"ލޯބިވެވިއްޖެ" ގެ ޕްރޮމޯޝަނަލް ލަވަ ގެނެސްދޭނީ ކާސްޓުންގެ އަޑުން

އަލީ ސީޒަން ޑައިރެކްޓްކޮށް ގެނެސްދޭން ތައްޔާރުވަމުން އަންނަ ފިލްމު "ލޯބިވެވިއްޖެ" ގެ ޕްރޮމޯޝަނަލް ލަވަ ފިލްމުގެ ކާސްޓުންގެ އަޑާ އެކު ގެނެސްދޭން ނިންމައިފި އެވެ.


އިބްރާހީމް ޒައިދު އަލީ (ކުޑަ އިއްބެ) ގެ ޓޮނިކް ލައިވް ސްޓޫޑިއޯގައި ރެކޯޑްކޮށްފައިވާ ލަވައިން އިވޭނީ މައި ކާސްޓުންގެ ތެރޭގައި ހިމެނޭ ސީޒަނާއި މަރިޔަމް އައްޒަ އާއި އަހުމަދު އީސަ (އާނަންދު) އާއި އައިމިނަތު ރިޝްފާ އާއި އަލީ އާޒިމް (ދޮންއައްޔަ) އާއި އިރުފާނާ އިބްރާހީމާއި އަބްދުﷲ ޝާފިއު (ފުބޫ) ގެ އިތުރުން އަހުމަދު ނިމާލުގެ އަޑެވެ.

ކުޑައިއްބެގެ މިއުޒިކަށް ލަވައިގެ ޅެން ހަދާފައި ވަނީ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އެވެ.

ސީޒަން ބުނީ "ލޯބިވެވިއްޖެ" ގެ ޕްރޮމޯޝަނަލް ލަވައިގެ ވީޑިއޯ ދައްކައިލުމުގެ ކުރިން އޭގެ އޯޑިއޯ ނެރޭނެ ކަމަށެވެ. ޕްރޮމޯޝަނަލް ލަވައާ އެކު ފިލްމުގައި ޖުމްލަ ނުވަ ލަވަ ހިމެނޭނެ އެވެ. ލަވަތައް ކިޔައިދީފައި ވަނީ (ތޭރަވާ) އާއި އަންހެނުން މަރިޔަމް އަޝްފާ އާއި ރާފިޔަތު ރަމީޒާ އާއި ހަސަން ޖަލާލާއި، މުމްތާޒު މޫސާ އާއި މޯލްޑިވިއަން އައިޑަލްގެ ޖަޖުކަންކޮށްފައިވާ އައްމަޑޭގެ އިތުރުން އެ ޝޯ އިން ވިދާލި ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ މުއައްޒިންގެ އިތުރުން އަލީފް އަލީ އެވެ.

ލަވަތަކުގެ ޅެން ހަދާފައިވަނީ ތޭރަވާ އާއި އިސްމާއީލް މުބާރިކްގެ އިތުރުން ނާސިމް (ބުލް) އެވެ. "ލޯބިވެވިއްޖެ" ގެ ލަވަތަކުގެ މިއުޒިކްތައް ހެދީ ކުޑަ އިއްބެ އާއި އިބްރާހިމް ނިފާރު (ތިއްތި) އާއި ޖަލާލް އަދި ގްރެވިޓީ ބޭންޑުންނެވެ.

މި އަހަރުގެ ކުރީކޮޅު ގދ. ތިނަދު އާއި ސްރީ ލަންކާގެ އިތުރުން މާލޭގައި ޝޫޓްކޮށް ނިންމާލައި މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް "ލޯބިވެވިއްޖެ" އަކީ އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ފިލްމެކެވެ. ސީޒަން އެންމެ ފަހުން ގެނެސްދިން "އަނދިރިކަން" އަކީ ވެސް ޒަރީރުގެ ސްކްރީންޕްލޭއަކަށް ގެނެސްދިން ފިލްމެކެވެ.

އަޅުވާނެ ތާރީހެއް އަދި ނުނިންމާ "ލޯބިވެވިއްޖެ" އަކީ ސީޒަންގެ އަންހެނުން ޝަނާޒް އަލީ އަލީ ޝާނީޒް ޕްރޮޑިއުސްކުރާ ފިލްމެކެވެ.