05 އޯގަސްޓް 2020 - 09:11
އާދިއްތަ ދުވަހާ ގުޅޭ
"ޒާހިރަށް ގުޅާލެވިދާނެތަ؟" ރިފާ ފުރަތަމަ ކުރަން ބޭނުންވި ކަމަކީ އެއީއެވެ.
ތާޖުހޮޓާ ނޫނަސް ކިތަންމެ ހޮޓަލެއް އިންޑިޔާގައި ހުރެއެވެ. ފެންވަރު ދަށް، އަގު ހެޔޮ ތަންތަނެވެ. އެކަމަކު ތާޖު ކަހަލަ ތާކަށް މިހާދު އައީ ކީއްވެގެން ހެއްޔެވެ؟ ރިފާއަށް ކޮންމެވެސް އެއްޗެއް ވިސްނޭތޯއެވެ. މިހާދު ކުރި ޚަރަދުގެ އަގު ވަޒަންކުރެވޭތޯއެވެ. މިހާދުގެ ހިތުގައި ވަޅުލައިފައިވާ ލޯބީގެ މަތިން އެންމެ ފަސްމުށެއް ނަމަވެސް ނަގާތޯއެވެ. އެކަމަކު ކޮޓަރިއަށް ވަންނަ ގޮތަށް ޒާހިރަށް ގުޅާތޯއެއް ނޫނެވެ. ރިފާ ކަހަލަ ރީތި އަންހެނެއްގެ ފައިތިލައިގައި ތަނަވަސްކަމާއި ލޯބި ބޮސްދޭން ޖެހޭނެއެވެ. އެއީ މިހާދު ދެކޭ ގޮތެވެ. އެކަމަކު ޒާހިރަށް ދެވުނީ ކޯއްޗެއް ހެއްޔެވެ؟ މިހާދު ބޭނުންވަނީ ފަގީރުކަމާއި ތަނަވަސްކަން އަޅާކިޔަން ރިފާއަށް ދަސްކޮށްދޭށެވެ. ރިފާގެ ދެ ލޮލަށް އެ މަންޒަރު ދައްކައި، ރިފާ ހިތްޖައްސާށެވެ. އެ ހޮޓަލަށް ރެޔަކަށް ހޭދަވާ ވަރު ރިފާ އޮޅުންފިލުވަން މިހާދު ބޭނުމެވެ. ބަދަލުގައި ރިފާ އެދުނީ ޒާހިރަށް ގުޅާށެވެ. އެއީ ރިފާ ކުރި މަލާމާތެއް ހެއްޔެވެ؟ މިހާދުގެ ސިކުނޑީގައި އުފެދުނު ޝަކުވާގެ ބޮޑުރާޅު ހިތުގެ އައްސޭރިއަށް ބިންދައިލިއެވެ.
"އާނ! ރިފާ ނުވެސް ޖެހޭނެ އަހާކަށް،" އޯގާތެރިކަން ދެއްކުމުގެ ނިޔަތުގައި މިހާދު ބުންޏެވެ. "މި ފޯނުން ގުޅޭނެ. ގުޅައިދެންތަ؟"
ޒާހިރަށް ގުޅައިފައި މިހާދު ފޯނު ދިނެވެ. ރިފާ ފޯނު ހިފައިގެން، ވަރަށް އުފާވެފައި ތަންކޮޅެއް ދުރަށް ދިޔައެވެ. މިހާދު ވަނީ ފާހާނަޔަށެވެ. ހަމަޖެހިލައިގެން ވާހަކަދައްކަން ރިފާއަށް ފުރުސަތު ދިނުމަށް ޓަކައެވެ. ހިތް ފަތަހަކުރުމަށް ޓަކައި ކަންދެއްކުމަކީ އެންމެން ވެސް ކުރާ ކަމެކެވެ. އެކަމަކު ފާހާނާއަށް ވަދެފައި، ދޮރުފަތުގެ އެތެރެ ފަރާތުގައި ލެނގިލައިގެން މިހާދު ހުރީއެވެ. ހިތަށްއެރިއެވެ. ޒާހިރާއި ރިފާއަކީ މާލޭގައި އެއް ފުރާޅެއް ދަށުގައި އުޅުނު ދެ މީހުންނެވެ. ކުރިން ދެމަފިރިންނެވެ. އެ މީހުންގެ ދަރިޔަކު އެބަ ހުއްޓެވެ. ވީއިރު، ރިފާ ފޯނުން ޒާހިރާ ވާހަކަދައްކައިގެން މިހާދު ހިތް ނުތަނަވަސް ވާންވީ ކީއްވެ ހެއްޔެވެ؟
ގަޑިން ރޭގަނޑު ނުވައެއް ޖެހިއެވެ. ޓީވީ ހުރީ ހުޅުވައިފައެވެ. ދައްކަމުންދިޔަ ހިންދީ ފިލްމަށް މިހާދުގެ ޝައުގުވެރިކަމެއް ނެތެވެ. މިހާދު އިނީ ޓީވީއަށް ބަލާކަމަށް ހެދިގެންނެވެ. ވައްކަޅިން މިހާދު ބެލީ ރިފާއަށެވެ. ރިފާ ބަލަނީ ކޮޓަރީގެ އެތައްމިތަނަށެވެ. ތަނުގެ ރީތިކަން ރިފާގެ ސަމާލުކަން އަތުލިއެވެ. އެއީ ރިފާގެ ފެންވަރެއް ނޫނެވެ. އެ ފަދަ ތަނަކަށް އާދެވުނު އިރު ނަޝްފާއާއި ޒާހިރު އެ އުފަލުގައި ބައިވެރިއެއް ނުކުރެވުނެވެ. ރިފާ އެކަނި އެ އުފާ ހާސިލުކުރާތީ ރިފާގެ ހިތުގައި ރިހުމެއް އުފެދުނެވެ. އެ ރިހުން ވާނީ ބޮޑުކަމެއް ރިފާ އަކަށް ނޭނގެއެވެ.
"ހިނގާ އެއްޗެއް ކަމާ ދޯ؟" މިހާދު އެދުނެވެ. "ބޭނުން އެއްޗެއް ބުނޭ. މިތާ ކާއެއްޗެހި ވަރަށް މީރުވާނެ. ރިފާ ކޯޗެއް ކާނީ؟"
ރިފާ ވިސްނައިލިއެވެ. ނަޝްފާއާއި ޒާހިރު ނުލައި ރިފާ މީރު އެއްޗެހި ކާން ހެޔޮވާނެ ހެއްޔެވެ؟ ގޭގައި ކާން ހުންނާނީ މަސްރިހަ ނުވަތަ މުގުރިހައެވެ. އެއަށް ވުރެ ފުރިހަމަކުރާ ނަމަ ތެއްލި މަސް އިތުރުކުރެވިދާނެއެވެ. އެ ނިމުނީއެވެ.
"ނޭނގެ!" ރިފާ ޖަވާބުދިނެވެ.
އެތައް ފަހަރަކު އަހައިގެން ވެސް ރިފާ ވަކި އެއްޗެއް ނުބުންޏެވެ. ރިފާ ބަލަނީ ވީހާ ވެސް މަދުން ވާހަކަދެއްކޭތޯއެވެ. އެހެންކަމުން މިހާދު އޯޑަރުދިނެވެ. ޔަގީނުން ވެސް ރިފާއަށް މީރުވާނެ އެއްޗެހި ހިމަނައިގެންނެވެ. ވަރަށް އަވަހަށް ކާއެއްޗެހި ގެނައެވެ. މަތިޖަހައިފައިވާ ރަންކުލައިގެ ތަބައްތަކެއްގައެވެ. އޫސަމުސާ ވެސް ހީވަނީ ރަނުން ހަދައިފައި ހުރި އެއްޗެއް ހެންނެވެ. ތަބައްތަކުގެ މަތި ނެގުމުން ރިފާގެ ބަނޑު ފުރުނު ކަހަލައެވެ. ރިފާގެ މުޅި ހަޔާތުގައި ވެސް އެހާ ފުރިހަމަ ކެއުމެއް ނުދެކެއެވެ. އެކަމަކު ރިފާއެއް ނުކެއެވެ. މިހާދު ބުނެބުނެ ރަހަ ވެސް ނުބެލިއެވެ. ހަމަ އެކަނި ބޯލީ ފެންފޮދެކެވެ. މިހާދު ހިތްހަމައެއް ނުޖެހުނެވެ. މިހާދު ހީކުރީ ރިފާއަށް މީރު އެއްޗެއް ނެތީ ކަމަށެވެ. ވީމާ، ވަރަށް ކުޑަ އެތިކޮޅެއް ކައިފައި މިހާދު ވެސް ނިންމައިލީމެވެ.
"ތައްޔާރުވޭ!" މިހާދު އެދުނެވެ.
"ކޮން ތާކަށް ދާން؟" ހައިރާންވެފައި ރިފާ އެހިއެވެ.
"މާ ދުރަކަށް ނުދާނަމޭ! މި ތާ ކައިރީގަ ވެސް ހުންނާނެ ތަންތަން!" މިހާދު ބުންޏެވެ.
ރޭގަނޑު ބޭރަށް ނުކުންނާކަށް ރިފާ ބޭނުމެއް ނޫނެވެ. އެކަމަކު މިހާދުގެ ވިސްނުން ބަދަލުކުރެވޭނީ ރިފާ އެތައް ވާހަކައެއް ދައްކައިގެންނެވެ. އެ ކަން ކުރުމަށް ވުރެ ބޭރަށް ނުކުތުން ވެސް ރިފާއަށް ރަނގަޅެވެ.
މިހާދު ގަމީހާއި ފަޓުލޫނު ވެސް ބަދަލުކުރިއެވެ. ރިފާ ލާނެ އާ ހެދުމެއް ނުވަތަ ރީތި ހެދުމެއް ނެތެވެ. މޭކަޕުކުރާ ސާމާނެއް ވެސް ނެެތެވެ. ރިފާ ހަމަ އެކަނި ފުނާއަޅައިލިކަން އެކަންޏެވެ. ރެސްޓޯރަންޓަކަށް ދާއިރު ރިފާ ވަރަށް ރީތިވާން މިހާދު ބޭނުމެވެ. ހިތާމައަކީ މިހާދަށް އެހެން އެދެވެން ވެސް ނެތްކަމެވެ. ރިފާގެ އެ ތަނަވަސްކަން ނެތީމައެވެ. ފުރަތަމަ މިހާދު ޖެހޭނީ ރިފާއަށް އެއްޗެހި ގަނެދޭށެވެ. އަންނައުނު ވިއްކާ ފިހާރަތައް ރޭގަނޑު އެ ގަޑީގައި ހުޅުވައިފައި ނުހުންނާނެކަން މިހާދަށް އެނގެއެވެ.
ތާޖުހޮޓަލުން ނުކުމެގެން ފައިމަގުގައި ދެވޭ ދުރުމިނުގައި ހުރި ރެސްޓޯރަންޓަކަށް ދެ މީހުން މިސްރާބުޖެހިއެވެ. މިހާދަށް ސިއްރުން ބެލެނީ ރިފާ ލައިގެން ހުރި ހެދުމަށެވެ. އެއަށް ވުރެ މާ ރީތި ބައިވަރު ހެދުން ރިފާއަށް ގަނެދޭން މިހާދުގެ ހިތް، ހުއްޓައިނުލައި އެދުނެވެ. ރިފާއާ ގުޅޭނެ ކުލަތަކާއި، އެ ހެދުމާއި ގުޅޭނެ ފައިވާނާއި، އަޅަންޖެހޭނެ ގަހަނާ މިހާދަށް އެނގެއެވެ. ހިތާމައަކީ އެ ރޭ އެއިން އެއްވެސް ކަމެއް ނުކުރެވޭނެތީއެވެ.
ރެސްޓޯރަންޓަށް ވަދެފައި ރިފާއަށް ހުއްޓެވުނެވެ. ތަނުގެ ބޮޑުކަމާއި، ރީތިކަމާއި، ފުރިހަމަކަމުންނެވެ. ރެސްޓޯރަންޓެއްގެ ބަދަލުގައި ރިފާއަށް ފެންނަނީ ގަނޑުވަރެކެވެ. ހީވަނީ ތާޖުމަހަލު ހެންނެވެ. ކުރެހުންއެޅި ފާރުތަކާއި، ފަންގިފިލައާއި، ގޮނޑިތަކެވެ. ކުޑަދޮރު ތަކުގައި ޖަހައިފައިވާ ޖާލިތައް ވެސް ހީވަނީ އަތްތެރި މަސައްކަތުގެ މައުރޫޒަކަށް ތައްޔާރު ކޮށްފައިވާ އެއްޗެހިތަކެއް ހެންނެވެ.
"ހިނގާ އިށީންނަމާ!" މިހާދު އެދުނެވެ.
ސިތާރުގެ މިޔުޒިކަށް ފައި ހަމަކުރަމުން، މިހާދުގެ ފަހަތުން ރިފާ ހިނގައިގަތެވެ. ރިފާއަށް ހަމަ ހީވަނީ ފިލްމު ތާޖުމަހަލުގައި ޝާހުޖަހާންގެ ފަހަތުން މުންތާޒު ހިނގައިފައި ދާހެންނެވެ. ގޮނޑި ދުރުކޮށްދިނީ މިހާދެވެ. އަދަބުވެރިކަމާއި އޯގާތެރިކަމާ އެކުގައެވެ. ލަދުރަކި ގޮތަކަށް ރިފާ އިށީނެވެ. މެނޫ އަކަށް ގެނައީ ޖަރީކޮށްފައިވާ ޑައިރީއެއް ކަހަލަ ފޮތެކެވެ. އޭގައި ކާއެއްޗެހީގެ ނަންތައް ފޮޓޯއާ އެކުގައި ޖަހަައިފައި ހުއްޓެވެ. މިހާދު އަހާއަހާ ކުރު ނުކޮށްގެން ފޮޓޯއެއްގައި ރިފާ އިނގިލި ޖެއްސިއެވެ. މިހާދު އޯޑަރުދިނެވެ. ރިފާ އިންނަނީ އިސްޖަހައިލައިގެންނެވެ. މިހާދު ބޭނުންވަނީ ރިފާ ވަރަށް ގިނަ ވާހަކަދައްކާށެވެ.
"މި ތަން ކަމުނުދަނީތަ؟" މިހާދު ސުވާލުކުރިއެވެ.
ބޮލުގެ އިޝާރާތުން ރިފާ ނޫނެކޭ ބުންޏެވެ. އިތުރު އެއްވެސް ހަރަކާތެއް ނުކުރިއެވެ.
"ރިފާ ބޭނުންތަ މާދަމާ ފިލްމަކަށް ދާން؟" މިހާދު އެހިއެވެ. "އަމީތާބުގެ ފިލްމެއް ވެސް އެބަ އޮތް އަޅުވައިފަ."
ރިފާ ޖަވާބެއް ނުދިނެވެ. ރިފާ ލައްވާ ވާހަކަދައްކުވަން މިހާދު އެކި ކަހަލަ ވާހަކަދެއްކިއެވެ. އެއްވެސް ވަރަކަށް ކާމިޔާބެއް ނުވިއެވެ. ރިފާގެ ނަޒަރުގައި، ބޭރު ގައުމެއްގެ ރެސްޓޯރަންޓެއްގައި ހިލޭ ފިރިހެނެއް ކުރިމަތީގައި ރިފާއަށް އިނދެވޭކަން އެއީ ވެސް ވަރަށް ބޮޑު ވަރެކެވެ. އެ ފަދަ ކަމެއް ކުރާކަށް ނުވަތަ ކުރެވޭނެ ކަމަކަށް ވެސް ރިފާ ހިތަކަށް ނާރައެވެ. ކުރަން މަޖުބޫރުވީމައި ކުރަނީއެވެ. އެހެން ގޮތެއް ނެތީއެވެ.
ކާއެއްޗެހި ގެނައެވެ. އެ ތަނުން ވެސް ރިފާ އެއްވެސް އެއްޗެއް ނުކެއެވެ. ރިފާއަކީ ދުވަހަކު ވެސް ކޯކު ބުއި މީހެއް ނޫނެވެ. އެހެނަސް ކޯކު ކޯވަރެއް ބޯލިއެވެ. އެއްވެސް އެއްޗެއް ނުކައެވެ. އެއްޗެއް ނުކައި ކޯކު ފޮދެއް އެކަނި ބޯލައިގެން ބަނޑުފުރޭނެ ގޮތެއް މިހާދަކަށް ނުވިސްނުނެވެ. އެ މައްސަލަ ވަރަށް ބޮޑުވެއްޖެއެވެ.
"އެކަމަކު ރިފާ!" އޯގާތެރިކަމާ އެކުގައި މިހާދު ބުންޏެވެ. "މުޅި ދަތުރުގަ ނުކައި އުޅެނީ؟ ކިހިނެއް ތިހެން އުޅޭނީ؟"
ރިފާ ޖަވާބެއް ނުދިން ތަނުގައި އިސް އުފުލައި ނުވެސް ބެލިއެވެ.
"ރިފާ އެއްޗެއް ނުކަނީހެއް މި ތާކުން އަހަންނެއް ނުތެދުވާނަން،" ސަމާސާ ރާގެއްގައި މިހާދު ބުންޏެވެ. "އެނގިދާނެ ކާކުތޯ ހިތްވަރުގަދައީ."
އޭގެ ފަހުން މިހާދު އަނގަޔަކުން ނުބުނެއެވެ. ގެނެސްފައި ހުރި އެއްވެސް އެއްޗެއްގައި އަތެއް ނުލައެވެ. މަޑުމަޑުން އިނީއެވެ. ރިފާ ވެސް އިނީއެވެ. އެ ގޮތުގައި ފަނަރަ މިނެޓު ހޭދަވިއެވެ.
"ހިނގާ ދަމާ!" އިސްޖަހައިލައިގެން އިނދެ، މަޑުމަޑުން ރިފާ ބުންޏެވެ.
މިހާދު ޖަވާބެއް ނުދިނެވެ. ނުވެސް ތެދުވިއެވެ. ގޮތް ހުސްވެއްޖެކަން ރިފާއަށް އިހުސާސްވީ އެ ހިސާބުންނެވެ.
"އައިސް މައިލޯ ތަށްޓެއް ގެނެސްދީ!" އިސްޖަހައިލައިގެން އިނދެ ރިފާ ބުނެލިއެވެ.
މިހާދު އެ ކަން ވެސް ކޮށްދިނެވެ. މައިލޯ ތަށި ގެނައުމުން ރިފާ މައިލޯތަށި އަތަށް ނެގިއެވެ. އިސްޖަހާލައިގެން އިނދެ މެދަކާ ހިސާބަށް ހުސްކުރިއެވެ. ތަށި ބެހެއްޓިއެވެ. އެ ވަރު ވެސް މިހާދު ގަބޫލުކުރިއެވެ. އެނބުރި ހޮޓަލަށް އައެވެ. ދެން ކުރިމަތިލާން ޖެހުނީ މާ ބޮޑު ކަމަކާއެވެ. އެއީ ނިދުމެވެ. ކޮޓަރީގައި ވަރަށް ބޮޑު އެނދެއް ހުއްޓެވެ. ބޮޑު ހަތަރު މީހުންނަށް، އެއްވެސް ދައްޗެއް ނެތި އެ އެނދުގައި ނިދޭނެއެވެ. މައްސަލައަކީ އެނދެއްގައި ނިދި ހަނދާން ރިފާގެ ސިކުނޑީގައި ހަރުލައިފައި ނެތުމެއް ނޫނެވެ. މައްސަލައަކީ، ހިލޭ ފިރިހެނަކާ އެކު އެއް އެނދެއްގައި ނިދަން ޖެހުމެވެ. ހަތަރުދަމު ހޭލާ ހުންނަން ޖެހުނަސް، ހިލޭ ފިރިހެނަކާ އެއް އެނދެއްގައި ރިފާއެއް ނުނިދާނެއެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ނިދަން ލާން ގެނައި ޓީޝާޓު ހިފައިގެން ރިފާ ފާހާނާއަށް ވަނެވެ. ހެދުން ބަދަލުކުރިއެވެ. މިހާދާ އެއް އެނދުގައި ނުނިދާނެ ވާހަކަ މިހާދު ގާތުގައި ބުނާނެ ގޮތަކާ މެދު އެތައް އިރެއް ވަންދެން ރިފާ ވިސްނިއެވެ. ބުނާނެ ރީތި ގޮތެއް ރިފާ އަކަށް ނުވިސްނުނެވެ. ގޮތް ހުސްވެގެން ފާހާނައިން ނުކުތެވެ. އެ ވަގުތު ރިފާއަށް ފެނުނީ ބަލަން އުނދަގޫ މަންޒަރެކެވެ.
ނުނިމޭ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިރޫ
08 August 2020
މިއައްވުރެ ދިގުކޮށްލިއުނީމަ ކީއްތަ އަޅެވާނީ. ބިންމާ ހާދަކަންނެއްވެއްޖެއޭ ދޯ މިހާރު. މި ކިއުމަށް މިވަރުން ދަންޏާ އެއްއަހަރު ނަގާނެހެން ހީވަނީ. މިއަށްކިޔާނީ ދަންބެެރަށްވުރެ ތަގުޅި ދިގުވުން. މިނޫހުގައި ހުންނަ އާޓިކަލްތަައް މިއަށްވުރެ ދިގު. ބިންމާ އަށް ނުވަންޏާ އަހަރެންނާއި ހަވާލު ކޮށްލާ. ރިފޫއާއި މިހާދު ދެވާފައި, ދެން ވަގުތުން ވާހަކަ ނިންމާލާނިީ. ބިންމާ ވެއްޖެއްޔާ ސިހުރުވެސް ވާހަކައަށް ގެންނާނެ. އަދި ރުގައްޔާވެސް. ނުވިތާކަށް ޖިންނިއެއްވެސް. މަ އެކަމަކު އެބައި ނުލާނަން.
ސާމް
06 August 2020
މިހަދު އޮތީ ސޯފާގައި
ހޯރަ_އިބްރާހީމް
06 August 2020
މަންޒަރު ވެސް ފެންނާނެ ދޯ ރޫމަށް ދިޔައިމަ
މައިޝްނ
05 August 2020
ޖިންނިއެއް ފެނުނީ؟
ކުނިއަނގަ
05 August 2020
އެއްކޮޓަރިޔެއްގަ ނިދަން އޯކޭ؟ އެއް އެނދެއްވީމަ ދޯ މައްސަލަޔަކީ. ހަމަ ތިތަނަށް ދިޔުމުގެ ކުރިން ބުނެވޭނެ ދެކޮޓަރީގައޭ ތިބޭނީ ކައިވެނި ކުރަންދެކަށް! އަދި ބޮޑު މަހުޖަނެއް. ގޯލްޑް ޑިގަރ.
ސަސި
05 August 2020
ރިފާ އަކީ ހާދަ ރަގަޅު އަންހެނެކޭ