއްޓުން އަރައިފައި އިނެވެ. ތަނުގައި ތިބި އެންމެންގެ މޫނަށް ވަކިވަކީން ބަލައިލިއެވެ. އެއީ ނޭވާ ހިފާއްޓައިލަން ޖެހުނު ވަގުތުކޮޅެކެވެ. ދެން ވާނެ ގޮތެއް އެކަކަށް ވެސް ނޭނގެއެވެ. ކުއްލިއަކަށް ހަނާ އޯކަށްދެމުނެވެ. ހޮޑެއް ނުލެވުނެވެ. ދެވަނަ ފަހަރަކު ވެސް އޯކަށްދެމުނެވެ. ތިންވަނަ ފަހަރު އޯކަށް ދެމިފައި ހޮޑުލާން ފެށިއެވެ. ބުއި ކިރުގެ ބޮޑު ބައި ހޮޑަށް ލިއެވެ. އެ ކަން ނިމުމުން އަނިލް ތަށީތެރެ ބަލައިލިއެވެ. ކިރު ނޫން އެހެން އެއްޗެއް ނެތެވެ. އިރުކޮޅަކުން ކަޅު ކުލައިގެ އެތިކޮޅެއް އަޑިން މައްޗަށް އެރިއެވެ. ބޮޑުމިން ވަނީ އާދައިގެ އަސޭމިރުސް ފުކެއް ވަރެވެ. އެކަމަކު ވަރަށް ތުންޏެވެ. ހީވަނީ ކަރުދާސްކޮޅެއްހެންނެވެ.
ގެއަށް ދާންވެގެން އަނިލް ބޭރަށް ނުކުތްއިރު މަގުމަތީގައި ދުއްވާ އެއްޗެހި ވަރަށް މަދެވެ. ކޯވިޑުނަވާރައިގެ ސަބަބުން މަގުތައް އޮތީ ފަޅުވެފައެވެ. ސައިހޮޓާތައް ބަންދުކޮށްފައި ހުއްޓަސް ކުދި ފިހާރަތައް ހުޅުވައިފައި ހުއްޓެވެ. އެ ތަނުން ފިހާރަޔަަކަށް ވަދެފައި އަނިލްއާއި ނާހިދު ގަތީ ފިނިކުރި ދެ ކޮފީ ދަޅެވެ. ދަޅު ހިފައިގެން އެ މީހުން މަޑުކޮށްލީ ސަހަރާ ފާރު ކައިރީގައެވެ.
"ދެން ކޮން ކަމެއް އޮތީ؟" ނާހިދު އެހިއެވެ.
"އަދި ބައްޕަގެ މައްސަލަ އޮންނާނެއްނު!" ދަޅުން ތުން ނައްޓައިލަމުން އަނިލް ބުންޏެވެ. "އެ ވެސް ހަމަ ކޭސްއެއްނު! އަދި ކޮބާ ގޭތެރެއަށް އެޅި ދޮންވެލި؟ ކޮންމެ އެއްޗަކާ ވަކިވަކީން ޖެހޭނެ ޑީލްކުރަން. އެއްބަޔަކު ދޭއްޗަކާ ހަވާލެއް ނުވާނެ. އަދި އޮތީ ކުރިޔަށް. ދެން އަދި ޖިންނީންގެ ޖެއްސުމުގެ ބައި ފެށޭނީ."
"އަހަރުމެންނަށް އެޓޭކެއް އަތުވެދާނެތަ؟" ނާހިދު ސުވާލުކުރިއެވެ.
އެ ސުވާލަކަށް އަނިލް ޖަވާބެއް ނުދެއެވެ. ވިސްނަން ހުރީއެވެ. ޖިންނީންނަކީ ފާރަލާން ވަރަށް ފޯރިހުންނަ ބައެކެވެ. އިންސާނުން ދައްކާ ވާހަކަ އަޑުއަހާނެއެވެ. ކޮންމެވެސް ބަޔަކު އަބަދުވެސް އަނިލްއަށް ފާރަލާނެކަން އަނިލްއަށް ކަށަވަރެވެ. ބުނެވޭ އެއްޗަކުން މަންފާ ހޯދައިގެން ދަނޑިވަޅަކަށް ބަލަބަލާ އުމުރު ދުވަހު ވެސް ޖިންނީން ތިބެއެވެ. އިންސާނުންގެ އެތަކެއް ދަރިފަސްކޮޅެއް ނެތިގެން ދާއިރު ވެސް ޖިންނިއެއްގެ އުމުރު ހުހެއް ނުވާނެއެވެ.
ރަށްރަށުން ގަސް ގެނެސްގެން ފިހާރަތަކަށް ވިއްކުމަކީ ވެސް އާމްދަނީ ހޯދަން އަނިލް ކުރާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެކެވެ. އަނިލް ދަތުރުކުރަނީ ރައްޓެހިންގެ ދޯނީގައެވެ. ކާށިދޫގައި ހުރި އެއްޗެހިތަކެއް ބަލާ ރައްޓެއްސަކު ކުރި ދަތުރެކެވެ. ކަންނެއްޔަށް ދަތުރުކުރާ ބޮޑު ދޯންޏަކަށް ވެފައި، ކާށިދޫން ގަސްތަކެއް ގެންނަން ޖެހިފައި ވާތީ އަނިލް ވެސް އެ ދަތުރުގައި ބައިވެރިވިއެވެ. ކާށިދޫއިން ފުރަން ހަމަޖެހިފައި އޮތީ ހަވީރުއެވެ. ކަން ދިމާކުރި ގޮތުން އިރު އޮއްސުނުއިރު ވެސް ފުރޭ ގޮތެއް ނުވިއެވެ. ދޯނި އޮތީ ފަޅުގައެވެ. އަނދިރި ރެޔެކެވެ. އަނިލް އެކަނިމާއެކަނި ޖޯލީގައި އޮށޯވެލައިގެން އޮތެވެ.
ނުނިމޭ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިލޭ
01 June 2020
މިހާރު އެބަ ރަނގަޅުވޭ
މަރަދޫ 31 މޭ 2020 23:28
31 May 2020
ވާހަކަ ރީތި އެކަމް ވާހަކަ މާބޮޑަށް ދިގުވެއްޖެވަރަށް ބޮޑަށް ޝުކުރު 5 / 31
ފާތޭ
31 May 2020
ދިވެހިންނަކީ ފޮތްކިޔާބައެއް ނޫން. މީހަކު ފޮތްކިޔާ އަޑުއަހަން ބޭނުންބައެއް ނޫން. އިލްމު އުނގެނުނު އުނގެނުނުހެން ވަނީ ޖާހިލުކަން އިތުރު. ދީނީ އިލްމު ދެކެ ނަފްރަތު ކުރާ އަދި އެހެންމީހަކުވެސް ދީން ކިޔަވަން ބޭނުން ނުވާ ބައެއް. އެހެންވީއިރު ބިންމާ ކީއްކުރަން އެހެންމީހަކުވެސް ލިޔާ މިކަހަލަ ވާހަކައެއް ވާނީ ހުސް ހާސަރަށް. ނިކަން ފާހިޝް އިޝްގީ ލޯބީގެ ވާހަކައެއް ލިޔެބަ. އެވަރެއް ނޯންނާނެ.
ޓައްޕު ތިރީސްތިނެއް
31 May 2020
ވާހަކައެއްގެ ގޮތުގައި ގެނެސް ދިނަސް މީ ހަމަ ރުޤްޔާ ފިލާވަޅެއްގޮތުގައި ބަލައިގެން މިކިޔަނީ. އަސްލު ވަރަށް ގިނަ މައުލޫމާތުލިބޭ. މިހުރިހާ ސެޝަންތަކަށް ފަހުވެސް ހަނާއަށް ރަނގަޅުގޮތަކަށް ވާހަކަ ނިމެންޏާ ނެތްޝަކުވާ އެއް. ވާހަކަ އެއް ގޮތަށްް މި ‘ފިލާވަޅު’ ކިޔާ ހިތް ނުވާ މީހުން މިވާހަކަ ނުކިޔާ ކަމުދާ ވާހަކަ އެއް ހޯދައިގެން ކިޔަން ފެށުމަށްް ގޮވާލަން. ވާހަކަ.ކޮމް ގަ ހުންނާނެ ބޯކޮށް ވާހަކަ. ކިޔާނެ ވަރަކަށް ކިޔަންވީ.
ރަނގަޅު3
01 June 2020
އެކަމަކކު އެނގޭތަ ގިނަ ވާހަކަ ތަކަކީ ރޯމަރު ދޮގުކަން. ޙަދީޘުން ސާބިތުވެޔޭ ކިޔައިގެން ހުސް ބުހުތާނުކަން. މިކަހަލަ ސްޓޯރީޒްތައް ހުރިހާ ކަލްޗަރއެއްގައިވެސް ހުރޭ މިކަހަލަ ގޮތަކަށް.
ސަފާރީ
31 May 2020
މީ ކިޔާލަން ޝައުގުވެރިވި ވާހަކައެއް،އެކަމަކު މިހާރު ފޫހިވެއްޖެ ވާހަކަ ދިގުކުރަން ހަދައިގެން
ހިފެހެއްޓުމެއްނެތް ކަރުނަ
31 May 2020
މި ފަހަކަށް އައިސް ބިންމާގެ ބައެއް ވާހަކަތަކުގެ ފެންވަރު ވަރަށް ދށްވެއްޖެ ކަމުގާ ގަބޫލުކުރެވޭ. އަހަރެންނަކީ އަބަދުވެސް ބިންމާގެ ވާހަކަ ކިޔާމީހެއް. ހަގީގަތުގާ ވަރަށް މަދުންނޫނީ އެހެންމީހެއްގެ ވާހަކައެއް ނުކިޔެ. ކިޔާހިތްވެސް ނުވާތީ ނުކިޔެނީ. ބިންމާއަށް ބުނެލަން ބޭނުންވަނީ މިހާރުވެސް ވާހަކަ މާދިގުވެއްޖެ ކަމުގާ ގަބޫލުކުރެވެލިއްޖޭ ދެންވެސް ކޮޅެއްގާ ޖައްސާފާ ނިންމާލަދެއްވާށޭ. އުންމީދަކީ ދެން ވާހަކަ ކިޔާމީހުންވެސް ހިތްހަމަނުޖެހޭ ކަންކަން ރީތިކޮށް ބުނެދިނުން. އަބަދު ރީތިވާހަކަ ނުދައްކާ. ކަމުނުދާކަމެއް ކަމުނުދާ ކަމަށް ބުނީމަ އެނގޭނީ.
ހިފެހެއްޓުމެއްނެތް ކަރުނަ
31 May 2020
މި ފަހަކަށް އައިސް ބިންމާގެ ބައެއް ވާހަކަތަކުގެ ފެންވަރު ވަރަށް ދށްވެއްޖެ ކަމުގާ ގަބޫލުކުރެވޭ. އަހަރެންނަކީ އަބަދުވެސް ބިންމާގެ ވާހަކަ ކިޔާމީހެއް. ހަގީގަތުގާ ވަރަށް މަދުންނޫނީ އެހެންމީހެއްގެ ވާހަކައެއް ނުކިޔެ. ކިޔާހިތްވެސް ނުވާތީ ނުކިޔެނީ. ބިންމާއަށް ބުނެލަން ބޭނުންވަނީ މިހާރުވެސް ވާހަކަ މާދިގުވެއްޖެ ކަމުގާ ގަބޫލުކުރެވެލިއްޖޭ ދެންވެސް ކޮޅެއްގާ ޖައްސާފާ ނިންމާލަދެއްވާށޭ. އުންމީދަކީ ދެން ވާހަކަ ކިޔާމީހުންވެސް ހިތްހަމަނުޖެހޭ ކަންކަން ރީތިކޮށް ބުނެދިނުން. އަބަދު ރީތިވާހަކަ ނުދައްކާ. ކަމުނުދާކަމެއް ކަމުނުދާ ކަމަށް ބުނީމަ އެނގޭނީ.
ކާލާނެ
31 May 2020
މި ވާހަކައަށް ކިޔަންވީ ޖިންނިއެއްގެ އިންޒާރު
ކަޓޭ
31 May 2020
ކޮވިޑް ޖިންނި.
ފުންއަސަރު
31 May 2020
މިހާރުގެ ބިންމާ ވާހަކަތަށް އެހާ ކަމަކު ނުދޭ. ބައެއް މަދުވާހަކަ. މިވާހަކަ އަކީވެސް ތަކުރާރުވުން ގިނަ ވާހަކައަކަށް ވެއްޖެ. މީކީ ބިންމާގެ ވާހަކަތަކުގާ ކުރިން ފާހަގަ ނުވާ ކަންކަން. ވަރަށް އެދެން މިކަންކަން ރަނގަޅު ކޮށްދެއްވުން. އެހެންނޫނީ ބިންމާއަށް މަމެންގެ އޮތް ލޯބި މުޅިން ނެތިހިނގައިދާނެ. ހެޔޮއެދޭތީ މިބުނީ. ބިންމާއަށް އަދިވެސް ކާމިޔާބަށް އެދެން. ދެންވެސް އެދޭނަން.
ބިންމާނު
31 May 2020
އަމިއްލަޔަށް ވާހަކަ ލިޔެގެން ކިޔާ
ކުރަފަތްބޭބެ
31 May 2020
މި ވާހަކަ ވަރަށް ވަރަށް ރީތި! ޝުކުރިއްޔާ ބިންމާ! ކުރިއަށް އޮތް ބައިވެސް ރީތިވާނެ ކަމަށް އުއްމީދު ކުރަން!