"ސާތު ނިބާނާ ސާތިޔާ 2" ދައްކަން ފަށާނީ އޮކްޓޯބަރު މަހުގެ ތެރޭގައި
30 އޯގަސްޓް 2020 - 08:14
ސްޓާ ޕްލަސް އިން ދެއްކި ކާމިޔާބު ސިލްސިލާ "ސާތު ނިބާނާ ސާތިޔާ" ގެ ދެވަނަ ސީޒަނެއް ގެނެސްދޭން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ އަންނަ އޮކްޓޯބަރު މަހުގެ ތެެރޭގައި ދެ ވަނަ ސީޒަން ފަށަން ސްޓާ ޕްލަސް އިން މިހާރު ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. "ސާތު ނިބާނާ ސާތިޔާ" އަކީ އެ ޗެނެލުން މެއި 3، 2010 އިން ޖުލައި 27، 2017 ގެނެސްދިން ސިލްސިލާއެކެވެ. އެ މުއްދަތުގެ ތެރޭގައި އޭގެ 2،184 އެޕިސޯޑް ގެނެސްދިނެވެ.
ނުފޫޒުގަދަ މައިދަތަައަކު އުޅޭ ގެއެއްގެ ތެރޭގައި އާއި އެ މީހުންގެ އާއިލާގެ ތެރޭގައި ހިނގާ ކަންތައްތަކެއް ދައްކުވައިދިން "ސާތު ނިބާނާ ސާތިޔާ" އިން އެންމެ ވިދައިލި މީހަކީ އޭގައި ނުފޫޒު ގަދަ މައިދައިތައެއްގެ ރޯލް ކުޅުނު ރޫޕަލް ޕަޓޭލެވެ. އޭނާގެ ކެރެކްޓާގެ ނަމަކީ ކޮކީލާ މޯދީ އެވެ. ދާދި ފަހުން ވެސް ރޫޕަލްގެ ޑައިލޮގްތަކެއް ރެޕަށް ބަދަލުކޮށްގެން ސޯޝަލް މީޑިއާގައި ދައުރުކޮށްފައިވެ އެވެ.
ސިލްސިލާގެ މައިގަނޑު ވާހަކަ އެނބުރެނީ ކޮކީލާގެ ފިރިހެން ދަރިފުޅު އެހެމް މޯދީ (މުހައްމަދު ނާޒިމް) އާއި ގޯޕީ ބަހޫ (ޑެވޮލީނާ ބަޓަޗަރަޖީ) ގެ ވަށައިގެންނެވެ. ކަލާޒްުން މި އަހަރުގެ ކުރީކޮޅު ނިންމައިލި "ބިގް ބޮސް" ގެ 13 ވަނަ ސީޒަނުގައި ވެސް ވާދަކުރު ޑެވޮލީނާ އަކީ "ސާތު ނިބާނާ ސާތިޔާ" ގައި އެންމެ ފުރަތަމަ ގޯޕީގެ ރޮލް ކުޅުނު ބަތަލާ ޖިއާ މަނެކް ސިލްސިލާ ދޫކޮށްލުމުން އެ ރޯލް ކުޅުނު ބަތަލާ އެވެ.
ކޮކީލާގެ ރޯލް ކުޅުނު ރޫޕަލް މިހާރު ފެނިގެން ދަނީ ސްޓާ ޕްލަސް ގެނެސްދޭ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގެ ސްޕިންއޮފް "ޔޭ ރިޝްތޭ ހޭ ޕިޔާރު" ގެ މީނާކްޝީގެ ރޯލުންނެވެ. އެ ކެރެކްޓާ އަކީ ވެސް ކޮކީލާ ގޮތަށް ނުފޫޒު ގަދަ ކެރެކްޓާއެކެވެ.
މީޑިއާތަކުން ބުނީ "ސާތު ނިބާނާ ސާތިޔާ" ގެ ދެވަނަ ސީޒަނުން ރޫޕަލް އާއި ދެވޮލީނާ ވެސް ފެނިގެންދާނެ ކަމަށާއި މީގެ ޝޫޓިން އަންނަ މަހުގެ މެދު ތެރޭގައި ފަށާނެ ކަމަށެވެ.
ސިލްސިލާގެ ޕްރޮޑިއުސަރު ރަޝްމީ ޝަރުމާ ބުނިގޮތުގއި ދެވަނަ ސީޒަން ފުރަތަމަ ސީޒަނާ ވަރަށް ތަފާތުވާނެ އެވެ. އަދި އެ މީހުން މިހާރު އަންނަނީ ވަރަށް ބުރަކޮށް، ސްކްރީންޕްލޭ ޕޮލިޝްކުރަމުން ކަމަށް ބުންޏެވެ.
އޮކްޓޯބަރު މަހުގެ ތެރޭގައި "ސާތު ނިބާނާ ސާތިޔާ 2" ގެނެސްދޭން އަމާޒު ހިފި ނަމަވެސް ދައްކަން ފަށާނެ އިރެއް އަދި ނުނިންމަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy