09 އޯގަސްޓް 2020 - 09:05
ބުދަ ދުވަހާ ގުޅޭ
އެ ވަގުތު ރިފާއަށް ފެނުނީ ބަލަން އުނދަގޫ މަންޒަރެކެވެ. ދެކެން ބޭނުން ނުވި މަންޒަރެކެވެ. އެނދު ހުހަށް ބާއްވައިފައި މިހާދު އޮތީ ސޯފާގައެވެ. ސޯފާއަކަސް އެނދަށް ވުރެ ސޯފާގެ އަރާމުކަން އެންމެ ތަންފުކެއް ވެސް ކުޑައެއް ނުވާނެއެވެ. ރިފާއަށް އެ ކަން އެނގެއެވެ. އެކަމަކު އެހާ ބޮޑު ހަރަދެއް ކޮށްފައި އައިސް މިހާދު ސޯފާގައި ނިދުން ރިފާއަކަށް ކަމަކުނުދިޔައެވެ. އެހެނަސް އެ ކަމާ ވެސް ވާހަކަދައްކާކަށް ރިފާ ބޭނުމެއް ނޫނެވެ. ކޮންމެހެން ބުނަން ޖެހިއްޖެ އެއްޗެއް މެނުވީ ބުނާކަށް ރިފާ ބޭނުމެއް ނޫނެވެ. މިހާދުގެ ގުޅުން އިތުރަށް ބަދަހިވާނެ ފުރުސަތެއް ފަހިކުރަން ވެސް ރިފާ ބޭނުން ނުވަނީއެވެ.
ނިދުމަށް ޓަކައި އެނދުގައި އިށީނދެލުމުން ވެސް ރިފާއަށް ކުރެވުނީ އާދަޔާހިލާފު އިހުސާސެކެވެ. އެނދަކީ ރިފާއަށް ބީރައްޓެހި އެއްޗެކެވެ. އަނެއްކޮޅުން އެ އެނދު ވަރަށް ބޮޑެވެ. މިހާދަށް އެނދުގައި ނޯވެވެންވީ ކީއްވެގެން ހެއްޔެވެ؟ އިރުކޮޅެއް ވަންދެން ރިފާ ވިސްނަން އިނެވެ. އެކަމަކު އެނދަށް އަންނަން ރިފާ ދައުވަތުދީފި ނަމަ އެ ދެވެނީ ކޮން ކަހަލަ ދައުވަތެއް ހެއްޔެވެ؟ އެ ސުވާލު ރިފާގެ ހިތުގައި ވަކިއަޅައި ނޮޅިއެވެ. މިހާދު އޮތީ ހޭލައެވެ. ވަކި އެއްޗެއް ނުބުނެއެވެ. ރިފާ ގޮވައިފާނެ ކަމަށް މިހާދު އުންމީދުކުރަނީ ބާއޭ ރިފާ ހިތަށްއެރިއެވެ. އެ އުންމީދު ފެނަށް ހަދަމުން ރިފާ އެނދުގައި އޮށޯތެވެ. ކަރާ ހަމައަށް ދަމައިލިއެވެ. ތަނުގެ ފިންޏާއި، އެނދުގައި އޮންނަ އިރު ތަޅުންގަނޑުގައި އަތް ނުޖެހުމަކީ ރިފާއަށް އާ ތަޖުރިބާއެކެވެ. ފުރޮޅޭނެ ތަން އޮވެފައި، ގޮދަޑި މަޑުވެފައި، ތަންމަތި ފަޅުވުމަކީ ވެސް މުޅިން އާ އިހުސާސެކެވެ. އެ ވަރުން ވެސް ރިފާގެ ހިތުގައި ޝައްކު އުފެދުނެވެ. ބީރައްޓެހި ގައުމެކެވެ. ބީރައްޓެހި ހޮޓަލެއްގައި ހުރި ބީރައްޓެހި ކޮޓަރިއެކެވެ. އެހާމެ ބީރައްޓެހި ފިރިހެނެކެވެ. މިހާދު ދުރުގައި އޮތީ ރިފާގެ އިތުބާރު ހޯދަން ކަމަށް ވެސް ވެދާނެއެވެ. ރިފާއަށް ނިދުމުން ދެން ކަންތައް ބަދަލުވެގެންދާނީ ކިހިނެއް ހެއްޔެވެ؟ ހަމަ އެކަނި ޒާހިރާއި ރިފާ ދެވުމަށް ޓަކައި މިހާދު ހާހުން ފައިސާ ހަރަދުކޮށްފާނެ ހެއްޔެވެ؟ މިހާދުގެ އެއްވެސް އެދުމެއް ނޯންނާނެ ހެއްޔެވެ؟
ނުނިދައި ވިސްނަން އޮންނަން ނިޔަތްގަނެގެން އޮއްވައި ރިފާއަށް ނިދުނެވެ. ރިފާ ނިދިިކަން މިހާދަށް އެނގުނީ ވަރަށް މަޑުމަޑުން ގުގުރިދަމާ އަޑު އިވެން ފެށުމުންނެވެ. މިހާދު ތެދުވިއެވެ. މަޑުމަޑުން އައިސް ރިފާގެ އެނދު ކައިރީގައި ހުއްޓުނެވެ. ނިދައިފައި އޮތް އިރު ރިފާ މާ ރީތިހެން މިހާދަށް ހީވިއެވެ. ވީމާ، ބަލަން ދުރުގައި ނުހުރެ މަޑުމަޑުން ގާތްވަމުން އައިސް އެނދުގައި ޖެހޭ ހިސާބަށް ހުއްޓުނެވެ. ގުދުވެލައިފައި ވަރަށް ގާތުން ރިފާގެ މޫނަށް ބަލައިލިއެވެ. އެއީ މިހާދަށް ނުލިބި އޮތް ފުރުސަތެކެވެ. ރިފާގެ މޫނަށް މިހާދު ބަލަންޖެހެނީ ވައްކަޅިންނެވެ. ހިތްފުރެންދެން ބެލުމުގެ ނަސީބެއް ނުލިބެއެވެ. ކައިރިން ބަލައިލުމުން މިހާދަށް ފެނުނީ ޒުވާންކަމާއި އޮމާންކަން ފަރުދާވެފައިވާ މޫނެކެވެ. ވެއަތުކުރަން ޖެހިފައިވާ ހަޔާތެއްގެ ސަބަބުން ތާޒާކަން ފަނޑުވެފައިވާ މޫނެކެވެ. އެ ހުރިހާ ކުލައެއް އަލުން ގެނެވިދާނެއެވެ. އެ މޫނުގެ ރީތިކަން ދެ ގުނައަށް އިތުރުކުރެވިދާނެއެވެ. ރިފާގެ މޫނުގައި ފިރުމާލަން މިހާދު ވަރަށް ބޭނުންވިއެވެ. މިހާދުގެ އަތް ހަރަކާތް ކުރި ވެސް މެއެވެ. އެކަމަކު ރިފާ ފުރޮޅިލުމުން މިހާދު އެ ތަނުން ދިޔައީއެވެ. ހިތްފުރިގެނެއް ނޫނެވެ. މިހާދުގެ ފޯނު ހިފައިގެން އަނެއްކާ ވެސް އެނދު ކައިރިއަށް އައެވެ. ވަރަށް ކައިރިން ރިފާގެ މޫނުގެ ފޮޓޯއެއް ނެގިއެވެ. ހަމަ އެންމެ ފޮޓޯއެކެވެ. އެއަށް ފަހު ފޯނު ހިފައިގެން ގޮސް ސޯފާގައި ހަމަޖެހިލިއެވެ. އިއަފޯނު ކަންފަތުގައި ޖެހިއެވެ. މިހާދުގެ ހުރިހާ ފޯނުކޯލެއް ފޯނުގައި ރިކޯޑުކުރެވެއެވެ. އެހެން ހަދައިފައި ހުންނަނީ، ވިޔަފާރީގެ މުއާލަމާތްތަކުގައި ބޭނުންކުރެވޭ މުހިންމު ފޯނު ނަންބަރުތަކާއި ހިސާބުގެ އަދަދުތައް ފަހުން ހަނދާންކުރުމަށް ޓަކައެވެ. އެހެނަސް އެ ރޭ މިހާދު އަޑުއެހީ އަހަން ނުވާ ކަހަލަ އެއްޗެކެވެ. އެއީ މިހާދުގެ ފޯނުން ޒާހިރާ ގުޅައިގެން ރިފާ ދެއްކި ވާހަކަތަކެވެ. އެއިން މިހާދަށް ލިބޭނެ އުފަލެއް ނެތެވެ. ލިބުނަސް ލިބޭނީ ހިތްދަތިކަމެކެވެ. އެހެން ވިޔަސް ރިފާ ދެއްކި ވާހަކަތައް އަޑުއަހާލަން މިހާދު ބޭނުންވިއެވެ. ރިފާ ދެއްކި ވާހަކަތައް އަޑުއިވުނު ވަރަކަށް މިހާދު ގާތަށް އައީ ހިންޏެވެ. ރިފާ މުޅިން ވެސް ދައްކާފައި ހުރީ ތަނުގެ ރީތިކަމުގެ ވާހަކައެވެ. ބޮޑުކަމާއި، ފުރިހަމަކަމުގެ ވާހަކައެވެ. އަށެއްކަ މިނެޓުގެ ކޯލުގައި ނަޝްފާޔާ ވެސް ރިފާ ވާހަކަދެއްކިއެވެ. މިހާދުގެ ހިތަށް ތަދުވާ ކަހަލަ އެއްވެސް ވާހަކައެއް ނެތެވެ.
ސިހިފައި ރިފާއަށް ލޯހުޅުވައިލެވުނު އިރު ހެނދުނު ވެއްޖެއެވެ. ރަޖާ އޮތީ ރިފާގެ ކަރާ ހިސާބުގައެވެ. މިހާދު އޮތީ ސޯފާގައި ނިދައިފައެވެ. ރިފާ ވަރަށް އުފާވިއެވެ. ހިތަށްއެރިއެވެ. މިހާދަށް އިތުބާރު ކުރެވިދާނެއެވެ. ރިފާ ތެދުވެގެން ގޮސް ކުޑަދޮރުން ބޭރު ބަލައިލިއެވެ. ކާރުތަކާއި، ބަސްތަކާއި، ހިނގާ މީހުންތައް ފެންނަނީ ވަރަށް ތިރިންނެވެ. ރިފާގެ ފައި ހީލިކަރުވަން ފެށުމުން ދުރަށް ނަޒަރުހިންގައިލިއެވެ. ފެނުނީ ބޮޑެތި އުސް އިމާރާތްތަކެވެ. ބައެއް ހިސާބުތަކުން ފަރުބަދަ ފެނެއެވެ. ކޯރަކާއި، ރޭލުދަނގަނޑުތަކާއި، ބުދުފައްޅިއާއި، ދަނޑުތަކެއް ވެސް ފެނުނެވެ. އެއްވެސް ދިމާއަކުން ކަނޑެއް ނުފެނެއެވެ. އެއީ ރިފާ ހައިރާންކުރުވި ކަމެކެވެ.
"މޯނިންގް!" މިހާދު ބުނި އަޑު އިވުނެވެ.
ރިފާ ބަލައިލި އިރު މިހާދު އިނީ ސޯފާގައި ލެނގިލައިގެންނެވެ. މިހާދަށް ޖަވާބުދިނުމުގެ ގޮތުން ރިފާ އެއްވެސް އެއްޗެއް ނުބުނެއެވެ.
"ކޮބާ ރަނގަޅަށް ނިދުނު؟" މިހާދު އެހިއެވެ.
އާނއެކޭ ބުނުމުގެ ގޮތުން ރިފާ ބޯޖަހައިލިއެވެ.
"އެކަމަކު އަހަންނަކަށް ނުދިނުނު،" މިހާދު ބުންޏެވެ. "ރިފާ ގުގުރިދަމާ ވަރުން."
ރިފާއަށް ލިބުނީ ހައިރާންކަމެކެވެ. ލަދު ވެސް ގަތެވެ. އެހާ ބާރަށް ރިފާ ގުގުރިދަމާ ވާހަކައެއް ޒާހިރު ނުބުނެއެވެ. ނަޝްފާ ވެސް ނުބުނެއެވެ. މާފަށް އެދެން ރިފާ ބޭނުންވިއެވެ. އެކަމަކު ތަންކޮޅެއް ލަސްކޮށްލެވުނުކަން އެއީ ރިފާގެ ނަސީބެވެ.
"އެއީ ދޮގެއް!" ހީނގެންފައި މިހާދު ބުންޏެވެ. "އެއީ ސަމާސާއަކަށް ބުނި އެއްޗެއް!"
ރިފާ ހަމަޖެހުމުގެ ނޭވައެއް ބޭރުކޮށްލިއެވެ. މިހާދުގެ ސަމާސާ ރިފާއަށް ވަރަށް ކަމުދިޔައެވެ. ހިނިއައެވެ.
ސައި ގެނައީ ކޮޓަރިއަށެވެ. އާދައިގެމަތިން ރިފާ ކެއީ ކިރިޔާ ކޮޅަށް ހުރެވޭ ވަރަށެވެ. މިހާދު ޝަކުވާއެއް ނުކުރެއެވެ. މިހާދު އުޅުނީ ކައިވެނި ކަންތައް ހަމަޖެއްސުމުގައެވެ. އެ ކަހަލަ ކަންކަމުގައި ގުޅާނެ މީހުންގެ ނަންބަރު މިހާދު އަތުގައި ހުއްޓެވެ. ރިފާ ޓީވީ ހުޅުވައިލައިގެން އިނީއެވެ. ކުރެވޭނެ އިތުރުކަމެއް ނެތީމައެވެ. އެކި މީހުނާ ވާހަކަދެއްކުމަށް ފަހު މިހާދު ހުލާސާކޮށްލިއެވެ.
"ކައިވެނީގެ ކަންތައް ހަމަޖެހެން ދެ ދުވަސް ވަރު ނަގާނެ،" މިހާދު ބުންޏެވެ. "އިންޑިޔާ މީހުން ނޫން ވީމަ އެހާ އަވަހަކަށް ކަންކަމެއް ހަމައެއް ނުޖެހޭނެ. ފޯމެއް ލާ، ރަޖިސްޓަރީއެއް ކޮށް ލައްކަ ސަކަރާތް ޖަހައިގެން މި ކަން ވާނީ. އަހަންނަށް ހީވަނީ ކައިވެނީގެ ހުރިހާ ކަމެއް ނިމޭނީ ހަފުތާއެއްހާ ދުވަސް ތެރޭގަހެން. އޯކޭތަ؟"
މިހާދުގެ ހުރިހާ ވާހަކައަކަށް ރިފާ ޖަވާބުދިނީ އެންމެ ބޯޖެހުމަކުންނެވެ. މިހާދު ވަރަށް ގިނަ ވާހަކަދެއްކިއެވެ. އެކުވެރިކަން ބަދަހިކުރަން މަސައްކަތް ކުރިއެވެ. އެކަމަކު ރިފާ އެއްޗެއް ބުނަނީ ނުބުނެ ފަރުނުޖެހޭ ކަހަލަ ތަންތަނުގައެވެ. ކައިރީގައި އިށީނދެލައިގެން ކިތަންމެ އިރަކު އިންނަން ޖެހުނަސް ރިފާ އަނގަޔަކުން ނުބުނެއެވެ. ރިފާ އިންތިޒާރުކުރަނީ ހުރިހާ ކަމެއް ނިންމައިފައި މާލެ ދެވޭނެ ދުވަހަކަށެވެ. މިހާދު ދެން ބޭނުންވީ ރިފާ ނުކާ ސަބަބު އޮޅުންފިލުވާށެވެ.
"ރިހާކުރު އެކަނި ކަންނޭނގެ މި ތަނުން ނުލިބޭނީ،" ސަމާސާ ރާގެއްގައި މިހާދު ބުންޏެވެ. "އެހެން ހުރިހާ އެއްޗެއް ލިބޭނެ. ކޮންމެހެން ރިހާކުރު ކާން ބޭނުމިއްޔާ އެ ވެސް ލިބޭތޯ ބެލިދާނެ! އެކަމަކު ރިފާ ވާހަކަނުދައްކާތީ މައްސަލައަކީ."
މިހާދު ބުނީ ތެދެކެވެ. ރިފާ ވާހަކައެއް ނުދައްކައެވެ. ދައްކާކަށް ވެސް ބޭނުމެއް ނޫނެވެ. އެހެނަސް ނުކާ މައްސަލައަށް ހައްލެއް ގެންނަން ރިފާއަށް މަޖުބޫރުވިއެވެ. އެތައް އިރަކު އިސްޖަހައިގެން އިނުމަށް ފަހު ރިފާ ވާހަކަދެއްކިއެވެ.
"އަހަންނަކަށް ނުކެރޭނެ މިހާދު ކުރިމަތީގަ އިނދެގެން ކާކަށް." ރިފާ ވަރަށްް މަސައްކަތުން ބުންޏެވެ.
މިހާދު ހިނިފަޅައިގެންދިޔައެވެ. ހީ ވެސް ނުކުރާ ކަހަލަ ސަބަބެއް ރިފާ ބުނުމުންނެވެ.
"އަހަންނަކަށް ނޭނގޭ އުލާ ސަމުސަލުން ކާކަށް،" ރިފާ އިތުރަށް ބުންޏެވެ. "އަތުން ކާން ލަދުގަންނަނީ!"
ރިފާގެ ވާހަކަ މިހާދަށް ގަބޫލުކުރެވެއެވެ. ރިފާ ދިރިއުޅެނީ ވަރަށް އާދައިގެ ފެންވަރެއްގައެވެ. އެ ވާހަކަ ރިފާއަށް ބުނަން ކެރުނީތީ މިހާދު ވަރަށް އުފާވިއެވެ. ހަމަ އެހާމެ ދެރަ ވެސް ވިއެވެ.
"މިތާ އެތެރޭގަ އަތުން ވެސް ކެވޭނެއްނު ރިފާ!" މިހާދު އޯގާތެރިކަމާ އެކުގައި ބުންޏެވެ. "ކޮންމެހެން އުލާ ސަމުސަލުން ކާކަށް ނުޖެހޭނެ. އެކަމަކު ކައިގެންތާ އުޅެވޭނީ. އަދި ކިތެއް ދުވަސް އެބަ އޮތް. މަށަށް އެނގިއްޖެ ހަދަންވީ ގޮތް."
އެ ދުވަހު ކާއެއްޗެހި ގެނައުމުން، ފޯނެއް އައި ކަމަށް ހަދައިފައި މިހާދު ކޮޓަރިން ނުކުތެވެ. ހަމަޖެހިލައިގެން، ފުރަތަމަ ފަހަރަށް ރިފާއަށް ކެވުނީ އެ ފަހަރުއެވެ. ބަނޑު ފުރެންދެން ކެވުނީ ވެސް އެ ދުވަހުއެވެ. އޭގެ ފަހުން ކޮންމެ ފަހަރަކު ވެސް މިހާދު ހަދަނީ އެހެންނެވެ. ކާއެއްޗެހި ގެންނަ އިރަށް މިހާދު އޮންނަނީ ކަމަކު ބޭރަށް ދާން ޖެހިފައެވެ. ބޭނުމަކީ ރިފާ ކާން ފުރުސަތުދިނުންކަން ރިފާއަށް އެނގެއެވެ. އެ ވަރުން ވެސް ރިފާ ކަނީ ދެ އިރުއެވެ. ފަހަރެއްގައި ވެސް މިހާދަށް "އުނދަގުލެއް" ޖައްސަން ނުވަތަ ރިފާއަށް ހަރަދުކުރުވަން ރިފާ ބޭނުން ނުވަނީއެވެ.
އެކި ކަހަލަ ފިނިފެންމާ ހައްދައިފައިވާ ޕާކަކަށް ރިފާ ގެންދިޔަ ދުވަހެކެވެ. ކަޅުކުލައާއި ނޫކުލައިގެ ފިނިފެންމާ އެ ދުވަހު، އަލަށް ރިފާއަށް ފެނުނެވެ. ޕާކުގައި ހިނގާހިނގާ މިހާދު ވަރުބަލިވި އިރު ވެސް ރިފާ ފޫއްސެއް ނުވިއެވެ.
"ހިނގާ ދެން ދަމާ ދޯ!" މިހާދު އެދުނެވެ. "މިއަދު ރިފާ އެބަ ޖެހޭ ބިއުޓީޕާލަރ އަކަށް ދާން."
ރިފާގެ މޫނުމައްޗަށް ވެރިވީ ހައިރާންކަމެވެ.
ނުނިމޭ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕްރިންސެސް
16 August 2020
ވ.ރީތިވާހަކައެއް ތަންކޮޅެއްދިގުކޮށް ގެނެސް ދޭނަމަ
އަލީ އިބްރާހިމް
11 August 2020
މިއޮތީ އެންމެ ފަހުން ހިންދީ ޑްރާމާ ކުޅެންފަށާފަ
ބަސީރާ
09 August 2020
ދެން ބިންމާ... ކިތަންމެ ނިކަމެއްޗަސް އެނދެއްގަ ނިދުމުގެ ފުރުޞަތު ނުލިބޭ ދިވެހިން ނޫޅޭނެ. ޢިހުއްސުރެ ބޮޑު އަށި ކުޑަ އަށިން ފެށިގެން އެނދު ހުރޭ. ފަހަރުގަ މާ އަރާމު ގޮދަޑިއެއް ނުލިބިދާނެ. ދެން މާ ދަށްކޮށްލާފަ ލިޔެފަ
ޢަނާ
09 August 2020
މީ އެހާ ޝައުޤު ވެރި ވާހަކައެއް ނޫން. މިހާރު އެންމެ ބޮޑަށް ބަލާލާހިތް ވަނި ހަނާ އާއި ރިޒްވާން އުޅޭ ޙާލެއް. އެއީ ޙާޤީޤީ ވާހަކައެއް ވީމަ މިހާރުވެސް އެދެމީހުން ކޮންމެސް ޙާލެއްގަ އުޅޭނެތާ. ނޫނީ އެތަނުން އެކަކު ނޫނީ ދެމީހުން ނިޔާ ވިޔަސް އެކަން ނިމިގެން ދިޔަގޮތެއްވެސް އޮންނާނެތާ. އުއްމީދު ކުރަން ލަސްނުކޮށް ހަނާގެ ވާހަކައަށް ވީގޮތެއް ވަރަށް ޚުލާޞާކޮށް ނަމަވެސް ގެނެސްދޭނެކަމަށް
ފޫހި
09 August 2020
މިހާރު ވާހަކާގައި ވާނެގޮތް އެބަ ވިސްނޭ. އެއީ މިހާދުގާތުން ވަރިވާން ރިފާ ބޭނުންނުވާނީ. މިހާދުގެ ރޭވުން މޮޅުކަމުން. އަދި ރިފާގެ ފަގީރުކަމުގެ ނާޖާއިޒް ފައިދާނަގައިގެން. އެންމެފަހުން ލަނޑުލިބޭނީ ޒާހިރުއަށް،
ފޫހި
09 August 2020
މުޅިންވެސް ތަން ސިފަކޮށްފަ އެއްވެސް ހާދިސާއެއްނެތް.
އެއް ހިތުގެ ލޯބި
09 August 2020
ލޯބި ހޯދިން! އެކަމު އެ ލޯބި ކައިރީގައި ހުންނަ އިރު ވެސް ލޯއްބެއް ނުލިބޭ؟
ާއަންހެނާ
09 August 2020
ލޯބި ދޭން ނޭގުނީމަ ނުލިބުނީ
ސަސި
09 August 2020
ކޮބާތަ އަސްލު ފެންޑިތަހެދި އަންހެނާގެ ވާހަކަ
Ibun Ibarhim
09 August 2020
އޭނަ މިހާރު ޒާހިރު ކާމިޔާބު ކުރުމަށް މެކުހަށް ޖަހާފަ ހުންނާނެ ހެން ހީވަނީ