16 ސެޕްޓެމްބަރ 2020 - 08:38
އާދިއްތަ ދުވަހާ ގުޅޭ
"މަ ބުނަން އުޅުނީ އަހަރެން މަތިން ހަނދާން ނައްތައި ނުލައްޗޭ!" ހިނިތުންވެލައިފައި މިހާދު ބުންޏެވެ.
މިހާދާ ދިމާއަށް ލެނބުނަ ނުދިނުމަށް ޓަކައި ރިފާގެ ހިތުގައި ވިއްދައިފައިވާ ކައްތިރި މެދުން ބިންދައިގެން ދިޔައެވެ. އެ ދަތުރަކީ ރިފާގެ ހިތް ފަތަހަ ކުރަން މިހާދު ރޭވި ދަތުރެއް ނަމަ އެ ކަން މިހާދަށް ކާމިޔާބުވި ދަނޑިވަޅަކީ އެއީއެވެ. އެހެނަސް މިހާދަކަށް އެ ކަމެއް ނޭނގެއެވެ. މޫނުމަތިންނާއި ދުލުން ވެސް ރިފާ އެ ކަން ހާމަ ނުކުރީތީއެވެ. އެ ގުޅުން ރިފާއަށް ހިތްގައިމު ވަނީ، ނުފޫޒާއި ފައިސާ އިންތިހާއަށް އޮތް މިހާދު ކަހަލަ މީހަކު، ހަމަ އެކަނި ލޯބީގެ އެހީގައި ރިފާގެ ހިތް އަތުލީތީއެވެ. ބޭނުން ނަމަ މިހާދަށް ނުކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟ ރިފާ ވިސްނައިލިއެވެ. ދީނީ ގޮތުންނާއި، ގާނޫނީ ގޮތުންނާއި، ޖިސްމާނީ ގޮތުން ވެސް ތިލަފަތް ބަރުވަނީ މިހާދު ކޮޅަށެވެ. އެކަމަކު ލޯބި ފިޔަވައި އެހެން އެއްޗެއް މިހާދު ބޭނުމެއް ނުކުރެއެވެ. އޯގާތެރިކަން ފިޔަވައި އެހެން އެއްޗެއް މިހާދު އިހުތިޔާރެއް ނުކުރެއެވެ.
"ތިހާ ލޯބިވަންޏާ ދެން ކީއްވެ ވަރިކުރަން ތި އުޅެނީ؟" ރިފާ ސުވާލު ކުރިއެވެ.
"ލޯބިވާތީ!" މިހާދު ބުންޏެވެ. "ރިފާ އުފާ ކޮށްދޭން ބޭނުންވާތީ."
ދަތުރުމަތީގައި ދެކެވުނުހާ ވެސް ވާހަކައަކީ އެއީއެވެ. ކާރުގައި ގެއަށް އައި އިރު ރިފާގެ ހިތް ކުރިމަތި ކުރުވަމުން ދިޔައީ އަޖައިބެއް ކަހަލަ ސުވާލުތަކެކެވެ. ލޯބި ނުވާ މީހެއް ދެކެ ލޯބި ވެވެނީ ކީއްވެގެން ހެއްޔެވެ؟ ގާތުގައި ހުންނަން ބޭނުން ނުވާ މީހަކާ ދުރަށް ދާ ހިތް ނުވަނީ ކީއްވެގެން ހެއްޔެވެ؟ މިހާދަކީ ވަގުތީ މަންޒިލެކެވެ. މިހާދު ގާތަށް ރިފާ އައީ ރިފާގެ ހިތް ފޮރުވޭ ވަރަށް އެ ހިތުގައި އެހެން ނަމެއް ލިޔެގެންނެވެ. އެ ހިތުން މިހާދު ޖާގަ ހެދީ ކިހިނެއް ހެއްޔެވެ؟ ހިތާހިތުން ރިފާ ދުއާ ކުރިއެވެ. މި އަޅާއަށް ކެތްތެރިކަން ދެއްވާށިއެވެ. ޒާހިރު ގާތަށް އެނބުރި ދާހާ ހިތްވަރު ދެއްވާށިއެވެ.
"މިހާދު ކިހިނެއް ތިހާ ފަސޭހައިން އެ ލިޔުން ހޯދީ؟" އަމިއްލަ ސަމާލުކަން އެހެން ދިމާއަކަށް އަނބުރައިލުމަށް ޓަކައި ރިފާ އެހިއެވެ. "އެ މީހުން ބުންޏެއްނު އެ މީހުން ތި ލިޔުމެއް ނަހަދަމޭ!"
"އެއީ ތެދެއް!" މިހާދު އެއްބަސްވިއެވެ. "އެކަމަކު ލާރި ހުރިއްޔާ ނުވާނެ ކަމެއް ނޯންނާނެއްނު! އެންމެ ކަމެއް ފިޔަވާ."
"އެއީ ކޮން ކަމެއް؟" އެއީ ރިފާގެ ލޯބި ކާމިޔާބު ކުރުން ކަން ކަނޑައެޅިގެން އެނގި ހުރެ ރިފާ ސުވާލު ކުރިއެވެ.
މިހާދު ހިނިތުންވެލިއެވެ. އެ ސުވާލަށް ޖަވާބު ދިނުން މިހާދަކަށް މުހިންމެއް ނޫނެވެ. ބައެއް ކަންކަން ރިފާ ނޭނގޭ ކަަމަށް ހަދާކަން މިހާދަށް ވިސްނިއްޖެއެވެ. އެ ކަން ރިފާއަށް އަންގަން މިހާދު ބޭނުން ނޫނީއެވެ.
ގެއަށް އައިސް ކޮޓަރީގައި ރިފާ ހަމަޖެހިލިއެވެ. ރިފާ ވިސްނަން ޖެހޭ އެއްވެސް ކަމެއް ނެތެވެ. ސުވަރުގެއެއް ފަދަ ގެއެކެވެ. ކަމެއް ހިތުލާ އިރަށް އެ ކަމެއް އޮންނަނީ ހަމަޖެހި ނިމިފައެވެ.
"އަހަރެން ދަރިފުޅު ކައިރީގަ ބަހައްޓަންވީނު!" ރިފާ އެދުނެވެ. "ބުނީމެއްނު އަހަރެން އުފާކޮށްދޭން ބޭނުމޭ!"
މަޑުމަޑުން ރިފާގެ ހިތް ހުޅުވެން ފެށުމަކީ މިހާދު ކުރަމުން އައި ދިގު އިންތިޒާރެއްގެ ނިމުމެކެވެ. ރިފާ އުފާކޮށްދިނުމަށް ޓަކައި ކޮންމެ ކަމެއް ވެސް ކޮށްދޭން މިހާދު ބޭނުމެވެ. އެ ވަރުން ވެސް މިހާދު ގާތުގައި ރިފާ ނުހުންނާނެކަން މިހާދަށް އެނގޭ ހާލުގައެވެ. އެހެން ކަމެއް ވެސް މިހާދަށް އެނގެއެވެ. ލޯބީގެ މާތަކުން އުނގު ފުރާލުމަކީ ކޮންމެ ކޮންމެ މީހަކަށް ލިބޭނެ ނަސީބެއް ނޫނެވެ.
"ދަރިފުޅު ކައިރީގަ ހުންނާކަށްނު ބޭނުންވަނީ؟" މިހާދު ބުންޏެވެ. "މި ގޭގަ ހުންނާނެ ހުސް ކޮޓަރި. ވަރިހަމަ މިހާރު ދަރިފުޅު ގެނަޔަސް."
މިހާދު ދިނީ ރިފާ އުންމީދު ކުރި ޖަވާބެއް ނޫނެވެ. އެއަށް ވުރެ މާ ފުރިހަމަ ޖަވާބެކެވެ. އެކަމަކު ބައްޕަ ދޫކޮށްލައިފައި ނަޝްފާއެއް ނާންނާނެއެވެ. ރިފާއަށް ޔަގީނެވެ.
"ދުވަހަކު ވެސް މި ގެއިން އޭނަޔަކަށް ނުކުންނާކަށް ނުޖެހޭނެ،" މިހާދު ޔަގީންކަން ދިނެވެ. "އަހަރެންގެ ދަރިއެއް ގޮތުގަ އޭނަ ހުންނާނީ. ދަރިފުޅު ދެކެ ރިފާ ނުލާހިކު ލޯބިވޭ! މިހާރު ކިޔެވުން އެހެރަ ނިމެނީ. ބޭނުންތަ ދަރިފުޅު މޮޅަށް ކިޔަވަން ބޭރަށް ފޮނުވަން؟ ބޭނުންތަ މި ކަހަލަ އަރާމު ދިރިއުޅުމެއް ދަރިފުޅަށް ހޯދައިދޭން؟ ދަރިފުޅުގެ މުސްތަގުބަލާ ދޭތެރޭ ވިސްނާލަބަލަ!"
"އެކަމަކު އަހަރެން ވަރަށް އަވަހަށް މި ގެއިން ދާނެއްނު!" ރިފާ ބުންޏެވެ.
"އަޅެ ދަންދެން ތިބެވިދާނެއްނު!" މިހާދު ވަރަށް ހަމަޖެހިލައިފައި ބުންޏެވެ. "ޔަގީނުން ވެސް އަދި ދެތިން ދުވަސް ވާނެ."
"އެންމެ ދެތިން ދުވަސް އެއީ ކޯޗެއް؟" ރިފާ ސުވާލުކުރިއެވެ.
"އެންމެ ސިކުންތަކު ރިފާ މި ގޭގަ ހުއްޓަސް އެއީ އަހަންނަށް ލިބޭ ކިހާ ބޮޑު ނަސީބެއް." މިހާދު ބުންޏެވެ.
އެ ވަގުތު މިހާދުގެ ލޮލަށް ކަރުނަ ޖަމާވީ ކީއްވެގެން ކަމެއް މިހާދަކަށް ނޭނގެއެވެ. އެ މަންޒަރު ރިފާއަށް ނުދައްކަން ވެގެން މިހާދު އެހެން ދިމާއަކަށް އެނބުރިލިއެވެ. އެހެނަސް ރިފާއަށް ކަރުނަ ސިއްރެއް ނުކުރެވުނެވެ. މީހަކު އެހާ ވަރަށް ރިފާ ބޭނުން ވެދާނެ ކަމަކަށް ދުވަހަކު ވެސް ރިފާ ހިޔެއް ނުކުރެއެވެ. ލޯތްބަކީ އެއީ ބާއޭ ރިފާ ހިތަށްއެރިއެވެ. އެހެންވިއްޔާ ޒާހިރަށް ޓަކައި ރިފާގެ ހިތުގައި އޮތީ ކުލުނު ހެއްޔެވެ؟
"ހިނގާ ދަރިފުޅު ބަލާ ދާން!" މިހާދު އެދުނެވެ.
ރިފާ ނުތެދުވީ ނަޝްފާ ނާންނާނެކަން އެނގޭތީއެވެ. މިހާދަށް ނެގުނީ އެހެން މާނައެކެވެ.
"ދަރިފުޅު ކައިރިއަކަށް ނޫން ދާން ތި އުޅެނީ،" ވަރަށް ލުއި ގޮތަކަށް ހިނިތުން ވެލައިފައި މިހާދު ބުންޏެވެ. "ވަރި ވީމަ ދެން ރިފާ ހުންނަ ތަނަކާ އަހަންނަކާ ނުބެހެވޭނެ. އެކަމަކު، އިނދެގެން ހުރިހާ ދުވަހަކު އަހަރެންގެ އަންހެނުން ހުންނާނީ އަހަރެން ކައިރީގަ. އެއްބަސްތަ؟"
ރިފާ އެއްބަސްވިއެވެ. އެ ފަހަރު މިހާދު ކަންތައް ކުރީ ކުރިން ނުކުރާ ގޮތަކަށެވެ. ކުރިން ކޮންމެ ކަމަކަށް ރިފާ ދޫކޮށްލައެވެ. ތަނަކަށް ދާން ބުންޏަސް ގެންގޮސްދެއެވެ. އެ ފަހަރު ރިފާއަށް ބައެއް ކަންކަން މަނާކުރިއެވެ. އެއީ ރިފާގެ ގެއަށް ދިޔުމާއި، ޒާހިރާ ބައްދަލުކުރުމެވެ. އެކަމަކު ދަރިފުޅާ ފޯނުން ވާހަކަދެއްކުމާއި، ބައްދަލުކުރުމާއި، ރިފާ ބޭނުމިއްޔާ ވަޒީފާއަށް ނުކުތުމުގެ ހުއްދަ ދިނުމެވެ.
ރިފާގެ އަތް ރަނގަޅު ވަންދެން، ހުރިހާ ވަގުތެއްގައި ގޭގައި ހުންނަން މިހާދު ނިންމިއެވެ. ހުރިހާ ކަމެއް ކޮށްދިނީ މިހާދެވެ. ވަރިކުރުމުގެ ކަންތަކާ މިހާދަށް ނޫޅެވުނީ ވެސް އެހެންވެއެވެ. ނަޝްފާ އެ ވާހަކަތައް ގަބޫލުކުރިއެވެ. އެކަމަކު ޒާހިރުގެ ހިތުގައި ޝައްކު އުފެދުނެވެ. މިހާދު އަލުން އިންޑިޔާއަށް ދިޔުމާއި، ރިފާގެ އަތުގެ ބެންޑޭޖާ ދޭތެރޭގައި ވެސް ޒާހިރު ބެލީ ޝައްކުގެ ނަޒަރަކުންނެވެ. ދޮރެއްގައި އިނގިލި ވިދިފައި އިނގިލީގައި ރެނދެއް ނުލާނެއެވެ. ޒާހިރު ދެކޭ ގޮތަކީ އެއީއެވެ. އެކަމަކު އެ ޝައްކު ބޭއްވީ ޒާހިރުގެ ހިތުގައެވެ.
ދުވަހެއްގެ މެންދުރުގެ ވަގުތެވެ. ކާން އިނދެފައި ފޯނެއް އައިސްގެން މިހާދު ވަނީ ކޮޓަރިއަށެވެ. އޭރު ކާން ތިބީ ރިފާއާއި މުނީރާއެވެ. ރިފާ ވައަތުން އޫ ހިފައިގެން މަޑުމަޑުން ކާލަކާލާ އިނެވެ.
"އަހަރެން ހަމަ އަންތަރީސް ވެއްޖެ!" މުނީރާ ބުންޏެވެ.
"އަންތަރީސް؟" ހައިރާން ވެފައި ރިފާއަށް ބުނެވުނެވެ. "ކޮން ކަމަކާ؟"
"ދެން މި ފެންނަ މަންޒަރުތަކުން،" މުނީރާ ފުން ނޭވައެއް ބޭރުކޮށްލައިފައި ބުންޏެވެ. "މީގެ ކުރިން ވެސް މިހާދު މީހުނާ އިން. އެކަކާ އިނދެގެން ވެސް ނޫޅެވުނު. ހުސް ވިޔާނުދާ މީހުންނާ އިނދެވުނީ. އެކަކު ވެސް މިހާދު ދެކެ ލޯތްބެއް ނުވޭ! އެހެން ވެގެން އެ މީހުންނާ ހެދި މިހާދު ވެސް އެ ވަރުން ނޫޅުނީ. އެކަމަކު މިހާރު މިހާދު އަތުން ރިފާގެ ހުރިހާ ކަމެއް އެ ކުރަނީ. މަ ހަމަ އަންތަރީސް ވެއްޖެ!"
މިހާދު ކުރީ ކިތައް ކައިވެނި ކަމެއް، ލިބުނީ ކިތައް ދަރިން ކަމެއް ރިފާ އަކަށް ނޭނގެއެވެ. އެހެނަސް، އެ އުމުރަށް ދާ އިރު މިހާދު ހުސްހަށިބަޔަށް ނުހުންނާނެކަން ރިފާއަށް އެނގެއެވެ. ރިފާގެ ކައިވެންޏަކީ ކުރެވުނު ވިޔަފާރިއެކެވެ. މިހާދުގެ މާޒީ ރިފާއަށް މުހިންމު ނުވީ އެހެންވެއެވެ.
