07 ޖޫން 2020 - 09:05
ބުދަ ދުވަހާ ގުޅޭ
"އަހަރެން ދެން ތި ގެޔަކަށް ނުދާނަން." އަނިލް ވަރަށް ހިތްހަމަނުޖެހުނެވެ.
އެ ހިސާބުން ދެން ބުނާނެ އެއްޗެއް ރިޒްވާނަކަށް ނޭނގުނެވެ. ރުޤްޔާގެ މަސައްކަތް މެދުކެނޑޭކަށް ރިޒްވާން ބޭނުމެއް ނޫނެވެ. އަނިލް އެހާ ހިތްހަމަނުޖެހޭނެކަން އެނގޭ ނަމަ އަނިލް ގާތަކު ރިޒްވާން އެ ވާހަކަ ނުވެސް ބުނީހެވެ.
"އޭ ތިހެން ނަހަދާ!" ރިޒްވާން އެދުނެވެ. "އަހަރެން ބޭނުން އެ ކަން ނިންމަން. އަނިލްއަށް އެ ކަން ވާނީ. ބައްޕައަށް ކުރެވުނު ކަމެއްގެ އަދަބު ހަނާއަށް ދީގެން ނުވާނެއްނު!"
ރިޒްވާން ބުނީ ރަނގަޅު ވާހަކައެކެވެ. ހަނާއަކީ ރިޒްވާންގެ އަނބިމީހާއެވެ. އަނެއްކޮޅުން ޖިންނިސައިތާނުން ބޭނުންވާ ގޮތަކީ އެއީއެވެ. ކޮންމެވެސް ލަނޑެއް ދީގެން ކިޔެވުން މެދުކަނޑުވައިލުމެވެ. ފަރުވާ ހުއްޓުވައިލުމެވެ. ކުޅިފަސް ހޯދުމަށް ޓަކައެވެ. ބަލިމީހާ އުމުރު ދުވަހަށް ބަލިކޮށްފައި ބެހެއްޓުމަށް ޓަކައެވެ. އެ ކަން ވެސް އަނިލްއަށް ވިސްނެއެވެ.
"އަނިލް ވެސް ބައެއް ފަހަރު ޖިންނީންގެ އެހީ ހޯދަމެއްނު!" ރިޒްވާން އިތުރަށް ބުންޏެވެ. "އޭނަ ބުނި އެހެން."
"އޭނަ ހުރިހާ އެއްޗެއް ވެސް ކިޔާނެ. އަހަރުމެން ނުޖެހޭނެ ގަބޫލުކުރާކަށް،" ޖަވާބުގައި އަނިލް ބުންޏެވެ. "ރަނގަޅު! އަހަރެން ވެސް ބައެއް ފަހަރު ސުވާލު އަހަން. އެކަމަކު އެއީ ސުލްހަވެރިކޮށް ކަންކަން ނިންމަންވެގެން. އަހަރެން އަބަދުވެސް ހަނދާންބަހައްޓަން ޖިންނިސައިތާނުންނަކީ މަކަރުވެރި ބައެއްކަން. އޭނަ ޖަވާބުދިނަސް ނުދިނަސް އަހަރެން ކުރާ ކަމަކަށް ބަދަލެއް ނާންނާނެ. ދެން އެހެން ރާޤީއެއް ހޯދާ!"
ޖިންނިސައިތާނާގެ ފަރާތުން އެހީއަށް އެދުން ލުއިކޮށް ނަގާކަށް އަނިލް ބޭނުމެއް ނޫނެވެ. އެ ކަން ތަކުރާރު ވިޔަދޭކަށް ވެސް ބޭނުމެއް ނޫނެވެ. އެހެނަސް ކިޔެވުން ހުއްޓުވައިލުމަކީ ޖިންނީންގެ އަތުގައި އޮވެގެންވާނެ ބާރެއް ނޫނެވެ. އެ މެސެޖު ޖިންނީންނާ ހަމައަށް ފޯރަން ވެސް އަނިލް ބޭނުމެވެ.
ތިން ރޭ ވަންދެން އަނިލް އަޅައިނުލައި ހުއްޓެވެ. އެ ރޭތަކުގައި ޖިންނީންގެ ހަނގުރާމަ ވަރުގަދަކުރިއެވެ. ސައިތާނާގެ އެޖެންޑާއަކީ އިންސާނުން މަގުފުރެއްދުމެވެ. މާތް ރަސްކަލާނގެ ފުރަތަމަ އިންސާނާ އުފެއްދެވި ހިސާބުން ސައިތާނާ ވަނީ އިންސާނުން ބަލިކަށިކޮށް ނިކަމެތިކުރުމަށް އަޒުމުކަނޑައަޅައިފައެވެ. އިންސާނުން މަށިން ހައްދަވައި، ޖިންނީން އަލިފާނުން ހެއްދެވީތީ ސައިތާނާ ވަނީ ބޮޑާކަން އިސްކޮށްފައެވެ.
ހަނާގެ ނާރުތަކާ ހަމައަށް ޖިންނި ވާސިލުވުމުން ރިޒްވާނަށް އެނގެއެވެ. ރިޒްވާންގެ މައިންބަފައިންނަށް ވެސް އެނގެއެވެ. ހަނާ ބަލާ ގޮތާއި، ވާހަކަދައްކާ ރާގާއި، ދައްކާ ވާހަކަތަކުންނެވެ. ގެއްލިފައިވާ އެއްޗެހި ހޯދުމާއި، ވެފައި ހުންނަ ކަންކަމުގެ ހަގީގަތް ހޯދުމުގައި ހަނާއާ ސުވާލުކުރުން ހައްތަހާ ވީ އިތުރެވެ. ނަސީބުބަލައި، މާޒީއަށް ދުރުމިއެޅުމަކީ އިންސާނުންގެ ކަށީގައި ހިފައިފައިވާ ޖާހިލު އާދައެކެވެ. އަތްބަލައި، ފާލުބަލައި، ރާހިބަލަނީ ވެސް އެ ބޭނުމުގައެވެ. އެ ހުރިހާ ކަމަކާ އަނިލް ވިސްނިއެވެ. ހަނާ ސަލާމަތް ނުކޮށްފިއްޔާ ހަނާޔާ އެކުގައި އެތައް ބަޔަކު މަގުފުރެދިގެން ހިނގައިދާނެއެވެ. އަނިލްގެ އެސްފިޔަތަކުން ނިދި ޖަހައިގަތް ބިރަކީ އެއީއެވެ. ރުޤްޔާ މެދުކެނޑިފައި އޮންނަ ދުވަސްތައް ގިނަވާ ވަރަކަށް، ކުރިން ކުރި މަސައްކަތުގެ އަސަރު ކުޑަވާނެއެވެ. އަލުން ކުރަންޖެހޭ މަސައްކަތް ވެސް އިތުރުވާނެއެވެ. ވަރަށް ވިސްނުމަށް ފަހުގައި، ހަނާއަށް އެހީވާން އަލުން އެ ގެއަށް ދާން އަނިލް ނިންމިއެވެ. ކުރިޔަށް ވުރެ ވަރުގަދަކޮށެވެ. ޝަރުތަކާ އެކުގައެވެ.
"ވީ ކަމެއް ވީ!" އަނިލް ވަރަށް ސާފުކޮށް ބުންޏެވެ. "އަހަރެން މިރޭ ދާނަން ތިކޮޅަށް. މިއަދުގެ ފަހުން އެކަކު ވެސް ޖިންނީންގެ އެހީއަށް އެދިގެން ނުވާނެ. ކަލޭމެންގެ ތެރެއިން އެކަކު ވެސް ޖިންނީންނާ ވާހަކަދައްކައިގެން ވެސް ނުވާނެ. އެ ކަން ދޫކޮށްލަންވާނީ އަހަންނަށް."
ރިޒްވާން އެއްބަސްވިއެވެ. އެކަމަކު ޖިންނީން ގާތުގައި ސުވާލު އެހުމަކީ ރިޒްވާންގެ ނަޒަރުގައި ގޯސްކަމެއް ނޫނެވެ. ސަބަބަކީ އެ ކަމުގައި ރިޒްވާން ސީރިއަސް ނުވާތީއެވެ. ރިޒްވާންގެ މަގުސަދަކީ ޖިންނި ބުނާ އެއްޗެއް ދިމާވަނީ ކިހާ ވަރަކަށްތޯ ބަލައިލުމެވެ. ޖިންނިސައިތާނާއަށް ތަބާވެ، އެ ވާހަކަތައް ގަބޫލުކުރުމެއް ނޫނެވެ. ރިޒްވާން އެހެން ސުވާލެއް ވެސް އުފެއްދިއެވެ.
"އެއްޗެއް އެހުމުގެ ކުރިން އަހަރެން ކިހިނެއް ޔަގީންކުރާނީ އަހަންނަށް މި ވާހަކަދެއްކެނީ ޖިންނިއަކާ ނޫންކަން؟" ރިޒްވާން ބުންޏެވެ. "އޭނަ އޮޅުވައިލައިގެން ހަނާއަށް ވެގެން ވެސް އިނދެދާނެއް!"
"އަހަރެން ތި ވާހަކަ ގަބޫލެއް ނުކުރާނަން،" ވަރަށް ޔަގީންކަމާ އެކުގައި އަނިލް ބުންޏެވެ. "ރިޒްވާނަށް މިހާރު ހަނާ ވަކިކުރަން އެނގޭނެ. އެހާ ދުވަހު މިހާރު ދެ މީހުންނަށް އެއްކޮށް އުޅެވިއްޖެ!"
ވިސްނައިލަން ވަގުތުކޮޅެއް ނެގުމަށް ފަހު ރިޒްވާން އެއްބަސްވިއެވެ. އަނިލްގެ ޝަރުތު ގަބޫލުކުރިއެވެ. ރުޤްޔާ މެދުކަނޑައިލުމަކީ އަލުން ދެ ގުނަ އިތުރަށް މަސައްކަތްކުރަން ޖެހޭ ކަމެކެވެ. ބާރު އިތުރުވެފައިވާ ޖިންނީންގެ ފައުޖުތަކާ ކުރިމަތިލުމަށް ޓަކައި އަނިލްގެ ހަމަލާތައް ވަރުގަދަކުރަން ޖެހޭނެއެވެ.
އެކުވެރި ގާރީއަކަށް ގުޅައިގެން އަނިލްގެ ޓީމުގެ ޖުމުލަ ތިނަކަށް ބަދަލުކުރިއެވެ. ފޯނުން ޤުރުއާން ޖެހުމުގެ ބަދަލުގައި ގާރީއަކު ލައްވައި ކިޔެވުމުން، މަސައްކަތް ހަލުވިވެފައި އަނިލްއަށް ފަސޭހަވާނެއެވެ. އެކަމަކު ޖިންނީން ތިބޭނީ ހޭބަލަންކަން އަނިލްއަށް އެނގެއެވެ. ބައެއް ރޭރޭ އަނިލް ރުޤްޔާކުރަން ނުކުންނަ ހިސާބުން ޖިންނީންގެ ދުއްތުރާ ފެށެއެވެ. ބައެއް ފަހަރު ފާޅުކޮށެވެ. އަނެއްބައި ފަހަރު އިއްތިފާގެއްހެން ހީވާ ގޮތަށެވެ.
ގަޑިން ރޭގަނޑު ނުވައެއް ޖެހިއިރު އަނިލް ހުރީ ތައްޔާރުވެގެން ގާރީގެ އިންތިޒާރުގައެވެ. ގާރީ އުޅެނީ ހުޅުމާލޭގައެވެ. މާލެއަށް ގާރީ އައުމުގެ ބަދަލުގައި އަނިލްއަށް ލިބުނީ ގާރީގެ ފޯނުކޯލެކެވެ. އޭނަގެ ސައިކަލުގެ ފުރޮޅު ފަޅައިގެންދިޔައީއެވެ. ވީމާ، ގާރީ ބަލައި އަނިލް ހުޅުމާލެއަށް ދިޔައެވެ. ދެން ވެސް ގާރީ އަކަށް ނާދެވުނެވެ. ގާރީގެ އަންހެނުން ކުއްލިއަކަށް ހޮސްޕިޓަލަށް ދާންޖެހުނީއެވެ. މަގުބޫލު އުޒުރެކެވެ. ޖިންނި ފަރާތުގެ ކަމެއް ނޫނެވެ. މީހަކަށް އެހެން ހީވިޔަސް އަނިލްގެ ވިސްނުން ތަފާތެވެ. ދެން އޮތީ ދެ ގޮތެވެ. ރުޤްޔާކުރުން އެހެން ރެޔަކަށް ފަސްކޮށްލުމެވެ. ނުވަތަ އަނިލްއާއި ނާހިދު ދިޔުމެވެ. ވަރަށް ވިސްނުމަށް ފަހު އަނިލް ނިންމީ ދެ މީހުން ވިޔަސް ކުރިޔަށް ގެންދާށެވެ.
މާލެއަށް އައިސް ރިޒްވާންގެ ގެއަށް ދިޔައިރު ވެސް ނާހިދެއް ނާދެއެވެ. ފޯނުކުރުމުން ޖަވާބެއް ނުދެއެވެ. އަނިލް ހިތަށްއެރިއެވެ. ޖިންނި އަކަށް އަނިލްއެއް ނުހުއްޓުވޭނެއެވެ. ވަގުތުން ނާހިދުގެ ގެއަށް އަނިލް ދިޔައެވެ. ގޭގައި ނާހިދު އުޅެއެވެ. ފޯނު ރަނގަބީލުގެ އަޑު ކަނޑައިލީ ކާކު ކަމެއް ނާހިދަކަށް ނޭނގެއެވެ. އެ ރެޔަކީ އިއްތިފާގު ގިނަ ރެޔެކެވެ. ނާހިދު ގޮވައިގެން ދާން ބަލައިލިއިރު އަނިލްގެ ސައިކަލު އިސްޓާޓެއް ނުވިއެވެ. ނާހިދުގެ ސައިކަލުގައި ދާންވެގެން ބެލިއިރު އެ ސައިކަލު ވެސް އިސްޓާޓެއް ނުވިއެވެ. އަނިލްގެ ސައިކަލު ދޭތެރެއަކުން އިސްޓާޓު މައްސަލަޖެހެއެވެ. ނާހިދުގެ ސައިކަލަކަށް ދުވަހަކު ވެސް އެ މައްސަލަ ދިމައެއް ނުވެއެވެ. ދެ ސައިކަލު ބަހައްޓައިފައި ޓެކްސީއެއް ހޯދަން އުޅެއުޅެ އެ ކަމެއް ވެސް ނުވިއެވެ.
"ދެން ނެތްތަ ކުރެވޭނެ ކަމެއް؟" ޖިންނިސައިތާނާއާ މުހާތަބުކޮށް ހިތާހިތުން އަނިލް ބުނެލިއެވެ. "ހާދަ ކަމެއް ނުވިޔޭ ދޯ؟"
އަނިލްއާއި ނާހިދު ފައިމަގުގައި ދަތުރު ފެށިއެވެ. އެއީ ފަންސަވީހަކަށް މިނެޓުގެ ދަތުރެކެވެ. މަގުތައް ފަޅެވެ. ކޯވިޑްނަވާރައިގެ ސަބަބުން ގިނަ ބަޔަކު ގެއަކުން ނުނިކުމެއެވެ. އެކަމަކު ބޭރަށް ނުކުމެއުޅުން އޭރު އަދި މަނައެއް ނުކުރެއެވެ. މަގުތަކުގެ ހަމަހިމޭންކަން އަޑުން އަޑުނަގައިފައި ގޮވާ ކަހަލައެވެ. ކޮންމެވެސް ކަމެއް ވާން އެބައުޅެއެވެ. އެ ރެއަކީ އާދައިގެ ރެއެއް ނޫނެވެ. އިންސީންނާއި ޖިންނީންގެ ކުރިމަތިލުމެއް ހިނގާނެކަން ކަށަވަރެވެ. އެކަމަކު އަނިލްއަކީ ޖެހިލުން ކުޑަ މީހެކެވެ. ކުރިމަތިން ހުރަސްކޮށްލާ ކަޅު ބުޅަލަކުން ނުވަތަ ފަހަތުން އިވޭ ފިޔަވަޅެއްގެ އަޑަކަށް އަނިލްއެއް ނުސިހެއެވެ. ނުވެސް ހުއްޓެއެވެ. ﷲ އަށް ވަކީލު ކޮށްލައިގެން ސާބިތުކަމާ އެކުގައި ކުރިޔަށް ދަނިކޮށް ކުއްލިއަކަށް އަނިލްއަށް މޮޅު ގޮތެއް ވިސްނުނެވެ.
"މަ ހިތަށްއަރާ އެއްޗެއް ބުނަން،" އަނިލް އެ ވާހަކަ ނާހިދާ ހިއްސާކުރިއެވެ. "ހަނާ ވާހަކަދައްކާ އިރު އަބަދުވެސް އެ ގޭގަ އުޅޭ ޖިންނިތަކެއްގެ ވާހަކަދައްކާނެ."
"އެ ވާނީ ކޮންމެވެސް ކަމެއްގަ އެ ގޭގަ ދިރިއުޅޭ ބަޔަކަށް،" ނާހިދު ވިސްނައިލައިފައި ބުންޏެވެ. "ހައްޔަރުވެފަ ތިބި ބަޔަކަށް ވެސް ވެދާނެ."
"އަހަރެން ބުނާނީ ހައްޔަރުވެފަ ތިބި ބަޔެކޭ،" ވަރަށް ޔަގީންކަމާ އެކުގައި އަނިލް ބުންޏެވެ. "އެހެން ނޫނީ އަބަދު އެ ތާކު ނުތިބޭނެ. އަހަރެން ހިތަށްއަރަނީ މިރޭ ކިޔެވުން އެހެން ތަނަކަށް ބަދަލުކޮށްލަންވީއޭ. ބޮލަށް ފަސޭހަވާނެ."
އެ ވިސްނުން ނާހިދަށް ވެސް ވަރަށް ކަމުދިޔައެވެ. އަނިލް ވަގުތުން ރިޒްވާނަށް ގުޅިއެވެ.
"އޭ! އެހެން ދިމާއަކަށް ކިޔެވުން ބަދަލުކޮށްލަން އެބަ ޖެހޭ!" އަނިލް އެދުނެވެ. "ވާނެތަ އެ ކަން؟"
"ކުއްލިއަކަށް ކިހިނެއް ތަނެއް ހޯދާނީ؟" ރިޒްވާން ޖަވާބުދިނެވެ. "ތަނެއް އޯކޭ ވިޔަސް ރުޤްޔާކުރާށޭ ބުނެފިއްޔާ ވަރަށް އެއްބަސް ނުވާން އުޅޭނީ."
"އެހެން ވިޔަސް ކޮންމެވެސް ގޮތެއް ހަދާ!" އަނިލްގެ ވިސްނުން ބަދަލެއް ނުވިއެވެ. "ކުއްލިއަކަށޭ މި ކަހަލަ ކަންކަން ކުރަންޖެހެނީ."
ރިޒްވާންގެ ސިކުނޑިއަށް އައީ ހަމަ އެންމެ ތަނެކެވެ. އެއީ އަފީފާގެ ގެއެވެ. އަފީފާއަކި ރިޒްވާންގެ ތިމާގެ މީހެކެވެ.
"ތުއްތައަކީ ވެސް ކުރިން ތަވީދެއް އެޅި މީހެއް. ފަހަރެއްގަ އެއްބަސް ނުވެދާނެ،" އުންމީދު ކުޑަ ގޮތަކަށް ރިޒްވާން ބުންޏެވެ. "މި ގުޅަނީ އިނގޭ!"
ރިޒްވާންގެ ގެއަށް އަނިލް ވަންނަނިކޮށް ރިޒްވާންގެ ފޯނުކޯލެއް އައެވެ. އަފީފާގެ ގެ ހަމަޖެހުނު ވާހަކަ ބުންޏެވެ.
"ބަރާބަރު!" އަނިލް ބުންޏެވެ. "ހަނާއަށް މި ކަން އިހަށް ނާންގާތި!"
އަނިލް ފުރަތަމަ ވަނީ ރިޒްވާންގެ ގެއަށެވެ. އަދި ގެންދަން ބޭނުންވާ ސާމާނުތައް ކޮތަޅަކަށް އަޅައިގެން ބޮޑުކޮޓަރިއަށް ނުކުތްއިރު ހަނާ އިނީ ސޯފާގައި އިށީނދެގެން ފިލްމެއް ބަލާށެވެ. އަނިލްއަށް ފާހަގަކުރެވުނީ އަނިލްއާ ދިމާއަށް ނުބަލަން ހަނާ މަސައްކަތްކުރާ ކަމެވެ. އެކަމަކު ހަނާގެ މޫނުމަތިން ފާޅުވަމުންދިޔަ ރުޅިވެރިކަމާއި ފޫހިކަން އަނިލްގެ ތަޖުރިބާކާރު ދެ ލޮލުގައި އަޅައިގަތެވެ. އެއީ ހަނާ ނޫންކަން އަނިލްއަށް ޔަގީނެވެ. އަނިލް ބޭނުންވީ އެހެން މީހުންނަށް އެ ކަން ސާބިތުކޮށްދޭށެވެ.
"އައްސަލާމް އަލައިކުމް!" އަނިލް ބުންޏެވެ.
ނުނިމޭ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިސަތު ސާނާ
22 June 2020
މިއާ ވަރަށް ރަގަނޅު ވާހަކައެކެވެ.??
ބިންމާގެ ފަންކާ
11 June 2020
ކުޑަކުދިން ނުކިޔަބަލަ މިވާހަކަ..މީ ބޮޑެތި މީހުން ކިޔާކަހަލަ ހާސަރުދިގު ވާހަކައެއް.ބިންމާގެ ވާހަކަތަކަކީ ސަތޭކައިގެ ވާހަކަ??
ގާލީ
09 June 2020
ވަރަށް ސަޅި ވާހަކައެއް. ކކބކ
ހަސަންބޭބެ
08 June 2020
ލިޔާނެ އެއްޗެއް ނެތިއްޔާ ލިޔެވޭ ކަހަލަ މީހަކަށް ފުރުސަތު ދޭންވީނު. އަހަރުމެން މިތިބެނީ ގޭގަތިބެ ތިބެ ފޫހިވެ ރާ ވެފަ. ކަމުދާ އެއްޗެއް ހިޔާލަށް ނާންނަންޔާ ނުލިޔެހުރެބަލަ
ބޮޑު މައުލޫދު
08 June 2020
ދެ ހަފުތާ ކޮށްފަ ބަލާލިއިރުވެސް ބޮޑު ހާސަރު ނުނިމޭ ދޯ. މީހަކު ނޫޅޭ ތިއެއް ކިޔާކަށް
ާިަ އައިސްތު
07 June 2020
ބިންމާ ޕްލީސް މިވާހަކަ ހުއްޓާލާ..މިއީ ބިންމާގެ ވާހަކަ ތަކުގެ ތެރެއިން އަހަރެންނަށް ކިއުނު އެންމެ ހުތުރު، ފޫހި ވާހަކަ..މި ބިންމާ އަކާއި ނުގުޅޭ..މީހުންގެ ކޮމެންޓްތަކުގަ ވެސް މިހާރު ހުންނަނީ ގިނައިން ނެގެޓިވް ކޮމެންޓް.
Solah
07 June 2020
ކަލޭ ގާތު ކާކު ބުނީ މި ވާހަކަ ކިޔާށޭ؟ ކަލެއަށް މި ވާހަކަ ހުތުރިއްޔާ ނުކީމައި ނިމުނީނު. ކިހާ ބޮޑު ބަލާއެއް.
ާަަަފާތި
07 June 2020
ވަރަށް ކިޔާ ހިތްވޭ. މީ މުޅިން ތަފާތު ތަޖުރިބާއެއް. މައުލޫމާތު މުއްސަދިވޭ
ނޭނގޭމީހާ
07 June 2020
ވާއުު. ވަރަށް އިންޓަރެސްޓް.
ާއާމިނަ
07 June 2020
އަޅުގަނޑު ކިޔާނީ ހަ މަ އެކަނި ކޮ މެންޓް ކޮޅު. ދެންބަލާލަނީ ނި މުނީ ޖަހާފައިންތޯ. އެވެސް ކޮ މެންޓްކޮޅު ކިޔާލާފައި. އަޅުގަނޑު މިހާރު ބިން މާ އަށްވުރެ ލޯބިވޭ ކޮ މެންޓް ލިޔާކުދިންދެކެ. ޝުކުރިއްޔާ ކޮ މެންޓް ލިޔާކުދިންނަށް.
ޢޯނޯނޯ ނޯ ނޯ ނޯ....
07 June 2020
އަނެއްކާ ދޫ ދީފަ ކިޔަވަން ފަށަނީ. ދެން ވާނީ ކިހާ ދުވަހެއްކަމެއްވެސް ނޭންގެ.