ސިދާންތު.
03 ޖޫން 2020 - 09:20
މިދިޔަ އަހަރުގެ ފިލްމު "ގަލީ ބޯއި" ގައި ރެޕާއެއްގެ ރޯލް ކުޅެގެން ހިތްތައް ފަހަތަކުރި އުންމީދީ ޒުވާން އެކްޓަރު ސިދާންތު ޗަތުރަވެދީގެ ލަވައެއް ކިޔައި އާންމުކުރަން ތައްޔާރުވެއްޖެ އެވެ.
އެ ވާހަކަ އިންސްޓަގްރާމްގައި ހިއްސާކުރަމުން 27 އަހަރުގެ އެކްޓަރު ބުނީ ލޮކްޑައުނާ އެކު ފިލްމާއި ސްޓޭޖް މަސައްކަތްތައް ހުއްޓައިލަން ޖެހުނަސް އުފެއްދުންތެރިކަން ނުހުއްޓޭ ކަމަށެވެ. އެހެންވެ މި ހަފުތާގެ ތެރޭގައި އޭނާގެ ފުރަތަމަ ލަވަ ނެރޭނެ ކަމަށާއި އޭގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް ބުންޏެވެ.
ރަންވީރު ސިންގް ބަތަލުގެ ރޯލް ކުޅުނު "ގަލީ ބޯއި" ގައި ދެއްކި އެކްޓިންއާ އެކު ސިދާންތުވެފައި ވަނީ މިހާރު ބޮލީވުޑްގެ ކެރިއަރު އެންމެ އުޖާލާ އެއް އެކްޓަރުގެ ގޮތުގަ އެވެ. އޭނާ ދެން އެންމެ އަވަހަށް ބޮޑު ސްކްރީނުން ފެންނާނީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން މި އަހަރު ގެނެސްދޭން ތާވަލުކޮށްފައި އޮތް "ބަންޓީ އޯރް ބަބްލީ 2" އިންނެވެ.
ސިދާންތުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ދީޕިކާ ޕަދްކޯނާއި އަނަންޔާ ޕާންޑޭއާ އެކު ކުޅޭ، ޑައިރެކްޓަރު ޝަކުން ބަޓްރާގެ ރޮމޭންޓިކް ތުރިލާއަކާއި ކެޓްރީނާ ކެއިފާއި އިޝާން ޚައްތަރާ އެކު ފެނިގެންދާނެ "ފޯން ބޫތު" ކިޔާ ބިރުވެރި ފިލްމެއް ހިމެނެ އެވެ.
މި ފަހަކަށް އައިސް ވަރަށް ގިނަ ފިލްމީ ތަރިން އަންނަނީ އެ މީހުންގެ ލަވަކިޔުމުގެ ހުނަރު ދައްކައި، ފިލްމުތަކަށް ވެސް ލަވަކިޔުމުގެ ފުރުސަތު ހޯދަމުންނެވެ.
އޭގެ ތެރޭގައި ސަލްމާން ޚާނާއި ޕްރިޔަންކާ ޗޯޕްޅާ އާއި ފަރުޙާން އަޚްތަރާއި ޝްރަދާ ކަޕޫރާއި އާލިއާ ބަޓާއި އަޔޫޝްމަން ކްރާނާ އާއި ޕަރިނީތީ ޗޯޕްޅާ ފަދަ ތަރިން ފާހަގަކޮށްލެވެ އެވެ.
އަދި މިދިޔަ މަހު ބަތަލާ މަދޫރީ ޑިކްސިޓް ވެސް ވަނީ އަމިއްލަ އަޑުން ރެކޯޑްކުރި ލަވައެއް ނެރެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy