09 ސެޕްޓެމްބަރ 2020 - 08:18
އާދިއްތަ ދުވަހާ ގުޅޭ
"ދެން މަންމަ ދައްކާ ވާހަކަ!" ހައިރާންވެފައި ރިފާ ބުންޏެވެ. "އަހަރެން މީ ލާރިޔާ ހެދި އުޅޭ މީހެއްތަ؟ ފަށް ނުކެނޑިގެންނު މި އުޅެނީ."
މަންމަޔާ ވާހަކަދައްކައި ނިމިގެން ރިފާ އިރުކޮޅަކު ވިސްނާލަން އިނެވެ. ހިތަށްއެރިއެވެ. މަންމަ އެހެން އެ ބުނީ ކީއްވެގެން ހެއްޔެވެ؟ ގޭތެރޭގައި އެ ފަދަ ވާހަކައެއް ދެކެވުނީ ހެއްޔެވެ؟ ތެދެއް ވާނީ ތެދަކަށެވެ. މިހާދާ އެއްކޮށް މާލެއިން ފުރި އިރު ރިފާގެ ވިސްނުމަށް ނާންނަ ކިތަންމެ ބަދަލެއް އަތުވެއްޖެއެވެ. ދުނިޔޭގެ ލަދަށް ނުވަތަ ބުނެވުނު ބަހުގައި ހިފާއްޓަން ބޭނުން ވާތީ ރިފާއަށް ގޮތެއް ނުނިންމެނީއެވެ. ރިފާ ބުނެފިއްޔާ ނަޝްފާ ވެސް ގެއަށް ގެނެވޭނެއެވެ. ގަނޑުވަރެއް ކަހަލަ ކޮޓަރިއެއް ނަޝްފާއަށް ލިބޭނެއެވެ. އެ ގޮތް ރިފާއަށް ކަމުނުދާންވީ ކީއްވެގެން ހެއްޔެވެ؟ އޮތީ އެންމެ ސުވާލެކެވެ. ބައްޕަ ދޫކޮށްލައިފައި އަންނަން ނަޝްފާ އެއްބަސް ވާނެ ހެއްޔެވެ؟
ދަންވަރު ޒާހިރަށް ހޭލެވުނީ ފެންނަން ނުވާ ކަހަލަ ހުވަފެނެއް ފެނިގެންނެވެ. ބޭނުން ނުވާ ކަހަލަ ހާލަތެއް މެދުވެރި ވެގެންނެވެ. ޒާހިރުގެ ހިތުގެ ވިންދު ހުރީ އަވަސް ވެފައެވެ. ޒާހިރުގެ ހުވަފެނަކަށް ޒުލްފާ އައީ ކީއްވެގެން ހެއްޔެވެ؟ ޒުލްފާއާ ދޭތެރޭގައި ޒާހިރު ވިސްނީ ކޮން އިރަކު ހެއްޔެވެ؟ ހުވަފެނުގައި ޒުލްފާ އެދުނު ކޮންމެ އެދުމަކަށް ޒާހިރު އިޖާބަދިނީ ކީއްކުރަން ހެއްޔެވެ؟
ހެނދުނު ފިހާރައިގައި އިން އިރު ވެސް ޒާހިރުގެ ލޯމަތީގައި ސިފަވަމުން ދިޔައީ ޒުލްފާގެ ހުވަފެނެވެ. ޒުލްފާގެ ކުލަފަތިކަމާއި، ހަރަކާތްތަކުން ޒާހިރުގެ އަޒުމު ބަލިކަށި ކޮށްލައިފިއެވެ. ހިތް ކަފަކޮޅަކަށް ހަދައިފިއެވެ. ތޫފާނުގެ ބާނިތަކުން ފިކުރު ހަލަބޮލި ކޮށްލައިފިއެވެ. ހަޔާތުގެ ނަގިލި މަޑުމަޑުން ކެހެން ފަށައިފިއެވެ. ހުވަފެން ހަނދާން ނައްތާލަން ކުރި ހުރިހާ މަސައްކަތެއް ބޭކާރު ވެއްޖެއެވެ. ކުއްލިއަކަށް ޒާހިރަށް މި ވީ ކިހިނެއް ހެއްޔެވެ؟ ޒާހިރަށް ފެނުނު ހުވަފެނާއި ޒާހިރު ބުއި ކޮފީއާ ގުޅުވާކަށް ޒާހިރު ކުޑަކޮށް ވެސް ހިތަކަށް ނާރައެވެ.
"އަހަރެން ބޭނުމެއް ނޫން ދެން އިންޑިޔާއަށް ދާކަށް،" ރިފާ ބޭނުންވާ ގޮތް ވަރަށް ސާފުކޮށް ރިފާ ބުންޏެވެ. "އަނެއްކާ ވެސް މިހާދު މާލެއަންނާނީ އެ ބުނާ އެއްޗެއް ނުލާ! އަނެއްކާ ޖެހޭނީ ދާން."
ރިފާ އިނީ އެނދުގައި އިށީނދެލައިގެންނެވެ. މިހާދު ހުރީ އަލަމާރި ކައިރީގައި ކޮޅަށެވެ. ފިހާރައަށް ދާން ތައްޔާރުވެގެންނެވެ.
"އަހަރެން ބޭނުމެއް ނޫން ރިފާ ވަރިކުރާކަށް ވެސް،" މިހާދު ބުންޏެވެ. "އެކަމަކު އެ ކަން ކުރަން ޖެހޭތީ އިންޑިޔާއަށް ދާން ޖެހެނީ. ރިފާ އެބަ ޖެހޭ އަހަންނަށް އިތުބާރުކުރަން."
"ކިހިނެއް ކުރާނީ؟" ރިފާ ސުވާލުކުރިއެވެ.
"ދެ ލޯ މަރާފަ،" އެހެން ބުނާކަށް މިހާދު ޖެހިލުމެއް ނުވިއެވެ. "ރިފާއަަކަށް ނޯންނާނެ އެހެން ގޮތެއް. ރިފާ ބޭނުން ވެގެން ތި އުޅޭ ކަންތައް ކޮށްދެވޭނެ ހަމަ އެކަނި މީހަކީ އަހަރެން. އަހަންނަށް އިތުބާރު ނުކުރެވިދާނެ. ރިފާ ހިތަށްއަރާފާނެ އަހަރެން ދައްކާ އެއްވެސް ވާހަކައެއް ގަބޫލެއް ނުކުރާނަމޭ. އެކަމަކު ގައިމު ވެސް އެއް ވާހަކަ ރިފާ ގަބޫލުކުރާނެ."
"އެއީ ކޮން ވާހަކައެއްބާ؟" ގަޔާނުވާ ކަހަލަ ރާގެއްގައި ރިފާ އެހިއެވެ.
"ރިފާ ދެކެ އަހަރެން ވަރަށް ލޯބިވޭ!" ހިނިތުންވެފައި މިހާދު ބުންޏެވެ. "ބުނެބަލަ ދޮގެކޭ!"
މިހާދު އެ ވާހަކަ ބުނި ގޮތާއި، ބުނި ރާގު ރިފާގެ ހިތުގައި ވިކާލި ކަހަލައެވެ. މިހާދު ބުނީ ތެދެކެވެ. އެ ކަމާ ރިފާއަކަށް ދެކޮޅެއް ނެހެދޭނެއެވެ. ރިފާގެ ކަންބޮޑުވުމަކީ އެއީއެވެ. ބިރަކީ ވެސް އެއީއެވެ.
ރޭގަނޑު ފިހާރަ ލައްޕައިފައި، ރަނގަޅަށް ތަޅުލެވުނުތޯ ބަލައިލަން ޒާހިރު ދޮރުގައި ހިފައިލިއެވެ. ތަޅުލެވުނުކަން ޔަގީން ކޮށްފައި ހިނގައިގެންފައި އަނެއްކާ ވެސް އައިސް ދޮރުގައި ހިފައިލިއެވެ. އެއީ ކުރިން ޒާހިރު ކުރާ ކަމެއް ނޫނެވެ. ގެއަށް ދާކަށް ޒާހިރު ބޭނުމެއް ނޫނެވެ. ޒުލްފާ ފެންނާކަށް ވެސް ބޭނުމެއް ނޫނެވެ. އެކަމަކު ދެކިލަން ވެސް ބޭނުމެވެ. އެއީ ޒާހިރުގެ ހިތާއި ސިކުނޑީގެ ހަނގުރާމައެކެވެ. ޒާހިރު ފޯނު ނަގައިފައި ފަޒީލަށް ގުޅައިލިއެވެ. ކޮފީއަކަށް ދައުވަތު ދިނެވެ. ފަޒީލަކީ ވެސް ފިހާރައެއްގެ ސޭޓެކެވެ. އެކުވެރިއެއް ވެސް މެއެވެ.
ދެ މީހުން ދިޔައީ ހާބަރަށެވެ. ކޮފީ ގެނައުމުން ކައިރީގައި ކޮފީ ތަށި ބަހައްޓައިގެން ވެސް ޒާހިރަށް އިނދެވުނީއެވެ.
"ކަލޭ މުޅިން ރަނގަޅެއް ނޫން!" އިރުކޮޅެއް ވަންދެން ޒާހިރަށް ބަލަން އިނދެފައި ފަޒީލު ބުންޏެވެ. "ތީ އެހެންޏާ ޒާހިރު އިންނަ ވައްތަރެއް ނޫން. ރިފާ ހަނދާން ވަނީ ދޯ؟"
ޒާހިރުގެ ދިރިއުޅުމާ ބެހޭ ވަރަށް ގިނަ ކަންކަން ފަޒީލަށް އެނގެއެވެ. ކޮންމެހެން ފަޒީލަށް ދައުވަތު ދީގެން ގެނައީ ވެސް އެހެންވެއެވެ. ޒާހިރުގެ ހިތަށް ނޭވާ ލާނެ ފުރުސަތު ދޭން ޒާހިރު ބޭނުމެވެ. ލުޔެއް ހޯދައިދޭން ބޭނުމެވެ. ވެގެން އުޅޭ ކަންތައް ޒާހިރަށް ކިޔައިދެވޭނެ ހަމަ އެކަނި މީހަކީ ފަޒީލެވެ.
"އަހަރެން ހަނދާންވާ މީހާގެ ނަން ބުނެފިއްޔާ ކަލޭ މަ މަރާނެ!" ނުތަނަވަސް ރާގެއްގައި ޒާހިރު ބުންޏެވެ. "ޒުލްފާ!"
ފަޒީލު ތުންޖަހަން ނެގި ކޮފީ ތަށީ ތުނބާ ހަމައަކަށް ނުފޯރިއެވެ. ތަށި އަލުން މޭޒުމަތީގައި ބެހެއްޓީއެވެ.
"ރިފާގެ ފަހަރި؟" ހައިރާން ވެފައި ފަޒީލު އެހިއެވެ.
"އާނއެކޭ!" ހިތްހަމަނުޖެހިފައި ޒާހިރު ބުންޏެވެ. "ސަކަރާތް ހުވަފެން ވެސް ފެންނަނީ. އަބަދު ހަނދާން ވެސް ވަނީ. މުޅި ދުވަސް މި ދިޔައީ އެ ކަމެއްގަ. ދެން ކަލޭ މަށަށް ބަވާނީކީ ނޫން. އަހަރެން ބޭނުމެއް ނޫނޭ އޭނަ ހަނދާންކުރާކަށް. އަހަރެން ދުވަހަކު ވެސް އޭނަޔާ ދޭތެރޭ ގޯސް ގޮތަކަށް ނުވެސް ވިސްނަން. އެކަމަކު ހަމަ ކުއްލިއަކަށް ނޭނގެ ވީ ގޮތެއް."
"ކަލޭ ބޭނުންތަ އޭނަޔާ އިންނަން؟" ފަޒީލު އެހިއެވެ.
"ނޫނެކޭ!" ޒާހިރު ބުންޏެވެ. "އެކަމަކު އޭނަ ހުންނާނީ އަހަންނާ އަޅައިގެންފަ. ކުރިން ވެސް ބުނީމެއްނު!"
އެ ކަން ފަޒީލު ހަނދާންވީ ޒާހިރު ބުނީމައެވެ.
"އޭނަ ދިން އެއްޗެއް ކަލޭ ކެއިންތަ ނޫނީ ބުއިންތަ؟" ފަޒީލު ސުވާލުކުރިއެވެ.
ކުއްލިއަކަށް ޒާހިރުގެ ހަނދާނަށް އައީ ކޮފީތައްޓެވެ. ކޭކު ފޮއްޗެވެ. ޒާހިރު ހިތަށްއެރިއެވެ. ކުރިން ޒާހިރަށް ނުވިސްނުނީ ކީއްވެގެން ހެއްޔެވެ؟ ޒުލްފާ ލައްވާ ކޮފީ ހައްދަން ޒާހިރު ހިތަށްއެރީ ވެސް ކީއްވެގެން ހެއްޔެވެ؟ ޒުލްފާގެ ހުރިހާ އުނދަގުލެއް ޒާހިރަށް ކުރިމަތިވީ އެ ކޮފީއެއް ބުއި ފަހުންނެވެ.
"ކަލޯ މަ ސަލާމަތް ކޮށްދީ!" ޒާހިރު އެދުނެވެ. "މަގޭ ދުވަސް ހިނގައްޖެ!"
"އަހަރެންގެ ހުންނާނެ ރައްޓެއްސެއް،" ފަޒީލު ފޯނު ނަގަމުން ބުންޏެވެ. "މި ގުޅަނީ އޭނަޔަށް. މި ތަނުން ސީދާ އެ ތަނަށް ދާނީ. މިރެއިން މިރެއަށް ޖެހޭނެ ތި ކަން މައިތިރިކުރަން. ކަލޭ އެކަމަކު ހާދަހާ ކާމިޔާބޭ."
ވައިކަފައިފައި ދުވެފައި ދިޔަ މަތިންދާ ބޯޓު ވިލާތަކާ ދިމާއަށް އުދުއްސައިލިއެވެ. ވާންވީ އުފާކަމެއް ކުރަންވީ ހިތާމަ ކަމެއް ރިފާ އަކަށް ނޭނގެއެވެ. ރިފާ ހިތަށްއެރިއެވެ. ލޯތްބަކީ ފާޑެއްގެ އެއްޗެކެވެ. ލޯބިވެރިޔާއަށް ޓަކައި ބައެއް މީހުން ގުރުބާންވާ އިރު ލޯބިވެރިޔާ ގުރުބާން ކުރާ މީހުން ވެސް އުޅެއެވެ. ލޯބިވެރިޔާ އަތުން ބީވާހެން ހީވާ ނަމައެވެ. މިހާދު ބަހައްޓަންވީ ކޮން ގޮޅިއެއްގައި ކަމެއް ރިފާއަކަށް ނޭނގެއެވެ. ކުރީ ދަތުރުގައި ލޯބިން އުޅުނު މިހާދު އޭގެ ބަދަލުހިފަން ރޭވީ ހެއްޔެވެ؟ މިހާދަށް ރިފާ ނުލިބުނިއްޔާ އެހެން މީހަކަށް ވެސް ރިފާ ލިބުނަ ނުދީފާނެ ހެއްޔެވެ؟ މިހާދު ފަދަ މީހަކު އޮޅިގެން ލިޔުމެއް ނުލައި އާދެވިގެން، ކުރި ހުރިހައި ކަމެއް އަލުން ކުރަން ޖެހިދާނެ ހެއްޔެވެ؟ މިހާދަކީ އެހާ ގަމާރު މީހެއް ހެއްޔެވެ؟ ގަމާރީ ރިފާ ހެއްޔެވެ؟ މިހާދުގެ ހުރިހައި ވާހަކައެއް ގަބޫލު ކުރެވުނީތީއެވެ. ވިސްނަން އިނދެފައި ރިފާއަށް ބަލައިލެވުނު ވަގުތަކީ މިހާދު ވެސް ރިފާއަށް ބަލައިލި ވަގުތެކެވެ. މިހާދު ހިނިތުންވެލިއެވެ. ރިފާއަކަށް ހިނިތުންވުން ރައްދެއް ނުކުރެވުނެވެ.
"ރިފާ ހާސްނުވޭ!" މަޑުމަޑުން މިހާދު ބުންޏެވެ. "ލޯބިވާ މީހާ ހޯދަން މަސައްކަތް ކުރި ގޮތަށް، ލޯބިވާތީ އޭނަ ދޫކޮށްލަން ވެސް އަހަންނަށް ކެރޭނެ. އަހަންނަކަށް ނޭނގެ ޒާހިރު ދެކެ ރިފާ ތިހާ ލޯބިވަނީ ކީއްވެގެން ކަމެއް. އެނގޭ އެއްޗެއް ބުނެފާނަން. އަހަރެން ރިފާ ދެކެ ލޯބިވާ ވަރަކަށް ޒާހިރަކަށް ރިފާ ދެކެ ލޯތްބެއް ނުވެވޭނެ."
ޖަވާބެއް ދޭކަށް ރިފާ ބޭނުމެއް ނޫނެވެ. އެހެންނަމަވެސް ރިފާ އެއްޗެއް ބުނެލާ ހިތް ވެސް ވިއެވެ.
"ކީއްވެ އަހަރެން ދެކެ ތިހާ ލޯބިވަނީ؟" އެއީ ވަރަށް ހިތްވަރު ކޮށްފައި ރިފާ ކުރި ސުވާލެކެވެ. "މިހާދު ކަހަލަ މީހަކު ލޯބިވާން އަހަރެން މީ ކާކު؟ މީހަކާ އިނދެ ވަރިކޮށްފަ. ބޮޑުސިންގާ ދަރިޔަކު އެބަ ހުރި. މީހުނާ ނީންނަ ރީތި އަންހެންކުދިން ބައިވަރު އުޅޭނެ. މިހާދު ކަހަލަ މީހަކު ހަމަ ބުނެލުން އޮންނާނީ. އެކަކު ވެސް ނޫނެކޭ ނުބުނާނެ."
ދޭން ބޭނުންވާ ޖަވާބު ދޭނެ ގޮތެއް ނޭނގިގެން މިހާދު އިރުކޮޅަކު ވިސްނަން އިނެވެ. ރިފާ ދެއްކީ ކުރިން ދައްކާ ކަހަލަ ވާހަކައެއް ނޫނެވެ. އެހެންވެ ރަނގަޅު ޖަވާބެއް ދޭން މިހާދު ބޭނުމެވެ.
"ހަމަ ތާކުން ފެންނަހާ މީހަކު އަހަންނަށް ކަމުދާ ނަމަ މިއަދު އަހަރެން މި ތާކު ނީންނާނެއްނު!" ގޮނޑީގައި ރަނގަޅަށް ހަމަޖެހިލަމުން މިހާދު ބުންޏެވެ. "ކީއްވެ ރިފާއަށް ނުވިސްނެނީ؟"
"ޒާހިރު ދެކެ ލޯބި ނުވާ ނަމަ އަހަރެން ވެސް މި ތާކު ނީންނާނެއްނު!" އިސްޖަހައިލަމުން މަޑުމަޑުން ރިފާ ބުންޏެވެ. "ކީއްވެ މިހާދަށް ނުވިސްނެނީ؟"
އެ ހިސާބުން ދެ މީހުން ވެސް ހަމަހިމޭންވިއެވެ. ބޯޓު ޖައްސާ ވާހަކަ ކެޕްޓަން އިއުލާނު ކުރިއެވެ. އެ ފަހަރު ވެސް މިހާދު ހުރީ ކުރިން ހުރި ހޮޓަލުގައެވެ. ހަމަ އެ ކޮޓަރީގައެވެ. އޭގެ ބޭނުމެއް ރިފާއަކަށް ނުވިސްނެއެވެ. ކޮޓަރިއަށް ވަނީއްސުރެ ކުރީގެ ހަނދާންތައް ރިފާގެ ހިތަށް ބީއްސަމުން ދިޔައެވެ. ރާޅަކަށް ފަހު ރާޅެކެވެ. ކުރީގެ މަންޒަރުތައް ހިތަށް ސިފަވަމުން ދިޔައެވެ. އާހަކަށް ފަހު އާހެކެވެ.
ނުނިމޭ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފައިސާގެރަހަ.
13 September 2020
ޙަޤީޤަތުގައި ޢިޝްޤީލޯބިކިޔަނީ ޖަޒުބާތާކަށް. އެގަންނަން ފައިސާ ހޭދަކުރަނީ . އެއްފަރާތުން ވިޔަސް ލޯބި ވާތީ. ގިނަ ފަހަރަށް ބަދަލުގައި ލޯބިވެސް ލިބޭ.
ޒޫންކޮ(ޒޫނާ)
11 September 2020
އަސްލު ލޯތްބަކީ ދެ މީހެއްގެ ދެ މެދުގައި އުފެދޭ ޖަޒުބާތެއް..ފައިސާ އަކަށް ލޯތްބެއް ނުގަނެ ވޭނެ..ފައިސާ އާ އެއްވަރައް މި ވާހަކައިގައި މިވާ ގޮތަށް މިހާދު ލޯބިވެސް އެބަ ދޭ..ދެން އެހެންގޮސް ލޯބީގެ ޖަޒުބާތު މި އުފެދެނީ..
ލޯބިފައިސާ
09 September 2020
ފައިސާއިން ވެސް ލޯބި ގަނެވެއެވެ. ލޯތްބަކީ ވެސް އެކި ސިފަސިފައިގަ ބަދަލުކުރެވޭ އެއްޗެއް. ލޯތްބަށް އެންމެ ގޮތްހަދާލެވޭ ބާރުގަދަ އެއްޗަކީ ހަމަ ފައިސާ!!’
ފޫޖި
09 September 2020
ފައިސާއަކީ މިޒަމާނުގައި ލޯބި ގަންނައެއްޗެއް.
ނާލާ
09 September 2020
ލޯތްބެއް ނުގަނެވޭނެ. މީހާ ގަނެވޭނީ. ލޯތްބަކީ އަމިއްލަ މީހާއަށްވެސް ބާރުފޯރުވޭ އެއްޗެއް ނޫން.
1828
10 September 2020
ނާލާއެވެ. އަންހެނުންގެ 'ލޯބި' ފައިސާއިން ގަނެވޭ. ބަލާބަލަ ޤާސިމް އިބްރާހީމް. ގަނެވޭނެ، ވިއްކަން ހުންނަންޏަ. ނުގަނެވެންވީ އެއްވެސް ސަބަބެއް ނެތް.
ނެކްސްޓް
09 September 2020
މިހާދު ލޯބި ކިޔަކީ ފައިސާއަށް ތާ؟ އެހެންނޫނީ ނުބުނާނެދޯ މިހާދު ލޯބިވާވަރަށް ޒަހިރަކަށް ލޯތްބެއް ނުވެވޭނެޔޭ؟ ޒާހިރާށް އެވަރަށް ފައިސާ ހަރަދުކުކުރެވޭނެ ވާހަކަދޯ މިބުނަނީ
ކުރަފަތްބޭބެގެ
09 September 2020
ހޫން..މައިދައތަޔާ ޒާހިރުއާ ގުޅުވާލާ. ލޯޔަރާ ޒުލްފާޔާ ގުޅުވާލާ
ތުނިޔަ
09 September 2020
އަޅޭ.... އެކަމަކުދޯ! މައިދައިތަ ޒާހިރާ ގުޅުވާނީ ކިހިނެތް؟ ޢެއީ ދެމައިން މުޅި އުމުރަށްވެސް.
ޕަރސަން
09 September 2020
އާހަކަށް ފަހު އާހެއް އަޑު އިވެމުން، ސިފަވަމުންގޮސް މަށަށް ހީވަނީ ދެން ރިފާ މިހާދު ކައިރިން ވަރިއެއް ނުވާނެހެން. ޒުލްފާ ކައިރިން ޒާހިރު ސަލާމަތް ވާން އުޅުނަސް ރިފާ އުޅޭ ގޮތުން ހިޔެއްނުވޭ އޭނަ މިހާދު ކައިރިން ވަރިވާން ބޭނުންވާހެނެއް.
މިހާދުގެ ވައިފް
09 September 2020
ޕަރސަން އަށް ތަ އިނގެނީ ރިފާ އުޅޭނެ ގޮތެއް؟؟ ތި އުޅެނީ މިހާދު ބޭނުން ވެގެން ދޯ... ނުދޭނަން
ފޫހި
09 September 2020
މިހާރު މިއޮތީ ވާހަކަ ނިމިފަ. ޒާހިރު އާ ޒުލްފާއާ މިހާދުއާ ރިފާއާ. ޢެހެންވެ މި ހޭލުންތެރި ޒަމާނުގައި ވެސް ރިފާ ބޮޑު ގަމާރަކަށް ހަދާފަ އަނެއްކާ އިންޑިޔާއަށް އެދިޔައީ. ދެން އެންމެންނަށް މިހާރު އެނގިފައޮށްވާ ރާއްޖޭގައި ކައިވެނިނުކޮށް އިންޑިޔާއަށް ދިޔައީ ކީއްކުރަން. ގައިމު މިހާރު ރިފާއަށްވެސް އެނގޭނެ އަނެއްކާ ކައިވެނި ރަޖިސްޓްރީ ކުރަންވެސް ޖެހޭނެކަން.
ާއާއިޝާ
09 September 2020
ރިފާ އާ މިހާދާ ގުޅުވާތި އިގޭ. ވ. ރީތި.
6895
09 September 2020
ޒުލްފާ: ޒާހިރު ދެން ލަލަލާ..