06 ސެޕްޓެމްބަރ 2020 - 08:11
ބުދަ ދުވަހުގެ ނޫހާ ގުޅޭ
"އަހަރެންގެ ގައިގަ އަތްލަން މިހާދު ފަކުރުގަންނަ ވަރު ކޮށްލަންވީތަ؟" ރިފާ ބުނި އަޑު މިހާދަށް އިވުނެވެ.
މަޑުމަޑުން ތިބޭ މީހުންނަކީ ވަރަށް ބިރުވެރި ބައެކެވެ. އެ މީހުން ވިސްނަނީ ކޯޗެއްކަމެއް، ކުރާނީ ކޮން ފަދަ ކަމެއްކަމެއް ނޭނގޭނެއެވެ. މިހާދު އެ ތަޖުރިބާ ކޮށްފިއެވެ. އެ ފަދަ އަންހެނެއްގެ ކުރިމަތީގައި ހަތިޔާރު ބެހެއްޓުމުން ދެން ވާނީ ކިހިނެއްކަން ވެސް މިހާދަށް ދަސްވެއްޖެއެވެ. އަލުން އެ ތަޖުރިބާ ކުރާކަށް މިހާދު ބޭނުމެއް ނޫނެވެ.
"އަހަންނަށް އިންޒާރު ނުދެއްޗޭ!" މިހާދު މަޑުމަޑުން ބުނެލިއެވެ. "އަހަންނަކީ ލޯބިވާ މީހުން ދެކެ ވަރަށް ލޯބިވާ، ފޫހިވާ މީހުން ދެކެ ވަރަށް ފޫހިވާ މީހެއް. ކޮންމެ ކަމެއް ރިފާ ކުރިޔަސް އަހަރެން ފޫހިވާ ކަހަލަ ކަމެއް ނުކުރާތި!"
ވާހަކަދައްކައިގެން ހައްލުކުރަން އުޅުނު މައްސަލަ އިތުރަށް ގޯސްވުން ނޫން ކަމެއް ނުވިއެވެ. ދެ މީހުން ވެސް ނިދީ ހިތްހަމަނުޖެހި ތިބެއެވެ.
ރިފާގެ ކައިވެނި ރާއްޖޭގައި ރަޖިސްޓަރީ ނުކުރެވުނު ސަބަބު ގަބޫލު ނުކުރެވުނީ ހަމަ އެކަނި ރިފާއަކަށް ނޫނެވެ. ޒާހިރަށް ވެސް މެއެވެ. ޒާހިރުގެ ނަޒަރުގައި އެއީ ކަން އޮންނަ ގޮތެއް ނޫނެވެ. ގާޒީ އަމިއްލައަށް އުސޫލެއް ހެދީއެވެ. ކައިވެނީގެ ސެޓުފިކެޓު އޮތުމުން ދެން ބޭނުން ވާނީ އިތުރު ކޮށް ލިޔުމެއް ހެއްޔެވެ؟ އެކަމަކު ނުބައި ހެދީ މިހާދެއް ނޫނެވެ. ޒާހިރުގެ ނަޒަރުގައި ނުބައި ހަދައިގެން އުޅެނީ ޒުލްފާއެވެ. ޒުލްފާ ޖެހޭނީ އެ ކަން ހުއްޓައިލާށެވެ. ކޮންމެ ގޮތެއް ވިޔަސް ޒުލްފާގެ ފިރިޔަކަށް ޒާހިރެއް ނުވާނެއެވެ. އެކަނިމާއެކަނި އިނދެގެން ޒާހިރު ވިސްނިއެވެ. ޒުލްފާގެ ހުވަފެން ވާނީ ބިލާހަކަށްކަން ޒުލްފާއަށް އަންގަން އެބަ ޖެހެއެވެ. ރިފާއަށް ސިހުރު ހެދުމާއި، ޒުލްފާއާއި ގާޒީގެ އެކުވެރިކަން ވެސް ފަޅާއަރައިފިކަން ޒުލްފާއަށް އަންގަން އެބަ ޖެހެއެވެ. ބޭކާރު މަސައްކަތްތައް ޒުލްފާ ހުއްޓައިލާނީ އޭރުންނެވެ. ސުވާލަކީ އެ ކަން ކުރާނީ ކާކު ހެއްޔެވެ؟ ޒުލްފާއަށް އެ ކަން އަންގާނީ އެހެން މީހަކު މެދުވެރިކޮށްގެން ހެއްޔެވެ؟ ނުވަތަ އެ ކަން ކުރާނެ މީހަކީ ޒާހިރު ހެއްޔެވެ؟
ޒުލްފާގެ ފޯނު ރަނގަބީލުވާން ފެށިއެވެ. ފޯނަށް އަރާފައި އޮތީ ޒާހިރުގެ ނަމެވެ. އެ ކޯލަށް ޒުލްފާ އިންތިޒާރު ކުރާތާ ލައްކަ ދުވަސް ވެއްޖެއެވެ. ކޮން އިރަކުންކަން ނޭނގުނަސް، ކޮންމެވެސް އިރަކުން އެ ކޯލު އަންނާނެކަން ޒުލްފާއަށް ޔަގީނެވެ.
"ކިހިނެއްވެގެން އަހަރެން މަތިން ހަނދާންވީ؟" ލާނެތް ރާގަކަށް ޒުލްފާ އެހިއެވެ.
ޒުލްފާގެ އަޑު ހުރި ގޮތުން ވެސް އިތުރު ވާހަކައެއް ދައްކާކަށް ޒާހިރު ބޭނުމެއްް ނުވިއެވެ. އެހެނަސް މައްސަލަ ކޮޅެއްގައި ޖައްސަން އެބަ ޖެހެއެވެ. ކޮންމެވެސް މީހަކު ޒުލްފާއަށް ހަގީގަތް ކިޔައިދޭން އެބަ ޖެހެއެވެ. ޒާހިރު ގާތަށް ރިފާއަށް އެނބުރި އާދެވޭނީ އޭރުންނެވެ.
"ކޮފީއެއް ލިބިދާނެތަ؟" ޒާހިރު އެހިއެވެ.
ގަޑިން ރޭގަނޑު ނުވައެއް ޖަހަނީއެވެ. މާލޭގެ ކޮފީކަޑަތަކަށް ބާރު ބޮޑުވާން ފަށާ ގަޑިއަކީ އެއީއެވެ. ކޮންމެ ދިމާއަކަށް ނުކުތަސް ކޮފީތައްޓެއް ލިބޭނެއެވެ. ވީއިރު ޒާހިރު ކޮންމެހެން ޒުލްފާއަށް ގުޅަނީ ކީއްކުރަން ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބު ޒުލްފާއަށް އެނގެއެވެ.
"ހަމަ އަންނަންވީނު!" ޒުލްފާ ބުންޏެވެ. "ނުގުޅާ އަޔަސް އޯކޭ ވާނެ. ކޮންމެ ގަޑިއެއް ވެސް ޒާހިރަށް ވެލްކަމް!"
ޒުލްފާގެ ވާހަކަ ހުރި ގޮތް ޒާހިރަކަށް ކަމަކުނުދެއެވެ. ކޮފީބޯން ދާކަށް ވެސް ބޭނުމެއް ނޫނެވެ. އެހެނަސް ނުގޮހެއް މައްސަލަ ހައްލެއް ނުވާނެއެވެ. ފޯނު ކަނޑައިލުމަށް ފަހު ވެސް ޒާހިރު ދެ ފަހަރަށް ވިސްނިއެވެ. ރަނގަޅު ކަމެއް ކުރުމުގެ ނިޔަތުގައި ގޮސްގެން ނުރަނގަޅު އަޑެއް އަރައިފިއްޔާ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ޒާހިރު ބަދުނާމު ވެއްޖެއްޔާ ނަޝްފާއަށް ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟ ރިފާ ކުރިމައްޗަށް ޒާހިރު ހުއްޓޭނީ ކިހިނެއް ހެއްޔެވެ؟ އެ ހުރިހާ ކަމަކަށް ޒާހިރު ވިސްނިއެވެ. ދެން ފެނުނީ ކޮފީތަށި ހިފައިގެން ޒުލްފާ އައިސް ޒާހިރުގެ ބަޔަށް ވަން ތަނެވެ.
"އަންނާނަމޭ ކިޔާފަ ނައިމަ މަ މި އައީ." ކޮފީ ތަށި ޒާހިރަށް ދިއްކޮށްލަމުން ޒުލްފާ ބުންޏެވެ. "ކޮބާ މި ތާ އުޅޭ މީހުން؟"
"ނަޝްފާ ޓިއުޝަންގަ،" ކޮފީތަށީގައި ހިފަމުން ޒާހިރު ބުންޏެވެ. "މަންމަ ކޮޓަރީގަ."
ޒުލްފާ ގެންނަ ކޮފީތައްޓެއް ބޯންވާނެ ހެއްޔެވެ؟ އެ ސުވާލު ވެސް ޒާހިރުގެ ސިކުނޑިއަށް އުނދަގޫ ކުރިއެވެ.
"އެއްކަލަ ޗޮކުލެޓު ކޭކު ހުންނާނެ،" ޒުލްފާ ބުންޏެވެ. "ޒާހިރަށް ވަރަށް މީރެއްނު! ހިނގާބަލަ އެ ބަޔަށް."
ޒާހިރު ކޮފީ ކޯވަރެއް ބޯލިއެވެ. އަދި ޒުލްފާއާ އެކުގައި ހިނގައިގަތެވެ. އެހާ ފަސޭހައިން ޒާހިރަށް ދެވުނީ ކިހިނެއްކަމެއް ޒާހިރަކަށް ނޭނގެއެވެ. ކުއްލިއަކަށް ޒާހިރުގެ ހިޔާލު ބަދަލުވީއެވެ. ދެ މީހުން އެކުގައި ޒުލްފާގެ ބަޔަށް ވަނެވެ.
"ކޮބާ މަންދޫހު؟" ޒާހިރު އެހިއެވެ.
"އޭނަ އުޅޭ ތަނެއް އެނގޭނީ އޭނައަކަށްނު!" ކުޑަކޮށް ފޫހިވެފައި ޒުލްފާ ބުންޏެވެ. "އިށީނދޭ!"
މޭޒު ކައިރީގައި ހުރި ގޮނޑިއެއްގައި ޒާހިރު އިށީނުމުން ޒުލްފާ އައިސްއަލަމާރި ހުޅުވައިލިއެވެ. މަތި ޖަހައިފައި ހުރި ތައްޓެއް ގެނެސްދިނެވެ. އޭގައި އެ ބުނާ ޗޮކުލެޓު ކޭކެއް ހުއްޓެވެ. ޒާހިރު ކުޑަ އެތިކޮޅެއް ކާލިއެވެ.
"ތަންކޮޅެއް ގިނައިން ކެޔަސް އަހަންނަކަށް މަދެއް ނުވާނޭ!" ޒުލްފާ ހިނިއައިސްފައި ބުންޏެވެ. "ތީ ހަމަ ޒާހިރަށް އެޅި ކޭކެއް. އަހަންނަށް އެނގޭ ވަހަށް އަންނާނެކަން. އަސްލު ކޭކު ކާން ދޯ ތި އައީ. ކޮފީ ބޯކަށް ނޫން."
"އުހުނ!" ޒާހިރު ބުނެލިއެވެ.
"ދެން ކޮން ކަމަކު ތި އައީ؟" ލާނެތް ގޮތަކަށް ޒުލްފާ އެހިއެވެ. "ބުނެބަލަ!"
މިސްރާބު ހައްތަހާ ގޯސް ވާ ކަން ޒާހިރަށް ވިސްނެން ފެށިއެވެ. ޒާހިރަކަށް ވަގުތެއް ނެތެވެ. ދުރުދުރުން ވާހަކަ ގެންދަން އުޅެނިކޮށް މާ ބޮޑަށް ލަސްވެދާނެއެވެ.
"ޒުލްފާ!" ބުނެވޭނެ އެންމެ އޯގާވެރިކޮށް ޒާހިރު ބުންޏެވެ. "ޒުލްފާ ކަންތައް ތި ކުރަނީ ރަނގަޅަކަށް ނޫން. ރިފާއަކީ ޒުލްފާގެ ފިރިމީހާގެ ކޮއްކޮ. ރިފާ މިހާރު ދުރުގަ ހުއްޓަސް، ކުރިން ވެސް އަދި ފަހުން ވެސް އަހަރެންގެ އަންބަކަށް ވާނީ ރިފާ."
"ދެން ކީއްވެ ރިފާ ވަރިކުރީ؟" ޒުލްފާ ސުވާލުކުރިއެވެ.
"ތި ސުވާލުގެ ޖަވާބު އެންމެ ރަނގަޅަށް އެނގޭނީ ޒުލްފާއަށް،" ޒާހިރު ބުންޏެވެ. "ރިފާއަށް ފަންޑިތަހެދީ ޒުލްފާކަން އަހަންނަށް ވެސް، ރިފާއަށް ވެސް، ރިފާގެ މަންމައަށް ވެސް އެނގޭ. މަސްލަހަތަށް ބަލާފަ އެކަކު ވެސް އެ ވާހަކަ ނުދައްކަނީ."
"އަހަރެން ފަންޑިތަހެދީޔޭ؟" ހައިރާންވެ އަންތަރީސް ވެފައި ޒުލްފާ ބުންޏެވެ. "ހެޔޮނުވާނެ ތިހެން ބުނަން. މަ ކީއްކުރަން ރިފާއަށް ފަންޑިތަހަދަނީ؟"
ޒުލްފާ ހައިރާންވިލެއް ބޮޑުކަމުން ޒާހިރުގެ ހިތުގައި ވެސް ޝައްކު އުފެދުނެވެ. ދޮގުހަދަން ޒުލްފާ މޮޅީ ހެއްޔެވެ؟ ނުވަތަ ޒުލްފާގެ ބޮލުގައި އެޅުވުނީ ދޮގު ތުހުމަތެއް ހެއްޔެވެ؟ ޒާހިރަށް މަޖުބޫރުވީ ކޮންމެވެސް އެއް ކޮޅެއް ނަގާށެވެ.
"އަހަރެން މި އައީ އެ ކަން ތަހުގީގު ކުރާކަށް ނޫން. މި އައީ ތިން ވާހަކައެއް ބުނެލަން،" ޒާހިރު ހަމަޖެހިލައިފައި ބުންޏެވެ. "ފުރަތަމަ ވާހަކަ. ރިފާ ނޫން މީހަކާ އަހަންނެއް ނީންނާނެ. ދެވަނަ ވާހަކަ. މައްސަަލަ ބަލާ ގާޒީއާ ޒުލްފާ ރައްޓެހިކަން އަހަންނަށް އެނގިއްޖެ. އެންމެ ފަހު ވާހަކަ. އަހަންނަށް ވެސް ފަންޑިތަ ހެދިދާނެ."
ޒާހިރު ބުނަން ބޭނުންވި ވާހަކަ ބުނުމަށް ފަހު، ޒުލްފާގެ ޖަވާބަކަށް އިންތިޒާރު ނުކޮށް ޒާހިރު ނުކުތެވެ. ހަގީގަތުގައި ޒުލްފާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
ގަޑިން ހެނދުނު ދިހައެއް ޖަހަނީއެވެ. މިހާދު ސައިބޮއިގެން ނުކުތްތާ ކިތަންމެ އިރެކެވެ. ރިފާ އިނީ އެނދުގައި އިށީނދެލައިގެން ކޮޓަރިއަށް ނަޒަރުހިންގާށެވެ. ގަނޑުވަރެއްހާ ރީތި ކޮޓަރިއެކެވެ. ފައިސާއާއި ތަނަވަސްކަމުގެ ހައްދެއް ނެތް ދިރިއުޅުމެކެވެ. އެހެނަސް، ވަރަށް އަވަހަށް އެނބުރި އަންނަން ނަޝްފާއާއި ޒާހިރު ގާތުގައި ރިފާ ވަނީ ވައުދުވެފައެވެ. ކޮންމެ ނޭވަޔަކާ އެކުގައި ރިފާ ހަނދާންވަނީ އެ ވައުދުތަކެވެ. ރިފާގެ ދުލުން ނުކުތް ލަފުޒުތަކެވެ. މަޑުމަޑުން އެނދުން ފައިބައިގެން ގޮސް ރިފާ ހުއްޓުނީ އަލަމާރި ކައިރިއަށެވެ. ކޮޓަރި ވަށައިގެން އެތައް އަލަމާރިއެއް ހުއްޓެވެ. އެއްވެސް ދޮރެއް ތަޅެއްނުލައެވެ. އެކަމަކު އަލަމާރި ތެރޭގައި ހުރި ބައެއް ވަތްގަނޑު ހުރީ ތަޅުލައިފައެވެ. ތަޅުދަނޑިއެއް ނެތެވެ. އެ ވަތްގަނޑު ތަކުގައި ހުރީ ކޯޗެއް ހެއްޔެވެ؟ ޔަގީނުން ވެސް މިހާދަކީ ރިފާއަށް ފައިސާ ފޮރުވާ މީހެއް ނޫނެވެ. އަލަމާރީގެ އެތައް މިތަނުގައި ފައިސާ ހުއްޓެވެ. ހާމައަށް ފެންނަ ގޮތަށެވެ. ވަތްގަނޑުގައި ހުރީ ކޯޗެއް ހެއްޔެވެ؟ އެ ވަގުތު ރިފާގެ ފޯނު ރަނގަބީލުވިއެވެ. ފޯނުކުރީ ރިފާގެ މަންމައެވެ.
"ތެދެއް ދަރިފުޅާ؟" އަޒީޒާ އެހިއެވެ. "އަނެއްކާ އިންޑިޔާއަށް ދަނީ؟"
"ނޭނގެ މަންމާ!" ރިފާ ޖަވާބުދިނެވެ. "މިހާދު އެބަ ކިޔާ އެ ލިޔުމެއް ނުލިބިއްޖެއްޔާ އަނެއްކާ އިންޑިޔާއަށް ދާށޭ ޖެހޭނީ. އެހެން ބައެއް ކައިރިއަށް ގޮސް އަލުން ކައިވެނި ކުރަން ވެސް ޖެހިދާނޭ. އެހެންވެ މަ ވެސް ގޮސްގެނެއްނު އެ ކަމެއް ވާނީ."
"އެކަމަކު ދަރިފުޅާ!" އަޒީޒާ ހިތްހަމަނުޖެހިފައި ބުންޏެވެ. "ތީ ދެން މިހާރު ކުޅޭ ކުޅިވަރަކަށް ވެއްޖެއްނު!"
"އާނއެކޭ މަންމާ!" ރިފާ އެއްބަސްވިއެވެ. "ވިސްނާލަބަލަ! މަންމަ ތިހާ ފޫހިވާ އިރު އަހަރެން އަދި ކިހާ ފޫއްސެއް ވާނެ. އެކަމަކު އަނެއްކާ ވެސް އިންޑިޔާއަށް ދާން ޖެހިއްޖެއްޔާ ނުގޮހެއް މި ކަމަކުން ސަލާމަތެއް ނުވާނެއްނު! ނަޝްފާގެ ޓެސްޓު ވެސް ކައިރިވަނީ. އަހަރެން ބޭނުން ގެއަށް ދާން. އެކަމަކު މިހާދާ އެއްކޮށް ނޫނީ ގެއަށް ވަދެލުން ވެސް މަނާ."
އަޒީޒާ އެއްޗެއް ނުބުނެ ވިސްނަން އިނެވެ. ރިފާގެ ވާހަކައިން އަޒީޒާއަށް ދުވީ އެހެން ވަހެކެވެ.
"މިހާދުގެ މުއްސަނދިކަން ފެނިފަ ދަރިފުޅު ވަރިވާން ބޭނުން ނޫނީތަ؟" ޝައްކުގެ ރާގަކަށް އަޒީޒާ އެހިއެވެ. "ދަރިފުޅު ހަނދާން ކުރާތި! ނަޝްފާގެ ބައްޕަ އަދިވެސް މި ގޭގަ އެހެރީ. ނަޝްފާގެ ހުރިހާ ހަރަދެއް އޭނަ އެ ކުރަނީ. ދަރިފުޅު ފައިސާގެ ދަޅައަށް ނުހެއްލެއްޗޭ!"
ނުނިމޭ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒުލްފާ.
08 September 2020
މާލޭގައި އުޅެނީ އެންމެ ގާޒީއެއް.
ބަނިއާދަން
08 September 2020
އަހަރެންނަށް މިހާރު ޔަގީންވެއްޖެ މީ ހަގީގީ ވާހަކައެއްކަން. ހަގީގީ ދުނިޔެގައި ހިނގާ ކަހަލަ އެއްވެސް ކަމެއް މި ވާހަކައަކު ނުހިނގާ. އެންމެ ކަމެއް ނޫނީ. ރާއްޖޭގައި ވަރި ގިނަވާ ސަބަބު ވެސް މިއެނގުނީ އަދިކިރިޔާ.
ޕަރސަން
07 September 2020
އަޒީޒާ އަސްލުވެސް އެހެން އަހާ ވަރު ވެއްޖެ ދޯ.
ޢަފީ
07 September 2020
ބިންމާ ލިޔެފަ ހުންނަ ވާހަކަ މަ ވެ ސް ކިޔަން.. މީ އެހެން މީހެއް ލިޔާ ވާހަކަ އެއްތަ އަނެއްކަ ބިންމާ ގެ ނަމުގަ؟
މަންޖެ
06 September 2020
މަންޖެ ވާހަަކަ ލިޔުނީ ބިންމާތަ?
ޕަރސަން
07 September 2020
މަންޖެ ވާހަކަ ލިޔުނީ ނަހުލާ
ާނެކްސްޓް
06 September 2020
ކައްބޯހެރަ، މަންޖެ ކަހަލަ ރީތި ވާހަކަތައް ލިޔުނު ބިންމާގެ ވާހަކައެއް މިހާ ތާކުންތާކު ނުޖެހި މިދަނީ. ޢަދިވެސް ވާހަކަ ކަމުނުދިޔަޔަސް ލިޔުންތެރިކަން ހަމަ 100 ބޭނުންކުރާ ބަސްތަކާއި ލަފްޒު އަތުރާލައިގެން ގެނެސްދޭ ގޮތުގެ ފުރިހަމަ ކަމަށް ހަމަ ސާބަސް ދޭވަރު. ބިންމާއަކީ ހަމަ ލިޔުންތެރިކަމަށް މޮޅު މީހެއް އަކަމަކު ވިވާހަކަ ކަމަކު ނުދޭ
ޕްރިންސެސް
06 September 2020
ރީތި އެކަމަކު ހާދަ ކުރޭ
ފުސް.
06 September 2020
އަޖައިބެއްކަހަލަ ގޮތަކަށް ބިންމާ ގެންދާ ވާހަކައެއް މީ. އަނެއްކާ އިންޑިޔާއަށް ދިއުމުގެ ބަދަލުގައި ރާއްޖޭގައި ކައިވެނި ކުރަންވީނުން. ކުރިން ކަމެއްނުވާކަމަށް ހެދީމާ ނިމުނީނުން.
އޭބީ
06 September 2020
އެކަމަކުވެސް ވަރި ސާބިތިކުރަން ކޯޓްގައި އިތުރު ވަރިއެއް ކުރަން ޖެހުމަކީ އަރަތެއް. މިއީ މިކަން އޮންނަ ގޮތެއް ނޫން!! ބިންމާގެ މިޕްލޮޓް ކަމަކު ފޫނުބެދޭ
ސާއަދާ
06 September 2020
މީ މިހާރު މިރާއްޖޭގަ ކަންތައް ހިނގާ ގޮތާ ހަމަ. އިސްލާމީ އެއްވެސް އުސޫލެއް ނެތް
ރުޅި
06 September 2020
ދެން އިންޑިޔާއަށް ނުދިޔަޔަސް މާލޭގައިވެސް އިނދެވިދާނެއްނު. ކޮންމެގޮތެއްވިއަސް ކައިވެނި ރަޖިސްޓްރީކުރަންޖެހޭވިއްޔަ. ދެން ރިފާ ވެސް އަދި ޒާހިރުވެސް ތިޔަހާ ގަމާރުކުރުވާކަށްނުވާނެ.