10 ޖޫން 2020 - 05:50
އާދިއްތަ ދުވަހާ ގުޅޭ
"އައްސަލާމް އަލައިކުމް!" އަނިލް ބުންޏެވެ.
ހަނާ މަޑުމަޑުން އެނބުރިލިއެވެ. އަނިލްއާ ހަތަރުކަޅި ހަމަކުރިއެވެ. އެ ވަގުތު ހަނާގެ މޫނުމަތިން އަނިލްއަށް އެ ޖިންނީގެ ސިފަ ފެނުނު ކަހަލައެވެ. ކުޑަ އިރުކޮޅެއް ވަންދެން "ހަނާ" އަށް ބަލަހައްޓައިގެން އަނިލްއަށް ހުރެވުނެވެ. އެއަށް ފަހު ކައިރީގައި ތިބި އެހެން މީހުންގެ މޫނަށް އަނިލް ބަލައިލިއެވެ. އެހެން މީހެއްގެ މޫނުމައްޗަކު އެއްވެސް ހައިރާންކަމެއް ނެތެެވެ. އަނިލްއަށް ކުރެވުނު އިހުސާސް އެހެން މީހަކަށް ނުކުރެވޭކަން އަނިލްއަށް ވިސްނުނެވެ. އޭރު ވެސް އަނިލްގެ ސަލާން ހަނާ ބައެއްނުގަނެއެވެ. ނުވެސް ގަންނާނެކަން އަނިލްއަށް އެނގެއެވެ. ޖިންނިސައިތާނުންނަކީ ސަލާން ބަލައިގަންނަ ބައެއް ނޫނެވެ. ހަމަ އެހެންމެ ބައެއް އިންސާނުން ވެސް ސަލާން ބަލައެއް ނުގަނެއެވެ. ހަނާ ސަލާން ބަލައިނުގަތުމުން ރިޒްވާން ހައިރާން ނުވީ އެހެންވެއެވެ.
"ކީއް ތި ކުރަނީ؟" އަނިލް ސުވާލުކުރީ ހަނާއަކާ ނޫނެވެ.
"ފިލްމެއް ބަލައިލަނީ!" ހަނާގެ އަޑު ބޭނުން ކުރިޔަސް އަނިލްއަށް ޖަވާބުދިނީ ވެސް ހަނާއެއް ނޫނެވެ.
ކުރު ޖަވާބެއްދިނުމަށް ފަހު ހަނާ އަނެއްކާ ވެސް ޓީވީއާ ދިމާއަށް އެނބުރުނެވެ. އޭރު ޓީވީން އަންނަނީ އިނގެރޭސި ފިލްމެކެވެ. އަނިލް ހިތަށްއެރިއެވެ. ޖިންނީން އިންސާނުންނާ އެހާ ދޯޅުވީ ކިހިނެއް ހެއްޔެވެ؟ އަނިލް ލޮލުން ކޮށްލި އިސާރާތަށް ހަނާއާ ވާހަކަދެއްކީ ރިޒްވާނެވެ.
"ހަނާ ހިނގާބަލަ ތުއްތަ ގެއަށް ޖައްސާލަން!" ހަނާއާ މުހާތަބުކޮށްފައި ރިޒްވާން ބުންޏެވެ.
ރިޒްވާން ހަމަ އެހެން ބުނާ އިރަށް ހަނާ ތެދުވިއެވެ. ފިލްމަށް ކުރިން ދިން ޝައުގުވެރިކަން ކުއްލިއަކަށް ކެނޑުނު ކަހަލައެވެ.
"އޭ!" ހަނާ ބުންޏެވެ. "ފާހާނައަކަށް ދާންވެއްޖެ!"
ރިޒްވާން އެއްޗެއް ބުނުމުގެ ކުރިން ހަނާ ގޮސް ކޮޓަރިއަށް ވަނެވެ. އެހެންކަމުން އަނިލްއާއި ނާހިދާއި، ރިޒްވާން ސޯފާގައި އިށީނދެލިއެވެ.
"ހީވޭ ކަމެއްހެން؟" އަނިލް މަޑުމަޑުން ބުނެލިއެވެ. "ހަނާއެއް ނޫނޭ އެ ވާހަކަދެއްކީ! އަހަންނަށް ހީވަނީ އޭނައަށް އެނގިއްޖެހެން. ޖިންނީންގެ ނެޓުވޯކު ވަރަށް ވަރުގަދަވާނެ. ހުރިހާ ދިމާއަކުން ޚަބަރުތައް އަންނާނެ."
އަނިލް ބުނި ވާހަކަ ރިޒްވާނަށް ގަބޫލުކުރެވުނު ހެނެއް އަނިލްއަކަށް ހިއެއް ނުވެއެވެ. ރިޒްވާން ވަކި ޖަވާބެއް ނުދެއެވެ. ފަސް މިނެޓު ވިއެވެ. ފަނަރަ މިނެޓު ވިއެވެ. ހަނާއެއް ނުނިކުތެވެ. ތިރީސް މިނެޓު ވިއިރު ވެސް ހަނާގެ އެއްވެސް ޚަބަރެއް ނުވިއެވެ.
"ދޭބަލަ ބަލައިލަން!" އަނިލް އެދުނެވެ.
ރިޒްވާން ދިޔައެވެ. ކޮޓަރިއަށް ވަންތާ މިނެޓެއް ވެސް ނުވެ ނުކުތެވެ. ބޮލުގެ އިޝާރާތުން އަނިލްއަށް ގޮވައިލިއެވެ. އަނިލް ގޮސް ކޮޓަރިއަށް ވަނެވެ. ހަނާ އިނީ މުސައްލަ މަތީގައެވެ. އެއްވެސް ހަރަކާތެއް ނުކުރެއެވެ. އިށީނދެގެން އިނީއެވެ. މަޑުމަޑުން ތުންތަޅުވައެވެ. އަނިލްއާ ރިޒްވާނަށް ވެސް ޖެހުނީ ހަނާ ނިމެންދެން އިންތިޒާރުކުރާށެވެ. ދެ މީހުން ނުކުމެގެން އައިސް ސޯފާގައި އިށީނެވެ. އޭރު ދައްކަމުން ދިޔަ ފިލްމަށް ދެ މީހުންގެ ޝައުގުވެރިކަން ގެއްލުނެވެ. އަނެއްކާ ވެސް ތިރީސް މިނެޓު ހޭދަވިއެވެ. ހަނާއެއް ނައެވެ. ރިޒްވާން ގޮސް ބަލައިލިއިރު ހަނާ އޭރު ވެސް އިނީ މުސައްލަ މަތީގައެވެ. ނަމާދެއް ނުކުރެއެވެ. އިށީނދެގެން އިނީއެވެ. އެކަމަކު ތުންތަޅުވައެވެ.
"ކޮބާ ދެން ނިންމާލަމާ!" ރިޒްވާން ބުންޏެވެ. "ދަމުނަމާދު ވެސް އަދި އޮންނާނެއްނު!"
ހަނާ ވަރަށް ހިތްހަމަނުޖެހިފައި ރިޒްވާނާ ދިމާއަށް ބަލައިލިއެވެ. ތެދުވިއެވެ. ރިޒްވާނާ އެކުގައި ހަނާ ނުކުތްއިރު ވެސް ހަނާގެ ތުންތެޅުވުން ހުއްޓައެއް ނުލައެވެ. އޭނަ ކިޔަވަނީ ކޯޗެއް ކަމެއް އެކަކަށް ވެސް ނޭނގެއެވެ. އަނިލް ފެނުމާއެކު އަނިލްއަށް ކަޅިއަޅައިލިއެވެ.
"ވަރުގަދަ ބަޔެކޭ!" ވަރަށް މަޑުމަޑުން ހަނާ ކުދިކިއެވެ. "މި މީހުންނާ ހެދި ނޯންނާނެ.."
ހަނާ ވާހަކަދެއްކިލެއް މަޑުކަމުން ކިއި ހުރިހައި އެއްޗެއް ނީވެއެވެ.
"ކޮބާ ހިނގާ ބޭރަށް ނުކުމެލަމާ!" އަނިލް ތެދުވަމުން ބުންޏެވެ. "ބުނީމެއްނު މި ކަމެއް ފެށި ފަހުން މަ ގޭބަންދު ވެއްޖޭ! ބޭރަށް ނުދެވޭތީ ވަރަށް ފޫހިވެޔޭ! އަހަރެން މި އައީ ހަނާ ގޮވައިގެން ހިނގާލަން ދާންވެގެން."
"މި ގަޑީގަ؟" ހައިރާންވެފައި ހަނާ ބުންޏެވެ. "މި އެންމެން ގޮވައިގެން؟ ހަމަ ހިނގާލަން ދާން؟"
"ކޮބާ މައްސަލައަކީ؟" އަނިލް އެހިއެވެ. "ކަޑައީތަ؟"
"އުހުނ!" ހަނާ ޖަވާބުދިނެވެ. "މިރޭ އެއްވެސް ކިޔެވުމެއް ކަމެއް ނެތީތަ؟ އެކަމަކު އަހަރެންނަކީ އަނިލް ދަންނަ މީހެއް ވެސް ނޫނެއްނު. ދެން ކީއްކުރަން އަހަރެން ގޮވައިގެން މި ގަޑީގަ ހިނގާލަންދަނީ؟"
އަނިލް ވަރަށް ހިނިއައިސްފައި ހުރެގެން ހަނާ ގާތަށް އައެވެ.
"ތި ވެސް މުޅީން ގޯސް ވާހަކައެއް ނޫން!" އަނިލް އެއްބަސްވިއެވެ. "އަސްލު މި އައީ މިހިރަ ރިޒްވާން މި ގެއަށް ޖައްސާލަބަލާށޭ ބުނީމަ. އަހަންނަށް ގުޅާފަ އޭނަ ބުނި ހަނާ އުޅެނީ ބޭރަށް ނުނިކުމެވޭތީ ވަރަށް ފޫހިވެގެންނޭ! މަ ބުނިން ހިނގާބަލާށޭ ހަނާ ގޮވައިގެން ހިނގާލަން ދާން! އެއީ ވީ ގޮތަކީ."
އަނިލް ދެއްކި އެއްވެސް ވާހަކައެެއް ހަނާ ގަބޫލުކުރި ހެނެއް އަނިލް އަކަށް ހިޔެއް ނުވެއެވެ. ވާ ގޮތް އަނިލްއަށް ވިސްނެއެވެ. ހަނާ އުޅެނީ ހަނާއަކީ ކާކުކަން އެހެން މީހުންނަށް އެނގުނަ ނުދޭށެވެ.
"ތި ނުވާނެ ތެދަކަށް،" ޗޮކެއްކަނޑައިފައި ހަނާ ބުންޏެވެ. "ރިޒްވާނަކީ އަހަރެން ތާކަށް ދާން ބުނާ އިރަށް އެއް ހާސް ބަހަނާ ދައްކާ މީހެއް. ކޯޗެއް ރިޒްވާން އެ ގެންގުޅެނީ؟"
ރިޒްވާން އަތުގައި އޮތީ ކޮތަޅެކެވެ. އޭގެ ތެރޭގައި ހުރީ ރުޤްޔާކުރާ އިރު ބޭނުންކުރާ ބައެއް ސާމާނެވެ. ފެންޖަހާ ފުޅިއަކާއި، ފިނިފެން ފުޅިއަކާއި، ކުޑަ ޒައިތޫނި ތެޔޮ ފުޅިޔަކާއި، ހުއިސުން ޕެކެޓެކެވެ. ހުއިސުންއަކީ މީރުވަސް ދުވާ ތޫނު، ހިތި ރަހައެއް ދޭ މުލެކެވެ. މޫތައް ހުންނާނީ ވަރަށް ހިމުންކޮށް މުގުރައިފައެވެ.
"އަހަންނަށް ކިހިނެއް އެނގެނީ؟" އަނިލް ދެނަހުރި ކަމަކަށް ނުހެދިއެވެ. "ހިނގާލަން ނުކުންނަ އިރު ކާލާނެ އެއްޗެއް ގެންދަނީ ކަންނޭނގެއެއްނު."
އަނިލް ދެއްކި ވާހަކަތައް ހަނާ ގަބޫލެއް ނުކުރިއެވެ. އެކަމަކު އެނގޭ ކަމަކަށް ނުހެދިއެވެ.
"އެހެން ނުވާނެ!" ހަނާ ބުންޏެވެ. "އޭގަ ހުރީ ކާއެއްޗެއްސެއް ނޫން. އެ ބަހައްޓާފަ ހިނގާ! ވާނެ ގޮތް ކިހިނެއް އެނގެނީ؟ މަގުމައްޗަށް ނުކުންނަތަނާ އަހަރެން ދުއްވައިގެންފިއްޔާ ޔޯ؟ އެކަކަށް ވެސް ލާހިކެއް ނޫން އަހަންނާ އެއްވަރަށް ދުވާކަށް. ހުސްއަތާ ތިބިއްޔާއެއްނު ކަލޭމެންނަށް ދުވެވޭނީ ވެސް."
"ދުއްވައިގަންނަންތަ ތި އުޅެނީ؟" ކަންބޮޑުވި ކަމަށް ހެދިފައި އަނިލް އެހިއެވެ.
"އާނ ދެން އެހާ ދުވަސް ކޮށްފަ ނުކުތީމަ އުފަލުން ދުއްވައި ވެސް ގަނެވިދާނެތާ!" ހަނާ ވާހަކަދެއްކީ ވަރަށް ދުރުދުރުންނެވެ. "ހަމަ ފަހަރެއްގަ އަހަންނަށް އުދުހިގަނެވިއްޖެއްޔާ ޔޯ؟ އެނގޭތަ އަހަންނަށް ކިހާ ބާރަށް އުދުހެވޭ ކަން؟ ކުއްލިއަކަށް އަހަރެން ގެއްލިއްޖެއްޔާ ޔޯ؟ ލާހިކެއް ނޫން ހޯދާކަށް."
ހަނާ ދެއްކި ވާހަކަތައް އެންމެ ރަނގަޅަށް ވިސްނުނީ އަނިލްއާއި ނާހިދަށެވެ. ޖިންނިސައިތާނުންނަކީ އައްޔަށް ވުރެ ބާރަށް ދަތުރުކުރާ ބައެކެވެ. ސިކުންތަކަށް ވުރެ މާ އަވަހަށް އެއް ބައްރުން އަނެއް ބައްރަށް ދަތުރުކުރެއެވެ. އެކަމަކު އިންސާނެއްގެ ހަށިގަނޑު ތެރެއަށް ވަދެގެން އިންސާނާ ގޮވައިގެން އުދުހެވޭ ކަމެއް އަނިލް އަކަށް ނޭނގެއެވެ. އެ ފަދަ މަންޒަރެއް ފެނިފައެއް ވެސް ނުވެއެވެ. އެކަމަކު އިންސާނުން ގެއްލުވައިލުމުގައި ޖިންނިސައިތާނުން ކާމިޔާބު ހޯދައެވެ. އެ ފަދަ މީހުން ގަސްގަހުގައި ތިއްބައި ވެސް ފެނިފައި އެބަހުއްޓެވެ. ބައެއް މީހުން އުމުރު ދުވަހަށް ވެސް ގެއްލެއެވެ. މަދުން ނަމަވެސް ރާއްޖޭގައި ވެސް އެ ފަދަ ހާދިސާތައް ހިނގައިފައި އެބަހުއްޓެވެ. ހަނާ ގެއްލިއްޖެއްޔާ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އަނިލްގެ ސިކުނޑީގައި އެ ހުރިހާ ފިކުރުތަކެއް އެނބުރުނެވެ.
"ރިޒްވާން ހުންނާނެ ހަނާ އަތުގަ ހިފަހައްޓައިގެން." އަނިލް ބުންޏެވެ.
"އަހަރެން ނޫޅެން ރިޒްވާންގެ އަތުގަ ހިފާކަށް،" ފޫހި ގޮތަކަށް ރިޒްވާނާ ދިމާއަށް ބަލައިލައިފައި ހަނާ ބުންޏެވެ. "އޭނައަކީ އަނިލް ތި ހީކުރާ ކަހަލަ ރަނގަޅު ފިރިއެއް ނޫން."
ހަނާ ތިލަކުރީ ހަނާޔާ އަވަލަވައިގެން އުޅޭ ޖިންނި ތިލަކުރާ މައުލޫއެވެ. ސަބަބު ވަރަށް ސާފެވެ. އަނިލްއަށް ޖަވާބުދެމުން ގެންދިޔައީ ވެސް ހަމަ އޭނައެވެ. ހަނާއެއް ނޫނެވެ. އެކަމަކު އެހާ ފާޅުގައި، އެހާ ޖެހިލުން ކުޑަކޮށް އިންސާނުންނާ މަސްހުނިވެގެން ޖިންނިސައިތާނާ އުޅެން ފެށުމަކީ ނުރައްކާތެރި ރަތް ސިގުނަލެކެވެ. އިންސީންނާއީ ޖިންނީންނަކީ މަސްހުނިވެގެން ދިރިއުޅޭ ބައެއް ނޫނެވެ.
"އަނިލް ހީކުރާހާ ރަނގަޅު ފިރިއެއް ނޫނޭ ހަނާ ބުނާއިރު، އަހަރެން ހީކުރާ ގޮތް ހަނާއަށް އެނގެނީ ކިހިނެއް؟" އަނިލް ކުރިމަތިކުރުވީ ވަރުގަދަ ސުވާލެކެވެ.
"ތި ހުންނަނީނު އޭނަ ގެނެސް އަހަރެން ކައިރީގަ ބަހައްޓާފަ." ހަނާ ޖަވާބުދިނެވެ.
"ބަލަ ހަނާ ތި އުޅެނީ ރިޒްވާނާ އިނދެގެނެއްނު!" އަނިލް ބުންޏެވެ. "އަހަރެން ބުނެގެންތަ އިނީ؟" އެ ސުވާލަށް ދޭނެ ޖަވާބެއް ހަނާ އަކަށް ނޭނގުނެވެ. ހަނާ ބޭރުކޮށްލީ އެތަކެއް މާނައެއް ކުރެވޭ ކަހަލަ ފުން ނޭވާއެކެވެ.
"ހޫނ! ދެން ހިނގާބަލަ!" ހަނާ ނުކުންނަން އެއްބަސްވިއެވެ.
ގެއިން ނުކުމެވުނު އިރު ރޭގަނޑު އެގާރަ ޖަހަނީއެވެ. އެންމެން ނުކުތީ އެކުއެކީގައެވެ. އެންމެ ކުރީގައި ބެހެއްޓީ ނާހިދެވެ. ނާހިދަށް ވުރެ ފަސް ވަރަކަށް ފޫޓު ފަހަތުގައި ހަނާއާއި ރިޒްވާނެވެ. ރިޒްވާން ހުރީ ހަނާގެ އަތުގައި ހިފާއްޓައިގެންނެވެ. ހަނާ އަތުގައި ބާރަށް ހިފާއްޓައިގެން، ވަރަށް ހުސިޔާރުވެގެން ހުރުމަށް އަނިލް ކުރީބައިގައި ވަނީ ބުނެފައެވެ. އަނިލް ހުރީ އެންމެ ފަހަތުގައެވެ. ހަނާމެންނާއި އަނިލްއާ ދެމެދުގައި ހައެއްކަ ފޫޓުގެ ދުރުމިން ހުއްޓެވެ. ކޯވިޑް ނަވާރައިގެ ބިރުވެރިކަން ފެތުރިފައިވާތީ މަގުމަތީގައި މީހުން ވަރަށް މަދެވެ. ދެތިން މިނެޓު ހިނގުމަށް ފަހު ކުއްލިއަކަށް ހަނާ ހުއްޓިފައި ހަނާގެ ވައަތް އުނަގަނޑުގައި ވިއްދައިލިއެވެ. ހަނާ ހުއްޓުމާ އެކު އެހެން ހުރިހައި އެންމެން ވެސް ހުއްޓުނެވެ. އަނިލް ހީކުރީ ކޮންމެވެސް ކަމެއް ވީ ކަމަށެވެ. އިރުކޮޅަކުން ހަނާގެ ކަނާއަތް ވެސް އުނަގަނޑުގައި ވިއްދައިލިއެވެ. އެ ވަގުތު ވެސް އަނިލް ހިތަށްއެރިއެވެ. ހަނާގެ އަތް ރިޒްވާން ދޫކޮށްލީ ކީއްވެގެން ހެއްޔެވެ؟ އުނަގަނޑުގައި ދެއަތް ވިއްދައިލައިފައި، ނިކަން ނުބައި އަޑަކުން ހަނާ ހީނގަތެވެ.
ނުނިމޭ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިންމާގެ ފަންކާ
11 June 2020
އެއްފޮޅުވަތުން ވާހަކަ ނިންމަން ބޭނުންވާ އެންމެން ޝަކުވާނުކޮށް، މިވާހަކަ ނުކިޔާ ކުޑަކުދިންގެ ވާހަކަފޮތެއް ކިޔާ. ހަމަ ޔަގީނުންވެސް 2 މިނެޓް ނުވަނީސް ވާހަކަ ކިޔާ ނިންމާލެވޭނޭ ?
އައްޑޫ ކުއްޖާ
10 June 2020
މިވާހަކަ ހަމަ ހަބޭސް
ކުރަފަތްބޭބެ
10 June 2020
ހެލޯ އެންމެން. ކޮމެންޓްތައް ކިޔާލާ ހާލު ބަލާލަން މިއައި. ވާހަކަ ނިމުނީމަ އަންގާލާތި
ޝާޔަދު
10 June 2020
އަޅެ ހެޔޮނުވާނެ މިވާހަކަ ނިންމާލަބަލަ، ވާހަކަ ފެށުނުއިރު ހީވި ވަރަށް ރީތިވާނޭ އެކަމަކު ހީކުރިގޮތާ ޚިލާފަށް ވާހަކަ އަކީ ފޫހިކަން ބޮޑު ބޭކާރު ހާސަރުދަމާފަ ކުރިއަށް ގެންދާ ތާކުން ތާކުން ނުޖެހޭ ބޮޑު ސަކަރާތްގަނޑެއް.
ައަލިފުތާ
10 June 2020
ހެޔޮނިވާނެ ތި ބޭފުލާ މި ވާހަކަ ދެން ނުކިޔަބަލަ. އަހުރެމެން ކިޔާ ހިތުން ކިޔާލާނަން
ބަރުދީ
10 June 2020
ހިންދީ ޑްރާ މާއެއް...
ކައުންސެލަރު
10 June 2020
ޝަކުވާ މިވާހަކަ ނުކިޔާ. ޕްލީޒް!
ރައްޔިތުމީހަ
10 June 2020
އޭ މި ހަގީގީ ހާދިސާ އަކަށް ވެއްޖެޔާ ހާދަ މަޖާވާނެއޭ ދޯ ?
ކައުންސެލަރު
10 June 2020
ވާހަކަ ކިޔާހިތްނުވާކުދިން ބޯގޯސް ކޮމެންޓް ނުކޮށް މިވާހަކަ ނުކިޔާ. ހަހަހަހާ ?? ވާހަކަ ސަޅި
ސަސި
10 June 2020
މިއީ ހަގީގީ ހާދިސާއެކޭ ބުނީމަ މި ކިޔަނީ
ކިޔުންތެރިއެއް
10 June 2020
އެއްގެއިން އަނެއް ގެއަށް ނުދެވެނިސް ނިމުނީ