މުނިފޫހިފިލުވުން / ވާހަކަ

ލޯބި ހޯދަން ލޯތްބާ ދުރަށް

ބުދަ ދުވަހާ ގުޅޭ

މިހާދު މޫނަށް ވެރިވެފައިވަނީ ލާނެތް ހިނިތުންވުމެކެވެ. އެ ހިނިތުންވުމުން ރިފާއަށް އެތައް މާނައެއް ދޭހަވިއެވެ. މިހާދު ބުނިހެން ހީވި ކަހަލައެވެ. މިހާރު ތި އޮތީ އަހަރެންގެ އަތްދަށުވެފައެވެ. ދެނެއް ސަލާމަތެއް ނުވެވޭނެއެވެ. ރިފާއަށް ހާދަހާ ނުވިސްނެއެވެ. ދެނެއް ވަރިއެއް ނުކުރާނަމެވެ. ދެން ނިކަން ވާހަކަނުދައްކާ ހުރެބަލާށޭ މިހާދު ބުނިހެން ވެސް ރިފާއަށް ހީވިއެވެ.

"ކޮން އިރަކުން އަހަރެން ވަރިކުރާނީ؟" ހޮޓަލަށް ދާން ކާރަށް އަރައިފައި ރިފާ ސުވާލުކުރިއެވެ.

"އެކަމަކު ރިފާ!" ހައިރާން ވެފައި މިހާދު ބުންޏެވެ. "އަހަރެންގެ އަނބިމީހާ އެންމެ ފުރަތަމަ ދައްކަންޖެހޭ ވާހަކައަކީ ތީތަ؟"

ރިފާއަށް އެ ސުވާލުކުރެވުނީ މާ އަވަހަށެވެ. އެ ކަމާ ރިފާ އެއްބަހެވެ. އެހެނަސް، އެއަށް ވުރެ މުހިންމު އެހެން ކަމެއް ރިފާއަކަށް ނެތެވެ. މިހާދުގެ އަންބެއް ގޮތުގައި އެންމެ ސިކުންތަކު ވެސް ހުންނާކަށް ރިފާ ބޭނުމެއް ނޫނެވެ.

"ކޮން އިރަކުން ވަރިކުރާނީ؟" އިސްޖަހައިލައިގެން އިނދެ، މަޑުމަޑުން ރިފާ ސުވާލު ތަކުރާރުކުރިއެވެ.

މިހާދު ޖަވާބެއް ނުދެއެވެ. ޖަވާބު ނުދިނީ ރުޅިއައިސްގެން ކަމެއް، ފޫހިވެގެން ކަމެއް ރިފާއަކަށް ނޭނގެއެވެ. މިހާދުގެ މޫނަށް ރިފާ ނުބަލާތީއެވެ. ރިފާ ބެލީ ވީހާ ވެސް މިހާދާ ދުރުގައި އިނދެވޭތޯއެވެ. ރިފާ ގައިގަ މިހާދު އަތްލާކަށް ރިފާ ބޭނުމެއް ނޫނެވެ. އެކަމަކު އިންކާރު ކުރެވޭނެ އެއްވެސް ސަބަބެއް ނެތެވެ. ދެއްކޭނެ އުޒުރެއް ވެސް ނެތެވެ. މައްސަލައަކީ އެއީއެވެ. މިހާދު ކޮންމެހެން ރިފާއާ ގާތުގައި އިންނާކަށް ނޫޅެއެވެ. ލިބުނު ހައްގަށް ދައުވާއެއް ވެސް ނުކުރެއެވެ.

ހޮޓަލަށް ވަނީއް ސުރެ ރިފާ ހުންނަނީ މިހާދާ ދެމެދުގައި ފޫޓު އަޅައިގެންނެވެ. މިހާދާ އެއް ހަމައަކަށް ވެސް ނާރައެވެ. ރިފާ ބެލީ ތަންކޮޅެއް ފަހަތުގައި ހުރެވޭތޯއެވެ. ވަންނަން ޖެހޭނީ މިހާދު ވަންނަ ކޮޓަރިއަށްކަން ރިފާއަށް އެނގެއެވެ. ނިދަން ޖެހޭނީ އެއް އެނދުގައި ނޫން ކަމެއް ވެސް ރިފާއަކަށް ނޭނގެއެވެ. ކޮޓަރިއަށް ވަދެފައި ރިފާ ބޭނުންވީ ކޮޓަރީގެ ދޮރު ހުޅުވައިފައި ބަހައްޓާށެވެ. އެހެނަސް މިހާދަކަށް ރިފާގެ ހިތުގައި އޮތް އެއްޗެއް ނޭނގެއެވެ. އަނެއްކޮޅުން، ކޮޓަރީގެ ދޮރަކީ ހުޅުވައިފައި ބަހައްޓާ އެއްޗެއް ނޫނެވެ. މިހާދު ވަދެފައި ހަމަ އެކަނި ދޮރު ލެއްޕީކީ ނޫނެވެ. ތަންޑު ވެސް އެޅިއެވެ. ތަންޑުގެ އަޑަށް ވެސް ރިފާގެ ހިތް ތެޅިގަތެވެ. އަތްފައި ފިނިވިއެވެ. ރިފާ ހިތަށްއެރިއެވެ. ފަށްކަނޑަން އެއްބަސްވި އިރު ރިފާއަށް އެ ކަމުގެ ސީރިއަސްކަން ނުވިސްނުނީ ކީއްވެގެން ހެއްޔެވެ؟ ވަގުތު ހިނގާނީ ދުވަހުން ނޫންކަމާއި ސިކުންތުންކަން ނޭނގުނީ ކީއްވެގެން ހެއްޔެވެ؟ ދެން ވިސްނަންވީ ކޮން ކަމަކާ ހެއްޔެވެ؟ ވަގުތު ފާއިތު ވެއްޖެއެވެ.

ރިފާގެ ކުރިމަތީގައި މިހާދު ގަމީސް ބޭލިއެވެ. އެއީ ކުރިން މިހާދު ނުކުރާ ކަމެކެވެ. ރިފާ ހުރީ ދެން ހަދާނެ ގޮތެއް ނޭނގިފައެވެ. ދެން ވެސް ރިފާ ގައިގަ އަތްލާކަށް މިހާދު ނޫޅެއެވެ. އެ ފަދަ ނަޒަރަކުން ނުވެސް ބަލައެވެ. އެ ކަން ރިފާއަށް މާ ބޮޑުވިއެވެ. ރިފާ ހިތަށްއެރިއެވެ. މިހާދުގެ ނިޔަތަކީ ކޮބައިބާއެވެ؟ މިހާދުގެ ހިޔާލު ބަދަލުވާނީ ކުއްލިއަކަށް ހެއްޔެވެ؟ ރިފާއަށް އޮޅުވައިލަން ވެގެން މިހާދު މަކަރުހަދަނީ ހެއްޔެވެ؟

"އަހަންނަށް އެނގޭ ކައިވެނީގެ ރަން ދެވިއްޖެކަން،" އެނދުގައި އިށީނދެލަމުން މިހާދު ބުންޏެވެ. "އެކަމަކު ކައިވެނީގެ ހަދިޔާ އަދިވެސް ދެވިދާނެތާ! ލޯމަރާ!"

މިހާދު އުޅެނީ ކައިވެނީގެ ރަން ދޭން ހެއްޔެވެ؟ ނުވަތަ އެހެން ރަނެއް ދޭން ހެއްޔެވެ؟ ކޮންމެ ކަމަކަށް ވެސް ރިފާއަށް ޝައްކު ކުރެވެއެވެ. ދެން ހިތަށްއެރިއެވެ. ލޯމެރިޔަސް ނުމެރިޔަސް މިހާދު ކުރަން ބޭނުންވާ ކަމެއް ކުރާނެއެވެ. ބިރުން ހުރެ ރިފާ ލޯމެރިއެވެ. މިހާދު އެއްޗެހިތަކެއް ހާވާ އަޑު އިވެއެވެ.

"ލޯ ނުހުޅުވާތި!" މެދު ނުކެނޑި މިހާދު ބުނަމުން ގެންދިޔައެވެ. "ރިފާއަށް ނުފެންނަ ތަންތަނަށް އެއްޗެހި ލާން ހަދައިގެން އެތަންމިތަނުގަ އެއްޗެހިތައް މިހިރީ! ދެން ލޯހުޅުވާ!"

ރިފާ ލޯހުޅުވި އިރު ހަދިޔާތައް ހުރީ އެނދު މަތީގައި އަތުރައިފައެވެ. ޒާހިރު ދީފައިވާ ގަހަނާތަކަށް ވުރެ ހާސް ބައި ރީތި، އަގު ބޮޑު ގަހަނާ ހުއްޓެވެ. އެއަށް ބަލައިލީމައި ވެސް އޭގެ އަގު ކިހާ ބޮޑުވާނެކަން ރިފާއަށް އަންދާޒާ ކުރެވެއެވެ. ވަރަށް ރީތި، ތުނިތުނި ރާޑޯ ގަޑިއަކާއި، އާދަޔާހިލާފަށް ވިދާ ބަބުޅާ އެހެއް ޖަހައިފައިވާ އަނގޮޓިއެއް ވެސް އޮތެވެ. އެހާ ވިދާ އެހެއް ރިފާ ދުވަހަކު ވެސް ނުދެކެއެވެ. ގަޑިއާއި އަނގޮޓި އެޅުވީ މިހާދުގެ އަތުންނެވެ. އެއީ ހަނދާންނައްތައިލަން ރިފާއަށް އުނދަގޫވާނެ ވަގުތުކޮޅެއްކަން ރިފާއަށް ޔަގީންވިއެވެ. ދުވަހަކު ވެސް އެ ފަދަ ހަދިޔާއެއް ރިފާއަށް މީހަކު ދީފައި ނުވާތީއެވެ.

"އަހަރެންގެ އަންހެނުން އަޅަންވާނީ އަހަރެން ގަނެދޭ އެއްޗެހި. ދޮގެއްތަ؟" ރިފާގެ އަތަށް ބަލައިލަމުން، އޯގާތެރިކަމާ އެކުގައި މިހާދު ބުންޏެވެ. "އަދި ކިރިޔާ ޑައިމަންޑްގެ ރީތިކަން މި ފެނުނީ. މިހާރު އަޅައިގެން ތިހިރަ އެއްޗެހި ބާލާ!"

އެ ގޮތް ރިފާއަކަށް ކަމަކުނުދިޔައެވެ. ވިސްނާލަން ކުޑަ އިރުކޮޅެއް ބޭނުންވިއެވެ. މިހާދު ގަނެދިން ހުރިހާ އެއްޗެއް ވެސް ރިފާއަށް ވަރަށް ރީއްޗެވެ. އެކަމަކު ރިފާ އަޅައިގެން ހުންނަ ހިތް ވަނީ ޒާހިރު ގަނެދިން ގަހަނާތަކެވެ. ޔަގީނުން ވެސް އޭގައި ހުރި ލޯތްބެއް މިހާދުގެ ހަދިޔާތަކަކު ނެތެވެ. އެހެންނަމަވެސް، މިހާދު ކައިރީގައި ހުންނަ އިރު މިހާދު ބުނާ ގޮތެއް ހަދަން ޖެހޭނެއެވެ. ޒާހިރަކީ ރިފާގެ ދަރިފުޅުގެ ބައްޕައެވެ. ރިފާ ކުރިން އިން މީހާއެވެ. މިހާދަކީ ފިރިމީހާއެވެ. ހުރިހައި ބާރެއް އޮތީ މިހާދު އަތުގައެވެ. ގަދަބާރުން ކަމެއް ކުރަން ބޭނުން ވިޔަސް މިހާދަށް ކުރެވޭނެއެވެ. ރިފާގެ ހިތުގައި މިހާދަކަށް ލޯތްބެއް ނެތެވެ. އޮތިއްޔާ އޮތީ ފާޑެއްގެ ބިރެކެވެ. ޖެހިލުންވުމެކެވެ. ރިފާ އިންނަނީ ސިހިސިހިއެވެ.

"އަހަންނަށް ގޯސް އެއްޗެއް ބުނެވުނީތަ؟" މިހާދު ސުވާލުކުރިއެވެ.

އެއްޗެއް ނުބުނެ ރިފާ އަތްފައިގައި ހުރި ގަހަނާތައް މަޑުމަޑުން ބޭލިއެވެ. ރިފާއަށް ހީވީ ޒާހިރު މަޑުމަޑުން ރިފާޔާ ދުރަށް ދާހެންނެވެ. މިހާދު ދިން ގަހަނާތައް އެޅިއެވެ. ކަރުގައި ފަށް އަޅުވައިދިނީ މިހާދެވެ. ފިރިމީހާ ދޭ ހަދިޔާ ގަބޫލުކުރާކަށް ރިފާ ޖެހިލުމެއް ނުވެއެވެ.

"މިރޭ ވެސް އަހަރެން ސޯފާގަތަ ނިދަންވީ؟" މިހާދު ސުވާލުކުރިއެވެ. "ތީ މިހާރު އަހަރެންގެ ވައިފެއްނު!"

ރިފާ ހިތަށްއެރިއެވެ. މިހާދު އެ ބުނީ ތެދެކެވެ. މިހާރު މިހާދު ބޭނުން ނަމަ ރިފާގެ ގައިގައި ވެސް އަތްލެވޭނެއެވެ. ވީމާ ބޮޑުސިންގާ އެނދެއްގެ އެއްފަރާތުގައި ފިރިމީހާ އޮންނަން ރިފާ ނުރުހޭނީ ކިހިނެއް ހެއްޔެވެ؟ އެހެންނަމަވެސް ރިފާ ހުއްދަ ދިނީ ހިތާދެކޮޅަށެވެ.

ނިދާ ވަގުތު ޖެހުނެވެ. މިހާދު އެނދުގައި އޮށޯތް ވަގުތު، ނޭނގޭ ކަމަށް ހެދިފައި މެދުގައި ރިފާ ކަންނެޔޮ ބޭއްވިއެވެ. އެ މަންޒަރު ފެނުނު ކަމަކަށް މިހާދު ނަހަދައެވެ. އެކަމަކު ސަމާސާ ރާގަކަށް ހިނިތުންވެލިއެވެ. އަދި ރިފާޔާ ވީހާ ވެސް ދުރުގައި އޮށޯވެލިއެވެ.

"އަހަރެން ނޫޅެން ގަދަކަމުން ރިފާ ގައިގަ އަތްލާކަށް،" ރިފާއަށް ފުރަގަސްދީގެން އޮވެ މިހާދު ބުނެލިއެވެ. "ރިފާގެ ނުރުހުމުގަ އިނގިލި ކުރި ވެސް ޖައްސައިނުލާނަން. އެކަމަކު ބުނެފާނަން ވާހަކައެއް. މާލޭގަ އަހަރެން އެއްބަސްވި ހުރިހާ ކަމެއް އަހަރެން ފުރިހަމަ ކޮށްފިން. އަނބިމީހާ ގައިގަ އަތްލުން ހުރިހާ ގޮތަކުން ވެސް އަހަންނަށް ހުއްދަ ވާނެ މިހާރު."

ރިފާގެ މެޔަށް ހީވީ ފެން އެއްޗެއް އޮއްސައިލި ހެންނެވެ. ދާނެ ތަނެއް އޮތް ނަމަ ތެދުވެގެން ދުއްވައި ވެސް ގަތީހެވެ.

"އެކަމަކު އަހަންނަކީ ގަދަކަމުން މީހުންގެ ގަޔަށްބޮލަށް އަރާ މީހެއް ނޫން،" މިހާދު ޔަގީންކަން ދިނެވެ. "އަހަންނަށް އިތުބާރު ކޮށްފަ ރިފާ ހަމަޖެހިލައިގެން ނިދާލާ! މީގެ ކުރިން ވެސް ނިދީނު!"

ކުޑަ އިރުކޮޅެއް ތެރޭގައި މިހާދު ނިދިއެވެ. މަޑުމަޑުން ގުގުރިދަމަން ފެށިއެވެ. ރިފާ އޮތީ ތަންމިނަށް ދެ ލޯ ހުޅުވައިގެން ވިސްނާށެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ރަނަކަށް ދެ ލައްކަ ރުފިޔާގެ ރަން އަތުލައިފައި، ކައިވެނި ކޮށްފައި، އެތައް ހާސް ރުފިޔާއެއްގެ ސާމާނާއި ހަދިޔާ ހިފައިފައި ރިފާ ހަމަ އަޅާނުލާންވީ ހެއްޔެވެ؟ ރިފާއަކީ އެހާ އަމިއްލަ އެދުން ބޮޑު މީހެއް ހެއްޔެވެ؟ އެހާ ނުލަފާ މީހެއް ހެއްޔެވެ؟ ނިދަން އުޅެއުޅެ ރިފާ އަކަށް ނުނިދުނެވެ. ހިތްހަމައެއް ނުޖެހުނެވެ. ހިތަށްއެރިއެވެ. ރިފާ ގައިގަ އަތްލުމުގެ ހައްގު ރިފާގެ ފިރިމީހާއަށް ދޭން ޖެހޭނެއެވެ. އެ ގޮތް ހަމަ އެކަނި ރީތީކީ ނޫނެވެ. ރިފާއަށް ވާޖިބު ވެސް މެއެވެ. އުފަލެއް ލިބޭނެތީކީ ނޫނެވެ. އަމިއްލަ ނަފުސު ރިފާއަށް މަޖުބޫރުކުރަނީއެވެ. ހަޔާތުގެ އެންމެ އުނދަގޫ ނިންމުން ނިންމަން ރިފާ ކުރިމަތިލިއެވެ.

"މިހާދު!" ކުޑަކޮށް ބެދިފައިވާ އަޑަކުން ރިފާ ގޮވައިލިއެވެ. "ނިދީތަ؟ ހޭލަބަލަ! އަދި ނުވެއެއްނު ނިދާކަށް."

ކުއްލިއަކަށް މިހާދު ލޯހުޅުވައިލިއެވެ. އޭނަ އޮތީ ނިދާފައެއް ނޫނެވެ. ރިފާގެ ހިޔާލު ބަދަލުވާނެކަން މިހާދަށް ކަށަވަރެވެ.

"އަހަންނަށް އެނގޭ ރިފާގެ ނިންމުން ބަދަލުކުރާނެކަން." ހިނިތުންވެލައިގެން އޮވެ މިހާދު ބުންޏެވެ.

"އެކަމަކު އޮޅުވާނުލާތި!" ރިފާ ހަނދާންކޮށްދިނެވެ. "ތީ އަހަރެންގެ ފިރިމީހާ. ލޯބިވާ މީހާއެއް ނޫން. ޒާހިރަށް ޓަކާ އަހަރެން މި ކައިވެނި ކުރީ. އޭނަޔާ އިންނަން ބޭނުންވެގެން، އެހެން ގޮތެއް ނެތިގެން މި ކައިވެނި ކުރީ."

"އެނގޭ!" މިހާދު ވަގުތުން އެއްބަސްވިއެވެ. "އެކަމަކު ރިފާއަށް ވެސް މިހާރު އެނގޭނެ އެއްވެސް ކަމެއް އަބަދު އެއް ގޮތަށް ނޯންނާނެކަން. ތީ އަހަރެން އަތްލަފާނެތީ ބިރުން އުޅުނު ރިފާއެއްނު! އަހަންނަށް ހީވަނީ އެ ބިރު މިހާރު ފިލައިފިހެން."

މިހާދު ރޯކުރި އުންމީދުގެ ހުޅުކޮޅު ނިއްވާލާކަށް ރިފާ މަސައްކަތެއް ނުކުރެއެވެ. މީހުން ބުނާތީ ރިފާ އަޑުއަހައެވެ. ކަނޑުވެދާނެތީ ގަންނަ ބިރު، ކަނޑުވާ އިރަށް ފިލައެވެ. ރިފާ އެނދުން ތެދުވިއެވެ. އެ ތަނުގައި ދިއްލައިފައި ހުރި ހުރިހާ ބޮތްކެއް ރިފާ ނިއްވައިލިއެވެ. ތަނަށް ވެރިވީ ފުން އަނދިރިކަމެކެވެ. ކިރިޔާ ތަންދޮރު އޮޅުންފިލާ ކަމެވެ. ރިފާގެ ނަޒަރުގައި އެ ކޮޓަރީގައި ތިބީ ރިފާއާއި ޒާހިރެވެ.

ނުނިމޭ

17 ކޮމެންޓް, 25 ރިއެކްޝަންސް

icon happy icon happy 64%
icon sad icon sad 16%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވާއިދު

23 August 2020

އަހަރެން މީހަކާ އިނީ ލޯބިވެގެނެއް ނޫން. ފައިސާއަށް. ކައިވެންޏަށް 10 އަހަރުވަނީ. ދަރިންވެސް އެބަތިބި އަހަރުމެންގެ. އަހަރެންވެސް މީ ކިޔަވައިގެން މަތީ މަގާމެއްގަ އުޅޭ މީހެއް. އަނބިމީހާ ހަމަ ބޭނުން ވަރަކަށް މަށަށް ފައިސާ ދޭ. އެންމެ ފަހުން ގަނެދިން އަގުބޮޑު އަތުކުރި ގަޑި އަކީވެސް އޭނަ މަ ދެކެވާ ލޯބީގެ މިސާލެއް. އެވަރުންވެސް މަ ލޯތްބެއް ނުވޭ. ސޯ ރިފާ... ލާރިއަކަށް ލޯތްބެއް ނުގަނެވޭނެ. ހިތަވަރުކޮއްލާ

The name is already taken The name is available. Register?

ނ‫ާޝް

23 August 2020

މ‫ީގަ ދެން ވާންޖެހޭ އިތުރު ގޮތެއް ނެތެއްނުން ބިން މާ. ހަމަ ފައްކާ ކޮހުން މި ޒާހިރާ ރިފާ މީ.

The name is already taken The name is available. Register?

މާލެގޮއްޔެ

23 August 2020

އަހަރެން ނަމަ ރަނަށް ބުނާނީ ރިފާ ގޭގެ ރިފާގެ ބައި 6 ބުރިއަށް ނަގައިދޭން. އޭރުން އަބަދު ލާރި ލިބޭނެ. ތި 2ލައްކަ ރފ ދާނެއްނު ދުވަސްކޮޅަކުން. ރިފާ ހަމަ ކޮހީ!!

The name is already taken The name is available. Register?

ގޮތްކު

23 August 2020

އަދި ދެލައްކަ ރުފިޔާވެސް ނުދެޔޭ ރިފާ ކޮސްކަމުގެ ފައިދާ މިހާދު ނަގާފަ ދިނީ ހާރެއް. އެއީ އޭނާގެ ހަނދާން އަބަދުކުރުވަން.

The name is already taken The name is available. Register?

ކިޔާމީހާ

23 August 2020

ދެ ލައްކަ ރުފިޔާއެއް ނޫނޭ އެ ކައިވެނީގެ ރަނަކީ..ދެ ލައްކަ ރުފިޔާގެ އަގަށް ވާވަރަށް ރަން.

The name is already taken The name is available. Register?

ފޫޅު

23 August 2020

ދެން ރިފާ އެންމެ ބޭނުންކަންވާނީ އެއީ މިހާދުގެ ދަރިއަކަށް ބަލިވެ އިންނާނީ. އެއީ ފިރިހެން ކުއްޖަކަށް. ދެން އެހިސާބުން މިހާދު ބުނިކޮންމެކަމެއް ރިފާ ކުރާނެ. ފިރިހެން ކުއްޖަކު ބޭނުންވެގެންދޯ ރިފާ ފަންޑިތަ ބުއީވެސް. މިވާހަކާގައި މިހާދު މާ ދޮށީ މީހަކަށްވިއަސް އޭނާ އެންމެ ފަހުގެ އައިފޯން ހިފައިގެން އުޅޭއިރު ޒާހިރުއާ ރިފާ އަކީ މާލޭ ސިޓީގައި އުޅެ، މިއޮށް ތަރައްގީ ޒަމާނުގައިވެސް ދެ ކޮހުން. އެހެންވެ ޝެއިޚެއް ކައިރިވެސް ނާހާ ފައްކަޑަނީ. ބިންމާ މިއީބޮޑުވަރު

The name is already taken The name is available. Register?

އިއްސެ

23 August 2020

މިހާދަށް ދެން ނޭނގޭނެއްނު ސޯފާގަ އަތްލެވުނަސް! ހެހެހެ

The name is already taken The name is available. Register?

ކައި9

23 August 2020

"ރިފާގެ ނަޒަރުގައި އެ ކޮޓަރީގައި ތިބީ ރިފާއާއި ޒާހިރެވެ." ކިތައްމެ އަނދިރިއެއް ކުރިޔަސް، މިހާދު ވާނީ މިހާދަށް! ޒާހިރަކަށް ނޫން. އެހެންނޫނަސް، އިސްލާމް ދީނުގައި އެއީ ބޮޑު ފާފައެއް، ހަލާލު ފިރިމީހާ ތިމާ ގައިގަ އަތްލަންދީފަ އެ އަތްލަނީ ހިލޭ މީހެއްކަމަށް ހިތަށް އަރުވައިގެން ހުރުން. ވ ސަލާމ ދެން ޒާހިރަށް ?

The name is already taken The name is available. Register?

މިނިވަން ރިޕޯޓަރ

23 August 2020

ކައިވެނީގެ ބާބުންވެސް ފެންނަނީ އިސްލާމީ ޝަރީއަތުގެ ފުރިހަމަކަން. ވަރިވުން އެއީ ކުޅޭ ކުޅިވަރަކަށް ހެދީމާ އެންމެ ފަހުން ތިންފަށްވެ ކުރިން އިންމީހާއާއި އިތުރު ކައިވެންޏެއް ނުކޮށް ނުއިނދެވޭ ގޮތަށް އޮތުމަކީ ކައިވެނި ސަލާމަތްކޮށް ކައިވެނި މަތީ ތިބުމަށް ބާރުއަޅާ ސަބަބެއް.

The name is already taken The name is available. Register?

ވިސްްނާ

23 August 2020

އަޅޭ..ހާދަހާ އަވަހަކަށް ރިފާ ދީލައިލީ..ހަމަ ފައިސާ ގެ ބާރުގައި..ވަރަށް ދެރަވެއްޖެ.ގައިމު މަ ދެކެ އަދި މަވެސް އެހާ ލޯބިވާ މީހަކު ހުއްޓާ މަށަކަށް ތިކަން ތިހާ ފަސޭހަ އިން ނުވާނެ

The name is already taken The name is available. Register?

ޒީ03

23 August 2020

އަސްލުވެސް! ފައިސާ އަކަށް ލޯތްބެއް ނުލިބޭނެ.

The name is already taken The name is available. Register?

ގެޓް ސެޓް

23 August 2020

ޒާހިރާ އަލުން އިނދެވޭނީ މިހާދާ އެއްކޮށް ރޭ ކުރީމަ. އަވަހަށް ވަރި ވެވޭނީ އޭރުންކަމަށްވާތީ ރިފާ އެހެން އެ ހަދަނީ

The name is already taken The name is available. Register?

މާމުއިރާތު

23 August 2020

"މިހާދު ރޯކުރި އުންމީދުގެ ހުޅުކޮޅު ނިއްވާލާކަށް ރިފާ މަސައްކަތެއް ނުކުރެއެވެ. މީހުން ބުނާތީ ރިފާ އަޑުއަހައެވެ. ކަނޑުވެދާނެތީ ގަންނަ ބިރު، ކަނޑުވާ އިރަށް ފިލައެވެ." މިހާރު ރިފާ ބޭނުންވޭ ކޮންމެ ރެޔަކު ކަނޑުވާން.

The name is already taken The name is available. Register?

ކުރަފަތްބޭބެގެ

23 August 2020

ޔޭ މަ ފަސްޓް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454