11 އޯގަސްޓް 2020 - 07:36
ސްޓާ ޕްލަސް އިން ގެނެސްދޭ ޑާންސް ޝޯ "ނަޗް ބަލިޔޭ" 10 ވަނަ ސީޒަން ގެނެސްދޭން ތައްޔާރުވަމުން އަންނަ އިރު، އޭގެ ޖަޖެއްގެ ގޮތުގައި މި ފަހަރު ބަތަލާ ބިޝާޕާ ބާސޫ ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އެކްޓަރު ކަރަން ސިންގް ގްރޯވާއާ 2016 ގައި ކައިވެނިކުރި ފަހުން ފިލްމީ ދާއިރާ އިން ގެއްލިފައިވާ ބަތަލާއާ އެކު ސްޓާ ޕްލަސް އިން މިހާރު މަޝްވަރާކުރަމުން އަންނަ ކަމަށް މީޑިއާތަކުން ބުންޏެވެ. ބިޕާޝާގެ އިތުރުން މި ފަހަރު "ނަޗް ބަލިޔޭ" ގެ ޖަޖުންގެ ގޮތުގައި ޑައިރެކްޓަރު ޑޭވިޑް ދަވަނާއި މަޝްހޫރު ކޮރިއޮގްރާފަރު ވައިބާވީ މާޗަންޓް ވެސް ފެނިގެންދާނެ ކަމަށްވެ އެވެ.
ބޮލީވުޑްގެ އެތައް ފިލްމެއްގެ ލަވަތަކެއްގެ ނެށުން ތައްޔާރުކޮށް ދީފައިވާ ވައިބާވީ އަކީ ކުރިން ވެސް "ނަޗް ބަލިޔޭ" ގެ ޖަޖްކަންކޮށްފައިވާ މީހެކެވެ. އެތައް އެވޯޑެއް ވެސް ހޯދާފައިވާ ވައިބާވަކީ 1999 ގެ ފިލްމު "ހަމް ދިލް ދޭ ޗުޗޭ ސަނަމް" ގެ ލަވަ "ދޮލި ތާރޯ ދޯލް ބާޖޭ" އިން ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ފަންނާނެކެވެ.
ޕިންކްވިލާ އިން ބުނީ އަންނަ ހަފުތާގެ ތެރޭގައި ސްޓާ ޕްލަސް އިން ޝޯގެ ޖަޖުންގެ ޕެނެލް ފައިނަލްކޮށް، އެއްބަސްވުމަކަށް އަންނާނެ ކަމަށެވެ.
"ނަޗް ބަލިޔޭ 10" ގެ ޖަޖެއްގެ ފުރުސަތު ބިޕާޝާ އަށް ހުށަހަޅާފައިވާ ކަމަށް އަޑުއަރާފައި މި ވަނީ ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު، އޭނާ ކުޅެފައިވާ ފިލްމެއް ވެސް ބެލުންތެރިންނަށް ގެނެސްދޭން ކުޑަތަންވެފައި ވަނިކޮށެވެ. އެއީ މި މަހުގެ 14 ގައި އެމްއެކްސް ޕްލެޔާ އިން ސްޓްރީމްކުރަން ހަމަޖެހިފައިވާ "ޑޭންޖަރަސް" އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އަންނަ މަހުގެ ތެރޭގައި "ނަޗް ބަލިޔޭ 10" ގެނެސްދޭން ފަށާނެ ކަމަށް ބެލެވޭ އިރު، މި ފަހަރުގެ ޝޯގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ކަރަން ޖޯހަރް ހިއްސާވާނެ އެވެ. އެކަމަކު އެކަން އަދި ކަށަވަރެއް ނުވެ އެވެ.
މިދިޔަ އަހަރު ގެނެސްދިން "ނަޗް ބަލިޔޭ 9" ޕްރޮޑިއުސްކުރީ ސަލްމާން ޚާނެވެ. އެ ސީޒަންގެ ޖަޖުންނަކީ ބަތަލާ ރަވީނާ ޓަންޑަނާއި ކޮރިއޮގްރާފަރު/ޑައިރެކްޓަރު އެހުމަދު ޚާނެވެ.
ދެހާސް ފަހެކުން ފެށިގެން ގެނެސްދެމުން އަންނަ "ނަޗް ބަލިޔޭ" އަކީ މަޝްހޫރު ސެލެބްރިޓީ ޖޯޑްތައް ބައިވެރިކޮށްގެން ގެނެސްދޭ ޝޯއެކެވެ. މީގެ އެންމެ ފަހުގެ ސީޒަން ކާމިޔާބުކުރީ ދެމަފިރިން ކަމަށްވާ ޕްރިންސް ނަރޫލާ އާއި ޔޫވިކާ ޗައުދަރީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy