މުހައްމާގެ އާ ޕްރޮޖެކްޓަކީ "ފުރަބަންދު"

ކުރީގެ މަޝްހޫރު ކޮމީޑިއަން އަދި ޕްރޮޑިއުސަރު މުހައްމަދު އަބްދުﷲ (މުހައްމާކަލޯ) ގެ ފިލްމު ކުންފުނި ދެކެދެކެ ވެސް ޕްރޮޑަކްޝަނުން ގިނަ ދުވަސްތަކެއް ފަހުން "ފުރަބަންދު" ކިޔާ ސިލްސިލާއެއް ގެނެސްދިނުމުގެ މަސައްކަތް ފަށައިފި އެވެ.


ފަސް އެޕިސޯޑްގެ މި ސިލްސިލާ އަކީ ކެމެރާމަން އަލީ ރަޝީދު (ގޮޅާއައްޔަ) ގެ އަންހެނުން އައިޝަތު ރިޒާނާ މުހައްމާގެ ކޮންސެޕްޓަކަށް ލިޔެފައިވާ ސްކްރީންޕްލޭއަކަށް އަލީ ސީޒަން ޑައިރެކްޓްކޮށް، މުހިއްމު ރޯލެއް ވެސް ކުޅޭ އެއްޗެކެވެ.

ކޮވިޑް-19އާ ހެދި ގޭގައި ބަންދުވެގެން ތިބެން ޖެހުމުން ދިމާވާ ކަންތައްތަކެއް ދައްކުވައިދޭ "ފުރަބަންދު" ގެ ކުރިން ރިޒާނާ ވަނީ ދާދި ފަހުން ބައިސްކޯފުން ސްޓްރީމްކޮށް، މިހާރު ޓީވީއެމުން ގެނެސްދޭ ސިލްސިލާ "ހަނާ" ގެ ވާހަކަ ވެސް ލިޔެފަ އެވެ. އެ ސިލްސިލާގެ ޑައިރެކްޓަރަކީ އަމްޖަދު އިބްރާހީމް (އަމްޖޭ) އެވެ.

"ފުރަބަންދު" ގެ ޕްރޮޑަކްޝަން މެނޭޖަރު ގޮޅާ އަައްޔަ ބުނީ ސީޒަންގެ އިތުރުން ނާޝިދާ މުހައްމަދު (ނާއްކޮ) ގެ އިތުރުން ވާޝިޔާ މުހައްމަދު (ޝިޔާ) އާއި އިއްބެ އަދި ކުޑަ އަންހެން ކުއްޖަކު ވެސް މުހިއްމު ރޯލެއް ކުޅޭ ސިލްސިލާގެ ޝޫޓިންގެ 30 ޕަސަންޓް މިހާރު ވެސް ނިމިފައިވާ ކަމަށެވެ.

"ފުރަބަންދު" ގެ ޝޫޓިންގެ ތެރެއިން.

"ޝޫޓިންއާ އެކު އެކީގައި އަހަރެމެން މީގެ އެޑިޓިން ވެސް ކުރިއަށް ގެންދަމުން." އަބްދުﷲ ޝިވާޒް (މާސްކޭ) ކެމެރާކުރާ ސިލްސިލާއާ ބެހޭ ގޮތުން އައްޔަ ބުންޏެވެ.

އޭނާ ބުނިގޮތުގައި އަމާޒަކީ މި މަހުގެ ފަހުކޮޅު އައިސް ޓީވީން "ފުރަބަންދު" ދެއްކުމެވެ.

"ޝައުގުވެރި އެއްޗަކަށް ވާނެ މީތި." އައްޔަ ބުންޏެވެ.

ސީޒަން.

ކުރިން ގިނަ އަދަދެއްގެ ކުރު ފިލްމާއި ފީޗާ ފިލްމު ވެސް ގެނެސްދިން މުހައްމާ ޕްރޮޑިއުސްކޮށް އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2016 ގައި ސީޒަން ޑައިރެކްޓްކޮށް، ބަތަލުގެ ރޯލް ކުޅުނު "ވަފާތެރި ކެހިވެރިޔާ" އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމާގެ ދެކެދެކެ ވެސް އިން ގެނެސްދިން ކުރު ފިލްމުތަކުގެ ތެރޭގައި "ދެކެދެކެ ވެސް" ގެ ނަމުގައި ގެނެސްދިން ކުރު ފިލްމުތަކާއި "ފަގީރު ކޮއި" ފަދަ އުފެއްދުންތައް ހިމެނެ އެވެ.

އޭނާ ގެނެސްދިން ފީޗާ ފިލްމުތަކުގެ ތެރޭގައި "ނިއުމާ" އާއި "ހިތް ރޮއްވާނުލާ" ހިމެނެ އެވެ.