26 އޯގަސްޓް 2020 - 07:46
އާދިއްތަ ދުވަހާ ގުޅޭ
ރިފާގެ ނަޒަރުގައި އެ ކޮޓަރީގައި ތިބީ ރިފާއާއި ޒާހިރެވެ. ރިފާގެ ހިތެއް ވެސް ނުވަތަ ލޯތްބެއް ވެސް ޒާހިރު ނޫން މީހަކަށް ދޭކަށް ރިފާގެ ނަފުސު އެއްބަހެއް ނުވެއެވެ.
ދުވަހުގެ އިރު ފެނުން ތޮޅިލިއެވެ. ހަމަ ކުރީ ދުވަހު ވެސް ތޮޅިލި ގޮތަށެވެ. އެކަމަކު ރިފާއަށް އެ ދުވަހަކީ ތަފާތު ދުވަހެކެވެ. ކަންތައްތަކެއް ބަދަލުވެއްޖެއެވެ. ހުސްހަށިބައިން އަންބަކަށް ރިފާ ބަދަލުވެއްޖެއެވެ. ފިރިއެއް ލިބިއްޖެއެވެ. ހުވަފެނުން ވެސް ނުދެކޭ ކަހަލަ ތަނަވަސްކަމެއް ލިބިއްޖެއެވެ. ޒާހިރު ނޫން އެހެން ފިރިހެނެއްގެ ލޯބި ލިބިއްޖެއެވެ. ރިފާގެ ހިތް އެ ދިމާއަށް ލެނބުމާއި ނުލެނބުން އެއީ މުޅިން އެހެން ކަމެކެވެ. ހަގީގަތް ވާނީ ހަގީގަތަށެވެ. ޒާހިރުގެ ފިރުމުމަށް ވުރެ މިހާދުގެ ފިރުމުން މާ އޯގާތެރިއެވެ. ފޮނި ބަސްތަކުން ސިކުނޑި މަސްތުކުރުވުމަކީ ޒާހިރުގެ ހުންނަ ފަންނެއް ނޫނެވެ. މިހާދަކީ އެ ހުނަރުގެ މާހިރެކެވެ. އެ މައްސަލަ ރިފާއަށް ވަރަށް ބޮޑުވިއެވެ. މިހާދާއި ޒާހިރު އަޅާކިޔާކަށް ރިފާ ބޭނުމެއް ނޫނެވެ. ބޭނުން ނޫނަސް އެ ކަން ކުރެވިއްޖެއެވެ. އެ ގޮތަށް އަޅާކިޔޭނެކަން ރިފާއަށް ކުރިން ނުވިސްނުނީ ކީއްވެގެން ހެއްޔެވެ؟ ލޯބީގެ ދަރުބާރަށް ހިތް ހާޒިރުކޮށްފައި، އަމުރުވެރި ރާގަކަށް އަމިއްލަ ހިތާ ރިފާ އެ ސުވާލުކުރިއެވެ. ހުރިހާ ކަމެއް އެނގި ހުރެ، އެހެން ވާނެކަން ރިފާއަށް ސިއްރުކުރީ ކީއްވެގެން ހެއްޔެވެ؟ ހިތް ދިނީ ބިރުވެރި ޖަވާބެކެވެ. ބުންޏެވެ. ތިޔަށް ކިޔަނީ ލޯތްބެވެ.
ހިތުގެ ބިންގަރާހުގެ ވެސް އެންމެ ފުނުގައި ލޯބި ކަފުން ކޮށްފައި، އާ ދުވަހަކާ ރިފާ ކުރިމަތިލިއެވެ. ޒާހިރަށް ފޯނުކުރަން، ކުރިޔަށް ވުރެ ބޮޑަށް ރިފާ ބޭނުމެވެ. ޒާހިރާ ވާހަކަދައްކަން، ކުރިޔަށް ވުރެ ބޮޑަށް ރިފާ ޖެހިލުން ވެސް ވެއްޖެއެވެ. ރިފާގެ ހިތް ބުންޏެވެ. ލޯބިވުމަކީ ކުށެއް ނޫނެވެ. ކުށަކަށް ވާނީ އެ ލޯބި ފާޅުކޮށްފި ނަމައެވެ. އެހެން މީހަކަށް އެ ކަން އަންގައިފި ނަމައެވެ. ރިފާ ދުވަހަކު ވެސް އެ ކަމެއް ނުކުރާނެއެވެ. މިހާދާ ކައިވެނިކުރި ސަބަބާއި، އިންޑިޔާއަށް އައި ސަބަބު ރިފާ ހަނދާނެއް ނުނެތެއެވެ. ނެތުނަކަ ނުވެސް ދޭނެއެވެ. ޒާހިރާއި ނަޝްފާއަށް ކުރި ވައުދު ރިފާ ހަނދާންބަހައްޓަން ޖެހޭނެއެވެ.
ކައިވެނި ކުރެވުމުން، އިންޑިޔާއަށް އައި މަގުސަދު ފުރިހަމަވީއެވެ. ރޭގަނޑު ހިނގައިދިޔަ ހާދިސާގެ އެއްވެސް ހަނދާނެއް ހުރި ކަމަކަށް ރިފާ ނަހަދައެވެ. އެކަމަކު އެންމެ ސިކުންތަކަށް ވެސް ރިފާ އެ ހަނދާނެއް ނުނެތެއެވެ. ރިފާއާއި މިހާދު ގިނަ ވަގުތު ތިބެނީ ކޮޓަރީގައެވެ. ރިފާއަކީ ތަނަކަށް ގެންދަން ބުނާ މީހެއް ނޫނެވެ. ތަންތަން ބަލައިލަން ނުވަތަ ބާޒާރުކޮށްލަން ދާން އެތައް ފަހަރަކު މިހާދު އެދުނެވެ. ރިފާ އެއްބަހެއް ނުވިއެވެ. މިހާދު ކުރާ ހަރަދާ އަޅާ ބަލާފައި ރިފާއަށް އެކައްޗެއް ވެސް ނުދެވޭތީ ރިފާ ހިތްހަމަނުޖެހެނީއެވެ. އަމިއްލަ ނަފުސު ކުށްވެރި ކުރެވެނީއެވެ. މާލެއިން ފުރި އިރު ރިފާ އަތުގައި އޮތީ ދެ ހެދުމެވެ. މިހާދު އެތައް ބައިވަރު ހެދުމެއް ގަނެދީފިއެވެ. ކޮންމެ ދުވަހަކު ތިން ހެދުން ލިޔަސް ހުސްނުވާ ވަރަށެވެ. ފެންވަރު ރަނގަޅު، ރީތި ހެދުމެވެ. އެ ހުރިހައި ކަމަކާ ދޭތެރޭ ރިފާއަށް ވިސްނުނެވެ.
"ހެޔޮތަ ޒާހިރަށް ގުޅާލިޔަސް؟" ރިފާ އެހިއެވެ.
އެއީ ސައުވީސް ގަޑި އިރު ތެރޭގައި ޒާހިރަށް ގުޅަން ރިފާ ބޭނުންވި ތިންވަނަ ފަހަރެވެ. ދެ ފަހަރު މިހާދު ފުރުސަތު ދީފިއެވެ. މިހާދު ވިސްނައިލިއެވެ. އެހާ ގިނައިން ޒާހިރަށް ގުޅަން ރިފާ ބޭނުންވީ ކީއްވެގެން ހެއްޔެވެ؟ ރިފާގެ ހިތް ރިފާގެ އަތުން ބީވަނީ ހެއްޔެވެ؟ މިހާދާ ދިމާއަށް ރިފާގެ ހިތް ލެނބެނީ ހެއްޔެވެ؟ ޒާހިރާ ގުޅަން ރިފާ ބޭނުންވަނީ އެ ތިލަފަތް ހަމަހަމަ ކުރަން ހެއްޔެވެ؟ އެހެން ނަމަ އެ ކަމަށް ހުރަސްއަޅަން މިހާދު ބޭނުމެވެ.
"މިހާރު ތީ އަހަރެންގެ އަންހެނުން،" ފޯނު ދިއްކޮށްލުމުގެ ބަދަލުގައި މިހާދު ބުންޏެވެ. "ދަރިފުޅާ ވާހަކަދެއްކިޔަސް ހެޔޮ. އެކަމަކު ދެން ޒާހިރާ ވާހަކަދައްކާނީ މާލެ ގޮސް. މަނާކުރަނީއެއް ނޫން. ލަސްކޮށްލަން މި ބުނަނީ."
މިހާދު އެހެން ބުނެފާނެ ކަމަކަށް ރިފާ ހިޔެއް ނުކުރެއެވެ. އެކަމަކު އެއް ކަމެއް ގަބޫލުކުރެވުނެވެ. ކުރިން ހިލޭފިރިހެނަކީ މިހާދެވެ. ފަހުން އެ މަގާމަށް އަންނަން ޖެހުނީ ޒާހިރެވެ. ހިލޭ ފިރިހެނަކާ ރިފާ ވާހަކަދައްކާކަށް މިހާދެއް ވެސް ނުރުހޭނެއެވެ. ވީމާ ރިފާ ދެކޮޅެއްނަހަދައެވެ. ނަޝްފާއާ ވާހަކަދައްކައިލައިފައި ފޯނު ބޭއްވީއެވެ. ތަނަކަށް ދާންޖެހޭތީ ވަގުތު ނެތްކަމަށް އުޒުރުދައްކާފައެވެ.
ރިފާ ބޭރަށް ނުކުތީ މެންދުރުފަހުއެވެ. މިހާދު ކުރު ނުކޮށްގެންނެވެ. އެ ދުވަހު ދިޔައީ ކައިރި ހިސާބެއްގައި ހުރި ގަނޑުވަރަކަށެވެ. އެ ގަނޑުވަރަކީ އިންޑިޔާގައި ރަސްކަން ކުރި ރަސްކަލަކު އޭނަގެ އަނބިމީހާއަށް އަޅައިދިން ތަނެކެވެ. ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެކެވެ. ލޯބީގެ އަލި ގަދަ ނަމޫނާއެކެވެ. ގަނޑުވަރުގެ ބޮޑުކަމާއި، ފުރިހަމަކަމުން އަންތަރީސް ވާ ވަރު ވެއެވެ. މިހާދު ވެސް އާޝޯހުކޮށްލިއެވެ. ގަނޑުވަރަށް ވަންނަ އިރު އެންމެ ފުރަތަމަ ވެސް ލޮލުގައި އަޅައިގަންނަނީ އެ ދެމަފިރިންގެ ފޮޓޯއެވެ. ތަނަށް ޒިޔާރަތްކުރާ މީހުން ވަރަށް ގިނަ އިރު ފޮޓޯ ބަލަން ތިބެއެވެ.
"މި ފޮޓޯއިން ރިފާއަށް ފެންނަނީ ކޯޗެއް؟" މިހާދު އެހިއެވެ. "އެންމެ ފުރަތަމަ ހިތަށްއެރި އެތި ބުނެބަލަ!"
ފޮޓޯއަށް ބަލައިލުމުން ރިފާއަށް ފެންނަނީ ލޯތްބެވެ. އަނބިމީހާގެ ކޮނޑުގައި ފިރިމީހާ ހިފާއްޓައިލައިގެން ހުރި ގޮތާއި، ދެމަފިރިންގެ ލޮލުން ވެސް ރިފާއަށް ފެންނަނީ ލޯތްބެވެ. ރިފާ ހީކުރީ މިހާދު ބުނުވަން އެ އުޅެނީ ވެސް އެހެން ކަމަށެވެ. އެކަމަކު އެހެން ބުނާކަށް ރިފާ ބޭނުމެއް ނޫނެވެ. އެ ކަން އެނގުނު ކަމަކަށް ވެސް ރިފާ ނެހެދިއެވެ.
"ނޭނގެ!" ރިފާ ބުނެލިއެވެ.
"އަހަރެން ހީކުރީ ރިފާ ބުނާނީ ލޯތްބޭ ކަމަށް." މިހާދު މަޑުމަޑުން ބުނެލިއެވެ.
"އެ ޖަވާބު ގޯސްވާނެތަ؟" ރިފާ ސުވާލުކުރިއެވެ.
"ޔަގީނެއްނު!" ވަރަށް ސާބިތުކަމާ އެކުގައި މިހާދު ބުންޏެވެ. "އަހަންނަށް ފެންނަނީ ރަސްގެފާނުގެ މުއްސަނދިކަން. ބަލާބަލަ އަންހެނުންގެ ގައިގަ އަޅުވާފަ ހުރިހާ ސާމާނު. މަށަށް ޔަގީން އެންމެން ވެސް އެ ބަލަނީ އެއަށް. އަހަންނަކީ އަތްކަންކުރާ މީހެއް ނޫން. އެކަމަކު ބުނެފާނަން. ދުނިޔޭގެ އެންމެ އަގު ބޮޑު އެތައް ޖަވާހިރެއް އަންހެންމީހާ ގައިގަ އެބަ ހުރި. ބްލެކް އޯޕަލް، އެމެރަލްޑް، ރޫބީ، ޕިންކް ޑައިމަންޑް، ބުލޫ ޑައިމަންޑް ޔަގީނުން ވެސް އެބަ ހުރި. ދެން ބަލާލަބަލަ މި ގަނޑުވަރަށް. މިއެއް ނޫންތަ މީހުންގެ ލޮލުގަ އަޅައިގަންނަނީ؟ މި ނެތް ނަމަ އެ ލޯބީގެ ވާހަކަ ދައްކާނެ މީހަކު ނުހުންނާނެ. މީހުން ވަރަށް ފަސޭހައިން ބުނެލާނެ ފައިސާއަށް އުފަލެއް ނުގަނެވޭނޭ. ފައިސާއަށް ހުރިހާ އެއްޗެއް ވެސް ގަނެވޭނެ."
ވަކި ޖަވާބެއް ރިފާ ނުދިން ނަމަވެސް މިހާދު ބުނި ވާހަކަ ރިފާއަށް ގަބޫލުކުރެވުނެވެ. ތަފާތަކީ ރިފާ އެއްބަސް ނުވި ކަމެވެ.
"އިންސާނުންގެ ހުރިހާ ގުޅުމެއް އުފެއްދީ ﷲ،" ހިޔާލަކަށް ގެއްލިފައި ހުރެގެން މިހާދު ބުންޏެވެ. "އިންސާނަކު ބޭނުން ވިޔަކަސް މަންމައަކަށް، ބައްޕައަކަށް، ބޭބެއަކަށް، ދައްތައަކަށް، މާމައަކަށް، ކާފަޔަކަށް ވެސް ނުވެވޭނެ. މައިންބަފައިންނަށް ވުމުގެ ބާރާ، ދަރިންގެ ޖިންސު ކަނޑައެޅުމުގެ ބާރެއް ވެސް އިންސާނާ އަކަށް ނޯންނާނެ. އިންސާނުންނަށް އުފެއްދޭނީ ހަމަ އެންމެ ގުޅުމެއް. އެއީ ކައިވެނި. އެކަމަކު އެ ވެސް އަހަރުމެން ކުޅޭ ކުޅިވަރަކަށް ހަދައިފި. ހިތަށްއެރީ އިންނަންވީ. ހިތަށްއެރީ ވަރިވާންވީ."
މިހާދު ބުނީ ރިފާއަށް ވިސްނަން މަޖުބޫރުކުރުވި ވާހަކައެކެވެ. ފުލޯކު ވާހަކައެއް ނޫންމެއެވެ. މާލެއަށް ފުރުމުގެ ކުރިން އެތައް ފަހަރަކު ރިފާ ގޮވައިގެން މިހާދު ބާޒާރުކުރަން ދިޔައެވެ. އޭރު ވެސް ރިފާގެ ދަބަހުގައި އޮތް ދުއިސައްތަ ޑޮލަރު އޮތް ގޮތަށް އޮތެވެ. އެ ޑޮލަރު މާރުކުރަން ރިފާ ބޭނުންވިއެވެ. މިހާދު އެއްބަސް ނުވަނީއެވެ. މިހާދު ބޭނުންވަނީ ރިފާ ބޭނުންވާ އެއްޗެއް ބުނުމަށެވެ. ނުވަތަ އިޝާރާތެއް ކޮށްލިޔަސް މިހާދަށް މައްސަލައެއް ނެތެވެ. މާރުކުރަން އެނގޭ ނަމަ ރިފާ އަމިއްލައަށް ޑޮލަރު މާރުކުރީހެވެ. އެކަމަކު ރިފާއަށް އެއްޗެއް ގަނެވޭ ފެންވަރުގެ އެއްވެސް ފިހާރަ އަކަށް މިހާދެއް ނުވަދެއެވެ. ވަންނަ ތަންތަނުގައި ހުންނަ އެއްޗެހި ވަރަށް އަގު ބޮޑެވެ. އަގު ފެނިފައި ރިފާ ފޫހިވާ ވަރު ވެއެވެ.
އިންޑިޔާގައި އުޅުނު މަދު ދުވަސްކޮޅު ރިފާ އުޅުނީ، ފިރިޔަކަށް ދޭންވާ ހުރިހާ ހައްގެއް މިހާދަށް ދީގެންނެވެ. ރިފާގެ ހިތުގައި ޖެހި ވިންދަން ބީރުކަންފަތް ދީ، ހިތުގެ ލަގަން ދޫވިޔަ ނުދީ ދެއަތަށް އޮޅާލައިގެންނެވެ. މިހާދު ކިތަންމެހާ ވެސް ރަނގަޅެވެ. އޯގާތެރިއެވެ. ނުރަނގަޅު އެއްވެސް ސިފައެއް ނެތެވެ. އެކަމަކު އެ ދެމެދުގައި ގުޅުން ބަދަހިވާން ރިފާ ފުރުސަތެއް ނުދެއެވެ. ފުރާ ދުވަސް އައިސް، ބޯޓަށް އެރި އިރު ވެސް ކަން އޮތީ އެހެންނެވެ. ރިފާއަކީ އަނބިމީހާއެވެ. މިހާދަކީ ފިރިމީހާއެވެ. އެކަމަކު އެއީ ދެ އެކުވެރިންނެއް ނޫނެވެ.
މާލެއަށް ބޯޓު ޖެއްސިއެވެ. މިހާދުގެ ހިތުގައި އޮތީ އެންމެ އުންމީދެކެވެ. ރިފާ ދެނެއް ވަރިއެއް ނުވާނެއެވެ. ލިބިފައިވާ ތަނަވަސްކަމާއި، ފަސޭހަކަން ގެއްލުވައެއް ނުލާނެއެވެ. މިހާދު ކަހަލަ ހެޔޮ ފިރިޔަކު ދުލެއް ނުކުރާނެއެވެ. އެއްބަސްވުން ކޮންމެ ގޮތަކަށް އޮތަސް ރިފާގެ ނިންމުން އޮންނާނީ ބަދަލުވެފައެވެ. ނުވެއްޖެ ނަމަ ދެން ކުރިމަތިލާން ޖެހޭ ކަންތަކަށް ވެސް މިހާދު ހުރީ ތައްޔާރުވެގެންނެވެ. އަނެއްކޮޅުން، ހިތާހިތުން ރިފާ ޝުކުރުކުރިއެވެ. ހީކުރި ވަރަށް ވުރެ އޮމާންކޮށް ދަތުރު ނިމުނީތީއެވެ. އެކަމަކު މާލެއަށް އާދެވުމުން ހިތުގައި ސުވާލެއް އުފެދުނެވެ. ރިފާ ދާނީ ކޮން ގެއަކަށް ހެއްޔެވެ؟ ޒާހިރަކީ ދަރިފުޅުގެ ބައްޕައެވެ. މިހާދަކީ ފިރިމީހާއެވެ. ރިފާ ދާން ބޭނުންވަނީ ޒާހިރު ގާތަށެވެ. ދަރިފުޅު ގާތަށެވެ. އަމިއްލަ ގެއަށެވެ. ޒާހިރާ ވާހަކަ ނުދެއްކޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. ވަރަށް ބައިވަރު ވާހަކަދައްކަން ރިފާ ބޭނުމެވެ. އެހެނަސް މިހާދު އެ ފުރުސަތު ދޭނެ ހެއްޔެވެ؟
"ކޮން ގެއަކަށް އަހަރެން ދާންވީ؟" ރިފާ މަޑުމަޑުން ސުވާލުކުރިއެވެ.
ނުނިމޭ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޮލް ލޮލް
26 August 2020
ވެރީ ބޯރިން އެންޑް ޕްރިޑިކްޓަބަލް
ނެކްސްްޓް
26 August 2020
ބިންމާ މިހާރަކަށް އައިސްލިޔާ ވާހަކަތައް އާދަޔާ ޚިލާފަށް ގަޅިކަން ފާހަގަަކުރެވޭ. ނޯ އޮފެންސް. ކްރިޓިސިސިސަމް ބަލައިގަތުން އެއީ ވަރަށް ރީތި ސިފައެއް އަދި އެދޭ ގޯސްތައް ރަނގަޅުކުރަން ލިބޭ ފުރުސަތެއް
ޕަރސަން
26 August 2020
ރިފާގެ މުޅި ނިޔަތް ކަސިޔާރުވެއްޖެ ދޯ. ދެން ކިހިނެތްބާ މީނަ ހަދާނީ، ޒާހިރުގެ ލޯބި ހޯދަން އެ ލޯތްބާ ދުރަށް މިދިޔައީ، ސުވާލަކީ އަލުން އެ ލޯބި ރިފާ ބޭނުންވާނެބާއޭ.
ކުރަފަތްބޭބެގެ
26 August 2020
ޔޭ. މަ ފަސްޓް
ގޯސް
26 August 2020
ބިންމާ ދެން ރިފާ ގަޅިކުރަން އުޅޭވަރުން ދެކޮޅުނުޖެހޭ ތަންތަން ކޮޅު އެބަހުރި. ދެން މިހާރު ސިއްރެއްނުވިއެއްނު. ރިފާ ދާނީ މިހާދުގެ ގެއަށް. މިހާދަކީ ރާއްޖޭގައި ނަމަ ޗަންޕާ ނުވަތަ ސަންސިޔާމު އެހެންނޫން މީހަކަށް ރާއްޖޭގައި ތިޔަހާ ބޮޑު ހަރަދެއް ނުކުރެވޭނެ. ޢެހެންވީމާ މިހާދު ނުދާނެ ރިފާގެ ޖިފުޓިއަކަށްދޯ. ދެން މިހާރު ވައުދުވީގޮތަށް މިހާދު އަނަލެއް ނުކުރި. ޢެހެންވީމާ މިހާދަކީ ފައިސާގެ ބާރުގައި ރިފާ ގަތްމީހެއް.
ވިސްްނާ
26 August 2020
ޙަގީގީ ދިރިއުޅުމުގައި ތިކަހަލަ މަޅިއަކަށް މީހަކު ބޯކޮއްޕާނެހޭ ހިތަށް އަރާ.ވަރިކުރަން ޝަރުތުކޮށް އިނީ..ގައުމުން ބޭރަށް ގޮސް އިނީ ސިއްރުކުރަން..ދެން ކީއްވެ އެތަނުގައި އުޅޭނެ ދުވަހަކު އުޅެފަ ވަރިވެގެން ނައީ؟ އޭރުން މާލެ އައިސް ވަންނާނެ ތަނަކާމެދު ސުވާލު ކުރާކަށް ނުޖެހުނީސް..މޮޔަ ޑީލެއް ތިހެދީ
ނާޝް
26 August 2020
މިހާދު މީ ރޮމޭންޓިކް މީހެއް ދޯ. ދިރިއުޅުން ވަކި ހިސާބަކަށް ދިޔައިމަ ގިނަފިރިންގެ އަދި އަނބިންގެވެސް އެކަން ގެއްލެ. ވަރަށް ރީތި މިވާހަކަ.
ނަޒީ
26 August 2020
ވ.ރީތި
ކައި9
26 August 2020
??? މަށަށް ހީވިއޭ ރިފާ ބުނާނޭ މިހާދު މާ އެކްސްޕީރިއެންސް އޭ!
ތުނިޔަ
26 August 2020
ހަހަހަ ދޯ!
ޖާބިރު
27 August 2020
މިހާދު ހަމަ މޮޅީ ހުރިިހާ ކަމަކަށް ވެސް. ހެނދުނު ހޭލައިރު އަންބަކު ހެއްވާލެވޭނީ އަސްލު ފިރިހެނުންނަށް. ކޮންމެ ކަމެއް ކުރާނެ ވަކި ގޮތްތަކެއް ހުރޭ.
އިއްނު
26 August 2020
ހަހަހަހަ! ހީ ހީ ހަލާކު! މިހާދާ އިނުމުގެ ކުރިން ނަޝްފާގާތުގަ ރިފާ ބުނީ އުޅޭނީވެސް ނަޝްފާ ކައިރީގައޭ. މަންމަ އާ ބައްޕައާ ނަޝްފާ އާ އެއްކޮށޭ! ޢެއް ގެއެއްގައޭ! މިހާރު ޖަވާހިރާ ރަނަށް ހެއްލި، އެއްމެ ފަހުން ތި އެހީ ކޮންތާކުހޭ އުޅެންވީ؟! ގަޅި ވިޔަސް މީހަކު ވާނީ ތިވަރަށް. އިނުމުގެ ކުރިންވެސް އެނގެން ވާނެ ހިނގާނީ ފިރިމީހާގެ ބާރުކަން.