27 ޖޫން 2020 - 09:10
މުމްބާއީ ފިލްމު ފެސްޓިވަލް އިންތިޒާމުކުރާ މުމްބާއީ އެކެޑެމީ އޮފް މޫވިން އިމޭޖް (މާމީ) ގެ ބޯޑުން ކަރަން ޖޯހަރު ވަކިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނި ގޮތުގައި ކަރަން ވަނީ މާމީގެ ބޯޑުން އިސްތިއުފާދޭން ނިންމައި، ސިޓީ ވެސް ފޮނުވައިފަ އެވެ. އެކަމަކު އޭނާ ބޯޑުން ވަކިވިކަން ކަށަވަރެއް ނުވެ އެވެ. އަދި މިކަމާ ބެހޭ ގޮތުން ސީދާ ކަރަން އެއްވެސް އެއްޗެއް ނުބުނެ އެވެ.
މި މަހުގެ 14 ވަނަ ދުވަހު އެކްޓަރު ސުޝާންތު ރާޖްޕޫތު އަމިއްލަ އަށް މަރުވި ހާދިސާއާ ގުޅިގެން އޭގެ ޒިންމާ ގިނަ ބަޔަކު އެންމެ ބޮޑަށް އަޅުވާ އެކަކީ ކަރަން އެވެ. ސަބަބަކީ އޭނާ އަކީ ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ ޕްރޮޑިއުސަރު/ޑައިރެކްޓަރުންގެ ތެރެއިން އެކަކަށްވެފައި ނެޕޮޓިޒަމްގެ ކުޅިގަނޑުގެ ރޭހުގެ އެންމެ ކުރީގައި އުޅޭ މީހާ ކަމަށް ގިނަ ބަޔަކު އަބަދު ވެސް ތުހުމަތުކުރުމެވެ.
ސުޝާންތު މަރުވި ދުވަހު ކަރަން އިންސްޓަގްރާމްގައި ބުނީ ޒުވާން އެކްޓަރު ވަކިވެގެން ދިޔައީ އޭނާއާ ބައްދަލުނުވާތާ ވެސް އަހަރެއްހާ ދުވަސް ފަހުން ކަމަށާއި ސުޝާންތު ނެގި ފިޔަވަޅުގެ ޒިންމާ އަށް އޭނާގެ އަމިއްލަ ނަފުސު ވެސް ޒިންމާވާ ކަމަށެވެ.
ސުޝާންތަކީ ކަރަންގެ ދަރުމާ އިން މިދިޔަ އަހަރުގެ ނެޓްފްލިކްސް އިން ސްޓްރީމްކުރި ފިލްމު "ޑްރައިވް" ގެ ބަތަލެވެ.
ރިޕޯޓްތައް ބުނާ ގޮތުން ކަރަން މާމީގެ ބޯޑުން ވަކިވާން ނިންމީ ސުޝާންތުގެ މަރާ އެކު އޭނާ އަށް ކުރިމަތުވަމުންދާ ޕްރެޝަރުތަކާއި އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ބޮލީވުޑުން އެކަށީގެންވާ އިޖާބައެއް ނުދީ ދިފާއުގައި މަސައްކަތްކޮށް ނުކުރާތީ އެވެ. މިކަމާ ގުޅިގެން ކަރަން ވަނީ، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އެތައް ފަންނާނުންނެއް އަންފޮލޯ ވެސް ކޮށްފަ އެވެ.
ސުޝާންތު ނިސްބަތްވާ ބިހާރު ސްޓޭޓްގައި ބޮލީވުޑާ ދެކޮޅަށް ކުރަމުންދާ މުޒާހަރަކުގައި ސުޝާންތު ފޭނުން ދަނީ ކަރަންގެ ފިލްމުތައް އެ ސްޓޭޓްގައި ދެން ރިލީޒްވިޔަ ނުދޭނެ ކަމަށް ވެސް ބުނަމުންނެވެ. އަދި ކަރަން ހިމެނޭ ގޮތަށް ސުޝާންތުގެ މަރުގެ މަައްސަލާގައި ބޮލީވުޑްގެ ފަންނާނުންތަކަކަށް ދައުވާކުރަން ހުށަހަޅައި، އެ މީހުންގެ ފިލްމުތައް ބޮއިކޮޓްކުރަން ވެސް ދަނީ ގޮވައިލަމުންވެ. އޭގެ ތެރޭގައި އެކްތާ ކަޕޫރާއި އަދިތިޔާ ޗޯޕްޅާ އާއި ސަންޖޭ ލީލާ ބަންސާލީގެ އިތުރުން ބުޝަން ކުމާރާއި ސަލްމާން ޚާން ހިމެނެ އެވެ.
މި އަހަރުގެ މާމީ ފެސްޓިވަލް ބާއްވަން ތާވަލުކޮށްފައި ވަނީ ނޮވެމްބަރު މަހުގެ 5-12 އަށެވެ. ނަމަވެސް އެ ކޮވިޑް-19އާ އެކު ކުރިމަރިވެފައިވާ ހާލަތްތަކާ ހެދި އެ މުއްދަތުގައި ފެސްޓިވަލް ބާއްވާނެކަން މިހާރު އޮތީ ސުވާލުމާކެއްގެ ތެރޭގަ އެވެ.
މާމީގެ މި ވަގުތުގެ ޗެއާޕާސަނަކީ ބަތަލާ ދީޕިކާ ޕަދްކޯނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy