22 ޖުލައި 2020 - 08:57
އާދިއްތަ ދުވަހާ ގުޅޭ
"ދެން ކިހިނެއް ހަދާނީ؟" ޒާހިރު ސުވާލުކުރިއެވެ.
އެކުވެރިއެއްގެ ހައިސިއްޔަތުން ގާޒީއަށް ފެންނަ ލަފާ ގާޒީ ދިނެވެ. އެއީ، ދެ މީހުން ހަމަޖެހިލައިގެން ރަނގަޅަށް ވިސްނުމެވެ.
"ފަށްކެނޑުމުގެ ނިޔަތަކު ކައިވެންޏެއް ނުކުރާނެ. ކައިވެނިކުރާނީ އެކީގަ ދިރިއުޅެން،" ގާޒީ ވިސްނައިދިނެވެ. "އެކަމަކު އަހަންނަށް އެނގޭ ފަށްކެނޑުމަކީ މިހާރު ވިޔަފާރިއެއްކަން."
ޒާހިރުގެ ނަސީބު ޒާހިރު ބެހެއްޓީ ދެ ކަފި މަގެއްގެ އަނގޮޅި މަތީގައެވެ. ހަގީގަތުގައި އެއީ ދެ ކަފި މަގެއް ވެސް ނޫނެވެ. ޒާހިރަށް އޮތީ ހަމަ އެންމެ ގޮތެކެވެ. އެއީ ރިފާ އެހެން މީހަކާ ދެވުމެވެ. ހިރާސް ކިތަންމެ ބޮޑަސް ޒާހިރަށް ރިފާ ލިބޭނެ އެހެން ގޮތެއް ނެތެވެ. ވަރިޔަށް އެދުމަކީ ރިފާގެ ކުށެއް ނޫނެވެ. ވަރިކުރުމަކީ ޒާހިރުގެ ކުށެއް ނޫނެވެ. ޒިންމާވާން ޖެހޭނީ ހާލަތެވެ. އެންމެ ބޮޑު ހިތްދަތިކަމަކީ އެއީއެވެ.
ކޮންމެ ގޮތެއް ވިޔަސް ވަރި ސާބިތުކުރަން ޖެހެއެވެ. އެހެންވެ އެ ކަން ކުރިއެވެ. އެ ހިސާބުން ތިންފަށް ވީއެވެ. ދެން ރިފާ އިންނާނީ ކާކާ ހެއްޔެވެ؟ އެހެން މީހަކާ އިންނާކަށް ރިފާ ބޭނުމެއް ނޫނެވެ. ޒާހިރު ވެސް ބޭނުމެއް ނޫނެވެ. ރިފާ އެހެން ކައިވެންޏެއް ނުކުރާ ނަމަ، ދެން އޮތް ގޮތަކީ ރިފާއާ ޒާހިރު ވަކިވުމެވެ. ނުވަތަ ހިލޭ ދެ މީހުން ގޮތުގައި އެއް ފުރާޅެއް ދަށުގައި އުޅުމެވެ. ކިހާ ދުވަހަކު ހެއްޔެވެ؟ އެޔެއް ވެސް ނޭނގެއެވެ.
ނުކުރާ ކުށަކަށް ޒާހިރަށް އަދަބު ދޭން ރިފާ ފަސްޖެހުނެވެ. ޒާހިރު ބެހެއްޓީ ރިފާގެ ގޭގައެވެ. ރިފާ ނިދަނީ މަންމަ ކޮޓަރީގައެވެ. ނަޝްފާ ވެސް ގެންނަން ޖެހުނީ މަންމަ ކޮޓަރިއަށެވެ. އަޒީޒާގެ ކޮޓަރީގައި ދެ މީހުންގެ ޖާގަ ވެސް ނެތެވެ. އެހެންނަމަވެސް ބޮޑު އަންހެން ދަރިއަކާއި ބައްޕަ، އެއް ގޮދަޑިއެއްގައި ނިދާކަށް އެކަކު ވެސް ހިތްހަމައެއްނުޖެހުނެވެ. ކޮޓަރިން ބޭރަކު ވެސް މީހަކު ނިދާނެ ޖާގައެއް ނެތެވެ. ހަޔާތުގެ ފަރުދާގައި ތަމްސީލު ވަމުންދިޔަ މަންޒަރު ބަދަލުވީ އަނދިރި ފޮޓޯއަކަށެވެ.
ދިރިއުޅުމުގެ އާ ވައްޓަފާޅިއަކަށް މަރުހަބާ ކިޔަމުން ދުވަސްތައް ގުނަން ފެށިއެވެ. އެތަކެއް އުނދަގުލަކާ އެކުގައެވެ. ޒާހިރު އެކަނިމާ އެކަނި ކޮޓަރީގައި އަރާމުގައި ނިދަން ޒާހިރަށް ވަރަށް އުނދަގޫވިއެވެ. މާމަގެ ކޮޓަރީގައި ނަޝްފާ އަކަށް ނުނިދެއެވެ. ގައިގަ ރިއްސަން ފެށިއެވެ. ނަޝްފާގެ ޔުނީފޯމާއި ރީތިވާ ސާމާނު ހުންނަނީ ޒާހިރު އޮންނަ ކޮޓަރީގައެވެ. ރިފާގެ އަންނައުނު ވެސް ބަހައްޓަން ޖެހުނީ ޒާހިރު ކޮޓަރީގައެވެ. އެންމެންގެ ބޭނުންތައް އޮމާންކޮށް ނިއުޅުވޭނެ މަގު ފަހިކުރުމަށް ޓަކައި، ވަރުގަދަ ތާވަލެއް ތައްޔާރުކުރަން ޖެހުނެވެ. ހައްލަކީ ކޮބައިކަން އެންމެނަށް އެނގެއެވެ. ރިފާ އެހެން މީހަކާ އިނދެފައި ވަރިވެގެން އައިސް ޒާހިރާ ކައިވެނިކުރުމެވެ. އެ ވާހަކަ ދައްކާކަށް އެކަކު ވެސް ބޭނުމެއް ނޫނެވެ. ހީވާ ކަހަލައެވެ. ގަޔާ ދިމާއަށް ތީރެއް އަންނަ ވަގުތު ލޯމަރައިލުމުން ތީރު ގަޔަކަށް ނެހެރޭނެއެވެ.
ގޭގެ ހަތަރު ފާރުން އެތެރޭގައި ބަންދުކުރި ބޮޑުސިއްރު ދޮރުގެ ތަޅުވަޅާއި، ގޭގެ ކުޑަދޮރުން މަޑުމަޑުން ނުކުމެ ފެތުރެން ފެށިއެވެ. ރިފާއަށް ހިތްވަރުދޭން ރިފާގެ ބޭބެއާއި ޒުލްފާ ވެސް އާދެއެވެ. ޒުލްފާ ހިތުން ޒުލްފާގެ ކެހިވެރިކަން ބޭޒާރެއް ނުވެއެވެ. ވީމާ، ނީނދެ އެއްކޮށް އުޅުމުގެ ހުތުރުކަން، ކޮންމެ ދުވަހަކު ވެސް ރިފާއަށް ވިސްނައިދެއެވެ. ފޮނި ކާއެއްޗެއްސާއި ގޮތް ނޭނގޭ އެއްޗެހި ވެސް ރިފާއަށް ގެނެސްދެއެވެ. މަސްލަހަތަށް ބަލައިފައި އެކައްޗަކަށް ވެސް ރިފާ ނޫނެކޭ ނުބުނެއެވެ. ފަހުން އުކާލަނީއެވެ. ޒުލްފާ ގެންނަ އެއްވެސް އެއްޗެއް ރިފާ ދެނެއް ނުކާނެއެވެ.
ލޮލު ކޮޅަށް އޮބާ ހިސާބުގައި ވެސް ހައްލު ފެންނަން ނެތް މައްސަލަޔާ މެދު ވިސްނަން، އިސްޖަހައިލައިގެން ޒާހިރު އިނެވެ. އެ ވަގުތު ފިހާރައިގައި އެއްވެސް މީހަކު ނެތެވެ. ޒާހިރު ހީކުރީ އެހެންނެވެ. އެކަމަކު ޒާހިރު ކުރިމަތީގައި މިހާދު ހުންނަތާ އިރުކޮޅެއް ވެއްޖެއެވެ. މިހާދަކީ ރާއްޖޭގެ ގިނަ ބަޔަކު ދަންނަ މަހުޖަނެކެވެ. ވިޔަފާރިވެރިއެކެވެ. ހާނިމްގެ ގާތް އެކުވެރިއެއް މެއެވެ. ހާނިމަކީ ޒާހިރު ސޭޓެއްގެ ވަޒީފާ އަދާކުރާ ފިހާރައިގެ ވެރިމީހާއެވެ. ހާނިމް އެންމެ ގިނައިން މުދާ ގެންނަނީ މިހާދުގެ ފިހާރައިންނެވެ. ވީމާ، މިހާދާއި ޒާހިރުގެ ދެމެދުގައި ވެސް އެކުވެރިކަން އޮވެއެވެ. ޒާހިރާ އަޅައިބަލާ އިރު މިހާދު ވަރަށް ދޮށްޓެވެ. ލޯމައްޗަށް އެ ތަފާތު ނުފެންނަނީ މިހާދު ހެދުންއަޅާލެއް ނަލަކަމާއި، ސިއްހަތަށް ބަލައިގެން އުޅޭލެއް ބޮޑުކަމުންނެވެ. ގެއިން ނުކުންނަންޏާ މިހާދު އަބަދު ވެސް ހުންނަނީ ގަމީސް ދަށަށް ޖަހައި، ބޫޓަށް އަރައިގެންނެވެ. ތުނބުޅިމަތިމަސް ބާލައި، ރީތިކޮށް ފުނާއަޅައި، ސެންޓު ޖަހައިގެންނެވެ. އާދައިގެ ސެންޓެއް ނޫނެވެ. އަގު ބޮޑު ސެންޓެވެ. މީރުވަސް ދުވާ، ދުރަށް ވަސް ފެތުރޭ، މަޝްހޫރު ސެންޓެވެ.
"ނޫނޭވާ ސާބަސް!" އެންމެ ފަހުން މިހާދު ބުންޏެވެ.
ޒާހިރު ސިއްސައިގެން ގޮސްފައި ބަލައިލިއެވެ. މިހާދަށް ހިނިތުންވެލިއެވެ.
"ކޮން އިރަކު މިހާދު އައީ؟" ޒާހިރު ސުވާލުކުރިއެވެ. "ނުވެސް ދެކެން."
"ނުފެންނާނެ!" މިހާދު ސަމާސާ ކޮށްލިއެވެ. "އެނގުނަސް އެނގޭ ކަމަކަށް ނުވެސް ހަދާނެ. އެހެން ނޫން ނަމަ މިހާރު އަހަންނަށް އުފަންދުވަހުގެ ތަހުނިޔާ ކިޔައިފީހެއްނު!"
"އެހެންތަ؟" ހިނިތުންވެލައިފައި ޒާހިރު ވެސް ސަމާސާކޮށްލިއެވެ. "ހެޕި ބާތުޑޭ އައީތަ؟ އަދިވެސް އަހަންނަކަށް ނޭނގޭ. ބަނޑަށް އެނގުނީމަ އަހަންނަށް އެނގޭނީ."
މިހާދު ގަޔާވެލައިފައި ގޮނޑިއެއް ކައިރިކޮށްލިއެވެ. ރަނގަޅަށް ހަމަޖެހިލިއެވެ.
"ކުރީ ފަހަރު ވެސް ތިހެން ކިޔާފަ އެންމެ ފަހުން ކެންސަލުވީ،" މިހާދު ބުންޏެވެ. "ހިނގާބަލަ ކުޑަ ކަމެއް ބާއްވަމާ! އެއްކަލަ ތަނަށް ގޮސް ސީފުޑް ކާލަމާ! މި ރޭ ނުވައެއް ޖަހާ އިރު ސަޅިވާނެ. އަންހެނުން ވެސް ގޮވައިގެން އަންނާތި! އަނބި ގޮއްޔަޔާ ދިމާނުވާތާ ލައްކަ ދުވަސް ވެއްޖެ!"
ރިފާ ހުރީ ވަރިކޮށްފައިކަން މިހާދަށް އެނގެއެވެ. އެނގޭ ކަމަށް ނެހެދީއެވެ. ރިފާއަކީ މިހާދުގެ ރާޑަރަށް އަރައިފައިވާ އަންހެނެކެވެ. އެއީ ވެސް ސިއްރެކެވެ. މިހާދަށް ނޭނގެނީ އެންމެ ކަމެކެވެ. ޒާހިރާއި ރިފާ ކައިވެނި ނުކުރަނީ ކީއްވެގެން ހެއްޔެވެ؟ ވަރިވެފައި އެއް ގޭގައި އުޅެނީ ކީއްވެގެން ހެއްޔެވެ؟ ހަގީގަތުގައި މިހާދުގެ އުފަންދުވަސް އަންނަން ކައިރި ވެސް ނުވެއެވެ. މިހާދު ބޭނުންވަނީ ރިފާ ހުސްހަށިބަޔަށް ހުންނަ ސަބަބު އޮޅުންފިލުވާށެވެ.
ރިފާއަކީ ރީތި އަންހެނެކެވެ. އެކަކު ވެސް އެ ކަމާ ދެބަހެއް ނުވާނެއެވެ. ފިރިހެނެއްގެ ހިތަށް ހަރާލާ ތީރު ބުރަކަށިން ފޫދުއްވައިލުމަށް ޓަކައި ރިފާގެ ތޫނު ކަޅިރަވަ އެކަނި ވެސް ފުދެއެވެ. ފަތްމިންޏެއްގެ ސިފަ ލިބުނަސް ތަނަވަސްކަމުގެ ރަހަ ރިފާ އަކަށް ނުލިބުނެވެ. ރެސްޓޯރަންޓުތަކުގެ މީރު ކާނާތަކާއި، ދުނިޔޭގެ ރީތި މަންޒަރުތައް ރިފާއަށް ބީރައްޓެއްސެވެ. އެ ކަމާ ރިފާ ޝަކުވާއެއް ނުކުރެއެވެ. ކުރަނީ ޝުކުރެވެ. މުއްސަނދި ދިރިއުޅުމަކަށް ވުރެ ރިފާއަށް މުހިންމީ އޯގާތެރި ފިރިއެކެވެ. ޒާހިރު ކަހަލަ ބައިވެރިއެކެވެ. ޒާހިރު އެދޭ ކޮންމެ ކަމެއް ކިޔަމަންތެރިކަމާ އެކުގައި ރިފާ ގަބޫލުކުރެއެވެ. މިހާދުގެ ދައުވަތު ގަބޫލުކުރީ ވެސް އެ އުސޫލުންނެވެ.
ފިހާރައިގެ ދަންފަޅި ނިންމައިލައިފައި ޒާހިރު ގެއަށް އައި އިރު، އިރުއޮއްސިއްޖެއެވެ. ރޭގަނޑު އަށެއްޖެހި އިރު ޒާހިރު ހުރީ ކެއުމަށް ދިޔުމަށް ޓަކައި ފެންވަރައި ތައްޔާރުވެގެންނެވެ. ފޯނު ރަނގަބީލުވިއެވެ. ގުޅީ ހާނިމެވެ.
"ކޭޝް ވަތްގަނޑުގެ ތަޅުދަނޑި އެތެރެއަށް ބިނދިގެން އެބަ އުޅޭ،" ހާނިމް ގުޅައިފައި ބުންޏެވެ. "ގޮސް ބަލައިލަބަލަ!"
ފިހާރައިގެ ފައިސާ ވަތްގަނޑުގެ ތަޅު ހުންނަނީ މައްސަލަޖެހިފައެވެ. ބައެއް ފަހަރު ތަޅުދަނޑި ތާށިވެއެވެ. އާ ތަޅެއް އޮތީ ލިބިފައެވެ. ހަރުކުރަންކުރަން ހުއްޓައި އެންމެ ނުބައި ދަނޑިވަޅުގައި ތަޅުދަނޑި ބިންދައިގެން ދިޔައީއެވެ. ކަމުގެ ބާވަތުން ޒާހިރު ނުގޮހެއް ނުވިއެވެ.
އަމިއްލަ ނަފުސަށް ކުދި ކިޔަމުން ޒާހިރު ފިހާރައަށް ދިޔައެވެ. ބައި ގަޑިއެއްހާ އިރު ތެރޭގައި ތަޅު ނައްޓައި އާ ތަޅު ހަރުކުރިއެވެ. ކުއްލިއަކަށް ވާރޭ ވެހިގަތެވެ. ވަރަށް ބޯކޮށެވެ. ޒާހިރު ބޭރު ބަލައިލިއެވެ. ވެހޭލެއް ބޯކަމުން ޒާހިރު ހީކުރީ އިރުކޮޅަކުން ވާރޭ ހުއްޓާނެކަމަށެވެ.
ފިހާރަ ދޮރުމަތީގައި ޒާހިރު ހުއްޓައި ނުވައެއް ޖެހިއެވެ. މިހާދު ފޯނުކުރިއެވެ.
"ކޮބާ ނުކުމޭ!" މިހާދު އެދުނެވެ. "ދޮރުމަތީގަ މިއޮތީ! ބަރުގޮނު އަޅާ އަޑެއް ނީވޭތަ؟"
ޒާހިރަށް އަންގައިނުލައި މިހާދު ކާރުގައި ބަލައި އަންނާނެ ކަމަކަށް ޒާހިރު ހިޔެއް ނުކުރެއެވެ.
"އަހަނ! ގުޅާ ވެސް ނުލާ ތި އައީ؟" ޒާހިރަށް ބުނެވުނެވެ. "އަހަރެން މިހިރީ ފިހާރައިގަ ތާށިވެފައޭ. އިމަޖެންސީއެއް ދިމާވެގެން އަންނަން ޖެހުނީ. ރިފާ ނަގައިގެން އާދޭ މި ކޮޅަށް. މަ މި ގުޅަނީ ރިފާއަށް."
ޒާހިރު ފޯނު ކަނޑައިލުމުން މިހާދު ވިސްނައިލިއެވެ. ލަވަޖަހާ އެތީގައި ހުރި ލަވަތައް ހާވައިލިއެވެ. ފުރަތަމަ ޖެހީ އިނގެރޭސި ލަވައެކެވެ. ދެން އެ ލަވަ ބަދަލުކުރީ ހިންދީ ލަވަޔަކަށެވެ. އެއީ "ދީރޭދީރޭސޭ މެރި ޒިންދަގީމޭ އާނާ" ގެ ފަހުގެ ލަވައެވެ. އެ ލަވަޔާ މެދުގައި ވެސް ހިތްހަމަނުޖެހިގެން ދެން ޖެހީ ދިވެހި ލަވައެކެވެ. މިހާދަށް އެންމެ ރީތި ދިވެހި ލަވައެވެ. "މޫނޭ ތިއީ ހިތްއެދޭ" އެވެ. ލަވައިގެ މިޔުޒިކަށް ހުންގާނުގައި ބެރުޖަހައިލަ ޖަހައިލާ މިހާދު އިންދައި ރިފާ ނުކުތެވެ. ރިފާ ފެނުމާ އެކު މިހާދުގެ ހިތުގެ އެއް ވިންދު ނުޖަހައި ދޫކޮށްލި ކަހަލައެވެ. ރިފާ އެހާ ރީތިކޮށް ހުއްޓައި މިހާދު ދުވަހަކު ވެސް ނުދެކެއެވެ. ކާރުގެ ކުރީ ސީޓަށް ރިފާ އަރަން އަޑުގައި ނެތް ތަނަށް، ސިއްރުން މިހާދު ގޮވަގޮވައި އިންދައި ރިފާ އެރީ ފަހަތަށެވެ. މިހާދަކީ ރިފާ ވެސް ދަންނަ މީހެކެވެ. މަދުމަދުން ގެއަށް އަންނާތީއެވެ. ކާރު ދުއްވައިލިއެވެ. ރިފާ ހަމަޖެހިލިއެވެ. ވާރޭ ހައްތަހާ ބޯކުރިއެވެ. ސިއްރެއް ބުނަންހޭ މަށަށް ހާދަ ރީއްޗޭ ލަވައިގައި ބުނި އިރު، ހަގީގަތުގައި ރިފާ ރަކިވެގެން ލޯމަރައިލިއެވެ. ކާރުގެ ފިންޏާއި، މިހާދު ގައިން ދުވި ސަފާރީ ސެންޓުގެ ތާޒާ ވަސް، ރިފާގެ ހިއްސުތަކަށް ނުފޫޒު ފޯރުވިއެވެ. ބޭއިހުތިޔާރުގައި ރިފާ ފުން ނޭވައެއް އެތެރެއަށް ދަމައިލިއެވެ. އެ ވަގުތު ކާރުގެ އިންޖީނު ހުއްޓުނެވެ.
ނުނިމޭ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮން މެސް މީހެއް
23 July 2020
މވަރި ރަނގަޅުހެން ހިއެއް ނުވޭ
ތުނިޔަ
22 July 2020
ދީނީ ގޮތުން ކޮންމެހެން އެނގެންޖެހޭ މިންްްްްްވަރުވެސް ނޭނގެނީތާއެވެ.
ދުހާން
22 July 2020
ވާހަކަ ބޭނުމެއްނޫން. މަރިޔަމް ނިޝާގެ އިންޓަވިއު އެއް މިވަގުތައް މުހިއްމީ
ބަސީރާ
22 July 2020
ތީކޮންކަހަލަ ވަރިއެއް؟ ސާބިތުކުރަން ހެކިވެރިއެއްގެ ބޭނުންވޭ ދެން ކިހިނެއް ސާބިތު ނުވާ ވަރިއެއް ވަރިއެއްގެ ގޮތުގައި ގުނީ؟ އެވަރިގުނައިގެން ދޯ 3 ފަށްވާނީ؟؟ އަނެއްކާ ވަރިއަކާއެކު ވަރިއެއް ނޯވޭ އިސްލާމްދީނުގަ އޮންނަނީ ކައިވެންޏާއެކު ވަރި. ދެން ފަހުން ވަރިކުރީ ހެކިވެރިޔެއް ބަހައްޓައިގެންބާ؟ ފޫހިވެއްޖެ ވާހަކަ ދެކެވެސް ހަޤީޤަތާ ޚިލާފު ކަންކަން ގެނެސްގެން ވާހަކަ ލިޔާތީ.?
މޫނީ
22 July 2020
އަޅޭ...ގާޒީ އަކީ ކޮންކަލަމީހެއްތަ؟ މީނާއާއި ހެދި މުޅި ވަާހަކަ މިބަދުލުވީ! ދެން މިހާދާ ރިފާ އިނދޭ.. އޭރުން ރިފާވެސް މުއްސަދިވީ...ޒާހިރުވެސް އެހެންމީހަކު ހޯދާ.. އެކަމަކު ގާޒީގެ މައްސަލަ ބެލެންޖެހޭނެ.. ޖޭ އެސް އީން ނުބަލައިފިއްޔާ މަޖިލީހުންވެސް ބަލަންޖެހޭނެ..ގާޒީ ސަސްޕެންޑް ކުރެވޭންވެސްޖެހޭނެ..
ީީިއިބްރާހީމްގެ ދަރި
22 July 2020
ޒާހިރު އިންނާނީ ޒުލްފާ އާއި ކަން ނޭންގެ. އޭރު ޒުލްފާ އޮންނާނި ބޭބެއަތުން ގެ ދަމައިގަނެފަ ސިހުރު ހަދައިގެން
ޖޫން
22 July 2020
އާ ވައްތަރެއްގެ ވަރި އެއްތާ. އެ ސާބިތު ކުރަން ހެކިން ގެ ހެކިބަސް ބޭނުން ވޭ?? ބައިދަވޭ ވާހަކަ ރީތި ދެން މާޝާﷲ
އިބުރާ
22 July 2020
އެ ވަގުތު ކާރުގެ އިންޖީނު ހުއްޓުނެވެ. މިއަދަށް ވިބައި ވެސް ނިމުނެވެ.
ށަސޖ
22 July 2020
ހާދަ ވަރުގަދަ ޓްވިސްޓެކޭދޯ. ސަޅި
ޢައިމިނަ
22 July 2020
ޢޯނޯ ހިތްނުހުއްޓުނީ ކިރިޔާ ވަރަށް ރީތި ވާހަކަ އެއް
މާލޭ ކުއްޖާ
22 July 2020
ސާބަހޭ ނުވާކަމެއް ނެތެއްނު