ކަރަން ޕަޓޭލް.
28 ޖޫން 2020 - 07:55
ސްޓާ ޕްލަސްގެ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ" ގެ ބަޖާޖްގެ ރޯލު ކުޅޭނެ އެކްޓަރަކާ ބެހޭ ގޮތުން މީޑިއާތަކުގައި އެކި ވާހަކަތައް ދެކެވެމުން ދަނިކޮށް އެ ރޯލަށް ސޮއިކުރިކަން ކަރަން ޕަޓޭލް ކަށަވަރުކޮށް ދީފި އެވެ.
ކަރަން އަކީ "ކަސޯޓީ" ގެ ޕްރޮޑިއުސަރު އެކްތާ ކަޕޫރް މިދިޔަ އަހަރު ނިންމައިލި ސިލްސިލާ "ޔޭ ހޭ މުހައްބަތޭން" ގެ ބަތަލެވެ. އޭނާ މި ސިލްސިލާގެ ކުޑަކުޑަ ރޯލަކުން ކުރިން ވެސް ފެނިފައިވެ އެވެ. އެއީ ބަޖާޖްގެ ކެރެކްޓާ ކުރިން ކުޅުނު ކަރަން ސިންގް ގްރޯވާގެ ދަރިއެއްގެ ރައްޓެއްސެއްގެ ރޯލުންނެވެ.
ނަމަވެސް ބެލުންތެރިން އައިކޮނިކް ކެރެކްޓާއެއްގެ ގޮތުގައި ސިފަކުރާ ބަޖާޖްގެ ރޯލް ކުޅެން ލިބުމާ ގުޅިގެން ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއްގައި ކަރަން ބުނީ އެ ރޯލް ކުޅެން ލިބުމަކީ ޝަރަފެއް ކަމަށެވެ.
"އަހަރެން މަސައްކަތްކުރާނީ އަހަރެންގެ ސްޓައިލްގައި ބަޖާޖް ޕްރެޒެންޓްކޮށްދޭން."
"އަހަރެން ބަލާނަން ކަސޯޓީގެ ފުރަތަމަ ސިލްސިލާގައި ރޯނިތު ރޯއި އަދި ފަހުގެ ސިލްސިލާގައި ކަރަން ކުޅުނު ފެންވަރަށް އަދި ބަޖާޖްގެ ރޯލް ކުޅެވޭތޯ،" އޭނާ ބުންޏެވެ. "އަހަރެން ބޭނުން މުހައްބަތޭންގައި އަހަރެން ކުޅުނު މިސްޓަ ބައްލާގެ ކެރެކްޓާ އިން ލިބުނު ވަރުގެ ތަރުހީބެއް ބަޖާޖްގެ ކެރެކްޓާ އިން ވެސް ހޯދަން."
ކަރަން ބުނިގޮތުގައި ކުރިން ދެ އެކްޓަރަކު ކުޅެފައިވާ ރޯލެއް ކުޅޭތީ ބެލުންތެރިންނާ އޭނާ އާއި ކުރީގެ ދެ އެކްޓަރުންނާ އަޅާކިޔާނެ ކަމަށް ވެސް ގަބޫލުކުރެ އެވެ.
"އެކަމަކު އެއީ އެއްވެސް މައްސަލައެއް ނޫން. އަހަރެން މަސައްކަތްކުރާނީ އަހަރެންގެ ސްޓައިލްގައި ބަޖާޖް ޕްރެޒެންޓްކޮށްދޭން." ކަރަން ބުންޏެވެ.
ޕާތު ސަމްތާނާއި އެރިކާ ފެނަންޑޭޒް ލީޑް ރޯލް ކުޅޭ "ކަސޯޓީ" ގެ އާ ސީޒަން 2018 ގައި ދައްކަން ފެށިއިރު، ބަޖާޖްގެ ރޯލް ކުޅެމުން އައީ ބޮލީވުޑްގެ ކުރީގެ ބަތަލާ ބިޕާޝާ ބާސޫގެ ފިރިމީހާ ކަރަން އެވެ. ނަމަވެސް ފަހުން އޭނާ ވަނީ ސިލްސިލާ ދޫކޮށްލަން ނިންމައިފަ އެވެ.
އެއާ އެކު ބަޖާޖްގެ ރޯލް ދެން ކުޅޭނެ އެކްޓަރަކާ ބެހޭ ގޮތުން މީޑިއާތަކުގައި ބޮޑު ބަހުސްތަކެއް ހިނގާފައިވެ އެވެ. އެގޮތުން ވިވާން ބަޓޭނާއި އާއި ކަރަން ކުންދުރާ އާއި ގޯރަވް ޗޯޕްޅާ އަދި ޝަރަދު ކެލްކަރް ފަދަ އެކްޓަރުން އެ ރޯލަށް ގެންނަން އުޅުނު ވާހަކަތައް ދެކެވިފައިވެ އެވެ.
އިންޑިއާގެ ލޮކްޑައުންއާ އެކު "ކަސޯޓީ" ގެނެސްދިނުން މެދުކެނޑިފައިވާ އިރު، އަންނަ މަހުގެ ތެރޭގައި އަލުން ސިލްސިލާ ދައްކަން ފަށާނެ ކަމަށް ބެލެވެ އެވެ. އެއާ އެކު ބަޖާޖްގެ ގޮތުގައި ކަރަން ފެންނަން ފަށާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy