ސުޝާންތުގެ މަރާ ގުޅިގެން ރިއާއާ ދެކޮޅަށް ކޯޓަށް

މި މަހުގެ 14 ވަނަ ދުވަހު އަމިއްލަ އަށް މަރުވި ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ މަރުގެ މައްސަލާގައި، އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށް ބުނާ ބަތަލާ ރިއާ ޗަކްރަބަތީގެ އަތެއް އޮތް ކަމަށް ބުނެ އޭނާގެ މައްސަލަ ބަލައިދޭން އެދި ކޯޓަށް ހުށަހަޅައިފި އެވެ.


އެ މައްސަލަ ބިހާރުގެ ޗީފް ޖުޑިޝަލް މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައި ސުޝާންތު ނިސްބަތްވާ ބިހާރު ސްޓޭޓްގެ މުޒައްފަރްޕޫރުގެ ޕަޓާހީގައި ދިރިއުޅޭ ކުންދަން ކުމާރު ކިޔާ މީހެކެވެ. އޭނާ ހުށަހެޅި މައްސަލަ ކޯޓުން ބަލައިގެންފައިވާ އިރު، މައްސަލައިގެ ފުރަތަމަ އަޑުއެހުން ބުދަ ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ.

ރިއާއާ ދެކޮޅަށް ކުންދަން ހުށަހެޅި މައްސަލާގައި ބުނީ ސުޝާންތު މަރުވި އިރު، އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ރިއާއާ ކަމަށް މީޑިއާތަކުން ބުނާތީ އެ މައްސަލާގައި އޭނާއާ ބޮޑު ގުޅުމެއްވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި ރިއާއާ ބެހޭ ގޮތުން އެކި ކަހަލަ ވާހަކަތައް ދެކެމުންދާ ކަމަށާއި އޭގެ ތެރޭގައި ޕްރޮޑިއުސަރު/ޑައިރެކްޓަރު މަހޭޝް ބަޓް، 71، އާއި ރިއާ، 27، އާ ދެމެދު ސިއްރު ގުޅުމެއް އޮންނަ ވާހަކަ އާއި ސުޝާންތު ދަންޖެހިގެން މަރުވާނެ ވާހަކަ މަހޭޝް ކުރިން ވެސް ދައްކާފައިވާ ކަމަށް ބުނާ ވާހަކަތަކެއް ޚަބަރުތަކުން އެނގޭ ކަމަށް ބުނެފައިވެ އެވެ.

މަހޭޝް އަކީ ބަތަލާ އާލިއާ ބަޓްގެ ބައްޕަ އެވެ. ރިއާ އަކީ މަހޭޝް 2018 ގައި ގެނެސްދިން ފިލްމު "ޖަލޭބީ" ގެ ބަތަލާ އެވެ. ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި ސުޝާންތު މަރުވުމުގެ ކުރިން އޭނާ އަށް ވަނީ ރިއާ ދޫކޮށްލުމަށް އިންޒާރު ދީ މެސެޖްތަކެއް ވެސް ފޮނުވައިފަ އެވެ. އަދި ރިއާ ރައްޓެހިވެގެން އުޅޭ ނަމަ މަރައިލާނެކަމުގެ އިންޒާރު ވެސް ދީފައިވާ ކަމަށްވެ އެވެ.

ސުޝާންތު ދަންޖެހިގެން މަރުވި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ އިރު، އެ މައްސަލާގައި ވަނީ ރިއާގެ ބަޔާން ވެސް ނަގައިފަ އެވެ. އަދި އެ ބަޔާނާ ބެހޭ އެކި ވާހަކަތައް ވެސް މީޑިއާތަކުގައި ދައުރުވެފައިވެ އެވެ.

އޭގެ ތެރޭގައި، ސުޝާންތު ދިރިއުޅުނު އެޕާޓްމަންޓުގައި ރޫހާނީ ބާރުތަކެއް އުޅޭ ކަމަށް ރިއާ ބުނެފައިވާ ކަމަށް ދައްކާ ވާހަކަތަކާއި އެ ދެ މީހުން އެކީގައި އުޅުނު ވާހަކަ އާއި އެކީގައި އުޅޭނެ ތަނެއް ހޯދަމުން ދިޔަ ވާހަކަ އާއި ނޮވެމްބަރު މަހުގެ ތެރޭގައި ކައިވެނިކުރަން ޕްލޭންކޮށްފައި އޮތް ވާހަކަ އާއި ސުޝާންތު މަރުވުމުގެ ކުރިން ދެ މީހުންގެ މެދުގައި އަރައިރުންތަކެއް ވެސް ހިނގާފައިވާ ކަމަށް ރިއާގެ ބަޔާނުގައި އޮތް ކަމަށް މީޑިއާތަކުން ބުނެ އެވެ.

ބޮލީވުޑްގެ އެންމެ ހުނަރުވެރި ޒުވާން އެކްޓަރުންގެ ތެރޭގައި ހިމެނުނު ސުޝާންތު މަރުވެފައި ވަނީ ޑިޕްރެޝަނުގެ ތެރޭގައި ވެސް އުޅެފަ އެވެ. އަދި އެކަމުގައި އޭނާ އަށް ފިލްމީ ދާއިރާގެ އެއްވެސް ބަޔަކު އެހީވެފައިނުވާ ކަމަށް އެ މަރުގެ ޒިންމާ ބޮލީވުޑްގެ ވަރަށް ގިނަ ބައެއްގެ ބޮލުގައި އަޅުވާފައިވެ އެވެ.

ސުޝާންތުގެ މަރުގެ މައްސަލާގައި ރިއާ އަށް ދައުވާކުރަން ހުށަހެޅުމުގެ ކުރިން ސުދީރު ކުމާރު އޮޖާ ކިޔާ ވަކީލަކު ވަނީ ކަރަން ޖޯހަރާއި އެކްތާ ކަޕޫރާއި ސަންޖޭ ލީލާ ބަންސާލީ އާއި ސަލްމާން ޚާން ފަދަ ފަންނާނުންގެ މައްޗަށް ދައުވާކޮށްދޭން އެދި ހުށަހަޅައިފަ އެވެ.

އެ މީހުންނާ ދެކޮޅަށް ދަނީ އޮންލައިން ޕެޓިޝަނެއްގައި ސޮއި ވެސް ކުރަމުންނެވެ.