28 އޯގަސްޓް 2020 - 09:02
މިދިޔަ ޖޫން މަހު މަރުވި ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތަށް ބިނާކޮށް ހަދާ ފިލްމު "މާޑާ އޯ ސުއިސައިޑް: އަ ސްޓާ ވޯޒް ލޮސްޓް" ގައި ސުޝާންތުގެ ރޯލް ކުޅެން ސޮއިކުރި ސަޗިން ތިވާރީ އޭނާ ސޮއިކުރި އެހެން ފިލްމެއްގެ ޓީމަކުން ދައުވާކުރަން ނިންމައިފި އެވެ.
ސަޗިން އަކީ ސުޝާންތާ ވައްތަރު ގޮތެއް ހުންނާތީ ޓިކްޓޮކާއި އިންސްޓަގްރާމުން އާންމުންގެ ސަމާލުކަން ލިބުނު މީހެކެވެ. އޭނާ އަށް ސުޝާންތުގެ ރޯލް ކުޅެން ލިބުނީ ވެސް އެ ސަބަބާ ހުރެ އެވެ. ދާދި ފަހުން ސަޗިންއާ އެކު ޕޯސްޓަރު ވެސް ދައްކައިލި "މާޑާ އޯ ސުއިސައިޑް" އަކީ ވިޖޭ ޝޭކަރް ޕްރޮޑިއުސްކޮށް، ޝަމިކް މޯލިކް ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ފިލްމެކެވެ.
މީގެ ތައްޔާރީތައް ވަމުން އަންނަނިކޮށް ސަޗިން އަށް ދައުވާކުރީ ސުޝާންތާ ބިނާކޮށް ހަދާ "ޝަޝަންކް" ކިޔާ ފިލްމަކަށް އޭނާ ސޮއިކޮށް، އޭގެ ޕްލޮޓްލައިން އެހެން ބަޔަކާ ހިއްސާކުރި ކަމަށް ބުނެ އެވެ. އެ ފިލްމަކީ މަރޫތު ސިންގް ޕްރޮޑިއުސްކޮށް، ސަނޯޖް މިޝްރާ ޑައިރެކްޓްކުރާ ފިލްމެލެވެ.
ބޮލީވުޑްގެ އަނދިރި ފަރާތުގެ ވާހަކަ ކިޔައިދޭ "ޝަޝަންކް" ގެ ޓީމާ ހަވާލާދީ މީޑީއާތަކުން ބުނީ އެ ފިލްމަށް ސޮއިކުރުމަށް ފަހު، އޭގެ ސްޓޯރީލައިން ސަޗިން އެހެން ބަޔަކާ ހިއްސާކުރުމަކީ އެގްރިމަންޓާ ވެސް ހިލާފުކަމެއް ކަމަށެވެ. އެހެންވެ އޭނާގެ މައްޗަށް އެ މައްސަލާގައި ދައުވާކުރަން ނިންމައި، ނޯޓިސް ވެސް ފޮނުވާފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ.
"ސުއިސައިޑް އޯ މާޑާ" އަކީ ޖޫން މަހުގެ 14 ގައި ސުޝާންތު މަރުވުމާ ގުޅިގެން އޭނާ އަށް ބިނާކޮށް ހަދަން އިއުލާންކުރި ފުރަތަމަ ފިލްމެވެ. ބައެއް ނޫސްތަކުން ބުނީ ސަޗިން "ޝަޝަންކް" ސްޓޯރީލައިން ހިއްސާކުރީ "ސުއިސައިޑް އޯ މާޑާ" ގެ ޓީމާ އެވެ. ނަމަވެސް މި މައްސަލާގައި އެ ފިލްމުގެ ޓީމުން އެއްވެސް އެއްޗެއް ނުބުނެ އެވެ.
އަންނަ މަހުގެ މެދުތެރޭގައި ފިލްމުގެ ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ އިރު، ފިލްމުގެ އެކިއެކި ރޯލްތަކަށް މިހާރު ވަނީ އެކްޓަރުން ނަގައި އެ މީހުންގެ ފަސްޓްލުކް ޕޯސްޓަރުތައް ވެސް ދައްކާލައިފަ އެވެ. އެގޮތުން "މާޑާ އޯ ސުއިސައިޑް" ގައި ބޮލީވުޑްގެ ނެޕޮޓިޒަމް ކިންގްގެ ގޮތުގައި ކަރަން ޖޯހަރު ސިފަވާ ގޮތަށް އޭނާގެ ރޯލް ކުޅެން ދިނީ ރާނާ ކިޔާ ފަންނާނަކަށެވެ. އަދި ސުޝާންތުގެ މަރުގެ ތުހުމަތުކުރެވޭ ބަތަލާ ރިއާ ޗަކްރަބަތީގެ ރޯލް ކަމަށް ބެލެވޭ ކެރެކްޓާ ދީފައި ވަނީ ޝްވޭތާ ޕްރަޝާރު ކިޔާ ބަތަލާއަކަށެވެ.
ސުޝާންތަށް ބިނާކޮށް ފިލްމުތަކެއް ހަދަން ނިންމާފައި އިރު، މި މަރުގެ ތަހުގީގު މިހާރު ކުރިއަށް ގެންދަނީ އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy