12 އޯގަސްޓް 2020 - 08:15
އާދިއްތަ ދުވަހާ ގުޅޭ
ރިފާގެ މޫނުމައްޗަށް ވެރިވީ ހައިރާންކަމެވެ. ރިފާ ދުވަހަކު ވެސް ބިއުޓީޕާލާއަކަށް ނުދެއެވެ. އެކަމަކު އެއީ ކީއްކުރާ ތަނެއްކަން ރިފާއަށް އެނގެއެވެ. ސުވާލަކީ، ރިފާ އެ ތަނަށް ގެންދަނީ ކީއްކުރަން ހެއްޔެވެ؟ ރިފާއަކީ މިހާދުގެ ލޯބިވެރިއެއް ނޫނެވެ. އަންބެއް ނޫނެވެ. ކައިވެނިކުރަނީ ފަހުން ވަރިކުރާ ގޮތަށެވެ. އެ ކަން އެނގި ހުރެ ރިފާގެ ރީތިކަން ފާޅުކުރަން މިހާދު މަސައްކަތް ކުރުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އެއިން މިހާދަށް ވާނީ ކޮން ފައިދާއެއް ހެއްޔެވެ؟ އެ ސުވާލުކުރަން ރިފާ ބޭނުމެވެ. އެކަމަކު އޭރުން މިހާދާ ވާހަކަދައްކަން ޖެހޭނެއެވެ. ފަހަރެއްގައި ވެސް ގުޅުން ބަދަހިވެދާނެއެވެ. އޮޅިގެން ނަމަވެސް މިހާދާ ދިމާއަށް ރިފާގެ ހިތް ލެނބިދާނެއެވެ. ޒާހިރު މަތިން ހަނދާންނެތިދާނެއެވެ. ނަޝްފާއަށް ކުރި ވައުދު ނުފުއްދިދާނެއެވެ. އެއިން އެއްވެސް ކަމެއް ވާކަށް ރިފާ ބޭނުމެއް ނުވިއެވެ.
"ޒާހިރު ގާތުގަ އަހާލާފަ ދެވޭނީ." ދެވޭ އެންމެ ކުރު ޖަވާބު ރިފާ ދިނެވެ.
ރިފާ ދިން ޖަވާބު މިހާދަކަށް ކަމަކުނުދިޔައެވެ. މިހާދުގެ ހިތްހަމަނުޖެހުން ރިފާ އަޑުއެހީ ލޮލުންނެވެ. މިހާދުގެ މޫނުމައްޗަށް އައި ބަދަލުތަކުންނެވެ. މިހާދުގެ ހިތުގައި އުފެދުުނު ޝަކުވާތައް މަދެއް ނޫނެވެ. ރިފާއަކީ ޒާހިރުގެ އަންބެއް ނޫނެވެ. ހުސްހަށިބައި މިނިވަން އަންހެނެކެވެ. މިހާދާ އެކުގައި އިންޑިޔާއަށް އައީ މިހާދާ ކައިވެނިކުރާށެވެ. އެއްބަސްވުމެއްގެ ދަށުން ވިޔަސް މިހާދުގެ އަންބަކަށް ވާށެވެ. ރިފާގެ ހުރިހާ އިހުތިޔާރެއް މިހާދަށް ދޭށެވެ. ވީމާ ކޮންމެވެސް ހައްގެއް މިހާދަށް ވެސް ލިބެންޖެހޭނެއެވެ.
"އަހަންވާނެ." ފޯނު ދިއްކޮށްލަމުން މިހާދު ބުންޏެވެ.
ފޯނު ހިފައިގެން ރިފާ ތަންކޮޅެއް ދުރަށް ޖެހިލިއެވެ. މިހާދު ބަލަހައްޓައިގެން ހުއްޓެވެ. ވަރަށް ފަސޭހައިން ޒާހިރަށް ގުޅުނެވެ. އެކަމަކު މިހާދު ހީކުރިހާ އަވަހަކަށް އެ ހުއްދަ ލިބުނު ކަމަކަށް ނުވިއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ މިހާދަކަށް ނުވިސްނުނެވެ. މައްސަލައަކީ ކޮބައި ހެއްޔެވެ؟ ގާތްގަނޑަކަށް ފަނަރަ މިނެޓު ވާހަކަދެއްކުމަށް ފަހު ރިފާ އައެވެ. މިހާދަށް ފޯނު ދިއްކޮށްލިއެވެ. ރިފާގެ މޫނުމަތީގައި އެއްވެސް އުފާވެރިކަމެއް ނެތެވެ.
"އާނއެކޯ!" ރިފާ ދިނީ ކުރު ޖަވާބެކެވެ.
ޒާހިރު އެހާ ކުރު ޖަވާބަކުން އެއްބަސްވި ނަމަ އެހާ ގިނަ އިރު ރިފާ ވާހަކަދައްކަން ޖެހުނީ ކީއްވެގެން ހެއްޔެވެ؟ ދެކެވުނު ހުރިހާ ވާހަކައެއް މިހާދަށް ފަހުން އަޑުއެހޭނެއެވެ. އޭގެ ކުރިން ރިފާ އެ ވާހަކަތައް ކިޔައިދޭތޯ ބަލަން މިހާދު ބޭނުންވިއެވެ. އެކަމަކު ރިފާ އެއްވެސް އެއްޗެއް ނުބުންޏެވެ. ކާރަށް އެރި ގޮތަށް މަޑުމަޑުން އިނީއެވެ.
"ޒާހިރު ހިތްހަމަނުޖެހުނީތަ؟" މިހާދު ސުވާލުކުރި ވެސް މެއެވެ.
ރިފާ ހިނިތުންވެލުމަކުން ޖަވާބުދީފައި ނިންމައިލީއެވެ. ތިރީސް މިނެޓުގެ ދިގު ދަތުރުގައި ރިފާ އެއްވެސް ވާހަކައެއް ނުދެއްކިއެވެ. ކާރު މަޑުކޮށްލީ އެ ހިސާބުގައި ހުރި އެންމެ މަޝްހޫރު ބިއުޓީޕާލަރއަށެވެ. ކާރު މަޑުކޮށްލުމާ އެކު ސަލާންޖަހާ މީހަކު އައިސް ކޮންމެ ވެސް ވާހަކަތަކެއް ދައްކަމުން ރިފާއަށް އަތް ދިއްކޮށްލިއެވެ. ރިފާ ހުރީ ހަދާނެ ގޮތެއް ނޭނގިފައެވެ. މިހާދު އައިސް އޭނައަށް އިންޑިޔާގެ ފަސް ސަތޭކަ ރުފިޔާ ދިނެވެ. އެ މަންޒަރު ޔަގީނުން ވެސް ރިފާގެ ހިތުގައި ހަރުލިއެވެ. މިހާދަކީ އެހާ ހިތްހެޔޮ މީހެއް ކަމެއް ކުރިން ރިފާއަކަށް ނޭނގެއެވެ. ރިފާގެ ހިތަށް އުފާވެރިކަން ވެރިވުމުގެ ބަދަލުގައި ވެރިވީ ބިރުވެރިކަމެވެ. މިހާދުގެ ރަނގަޅު ސިފަތައް ގިނަވާން ފަށައިފިއްޔާ ދެން ވާނީ ކިހިނެއް ހެއްޔެވެ؟
ދެ މީހުން އެކުގައި ބިއުޓީޕާލަރއަށް ވަނެވެ. ރިފާގެ ލޮލުގައި އަޅައިގަތީ އެ ތަނަށް ވަދެ ނުކުމެވާ އަންހެނުންނެވެ. އެ މީހުންގެ ހެދުމެވެ. ރީތި މޫނާއި އިސްތަށިގަނޑެވެ. ތުންފަތާއި އިސްތަށިގަނޑުގެ ކުލައެވެ. އަރައިފައި ހުންނަ ފައިވާނެވެ. ޖަހައިފައި ހުންނަ ސެންޓެވެ. އިންޑިޔާގެ މަޝްހޫރު ފިލްމީ ތަރިން އެ ތަނަށް އާދެއެވެ. އެ ކަމަށް ހެކިދެނީ އެ ތަނުގައި ހަރުކޮށްފައިވާ ފޮޓޯތަކެވެ. މުޅިން ވެސް ތަނުގެ އެތެރޭގައި ނަގައިފައިވާ ފޮޓޯއެވެ. ފޮޓޯތަކަށް ގެއްލިފައި ރިފާ ހުއްޓައި މިހާދު އިސްތިގުބާލަށް ގޮސް ދައްކަންވީ ހުރިހާ ވާހަކައެއް ދެއްކިއެވެ.
"އެކްސްގިއުޒް!" ރިފާ ކައިރިއަށް ހުއްޓުނު އަންހެންކުއްޖާ ބުންޏެވެ.
ރިފާ ބަލައިލުމުން އަންހެންކުއްޖާ ހިނިތުންވެލިއެވެ.
"ޕްލީޒް ކަމް!" އޭނަ އެދުނެވެ.
ރިފާ ބަލައިލީ މިހާދަށެވެ. މިހާދު ބޮލުގެ އިސާރަތުން އާނއެކޭ ބުނުމުން އަންހެންކުއްޖާއާ އެކުގައި ރިފާ ދިޔައެވެ. އޭނަ ބުނި އެނދުގައި ނިކަން ބަސްއަހައިގެން އޮށޯވެލިއެވެ. ކުރި ހުރިހާ ކަމެއް ކުރީ ރިފާ އެހެން އޮއްވައެވެ. ފުރަތަމަ މޫނު ދޮވެލިއެވެ. އެ ފަހަރު މޫނުގައި ހޭކީ ކުޑަކޮށް ރާޅު އެއްޗެކެވެ. އެ ވެސް ދޮވެލުމަށް ފަހު، މޫނަށް އާވިއަރުވަމުން މޫނު ސާފުކޮށްލިއެވެ. ވަރަށް މީރުވަސްދުވާ އެއްޗެއް މޫނުގައި ހޭކިއެވެ. އޭގެ މަތިން މާސްކެއް އެޅިއެވެ. ފަނަރަ މިނެޓު ވަންދެން އެހެން ބޭއްވުމަށް ފަހު މާސްކު ނަގައި، މޫނުގައި ކިރިމެއް ހޭކުމަށް ފަހުގައި ނިންމައިލިއެވެ. މުޅި ޖުމުލަ ގަޑިއެއްގެ އިރު އެ ކަމަށް ހޭދަވިއެވެ. ރިފާ އެނދުން ތެދުވެގެން ގޮސް ލޯގަނޑު ކައިރިއަށް ހުއްޓުނެވެ. ރިފާއަށް ރިފާގެ އަސްލު ސިފަ ފެނުނީ އެ ވަގުތުއެވެ. ލޯގަނޑު ކުރިމަތީގައި އެތައް އިރަކު ރިފާއަށް ހުރެވުނެވެ. ރިފާގެ މޫނުގައި އަމިއްލައަށް އަތްލެވުނެވެ. އެއީ ރިފާގެ މޫނުކަން އަމިއްލަ ނަފުސަށް ޔަގީންކޮށްދިނުމަށް ޓަކައެވެ. އާދަޔާ ހިލާފަށް އޮމާން ހަންގަނޑުގައި އެތައް ފަހަރަކު ރިފާއަށް ފިރުމުނެވެ. މޫނުގެ ތާޒާކަން އެތައް ގުނައަކަށް އިތުރުވެފައިވެއެވެ. މިހާދުގެ ކުރިމައްޗަށް ނުކުތުމުން މިހާދަށް ވެސް ބަލަން ހުރެވުނެވެ. މިހާދަށް އުނިވީ ރިފާގެ މޫނާ އެކަށީގެންވާ ވަރުގެ ނަލަ ހެދުމެކެވެ. ތަންކޮޅެއް ގިނަ އިރު ބެލުމުން ރިފާ އިސްޖަހައިލިއެވެ. ކަންތައް ވަމުންދިޔައީ ރިފާ އުންމީދުކުރި ގޮތަކަށް ނޫނެވެ. ބޭނުންވި ގޮތަކަށް ވެސް ނޫނެވެ.
ހޮޓަލަށް އައި މަގުމަތީގައި ހެދުން ވިއްކާ އެތައް ފިހާރައަކަށް މިހާދު ވަނެވެ. ކޮންމެ ތަނެއްގައި ވެސް ވަރަށް ރީތި ހެދުން ހުރެއެވެ. އެއިން ޒަމާނަކު ވެސް ރިފާ އާ ހެދުމެއް ނުގަނެއެވެ. ހެދުން ގަންނާނެ ފައިސާ ނުހުންނާތީއެވެ. އެހެންކަމާ އެކުގައި ވެސް ހެދުމެއް ގަންނާކަށް ރިފާ ނުބުނެއެވެ. ބުނާކަށް ނުވެސް ޖެހެއެވެ. ރިފާގެ ލޮލުގައި އަޅައިގަތް ކޮންމެ ހެދުމެއް މިހާދު ގަނެއެވެ. އެއީ ރިފާއަށް ދޭން ގަންނަ އެއްޗެކޭ ހީކުރާކަށް ވެސް ރިފާ ބޭނުމެއް ނޫނެވެ. ހެދުމުގެ ނަލަކަމާއި، އަގަކީ ރިފާގެ ފެންވަރު ކަމަކަށް ރިފާ ނުދެކެއެވެ. އެ ފަދަ ހެދުމެއް ލައިގެން ރިފާ ހުއްޓައި ހުވަފެނަކުން ވެސް ރިފާ ނުދެކެއެވެ.
ހޮޓަލަށް އައިސް ކޮޓަރިއަށް ވަދެފައި ވެސް ރިފާގެ ސަމާލުކަން ހުއްޓުނީ ލޯގަނޑަށެވެ. ރިފާއަށް ރިފާ ރީތިވެއްޖެއެވެ. ގެއްލިފައިވާ ރިފާ އަލުން އުފަން ވެއްޖެއެވެ. މޫނުގެ ވަރުބަލިކަން ފިލައި ތާޒާ ވެއްޖެއެވެ.
"ހިތްހަމަޖެހޭ؟" މިހާދުގެ އަޑު ރިފާއަށް އިވުނެވެ.
ލޯގަނޑަށް ނުބަލާ ކަމަށް ހެދެމުން ރިފާ އެނދުގައި އިށީނދެލިއެވެ. މިހާދު ގެނައި ކޮތަޅުތައް ރިފާ ކައިރީގައި ބެހެއްޓިއެވެ.
"ހެދުން ލާފަ ދައްކާލަފާނަން؟" މިހާދު އެހިއެވެ.
ރިފާއަށް ލިބުނީ ސިހުމެކެވެ. އަގު ބޮޑު ނުވަ ހެދުން މިހާދު ގަތެވެ. ރިފާ ލާ ކަހަލަ ހެދުމެވެ. އެހާ އަގު ބޮޑު ހެދުން ރިފާއަށް ގަތީ ކީއްކުރަން ހެއްޔެވެ؟ އެ ޝަކުވާކުރަން ރިފާ ބޭނުމެވެ.
"ކީއްކުރަން ގަތްހާ ހެދުމެއް؟" މަޑުމަޑުން ރިފާ ބުންޏެވެ. "އެހާ އަގު ބޮޑު. އަހާލި ނަމަ."
"ތި ގޮތަށް ވާހަކަދައްކާނެކަން އެނގުނު ނަމަ ކޮންމެ ފަހަރަކު ވެސް އެހީމުސް،" މިހާދު ވަރަށް އޯގާތެރިކަމާ އެކުގައި ބުންޏެވެ. "އަހަންނާ ރިފާ ހަވާލުކުރީއް ސުރެ އަހަރެން މި ބަލަނީ ވީހާ ވެސް ރަނގަޅަށް ހުރިހާ ކަމެއް ވެސް ކޮށްދެވޭތޯ. އެކަމަކު ރިފާ އަނގައިން ވެސް ބުނެ ނުލާ! ހިޔެއް ނުކުރަން ތި ގޮތަށް ރިފާ ކަންތައް ކުރާނެ ކަމަކަށް."
ރިފާއަށް ވެސް އެ ކަން އިހުސާސް ކުރެވުނެވެ. ކުރެވުނީ ކުށެއްކަން ވިސްނުނެވެ. މިހާދު ކޮށްދޭ ކަންތައްތަކުގެ އަގު ވަޒަންކުރާނީ އެހެނެއް ނޫނެވެ. އެކަމަކު ރިފާ އެހެން ކަންތައް ކުރަނީ ކީއްވެގެންކަން ރިފާ ބުނެދޭނީ ކިހިނެއް ހެއްޔެވެ؟
"ސޮރީ!" ކުށް ގަބޫލުކުރާ ކަހަލަ ރާގެއްގައި ރިފާ ބުންޏެވެ.
"އަސްލު ވެސް ސޮރީތަ؟" ސަމާސާ ގޮތަކަށް މިހާދު ބުންޏެވެ. "ތިހެން ވިއްޔާ ދޭ މި ތަނުން ހެދުމެއް ލައިގެން އަންނަން. އޭރުން ގަބޫލުކުރެވޭނީ. ހިތުލަފަޔަކަށް ހުރިހާ ހެދުމެއް ވެސް ގަތީ. ހެޔޮވަރު ނުވެއްޖެއްޔާ ޗޭންޖު ކޮށްލެވޭނީ ވެސް އޭރުން."
"ފުރަތަމަ ކޮން ހެދުމެއް ލާންވީ؟" ރިފާ އެހިއެވެ.
މިހާދު ބޭނުންވާ ހެދުން ދިއްކޮށްލިއެވެ. އެއީ ވިލު ނޫ ކުލައިގެ ޝިފޯން ހެދުމެކެވެ. ފޮތި މަޑުވެފައި ތުންޏެވެ. ބަތާނައަކީ ފަށުވި ފޮއްޗެވެ. އެ ހެދުން ހެޔޮވަރު ވާނެކަން ރިފާއަށް ޔަގީނެވެ. ފާހާނަޔަށް ވަދެފައި ހެދުން ބަދަލުކުރި އިރު ހެދުން ހެޔޮވަރުކަމުން ރިފާ ހައިރާންވިއެވެ. ހަމަ ހުރެފައި އެހާ ހެޔޮވަރު ހެދުމެއް ގަންނާކަށް މިހާދަކަށް ނޭނގޭނެޔޭ ހިތަށްއެރިއެވެ. ރިފާއަކީ ކުރިއް ސުރެ މިހާދުގެ ލޮލުގައި އަޅައިގެންފައިވާ މީހަކީ ހެއްޔެވެ؟ ރިފާއާ އިންނަން މިހާދު އުޅެނީ ވަރި ނުކުރާ ގޮތަށް ހެއްޔެވެ؟ އެކަމަކު އިންޑިޔާއަށް އާދެވިއްޖެއެވެ. މިހާދު އެތައް ހަރަދެއް ކޮށްފިއެވެ. ދެން ރިފާ އިންކާރު ކޮށްފިއްޔާ ރިފާއަށް ވާނީ ކިހިނެއް ހެއްޔެވެ؟ މިހާދު ގަތް ހެދުން ލައިގެން ފާހާނައިން ރިފާ ނުކުތް އިރު މިހާދު ހުރީ ކުޑަދޮރުން ބޭރު ބަލާށެވެ. ފާހާނައިގެ ދޮރު ހުޅުވައިލި އަޑަށް މިހާދު އެނބުރުނެވެ. ރިފާ ފެނުމުން މިހާދުގެ ދުލުން ބަސް ހުސްވި ކަހަލައެވެ. ގަނޑުވެފައި ބަލަން ހުރެވުނީއެވެ. މިހާދާ ދިމާއަށް ބަލަން ނުކެރިގެން ރިފާ އިސްޖަހައިލިއެވެ. އޭރު ރިފާގެ ހިތް ވަރަށް ބާރަށް ތެޅެއެެވެ.
"ވަރަށް ހެޔޮވަރު." މަޑުމަޑުން ރިފާ ބުންޏެވެ.
މިހާދަކަށް ދުރަކު ނުހުރެވުނެވެ. ލަސް ފިޔަވަޅުތަކެއްގައި އައިސް ރިފާ ކުރިމައްޗަށް ހުއްޓުނެވެ.
"ރިފާ ހާދަ ރީއްޗޭ!" ނުބުނެ ނުހުރެވިގެން، ވައި އަޑުން މިހާދު ބުންޏެވެ.
ނުނިމޭ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާއި
16 August 2020
ދެން މާ ހާސަރު ދިގުވެއްޖެއޭ.. އަސްލުވެސް ބިން މާގެ ވާހަކައެއް؟ ކިރިޔާ އެއް ކަންތައް މިވަނީ ކޮން މެ ބައެއްގަ. މި ދެ މީހުން އިންނާނެ ދުވަހެއްވެސް ނޭނގޭ މިވަރުން ދަންޏާ. ރިފާ ވެސް މާ އާކޮށްލާފަ. ކުޑަކޮށް ރަނގަޅު ކޮށްލަން ފެނޭ. އޭރުން މާ ސަޅިވާނެ.
ޢަފީ
13 August 2020
އަސްލު މިވާހަކަ ހަ މަ ޖެހުނިސް ތަންކޮޅެއް ކުރީގެ ހާދިސާއެއް ގޮތައް ކިޔއިދޭނަ މަ.. މިސާލަކަށް 1990 ހިސާބު ގެ ވާހަކައެއް ގޮތައް.. ރިފާގެ ވިސްނު މާ އުޅު މާ ހުންނަ ގޮތުން މި ބުނީ.. އެނދެއްގަ ނުނިދާ، މޭކަޕެއް ނުކުރޭ.. ކޯކެއް ނުބޯ.. ގޭގަ ތަރުފާލު އަޅާފަ.
ނާްއިން
13 August 2020
ރިފާ މާބޮޑަށް އާވެގެން އުޅޭތީ ހިއެއްނުވޭ އަވަހަކަށް ވާހަކަޔާގެން ކުރިއަށް ދެވޭނެހެނެއް...
ޒޯރޯ
12 August 2020
ކިރިމި ހާކާ ވާހަކަޔާ އާވި އަރުވާ ވާހަކަޔާ ތަންތަނުގެ ރީތި ވާހަކަ ކަހަލަ ހާސަރު ދެމުން ނޫން ކަމެއް ބިންމާ މިހާރަކު ނުކުރެ. އަނެއްކާ ކޮންމެ ވާހަކައެއްގަ ވާނެ ފަންޑިތަ ސިހުރު ހިމަނަން. މި ވާހަކަ ނިމޭނީ ރިފާ ޖިންނިއަކާ ހިތާވެގެން ތޯއްޗެއް.
ޕަރސަން
12 August 2020
މިހާދު ހުރިހާ ކަމެއް ލާރިން ކޮށްލަންދޯ ވިސްނާފަ މިހުރީ.
ީީިއިބްރާހީމްގެ ދަރި
12 August 2020
ކޮންމެ ދުވަހަކު ކުޑަތަންކޮޅެއް ނުގެނެސް ކިޔާ މީހުން ފޫހި ވުމުގެ ކުރިން ތި ދެމީހުން އިނދެގެން ނޫނީ ނީންދެ ވިޔަސް ޒާހިރާއި ޒުލްފާ އުޅޭގޮތް ފެންނަ ހިސާބަށް ގެންގޮސްދީބަލަ.
ފޫހި
12 August 2020
ދެން މި މި ބައި އެދިޔައީ ރިފާގެ ހެދުމެއް ލެއްވުމަށް. ދެން މިހާރު އެބައެނގޭ ޒާހިރު ބާކީވީކަން. އަނެއްކާ ރިފާ އަކީ މާލޭގައިދިރިއުޅޭ އޮފީހަކަށް ދާ ޒުވާނެއް. އަދި ވާހަކާގައި ބުނާ ފަދައިން ރިފާއަށް ތަނެއް ދޮރެއް ނޭންގޭ އަދި ރީތި ހެދުމާ މޭކަޕާ ނުފެންނަ މީހެއްކަމަށް ސިފަކިރުމުން ހަމައެއްނުޖެހޭ.
ރިޓަޔަރމަންޓް
12 August 2020
ބިންމާއާ އަޅުގަނޑު ބައްދަލުކުރަންޖެހޭ ވަގުތު ޖެހިއްޖެހެން ހީވަނީ.
ޚދޖޖ9
12 August 2020
ކުރީގެ ބައިގަ ރިފާއަށް ކެވިއްޖެ، މިބައިގަ ރިފާއަށް ހެދުން ލެވިއްޖެ.... ހޫނ ދެން އަނެއްބައިގަ؟؟
ޢަނާ
12 August 2020
އޮމާންކޮށް ވާހަކަ ދައްކާލެވޭވަރު ވާނީ ކަންނޭންގެ
ސަސޖ
12 August 2020
ރިފާ، މިހާދު، އިންޑިއާ
ާއާއިޝާ
12 August 2020
ވ. ރީތި ވާހަކަ.
ޢަނާ
12 August 2020
އެންމެފަހުން ގެނައި ތިންބައިންވެސް އެނގުނު ހަމައެކަނި އެއްޗަކީ މީދޯ ސަސޖ