24 ޖޫން 2020 - 07:54
ދެހާސް އެއް ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ލޯބީގެ ފިލްމު "ރެހެނާ ހޭ ތޭރޭ ދިލް މޭ" ގެ ސީކްއެލްއެއް ހަދަން ނިންމައިފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި 2001 ގައި ރިލީޒްކުރި ފިލްމުގެ ދެވަނަ ބައެއް ހަދަން ވިސްނާތާ އަހަރުތަކެއް ފަހުން، މިހާރު ވާހަކަ ކުރިއަށް ގެންދާނެ ގޮތުގެ ޝައުގުވެރި ހިޔާލެއް ލިބިފައިވާތީ ފިލްމުގެ ޓީމުން މިހާރު އަންނަނީ ސްކްރިކްޕްޓް ފައްކާކުރަމުންނެވެ. ސްކްރިޕްޓް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށްވެ އެވެ.
ވާޝޫ ބަގްނާނީ ޕްރޮޑިއުސްކޮށް، ގޯތަމް މެނަން ޑައިރެކްޓްކުރި ރޮމޭންޓިކް ކޮމެޑީ "ރެހެނާ ތޭރޭ ދިލް މޭ" ގައި ލީޑް ރޯލް ކުޅުނީ އާރް މަދަވަނާއި ދިއާ މިރްޒާގެ އިތުރުން ސައިފް އަލީ ޚާނެވެ. ނޫސްތަކުން ބުނާ ގޮތުގައި ފިލްމުގައި ދިއާ އާއި މަދަވަން ކުޅުނު މެޑީ އާއި ރީނާގެ ކެރެކްޓާތަކުން އެ ދެ ތަރިން ސީކްއެލް އިން ވެސް ފެންނާނެ އެވެ.
ދިވެހިންގެ ތެރޭގައި ވެސް މަޝްހޫރުވި ލަވައެއް ކަމަށްވާ "ޒަރާ ޒަރާ" ވެސް ހިމެނޭ "ރެހެނާ ހެ ތޭރޭ ދިލް މޭ" އަކީ މި ފިލްމު ޑައިރެކްޓްކުރި ގޯތަމް ތަމަޅަ ބަހުން 2001 ގައި ގެނެސްދިން ފިލްމު "މިންނާލޭ" ގެ ރިމެކެކެވެ. އެ ފިލްމުގެ ވެސް ބަތަލަކީ މަދަވަނެވެ.
"ރެހެނާ ހެ ތޭރޭ ދިލް މޭ" އަކީ ދިއާ، 38، އަށް ވަރަށް ހާއްސަ ފިލްމެކެވެ. ސަބަބަކީ އެ ފިލްމަކީ 2000 ވަނަ އަހަރު މިސް އޭޝިއާ ޕެސިފިކްގެ ތާޖު ހާސިލުކުރުމަށް ފަހު، އޭނާ ބޮލީވުޑަށް ތައާރަފުވި ފިލްމަށްވުމެވެ. މިހާރު ވެސް ދިއާ އަކީ މަދުމަދުން ފިލްމުތަކުންނާއި ވެބް ސީރީޒްތަކުން ފެންނަ ބަތަލާއެކެވެ. އެކަމަކު އާންމުކޮށް މިހާރު އޭނާ ފެންނަނީ ސަޕޯޓިން ރޯލްތަކުންނެވެ.
"ރެހެނާ ހެ ތޭރޭ ދިލް މޭ" ގެ ސީކްއެލްއެއް ހަދަން ނިންމި ނަމަވެސް މިއާ ބެހޭ މާ ބޮޑު ތަފުސީލުތަކެއް އަދި ހާމައެއްނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy