12 ޖުލައި 2020 - 08:36
ބުދަ ދުވަހާ ގުޅޭ
އައި ގޮތަށް އައިސް ރިފާގެ އަތު ތެރޭގައި ޒުލްފާ އެއްޗެހިތަކެއް ބެހެއްޓިއެވެ. ރިފާ ބަލައި އިރު އަސޭމިރުސް ފުށްތަކެއް ވަރުގެ ކުދިކުދި ކަރުދާސް ގުޅަތަކެއް ހުއްޓެވެ. އެއީ ޓިޝޫ ކަރުދާހުން ވަށައިފައިވާ ގުޅަތަކެކެވެ. އެތެރެއަކު އެއްޗެއް ނެތެވެ. ހަތް ގުޅަ އޮތެވެ. ރިފާގެ ހަތަރެސްފައި ފިނިވެގެންދިޔައެވެ.
"މާދަމާ ހެނދުނު ހޭލައިގެން އެނދުން ނުފައިބައި ތި ގުޅަތައް ދިރުވާލާ،" ޒުލްފާ ސިއްރުސިއްރުން ބުންޏެވެ. "އެއްވެސް މީހެއް ގާތުގަ މި ވާހަކަ ނުބުނާތި! ބަރާބަރު އެއް މަސް ތެރޭގަ ރިފާ ބަނޑުބޮޑުވާނެ. މުޖައްރިބު!"
ރިފާ އިންކާރު ކޮށްފައި ވަނިކޮށް ޒުލްފާ އެ ފަދަ އެއްޗެއް ގެނައީ ކީއްކުރަން ހެއްޔެވެ؟ އެންމެ ފުރަތަމަ ރިފާ ހިތަށްއެރި އެއްޗަކީ އެއީއެވެ. ކަރުދާސްކޮޅުތައް ދިރުވައިލާ ތަނާ ރިފާއަށް ކަމެއް ވެއްޖެއްޔާ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟
"އަހަންނަށް ހީވަނީ ރިފާ ފިރިހެން ކުއްޖެއް ބޭނުން ނުވަނީހެން،" ޒުލްފާ ގަދަކޮށްލިއެވެ. "ބޭނުން ނޫނިއްޔާ ގެނޭ."
ރިފާގެ އަތުން ޒުލްފާ ކަރުދާސްކޮޅުތައް ނަގާ ގޮތް ދައްކައިލުމުން ރިފާ މުށް ލައްޕައިލިއެވެ.
"އެނދުން ނުފައިބައޭ؟" ރިފާ ސުވާލުކުރިއެވެ. "އަހަރެން ނިދަނީ ގޮދަޑީގައެއްނު! ދެން ކިހިނެއް ހަދާނީ؟"
"އަތުޖެހޭ ހިސާބުގަ ފެންފުޅިއެއް ބަހައްޓާ!" ޒުލްފާ ކިޔައިދިނެވެ. "އޭރުން ފަހަރެއްގަ ނުދިރެން އުޅުނަސް ފެން ފޮދެއް ބޯލެވޭނެއްނު! އެކަމަކު ހެނދުނު ހޭލައިފަ ފުރަތަމަ ތި ކާނީ."
ޒުލްފާ އަވަސްއަވަހަށް ނުކުމެގެން ދިޔައެވެ. މުށު ތެރެއަށް ކަރުދާސްކޮޅުތައް ލައިގެން އެތައް އިރަކު ރިފާ ވިސްނަން އިނެވެ. މަންމަ ގާތުގައި އަހާނީ ހެއްޔެވެ؟ ކަރުދާސްކޮޅުތައް އުކާލާނީ ހެއްޔެވެ؟ އޭރުން ދެން ރިފާއަށް އެހީ ވާނީ ކާކު ހެއްޔެވެ؟ ރިފާގެ އަންހެން ދަރިފުޅު ދެކެ ރިފާ ވަރަށް ލޯބިވެއެވެ. އެހެނަސް ފިރިހެން ކުއްޖަކު ނުލިބޭހާ ހިނދަކު ރިފާގެ ހިތެއް ނުފުރޭނެއެވެ. ކައިވެނި ފުރިހަމަވި ހެނެއް ރިފާ އަކަށް ހިޔެއް ނުވާނެއެވެ.
ގަޑިން ރޭގަނޑު އެގާރަ ޖަހަނީއެވެ. ޒާހިރާއި ނަޝްފާ ނިދައިފިއެވެ. ރިފާ ތެދުވިއެވެ. ކަރުދާސް ގުޅަތައް އަޅައިފައި ހުރި ކަރުދާސްގަނޑު ރަނގަޅަށް ލައްޕައިލުމަށް ފަހު ކުޑަދޮރުގެ ދާރަ މަތީގައި ބޭއްވިއެވެ. ފެންފުޅި ބެހެއްޓީ ފާރުކައިރީގައި، ތަޅުންގަނޑު މަތީގައެވެ. އެނދުން ނުފައިބައި އަތްލެވޭ ހިސާބުގައެވެ. އެނދުގައި އޮށޯވެގެން ރިފާ ވިސްނަން އޮތް އިރު، ކުޑަ ފިރިހެން ކުއްޖަކު އައިސް ރިފާގެ ބޯލާކޮޅުގައި ހުއްޓިގެން ހުރި ކަހަލައެވެ.
"މަންމާ!" ރިފާގެ ފިރިހެން ދަރިފުޅު ރިފާއަށް ގޮވައިލި ކަހަލައެވެ.
ހީއެއް ނަމަވެސް އެ މަންޒަރު ރިފާއަށް ފެންނަ ކަހަލައެވެ. ނިދުމުން ހުވަފެނުގައި ރިފާއަށް ފެނުނީ ރިފާގެ ފިރިހެން ދަރިފުޅު ބޮޑުވެފައި ހުއްޓައެވެ. ހީވަނީ ޒާހިރު ހެންނެވެ.
ހެނދުނު ހޭލެވުނު އިރު އެ ހުވަފެން މައްޗަކުން ރިފާ ހަނދާނެއް ނެތެވެ. ކަރުދާސް ގުޅަ މަތިން ވެސް ހަނދާނެއް ނެތެވެ. ފުރަތަމަ އެއްޗަކަށް ކަރުދާސްކޮޅުތައް ކާން ޒުލްފާ ބުނެފައި އޮއްވައި ސައިބޮވުނެވެ. ނުވަގަޑީގައި ރިފާ ޖޫސް ބުޔެވެ. ކަރުދާސްކޮޅު މަތިން ހަނދާންވީ ތަޅުންގަޑު ކުނިކަހަނިކޮށް ފެން ފުޅި ފެނުނީމައެވެ. އޭރު މެންދުރު ވަނީއެވެ. ދެން ހަދާނެ ގޮތަކާ މެދު ރިފާ ވިސްނައިލިއެވެ. ހިތަށްއެރިއެވެ. ޖެހޭނީ އެއްތާކުއެވެ. ކަރުދާސްކޮޅުތައް ކެއީ އެއްޗެއް ކައިގެން ކަމެއް ނުވަތަ ނުކައި ކަމެއް ޒުލްފާ އަކަށް ނޭނގޭނެއެވެ. ވަގުތުން ކަރުދާސްކޮޅުތައް ކާލިއެވެ. އަދި ފެންފޮދެއް ބޯލައިގެން ނުވެސް ދެނަހުރި ކަމަށް ހެދިގެން ހުއްޓެވެ.
ރިފާ އަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ގައިގެ ތަނެއްގައި ރިއްސުމެއް، އުނދަގޫވުމެއް ނެތެވެ. ގައިން ބިއްސެއް، ފިތްގަނޑެއް އެއްޗެއް ނުނަގައެވެ. ޒާހިރު ކާން އަންނަންވާ އިރަށް ރިހާކުރު ދިޔަ ހަދައިފައި، މަސްކޮޅެއް ތެއްލިއެެވެ. އެއީ ޒާހިރަށް މާ މީރު އެއްޗެކެވެ. ރިފާ ކައްކާ އެއްވެސް އެއްޗެއް ޒާހިރަކަށް ނުބައެއް ނުވާނެއެވެ. ނުބައި ވިޔަސް ޝަކުވާކުރުމަކީ ޒާހިރުގެ އާދައެއް ނޫނެވެ. އަނެއް ކޮޅުން ރިފާއަކީ ޒާހިރު ޝަކުވާއެއް ކުރިޔަސް ޒުވާބުކޮށް، ހަޅޭއްލަވާ އަންބެއް ނޫނެވެ. ދަރިޔަކު ލިބި އެ ދަރިފުޅަށް ފަނަރަ އަހަރު ފުރުނު އިރު ވެސް ރިފާގެ މަޑުމައިތިރިކަން އެ ގޮތުގައި ދެމިއޮތެވެ.
ޒާހިރު ކާން ގެއަށް އައީ މެންދުރު އެކެއް ޖަހަނިކޮށެވެ. އޭރު ކާންހަދައި ނިމުމަށް ފަހު ރިފާ ތައްޓަށް ފެންއަޅަނީއެވެ. ޒާހިރު ހަމަ ފެނުމާ އެކު ރިފާގެ ރުޅި ސަތޭކައަށް އެރިއެވެ.
"ހަމަ މިހާރު އަހަރެން ވަރިކުރޭ!" ދިޔަ ގޮތަށް ގޮސް ޒާހިރު ގަމީހުގެ ގިރުވާނުގައި ހިފަމުން ރިފާ ބުންޏެވެ. "ހަމަ މިހާރު. މި ވަގުތު! އަހަރެން ވަރިކޮށްފަ ނޫނީ ލާހިކެއް ނޫން ކާކަށް."
ޒާހިރު ދިޔައީ ސިއްސައިގެންނެވެ. މަންޒަރު ފެންނަ ހިސާބުގައި ތިބި އަޒީޒާއާއި ނަޝްފާ ވެސް ތިބީ ބުނާނެ އެއްްޗެއް ނޭނގިފައެވެ. ރިފާ ދުވަހަކު ވެސް ޒާހިރާ ދިމާއަށް އެ ކަހަލަ އެއްޗެއް ނުބުނެއެވެ. އެހާ ރުޅިއެއް ވެސް ނާދެއެވެ. ކުޑަމިނުން، ދެމަފިރިން ދެމެދުގައި ދެބަސްވުމެއް ނުވެސް ހިނގައެވެ. އަޒީޒާ އެންމެ ހައިރާންވީ ރިފާ އެއްވެސް ސަބަބެއް ނުދައްކާތީއެވެ. ހުއްޓައި ނުލައި ރިފާ އެދެނީ ވަރިޔަށެވެ. ވަރިނުކޮށްފިޔާ ކުރާނެ ކަންތައްތަކުގެ އިންޒާރު ވެސް ރިފާ ދިނެވެ. އަންނައުނުތައް އަންދާލާނެ ވާހަކައާއި، ޒާހިރު ކާން އިންދައި ތަށްޓަށް ވެލިއަޅާނެ ވާހަކައާއި، ނިދީމައި ގަޔަށް ހޫނުފެން އަޅާނެ ވާހަކައެވެ. އަޒީޒާއެކޭ ހިލައިން ހަދައިފައިވާ ބުދެކޭ އެއްގޮތެވެ. އެސްފިޔަޖަހަން ވެސް ހަނދާން ނެތިފައި ބަލަހައްޓައިގެން އިނެވެ.
"ރިފާ!" ހައިރާންވެފައި ޒާހިރު ބުންޏެވެ. "ކޮން ފާޑަކަށް ތި އުޅެނީ؟"
"ކޮން ރިފާއެއް؟" ރިފާ ހަޅޭއްލަވައިގަތެވެ. "މަ ނޫޅެމޭ ކަލެޔާ އިނދެގެން އުޅޭކަށް. ވަރިކުރާށޭ! ކޮން ފަދަ ބަލާވެރިކަމެއް."
ރިފާގެ އަނގަހަޑިވާން ފެށުމުން އަޒީޒާ އަކަށް ނީނދެވުނެވެ. އައި ގޮތަށް އައިސް ރިފާގެ އަތުގައި ހިފިއެވެ.
"ދޫކޮށްލާ!" އަޒީޒާ އަމުރުކުރިއެވެ. "ހަމަ މިހާރު ދޫކޮށްލާ!"
ރިފާ ދުލެއް ނުކުރިއެވެ. ރުޅިއަންނާކަށް ޒާހިރަކަށް ނޭނގުނެވެ. އާ ކަމެއް ވީމައެވެ. އެހެނަސް ޒާހިރު ވަރަށް ލަދުގަތެވެ. ޒާހިރުގެ ގިރުވާނުން ރިފާގެ އަތް ފޮޅުވައިލައިފައި ޒާހިރު ނުކުތެވެ. އޭރު އަޒީޒާ ހުރީ ރިފާގެ އަތުގައި ހިފާއްޓައިގެންނެވެ. އަޒީޒާގެ އަތް ފޮޅުވައިލައިފައި، ޒާހިރު ފަހަތުން ރިފާ ދުއްވައިގަތެވެ. އެ މަންޒަރު ބަލަން ދުރުގައި ޒުލްފާ ހިނިއައިސްފައި ހުރި ތަނެއް އެކަކު ވެސް ނުދެކެއެވެ. ޒާހިރު ގެންގުޅެނީ ވަރަށް ބާ ސައިކަލެކެވެ. ދެތިން ފަހަރަކުން ސައިކަލު އިސްޓާޓު ކުރެވުނު އިރު ރިފާ އައިސް ޒާހިރާ ހަމަކޮށްފިއެވެ. ޒާހިރު ސައިކަލު ދުއްވައިލިއެވެ. ސައިކަލު ފަހަތުން ރިފާ ދުއްވައިގަތެވެ. ސައިކަލު ގޮސް އޮބައިލި ނަމަވެސް ރިފާގެ ދުވުމެއް ނުހުއްޓުނެވެ. ރިފާއަށް އައިސްފައި ހުރީ އާދަޔާ ހިލާފު ބާރެކެވެ. ޒާހިރު އިންނަ ފިހާރަ ރިފާއަށް އެނގެއެވެ. އެ ތަނަށް ވަން އިރު ޒާހިރު އިނީ ސޭޓު ގޮނޑީގައެވެ. ރިފާ ވަދެފައި ފިހާރައިގައި ހުރި އެއްޗެހިތައް އެތައްމިތަނަށް އުކަން ފެށިއެވެ.
"ވަރިކުރޭ ވަރިކުރޭ!" ރިފާ ހަޅޭއްލެވިއެވެ. "ކިހާ ބޮޑު..."
ރިފާ ހިތަށް އައިހާ އެއްޗެއް ގޮވިއެވެ. ވިޔަފާރިކުރަން އައިސް ތިބި މީހުން ތިބީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޒާހިރަށް ޖެހުނީ ފިހާރަ ދޫކޮށްލައިފައި ރިފާ ގޮވައިގެން ގެއަށް އަންނާށެވެ. ރުހުމަކު ރިފާއެއް ނައެވެ. ރިފާ ގެންނަން ޖެހުނީ ގަދަކަމުން ހިފައިގަނެގެންނެވެ.
ގެއަށް ވެއްދުމުން ގެޔަކު ވެސް ރިފާ މަތައެއް ނުވިއެވެ. ޒާހިރާ ދިމާއަށް ހަޅޭއްލެވުން ހުއްޓައެއް ނުލިއެވެ. ވަރިކުރާށޭ ނޫން އެއްޗެއް ރިފާ ނުކިޔައެވެ. ޒާހިރު ކުރާ އެއްވެސް ސުވާލަކަށް ރިފާ ޖަވާބެއް ނުދެއެވެ. އަޒީޒާ ވެސް ވީ ގޮތް އޮޅުންފިލުވަން ވަރަށް މަސައްކަތް ކުރިއެވެ. އެއިން އެއްވެސް ވާހަކައެއް ރިފާއަށް އިވޭ ހެނެއް ހިޔެެއް ނުވެއެވެ. އިރުކޮޅަކުން ފިހާރައިގެ ވެރިމީހާ ގުޅިއެވެ. ރިފާ ހަލާކު ކުރި އެއްޗެއްސަށް ޒާހިރު ލާރި ދޭން ޖެހުނެވެ. ޖުމުލަ ހަތް ސަތޭކަ ތިރީސް ރުފިޔާ އެރިއެވެ. ޒާހިރަށް އެއީ ބޮޑު އަދަދެކެވެ.
ރޭގަނޑު ވެސް މުޅި ގޭގައި ރިފާގެ އަޑު ނޫން އަޑެއް ނެެތެވެ. ރިފާގެ ދެ ބޭބެ ވެސް އައިސް ރިފާއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. މަންމައަށް ވިސްނައިދޭން ނަޝްފާ ވެސް މަސައްކަތް ކުރިއެވެ. ރިފާ އަޑެއް ނޭހިއެވެ. ޒާހިރު ނިދިޔަ ވެސް ނުދިނެވެ. ހަމަ ނިދޭހާ އިރު ކޮށްލައިފައި ހަޅޭއްލަވައިގަނެއެވެ. ކޮޓަރިއަކު މާ ގިނަ އެއްޗެއްސެއް ނުހުރެއެވެ. އެހެނަސް ރިފާގެ އަތުޖެހޭ އެއްޗެއް ވިއްޔާ ޒާހިރާ ދިމާއަށް ހޫރައިލައެވެ. ވެގެން އުޅޭ ގޮތެއް އެކަކަށް ވެސް ނޭނގެއެވެ. މުޅި ރޭ އެންމެން އުޅުނީ ހޭލައެވެ.
ހެނދުނު ޒާހިރު ސައިބުއިކަ ނުދިނެވެ. ކެތް ނުވެގެން ޒާހިރު ފިހާރައަށް ދިޔައީ ސައިނުބޮއެވެ. އެ ދުވަހު ވެސް ޒާހިރު ފަހަތުން ރިފާ ފިހާރައަށް ދިޔައެވެ. އަނެއްކާ ވެސް އެއްޗެހިތައް ހަލާކުކުރަން އުޅުނެވެ. ޒާހިރަށް މަޖުބޫރުވީ އެ ތަނުން އެ ތަނަށް ރިފާ ވަރިކުރާށެވެ. އޭރު ޒާހިރު ރައްޓެހި ދެތިން ފިރިހެނުން ވެސް ފިހާރައިގައި ތިއްބެވެ. ހަމަ ވަރިކުރުމާ އެކު ރިފާ މަޑުމަޑުން އެ ތަނުން ނުކުތެވެ. ރިފާއަށް ހަމަހޭވެރިކަންވީ އެ ހިސާބުންނެވެ. އިސްޖަހައިލައިގެން މަގުގެ އެއްކައިރިން ހިނގައިފައި ގެއަށް އައި ގޮތަށް ރޯން ފެށިއެވެ. ދެން ހުއްޓައެއް ނުލެވުނެވެ. އޭރު ވެސް އަޒީޒާ ހުރީ ނޭނގުމެއްގެ ތެރޭގައެވެ.
"ޒާހިރު އަހަރެން ވަރިކޮށްފި!" ގިސްލަގިސްލައިފައި ރިފާ ބުންޏެވެ.
"ވަރިކުރާނެއްނު ދަރިފުޅު ހީވީ އޭނަ ކާލާފާނެހެން ވިއްޔަ!" ހައިރާންވެފައި އަޒީޒާ ބުންޏެވެ. "ކީއްވެގެންތަ އިއްޔޭއް ސުރެ ޒާހިރުގެ ގަޔަށްބޮލަށް ތި އަރަނީ؟ ކޮން ކަމަކާތަ ރުޅިއައިސްގެން ތި އުޅެނީ؟"
"އަހަންނަކަށް ނޭނގެ މަންމާ!" ރޮމުންރޮމުން ރިފާ ބުންޏެވެ. "އަހަރެން ބޭނުމެއް ނޫން ވަރިވާކަށް."
އަޒީޒާއަށް ޝައްކުވީ އެ ހިސާބުންނެވެ. ރިފާ ގޮވައިގެން ގޮސް ކޮޓަރިއަށް ވަދެފައި އަޒީޒާ ތަހުގީގު ފެށިއެވެ.
"ދަރިފުޅު ކީއް ކޮށްގެން ތި އުޅެނީ؟" އަޒީޒާ ސުވާލުކުރިއެވެ. "ދަރިފުޅު އެއްވެސް މީހަކު ދިން އެއްވެސް އެއްޗެއް ކެއިންތަ؟"
ނުނިމޭ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕަރސަން
13 July 2020
އޭ ހާދަ ސަޅިއޭ. ދެން އެއީވެސް މީހުން ކުރާ ކަހަލަ ކަންތައްތަ އަޅެ؟ ހާދަ ނުބައި މީހުން އުޅެއޭ ދޯ އަސްލު
ކައްޓޮ
12 July 2020
ވަރަށް ވަރަށް ސަޅި މި ވާހަކަ. ކުރިޔަށް ދާ ވަރަކަށް މި އަށް ވުރެ ރީތި ވާނެކަމަށް އުންމީދު ކުރަން.
ޖޫން
12 July 2020
މި ވާހަކަ ވެސް ފެށުން ވަރަށް ރީތި މާޝާﷲ އަނެއް ވާހަކަ ވީހެން ނުވާތި
ބިންމާފޭންގާރލް
12 July 2020
ވަރަށް ކަމުދޭ ބިންމާގެ މިކަހަލަ ވާހަކަ ކިޔާލަން ލިބޭތީ... ތެންކްސް ބިންމޫ.. ސިހުރު ވާހަކަތަށް ވަރަށް ހަބޭސް.. ކިޔާ ހިތްވޭ..! މީހަމަ އިބުތަރަތް.
ޢަފީ
12 July 2020
ބިން މާ އަކީ ހާދަ މޮޅު މީހެކޭ މާޝަﷲ. ސިހުރު ކަންތައް ރާއްޖޭގަ ވަރަށް ބޮޑު.. މިކަ މަށް މީހުން ހޭލުންތެރިވާން ޖެހޭ މިންވަރުވެސް ބޮޑު..
ގަނޑިޔާ!!!
12 July 2020
ހާދަކުރޭ
ޢަލީ
12 July 2020
މިހާރު ސިހުރުނޫން އެއްޗެއް ބިންމާ އަކަށް ނުލިޔެވޭ. ވަރަށް ފޫހި