ސުޝްމިތާ.
04 ޖޫން 2020 - 09:12
ކުރީގެ ބަތަލާ އަދި މިސް ޔުނިވާސް ސުޝްމިތާ ސެން 10 ވަރަކަށް އަހަރު ފަހުން އެނބުރި އެކްޓިން އަށް އަންނަ ވެބް ސީރީޒް "އާރިއާ" ގެ ޓީޒާއެއް ދައްކާލައިފި އެވެ.
އޭގައި ފެންނަނީ ސުޝްމިތާ ވޯކްއައުޓް ސެޝަނެއްގެ ތެރޭގައި ވާތަކެއްގައި އެލިގެން އެކޮޅުކޮޅުން އޮއްވަ އެވެ. "އާރިއާ" ގައި އޭނާ ފެންނާނީ ވަރުގަދަ ކެރެކްޓާއަކުންނެވެ. ވެބް ސީރީޒަށް ނަން ދީފައި ވަނީ ސުޝްމިތާ ކުޅެފައިވާ ކެރެކްޓާގެ ނަމުންނެވެ.
މީގެ ޑައިރެކްޓަރަކީ 2016 ގައި ރިލީޒްކުރި ސޯނަމް ކަޕޫރްގެ ފިލްމު "ނީރުޖާ" ގެ ޑައިރެކްޓަރު ރާމް މަދަވާނީ އެވެ. "އާރިއާ" ހެ ޓީޒާއެއް ދައްކައިލި ނަމަވެސް މިއާ ބެހޭ މާ ގިނަ މައުލޫމާތުތަކެއް މިހާތަނަށް ހާމައެއްނުކުރެ އެވެ. އެކަމަކު މިއީ 2010-2017 އަށް ގެނެސްދިން ނެދަލެންޑްސްގެ ޑްރާމާ ސިލްސިލާ "ޕެނޯޒާ" އަށް ބިނާކޮށް ހަދާފައިވާ އެއްޗެކެވެ.
އިންސްޓަގްރާމްގައި ސުޝްމިތާ ވަނީ "އާރިއާ" ވަރަށް އަވަހަށް ޑިޒްނީ+ހޮޓްސްޓާ އިން ސްޓްރީމްކުރަން ފަށާނެ ކަމަށް ބުނެފަ އެވެ. އަދި މިއާ ބެހޭ ގޮތުން ވާހަކަ ދައްކަން ވަރަށް އަވަހަށް އިންސްޓަގްރާމް ލައިވެއް ވެސް ބާއްވާނެ ކަމަށް 44 އަހަރުގެ ބަތަލާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy