މުނިފޫހިފިލުވުން / ވާހަކަ

ލޯބި ހޯދަން ލޯތްބާ ދުރަށް

ބުދަ ދުވަހާ ގުޅޭ

"ކޮން ގެއަކަށް އަހަރެން ދާންވީ؟" ރިފާ މަޑުމަޑުން ސުވާލުކުރިއެވެ.

"ފިރިމީހާގެ ގެއަކަށްނު!" މިހާދު ބުނި ރާގުން ހީވަނީ މާ ކުރިން މިހާދު އެހެން ނިންމައިފައިވާ ހެންނެވެ. "އަހަރެންގެ އަންބަކު ހުންނަން ޖެހޭނީ އަހަރެންގެ ގޭގަ."

އުންމީދު ކުރި ގޮތް ނޫން ކަމުގައި ވިޔަސް ރިފާ ގަބޫލުކުރިއެވެ. އެއްވެސް ޝަކުވާއެއް ނެތި މިހާދާ އެކުގައި ކާރަށް އެރިއެވެ. އެހެނަސް ޒާހިރާއި ނަޝްފާ ދެކޭ ހިތުން ރިފާ ހުރީ ކެތް މަދުވެފައެވެ. މިހާދަށް އެ ކަން ނޭނގެނީކީ ނޫނެވެ. ރިފާގެ މޫނުން އެކަނި ވެސް އެ ހުރިހާ ވާހަކައެއް މިހާދަށް ކިޔާލެވެއެވެ. އެކަމަކު އެކަކު ވެސް އެ ވާހަކައެއް ނުދައްކައެވެ. ހަމަހިމޭނުން އިށީނދެލައިގެން ތިބީއެވެ. އަމިއްލަ ކާރުގައި މިހާދު އައީ މިހާދުގެ ގެއަށެވެ.

ގެއަށް ފުރަތަމަ ވަނީ މިހާދެވެ. ރިފާ ހުރީ ފަހަތުގައެވެ. ރިފާގެ ނަޒަރުގައި އެއީ ގެއެއް ނޫނެވެ. ގަނޑުވަރެކެވެ. ބޮޑުވެފައި ރީތިކަމުންނެވެ. ގޭތެރޭގެ ތަރުތީބުކަމާއި ސާފުކަން ފެނިފައި ރިފާއަށް އެއް ކަމެއް ޔަގީންވިއެވެ. އެހާ ބޮޑު ގެއެއް އެހާ ރީތިކޮށް ބެލެހެއްޓޭނީ އެ ކަމަށް ހާއްސަ ބަޔަކު ތިބެގެންނެވެ. ކާރުން ފޮށިތައް ބާލަން ދެ މީހަކު ނުކުތެވެ. މިހާދު އެއްވެސް އެއްޗެއްގައި އަތެއް ނުލައެވެ. އެއިން މީހަކާ ވާހަކަ ވެސް ނުދައްކައެވެ. ކުރަންވާ ކަންތައް އެ މީހުންނަށް އެނގެއެވެ.

"ކޮބާ ދަތުރު ކިހިނެއް؟" މުނީރާ ސުވާލުކުރިއެވެ.

"ވަރަށް ރަނގަޅު!" މިހާދު ހިނިތުންވެލައިފައި ބުންޏެވެ.

މުނީރާއަކީ މިހާދުގެ ދައްތައެވެ. މެދު އުމުރެއްގެ އަންހެނެކެވެ. މުޅި ގެ ބެލެހެއްޓުމާ ހަވާލުވެގެން ހުންނަނީ މުނީރާއެވެ. އެ ހުރިހާ ކަމެއް ރިފާއަށް އެނގުނީ، ރިފާއަށް މުނީރާ ތައާރަފުކޮށްދިނުމުންނެވެ. މުނީރާ ހެދުން އަޅައިފައި ހުރީ އުމުރާ ގުޅޭ ނަލަ ގޮތަށެވެ. އިސްތަށިގަނޑު ނިވާކޮށްފައި ހުރީ، ގޭތެރޭގައި އުޅޭ އިރު އަޅާ ކަހަލަ ބުރުގާއަކުން، ތަންކޮޅެއް އާދައިގެ ގޮތަކަށެވެ. ނަލަ ހެދުމާ ގުޅޭ ނަލަ ހިނިތުންވުމެއް ވެސް މުނީރާގެ ތުންފަތުގައި އަބަދުމެ ހަރުލާފައި ހުރެއެވެ. މުނީރާގެ ހިތް ވެސް އެހާ ނަލަވާނެ ކަމަށް ރިފާ އުންމީދުކުރިއެވެ.

"ކޮޓަރި ތައްޔާރުކޮށްފަ ހުންނާނީ،" މުނީރާ ބުންޏެވެ. "ކައިގެންތަ ވަންނާނީ؟"

"އެއްޗެހި ބަދަލުކޮށްލައިގެން ކާނީ." މިހާދު ބުންޏެވެ.

މިހާދާ އެކުގައި ރިފާ ވަނީ މިހާދުގެ ކޮޓަރިއަށެވެ. ނުވަތަ ގަނޑުވަރަކަށެވެ. ރިފާގެ ގެއަށް ވުރެ އެ ކޮޓަރި ވެސް ބޮޑެވެ. ތަނަވަހެވެ. އޭސީއާއި ފަންކާ ވެސް ހުއްޓެވެ. މުޅި ކޮޓަރިއަށް ފެތުރިފައި ވަނީ އޮރެންޖު ވަހެކެވެ.

"ރިފާ ޗޭންޖުކޮށްލައިގެންތަ ކާން ނުކުންނާނީ؟" މިހާދު އެހިއެވެ.

ރިފާ ވިސްނީ ކެއުމަކަށް ނޫނެވެ. ޒާހިރަށް ގުޅާނެ ދަނޑިވަޅަކަށެވެ. މާލެ އައި ވާހަކަ ނަޝްފާ ގާތުގައި ބުނަން ވެސް ރިފާ ބޭނުމެވެ. ރިފާ ދަބަހުގައި ފޯނު އޮތެވެ. މާލެ އައިސްފައި ރިފާއަށް ޒާހިރަށް ގުޅޭނެ ވާހަކަ މިހާދު އޮތީ ބުނެފައެވެ.

"ޒާހިރަށް ގުޅާލަންތަ؟" ރިފާ ޖަވާބުދިނީ މިހާދު ކުރި ސުވާލަކަށް ނޫނެވެ.

"ކައިގެން އައިސް ވެސް ތި ކަން ކުރެވިދާނެއްނު!" އެނދުގައި އިށީނދެލަމުން މިހާދު ބުންޏެވެ. "ދޭ ޗޭންޖުކޮށްލަން!"

މިހާދު ބުނި ގޮތަށް ރިފާ ކަންތައް ކުރިއެވެ. ފާހާނާއަށް ވަނެވެ. އެކަމަކު ރިފާ ހިތަށްއެރިއެވެ. މާލެ އާދެވިއްޖެއެވެ. ރިފާއަށް ވެސް ކޮންމެވެސް ބާރެއް ލިބިއްޖެއެވެ. މިހާދު އެ ކަން ހަނދާން ނައްތައިލައިގެން ނުވާނެއެވެ. ރިފާގެ ހިތް އަތުލަން ބޭނުން ނަމަ މިހާދަށް އެ ކަން ވެސް ކުރެވިދާނެއެވެ. ބާރުގެ ބޭނުން ކޮށްގެނެއް ނޫނެވެ. ބުއްދީގެ ބޭނުން ކޮށްގެންނެވެ.

ޖެހިގެން އައި ދުވަހު ރިފާއަށް ހޭލެވުނު އިރު ނުވައެއް ޖަހަނީއެވެ. އޭރު މިހާދެއް ނެތެވެ. މިހާދަކީ ވިޔަފާރިވެރިޔެކެވެ. މާލެއައުމުން މިހާދަށް ގޭގައި ނީނދެވޭނެކަން ރިފާއަށް އެނގެއެވެ. ކުއްލިއަކަށް ފާހާނާ ހުޅުވައިލައިފައި މިހާދު ނުކުތެވެ.

"މޯނިން!" މިހާދު ވަރަށް ހަމަޖެހިލައިފައި ބުންޏެވެ. "ހިނގާ ސައިބޯން!"

ރިފާ ހިތަށްއެރިއެވެ. ހާދަހާ ފަސޭހަ ގެއެކެވެ. ރިފާ އެއްވެސް ކަމެއް ކުރާކަށް ނުޖެހެއެވެ. ހޭލާ އިރު ސައި ވެސް ހުންނަނީ ތައްޔާރުވެފައެވެ. އެކަމަކު ރިފާ ކައިވެނިކުރީ މިހާދާ އެކުގައި އުމުރު ހޭދަކުރަން ހެއްޔެވެ؟ އެއްބަސްވުމުގެ ދެ ވަނަ މަރުހަލާ ކޮބައި ހެއްޔެވެ؟ ވަރީގެ ވާހަކަ އިންޑިޔާގައި ހުރެފައި ދެއްކީމައި މިހާދަށް އަވަސް ވިއެވެ. ދެން މާލެއައިސް އެ ވާހަކަ ފައްޓަންވީ ކާކު ހެއްޔެވެ؟ އެ ކަން ކުރަންވީ ކޮން އިރަކު ހެއްޔެވެ؟ ރިފާ އެ ވާހަކަ އަހައިފިއްޔާ، މާލެ އައިތާ ފުރަތަމަ ދުވަހު ދައްކަން ނުވާ ކަހަލަ ވާހަކައަކަށް އެ ވާހަކަ ވެދާނެ ހެއްޔެވެ؟ އެހެން ވިޔަސް ރިފާ އެ ވާހަކަ ދައްކާނަމެވެ.

"ދެން ކޮން އިރަކުން ވަރީގެ.." ރިފާއަށް ބުނެވުނީ އެ ހިސާބަށެވެ.

"ވަރިކުރާނަމޭ!" ކުޑަކޮށް ހިތްހަމަ ނުޖެހިފައި މަޑުމަޑުން މިހާދު ބުންޏެވެ. "ރިފާ އަޅެ އަނގަ ހުޅުވާލަން ޖެހެނީ ވަރިއަށް އެދެން އެކަނިތަ؟ މިއަދު އެ ކަމާ އުޅޭނަމޭ! އޯކޭއެއްނު!"

ސައިބޯން ނިކުތް އިރު ހީވަނީ ހައެއްކަ މީހުންނަށް ސައިހަދައިފައި ހުރިހެންނެވެ. ރޮއްޓާއި، ދެ ވައްތަރެއްގެ ރިހަ ހުއްޓެވެ. ބިސްގަނޑާއި، ޕާނާއި، ޖޭމާއި، ނަޓެއްލާ ހުއްޓެވެ. ޖޫހާއި، ކިރުސައި ހުއްޓެވެ. ކޯންފްލޭކްސްއާއި، މިޔުސްލީއާއި، އޯޓްސް ހުއްޓެވެ. އެކަމަކު ސައިބޯން ތިބީ ރިފާއާއި، މިހާދާއި، މުނީރާއެވެ. ނާސްތާއަށް ހުރި އެއްޗިއްސަށް ވުރެ ގިނަ އެއްޗެހި، ނާސްތާ ކުރަމުން ދިޔަ އިރު ރިފާއަށް އެނގުނެވެ. އެ ގޭގައި ހުސް ކޮޓަރި ވެސް އެބަ ހުއްޓެވެ. ކައްކަން މީހަކު، ގޭތެރެ ސާފުކުރަން ދެ މީހުން، ބާޒާރުކުރަން މީހަކު ހުރެއެވެ. ސަރުދާރަކީ މުނީރާއެވެ. ރިފާ ކޮންމެ އެއްޗެއް ބޭނުން ވިޔަސް މުނީރާ ގާތުގައި ބުނެލީމައި ނިމުނީއެވެ. އެ ފަދަ ތަނަވަސް ދިރިއުޅުމެއް ލިބިދާނެ ކަމަކަށް ރިފާ ދުވަހަކު ވެސް ހިޔެއް ނުކުރެއެވެ. ހިތާމައަކީ، އެ ތަނަވަސްކަމުން ރިފާގެ ހިތަށް ފިނިކަން ނުލިބުމެވެ.

ސައިބޮއިގެން މިހާދު ފިހާރަޔަށް ދިޔުމާ އެކު ރިފާ ތައްޔާރުވެލިއެވެ. ޓެކްސީއަކަށް ގުޅިއެވެ. ގެނައި ބައެއް ހަދިޔާ ހިފައިގެން، މުނީރާއަށް އެނގުމަކާ ނުލައި ޓެކްސީއަށް އަރައިގެން ރިފާ ދިޔައީ ރިފާގެ ގެއަށެވެ. ނަޝްފާ ދެކިލާ ހިތުން ރިފާ ހުރީ ކެތް މަދުވެފައެވެ. އެހެނަސް ގެއަށް އައުމުން ޒާހިރާ ވެސް ދިމާވިއެވެ. ރިފާ ފެނުމުން ޒާހިރަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ގެއިން ދިޔަ ރިފާއަށް ވުރެ މާ ރީތި ރިފާއެއް ގެއަަށް އައިމައެވެ. ނަޝްފާ އައިސް މަންމަ ގައިގައި ބައްދައިގަތް ގޮތަށް ދުލެއް ނުކުރިއެވެ.

ރިފާ ހިތުން، މިހާދުގެ ގެއިން ރިފާ ނުކުތީ މުނީރާއަށް ނޭނގިއެވެ. އެއީ ކުށްހީއެކެވެ. މުނީރާ ގެ ބަލަހައްޓަނީ ނަމަކަށް ނޫނެވެ. ގޭގެ އެންމެ ފަރުނީޗަރެއް ހުރި ތަނުން ގުޑުވައިލިޔަސް މުނީރާއަށް އެނގޭނެއެވެ. ގަސްމުށި ތަކުގައި އިންދައިފައި ހުންނަ ގަހަކުން މަލެއް ބިނަސް، ފައިފުހީގެ ކޮޅު ބަދަލުކޮށްފައި އޮތަސް މުނީރާއަށް ނޭނގިއެއް ނުދާނެއެވެ. އެހާ ހުސިޔާރުކޮށް ކަންކަން ބަލަހައްޓަނިކޮށް މުނީރާއަށް ނޭނގި ރިފާ ގެއިން ނުކުންނާނީ ކިހިނެއް ހެއްޔެވެ؟

ރިފާ ގެއަށް އައިތާ ވިހި މިނެޓު ނުވަނީސް މިހާދުގެ ކާރު އައިސް ރިފާގެ ގެ ކައިރިއަށް މަޑުކޮށްލިއެވެ. މިހާދު ފޯނުން ރިފާއަށް ގުޅައިލިއެވެ. ރިފާއާއި، ޒާހިރާއި، ނަޝްފާ މަޖާ ވާހަކަދައްކަން ތިއްބައި ރިފާގެ ފޯނު ރަނގަބީލުވާން ފެށިއެވެ. ފޯނަށް ބަލައިލައިފައި ރިފާ ފޯނު ނެގިއެވެ.

"ހަލޯ!" ރިފާ ބުންޏެވެ.

"ރިފާ ބަލާ މި އައީ،" ވަރަށް ލޯތްބާ އެކުގައި މިހާދު ބުންޏެވެ. "އަވަހަށް އާދޭ!"

ރިފާއަށް ލިބުނީ ޝޮކެކެވެ. ރިފާ އައިކަން މިހާދަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ ކުރިން އަންގައި ނުލައި މިހާދު އައީ ކީއްވެގެން ހެއްޔެވެ؟

"ކީއްވެ ގުޅާނުލާ ތި އައީ؟" މަޑުމަޑުން ރިފާ ސުވާލުކުރިއެވެ.

"ތީ އަހަރެން ކުރަންޖެހޭ ސުވާލެއްނު!" ހަމަ އެހާ މަޑުމަޑުން މިހާދު ބުންޏެވެ. "އަހަންނަށް އަންގާ ވެސް ނުލާ ޓަސްލާފަ ތިހެން ގެއަށް އައިސްގެން ނުވާނެއްނު! ރިފާ ގެއަށް އަންނަން ބޭނުމިއްޔާ އަހަރެން ގާތުގަ ބުނޭ! އަހަރެން އަންނާނަމޭ ރިފާ ގޮވައިގެން. ނުބުނެ އައިސްގެން ނުވާނެއްނު! ތީ އަހަރެންގެ އަންހެނުންނޭ!"

"އެހެންވިއްޔާ ވަރިކުރަންވީނު!" އެއްވެސް ޖެހިލުމެއް ނެތި ރިފާ ބުންޏެވެ. "އޭރުން އަންހެނުންނަކަށް ނުވާނެއްނު! އެހެން ނޫނަސް އަހަރުމެން އެއްބަސްވީ މާލެ އައިސް ވަކިވާ ގޮތަކަށްނު!"

އެހާ ސީދާކޮށް މިހާދާ ދިމާއަށް ރިފާ އެހެން ބުނެފާނެ ކަމަކަށް މިހާދު ހިޔެއް ނުކުރެއެވެ. މިހާދު ހީކުރީ، ދަތުރުގައި ހިނގި ކަންތައްތަކާއި، މިހާދު ބެހެއްޓި ގާތްކަމާއި ކުރި ހަރަދު، ރިފާ ހަނދާން ނުނެތޭނެ ކަމަށެވެ. އެހެނެއް ނުވިއެވެ. މިހާދު ކޮށްދިން އެއްވެސް ކަމެއް އަގު ރިފާ ވަޒަނެއް ނުކުރިއެވެ.

"އާނ! އެނގެޔޭ ތި ކަން. ބުނީމެއްނު މިއަދު އެ ކަމާ އުޅޭނަމޭ!" މިހާދު އެއްބަސްވިއެވެ.

އެހާ ފަސޭހައިން އެ ކަން ނިމޭނެ ކަމަކަށް ރިފާ ހިޔެއް ނުކުރެއެވެ. ބާރު ލިބުމުން މިހާދު އޭގެ ބޭނުން، ނާޖާއިޒު ގޮތުގައި ހިފާނެ ކަމަށް ރިފާ ހީކުރިއެވެ. ވަރި ނުކުރަން ވަރަށް ބަހަނާ ދައްކާނެ ކަމަށް ވެސް ރިފާ ހީކުރިއެވެ. އެހެނެއް ނުވިއެވެ. ރިފާ ގެއަށް ލައިފައި މިހާދު ހަމަ އެ ދުވަހު ކޯޓަށް ފޯމު ލިއެވެ. އެ ވަރުން ވެސް ރިފާގެ ހިތް ސާފެއް ނުވިއެވެ. ފޯމު ލި ކަމެއް ރިފާއަކަށް ޔަގީނެއް ނޫނެވެ. ފޯމު ލިޔަސް މިހާދު މުއްސަނދިވެފައި، ނުފޫޒު ގަދަވީމައި މައްސަލަ ދަންމާލާނެކަން ރިފާއަށް ޔަގީނެވެ.

އެހެނެއް ވެސް ނުވިއެވެ. ކޯޓަށް ފޯމުލީތާ ދެ ދުވަސް ފަހުން ކޯޓަށް އަންނަން އެންގިއެވެ. ރިފާ ހިތަށްއެރިއެވެ. އެހާ އަވަހަށް އެ ކަން ނިމެނީ ހެއްޔެވެ؟ ކޯޓަށް ވަން އިރު ވެސް ރިފާ އަކަށް ގަބޫލެއް ނުކުރެވެއެވެ. ބަރާބަރު ގަޑިއަށް މައްސަލަ ފެށުނެވެ.

"މި ކައިވެނި މި ތާ ރަޖިސްޓަރީވެފައެއް ނެތް!" ގާޒީ ފުރަތަމަ ވެސް ނެގީ އެ މައްސަލައެވެ. "ދެން ކިހިނެއް ވަރިކުރާނީ؟"

ނުނިމޭ

15 ކޮމެންޓް, 22 ރިއެކްޝަންސް

icon happy icon happy 41%
icon sad icon sad 14%
icon angry icon angry 45%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހެލޯ ހެލޯ

01 September 2020

ކީކޭ ދެން ބުނާނީވެސް.. ބިން މާ ބޭބޭ. ރިފާ އެހާ ބޮޑު ގަ މާރަކަށް ނަހަދަބަލަ. ދެން ތި ޤާޟީ އެއްގެ ކަންތައްވެސް ވަކި ކުޑައެއްނޫން އަދި. މި ވާހަކަ ތަންކޮޅެއް ބޮޑަށް ކިޔާހިތްވާ ގޮތަކަށް އަނބުރާލަދެއްޗޭ އިނގޭ

The name is already taken The name is available. Register?

ޢަނާ

31 August 2020

ތިވާނީ އެއްކަލަ ގާޒީކަމަށް. ތި ގާޒީ ބުނާނެ ހެން ހީވަނީ އަލުން ކާވެނި ކުރާށޭ ޖެހޭނީ

The name is already taken The name is available. Register?

ޕަރސަން

30 August 2020

އަސްތާ! އަނެއްކާ އަނެއްކަމެއް ލައިގަތީ މިއޮތް. ތި ޤާޞީތީ އަނެއްކާ އެއްކަލަ ޤާޞީބާ؟ މިހާދުއާއި ރިފާގެ ފަހަރި ވެގެން ކުޅިލާ ޑްރާމާއެއް ކަންނޭގެމީ

The name is already taken The name is available. Register?

ވިސްްނާ

30 August 2020

މިއޮތް ޒަމާނުގަ ތިހާ ހޭނުޖެހޭ މީހުން އުޅޭބާ؟ އަދި ވަޒީފާ އަކަށް ވެސް ގޮސް ލޯހުޅުވިފަހުރި، ތިރީހުގެ އަހަރުތައް ގުނަމުންދާ ރިފާ ތިހާ ގަމާރު؟މަ ވަޒީފާ އަކަށް ނުގޮސް ގޭގަ..މީހަކާވެސް ނީނދެ. ޢެކަމަކު ރިފާއަށް ވުރެ މަވެސް ތަންދޮރު އޮޅުންފިލާފަތާ މިހިރީ..މަށަށް ވެސް އިނގޭ ވިއްޔާ ރަޖިސްޓްރީ ނުކޮށް އޮތް ކައިވެންޏެއް ކޯޓަށް ގޮސް ވަރިނުވާނެކަން. ދެންވެސް ނިކަން ބުނެބަލަ މިހާދު ކައިރީ ތިމަންނަ ރިފާ ވަރިކޮށްފީމޭ އަނގަބަހުން ބުނާށޭ.ގައިމު ވަރިވާނެ.

The name is already taken The name is available. Register?

ތުނިޔަ

30 August 2020

އަނގަ ބަހުން ވަރިވިޔަސް މިހާލަތުގަ(ފަށްކެނޑަން އިނީމަ) އެކަންސާބިތުވާން އެބަ ޖެހޭތާ!! ޢެއެހެންނޫނީ ކިހިނެތް ރިފާ ޒާހިރާ އިންނަނީ؟ އެކަމަކު ސީދާ ފަތްކެނޑުމުގެ ނިޔަތުގަ ކައިވެނި ކުރުން ހުއްދަވެގެންނުވޭ!

The name is already taken The name is available. Register?

ބޫމަރ

30 August 2020

ދެން ނޭނގެ ބަނޑުބޮޑު ނޫން ކަމެއް ވަާނީ

The name is already taken The name is available. Register?

ށަށިސޫ6

30 August 2020

ހަހަހަހަހަ. ރިފާ ދެން ނުވާނެ ވަރިއެއް. ދެންވެސް ގޮސް ޒާހިރު ކައިރީ ނިދާ. އޭރުން މިހާދު ކަޑަވެގެން ވަރިކޮއްފާނެ ތޯއްޗެ؟!

The name is already taken The name is available. Register?

ލީނާ ފޭދޫ

30 August 2020

ތިހެން ވަރިކުރާނެ ކަމަށް މަވެސް މީހުން ކައިރިއަށް ދަން. އެކަމް ނުކުރި ވަރި. މިހާރުވެސް އިދެގެން މިއުޅެނީ ބިޓެއްވެސް ހުރޭ. ބިޓުއަތުން ބޯކޮށް ލާރިލިބޭ މަ އޭނަކާރުގަ ހުއްޓާ ހިތްއުފާކޮށްދެނީ. ޢޯކޭނުން

The name is already taken The name is available. Register?

ލޮލް9

30 August 2020

ޢަހާނ!! ތި ވީ ޓެރެރިސްޓަކައްނު؟ ކޯޓުގަ ރެޖިސްޓަރ ނުކޮށް ކައިވެނި ކުރަނީ ހައްދުފަހަނަ އެޅި މީހުނޭ!

The name is already taken The name is available. Register?

ނަޒީ

30 August 2020

ފޫހި ކަލޭކަައިރީ އެއްވެސް މީހަކުބުނިތަ މިވާހަކަ ކިޔަން ފޫހިވީމަ ނުކީމަ ނިމުނީނު ކަލެއަކަށްނޭގެ ކޯޓަށްމައްސަލައެއް ހުށަހެޅީމަ ކޯޓަށް ކިޔާނެކަމެއްވެސް

The name is already taken The name is available. Register?

ޙުސެންފުޅު

30 August 2020

ހާދަހާ ޒާތީއެއް އެވެސް ވާހަކައަކާ ހުރެ. ލޮލް!

The name is already taken The name is available. Register?

ތުނިޔަ

30 August 2020

މިހާދު ބޮލުގެ އެއްޗެއް ހެދީދޯ!

The name is already taken The name is available. Register?

އިބުރާ

30 August 2020

ކޮބާ ހީވޭ ކަމެއްހެން. ދެން ކިހިނެތް ވަރި ކުރާނީ؟؟!!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454