17 ސެޕްޓެމްބަރ 2020 - 08:01
ސްޓާ ޕްލަސް އިން ގެނެސްދިން މަގުބޫލު ސިލްސިލާ "ސާތު ނިބާނާ ސާތިޔާ" ގައި ވަރަށް ނުފޫޒުގަދަ މައިދަތައެެއްގެ ރޯލް ކުޅުނު ރޫޕަލްް ޕަޓޭލް އެ ސިލްސިލާގެ ސީޒަނުން ވެސް ވެސް ކޮކީލާބެން މޯދީގެ ރޯލުން ފެންނާނެކަން ކަށަވަރުކޮށް ދީފި އެވެ.
މިދިޔަ މަހުގެ ފަހުކޮޅު ރޫޕަލް ވަނީ ދެވަނަ ސީޒަނުން އޭނާ އަށް އޭރު ފުރުސަތެއް ނުލިބޭ ކަމަށް ބުނެފަ އެވެ. ނަމަވެސް މި ހަފުތާގައި މުމްބާއީ މިރާ އަށް ދިން އިންޓަވިއުއެއްގައި 48 އަހަރުގެ ބަތަލާ ބުނީ "ސާތު ނިބާނާ ސާތިޔާ 2" އިން ފުރުސަތު ލިބިފައިވާ ކަމަށެވެ. އަދި އެކަމާ ވަރަށް އުފަލުން ހުރި ކަމަށް ބުންޏެވެ.
"އެ އޮފާ ހުށަހެޅި ދުވަހު އަހަންނަކަށް ނުވެސް ނިދޭ. ވަރަށް އުފާވި ނަމަވެސް ކަންބޮޑުވީ އެއް ފަހަރާ ދެ ސިލްސިލާއެއްގައި މަސައްކަތްކުރަން ޖެހޭތީ،" ސްޓާ ޕްލަސް އިން މިހާރު ގެނެސްދޭ "ޔޭ ރިޝްތޭ ޕިޔާރު ކޭ" ގައި ވެސް ވަރަށް ނުފޫޒު ގަދަ މައެއް (މީނާކްޝީ ރާޖްވަންޝް) ގެ ރޯލް ކުޅޭ ރޫޕަލް ބުންޏެވެ. "އަހަރެން މިހާތަނަށް ކުރިއަކުން އެއްވެސް ދޭއްޗެއްގައި އެއްފަހަރާ މަސައްކަތެއް ނުކުރަން. އެހެންވެ އެކަމާ އަސްލު ކަންބޮޑުވީ."
ނަމަވެސް "ޔޭ ރިޝްތާ ހޭ ޕިޔާރު ކޭ" ގެ ޕްރޮޑިއުސަރު ރަޖަން ޝާހީ އާއި "ސާތު ނިބާނާ ސާތިޔާ 2" ގެ ޕްރޮޑިއުސަރު ރަޝްމީ ޝަރުމާ އެ ކަންބޮޑުވުން ހައްލުކޮށްދޭން އެއްބަސްވެފައިވާ ކަމަށް ބުންޏެވެ.
"އެ މީހުން ވަނީ އަހަރެން އެކަމާ ކަންބޮޑުނުވާން އެދިފައި. އެހެންވެ ދެ ސިލްސިލާގެ މަސައްކަތް އެކުއެކީގައި ކުރިއަށް ގެންދަން ފަަސޭހަ ގޮތަކަށް އެ މީހުން އަހަރެންގެ ޝޫޓިން ޝެޑިއުލް ހަމަޖައްސައިދޭނެ." ރޫޕަލް ބުންޏެވެ.
އޭނާ ބުނީ ކޮކީލާބެންގެ ރޯލަށް އެނބުރި އައުމަކީ ވަރަށް ވެސް ހާއްސަ ކަމެެއް ކަމަށެވެ. ސަބަބަކީ އޭނާގެ ކެރިއަރު އާ މިސްރާބަކަށް ގެންދިޔައީ ވެސް އެ ރޯލުން ކަމަށްވުމެވެ. އެހެންވެ "ސާތު ނިބާނާ ސާތިޔާ 2" ގައި ވެސް ކޮކީލާބެންގެ ރޯލުން އޭނާ ފެނިގެން ދިއުމަކީ އެ ސިލްސިލާ އަށް އިންތިޒާކުރާ މީހުން އުންމީދު ވެސް ކުރާނެ ކަމެއް ކަމަށް ބުންޏެވެ.
"ކޮކީލާބެންއާ ނުލައި ސާތު ނިބާނާ ފުރިހަމައެއް ވެސް ނުވާނެ. އަހަރެން ވަރަށް އުފާކުރަން އެ ރޯލުން ބެލުންތެރިން އަހަންނަށް ދިން ލޯތްބާއި ސަޕޯޓަށްޓަކައި. އަދި އާ ސީޒަން ވެސް ކުރީގެ ސީޒަނަށް ވުރެ ކާމިޔާބު އެއްޗަކަށްވާނެ ކަމުގެ އުންމީދު ބޮޑު،" ރޫޕަލް ބުންޏެވެ.
"ސާތު ނިބާނާ ސާތިޔާ 2" ގެ ޕްރޮމޯއެއް ވެސް ދާދި ފަހުން ވަނީ ދައްކާލައިފަ އެވެ. އަދި މިހާރު ދެވަނަ ޕްރޮމޯއެއް ދައްކައިލަން ތައްޔާރުވަމުން އަންނަ އިރު ގޯޕީ ބަހޫގެ ރޯލުން ފެނިގެން ދާނީ ކުރިން ވެސް އެ ކެރެކްޓާ ކުޅުނު ޑެވޮލީނާ ބަޓަޗަރަޖީ އެވެ. ނަމަވެސް ލީޑް ބަތަލު އެހެމްގެ ކެރެކްޓާ ކުޅޭނެ މީހަކު އަދި ކަށަވަރެއް ނުވެ އެވެ.
ބައެއް ރިޕޯޓްތައް ބުނާގޮތުން އެ ރޯލް ސިދާތު ޝުކްލާ އަށް ހުށަހަޅާފައިވެ އެވެ. އެކަމަކު ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި އެހެމްގެ ރޯލުން މި ފަހަރު ވެސް ކުރިން އެ ކެރެކްޓާ ކުޅުނު މުހައްމަދު ނާޒިމް ފެނިގެން ދިއުމުގެ ފުރުސަތު ބޮޑެވެ.
"ސާތު ނިބާނާ ސާތިޔާ" އަކީ ސްޓާ ޕްލަސްއިން މެއި 3، 2010 އިން ޖުލައި 27، 2017 ގެނެސްދިން ސިލްސިލާއެކެވެ. އެ މުއްދަތުގެ ތެރޭގައި 2،184 އެޕިސޯޑް ގެނެސްދިނެވެ.
އާ ސީޒަން ދައްކަން ފަށާނެ ކަމަށް ބެލެވެނީ އަންނަ މަހުގެ ކުރީކޮޅު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަސީ
17 September 2020
ސްޓާ ޕްލަސްއިން ކާމިޔާބު ކަމާއެކު ގެނެސްދީފައިވާ ސިލްސިލާއެއްގެ ދެވަނަ ސީޒަން އަބަދުވެސް ވަރަށް ފޫހި. މިސާލަކަށް އިސް ޕިޔާރު ކޯ ކިޔާ ނާމް ދޫން 2، ކިޗްޅީ 2، ސަންޖީވްނީ 2، ކަސޯޓީ 2، ނަޒަރު 2. ސާތު ނިބާނާ ސާތިޔާ 2 ވެސް ހީވަނީ ވަރަށް ފޫހި ސީޒަން އަކަށް ވާނެހެން.