"އެކަމަކު އަހަރެން ވެސް އޭނަ ދެކެ ލޯތްބެއް ނުވޭ!" ރިފާ ވާހަކަދެއްކީ ހިތާ ދެކޮޅަށެވެ. "އަހަންނަށް ހަމަ އެކަނި އެނގެނީ އޭނައަށް ކިޔަނީ މިހާދުކަން. ދެން ކީއްވެ އަހަންނާ ހެދި އޭނަ އެހާ ވަރަކުން އެ އުޅެނީ؟"
"ރިފާ! ރިފާ އެންމެ ލޯބިވަނީ ޒާހިރު ދެކެ،" މުނީރާ ހިނިތުންވެލައިފައި ބުންޏެވެ. "އަހަންނަށް އެ ކަން އެނގެޔޭ. އެކަމަކު ރިފާ ދެކެ އެންމެ ލޯބި ވަނީ އެހެން މީހެއް ކަމަށް ވެދާނެއްނު! އަހަރެން އެންމެ ލޯބިވި މީހާއަކީ އަހަރެން ދެކެ އެންމެ ލޯބިވި މީހާއެއް ނޫން. އެއީ ވާ ގޮތެކޭ. ކޮންމެ މީހަކު އިނދެގެން އުޅެނީ އޭނަ ދެކެ އެންމެ ލޯބިވާ މީހަކާ ނޫނެއްނު!"
އެ ފަހަރު ރިފާ އެއް ފިޔަވަޅު ފަހަތަށް ޖެހިލައިފައި ވިސްނައިލިއެވެ. ލޯތްބަކީ މުހިންމު އެއްޗެކެވެ. އެކަމަކު ހައިހޫނުކަން އައިސް ދޮރުގައި ޓަކިދިނުމުން ލޯތްބަށް ޖެހޭނީ ކުޑަދޮރުން ބޭރަށް ފުންމައިލާށެވެ. ޒާހިރު ރަނގަޅެވެ. ރިފާ ދެކެ ވަރަށް ލޯބިވެއެވެ. އެކަމަކު ހަމަ އެކަނި ލޯބިން ހަޔާތެއް ފުރިހަމަވޭ ހެއްޔެވެ؟ ޒާހިރަށް ކުރި ވައުދު ވެސް ރިފާ ހަނދާން ހުއްޓެވެ. ޒާހިރު އެންމެ ބިރުގަތީ އެހެން ވެދާނެތީއެވެ. އެހެން ނުވާނެ ކަމުގެ ޔަގީންކަން ރިފާ ދިން ވެސް މެއެވެ. އެހެންނަމަވެސް އެ ދުވަސް މާޒީ ވެއްޖެއެވެ. ކުރިން ނުފެންނަ ދުނިޔެއެއް ރިފާއަށް ފެނި، ކުރިން ނުކުރެވޭ ތަޖުރިބާއެއް ކުރެވިއްޖެއެވެ. އުފަލުގެ ރަހަ ރިފާގެ އަރުތެރެއަށް ވާސިލު ވެއްޖެއެވެ. ހާއްސަކޮށް ދަރިފުޅަށް އެ އުފާ ހޯދައިދިނުމުގެ ދަހިވެތިކަން ވެސް ރިފާގެ ހިތުގައި ވަކިއަޅަން ފަށައިފިއެވެ.
ނުނިމޭ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢައްޑޫ ފޭދޫ އަނބި
17 September 2020
މިއީ އަންހެންވެރިންނަށް ވާގޮތް. މަމީހެއްގެ އަނބެއް އެކަމަކު މަވެސް މިއުޅެނީ މީހެއްގެ މުއްސަނދި ފިރިއެއް ފެނިގެން އަތު އަޅުވައިގެން. އުޅޭ ހިތްވަނީ އެކަމު ފިރިއަށް ނޭގޭ އެއްކަމެއްވެސް.
ފްލާވާ
16 September 2020
ވަރަށް ޝައުޤުވެރި ވާހަކައެއް .މިހާދަށް ދެރަ ގޮތެއް ނުވާނެ ކަމަށާ އުއްމީދު ކުރަން
ޙުސޭނާ
16 September 2020
ފޯރި ގަދަދޯ ބިންމާ. ޥާހަކަ ރީތި
ޢަނާ
16 September 2020
މިވާހަކައިގައި ފަންޑިތައިގެ ބާރުގައި ފަންޑިތަ ވެރިޔާ ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ވާތަން މިފެންނަނީ. ކުށެއްނެތް ޙައްޤު ގޮތުގައި ހުރި މައުޞޫމް މީހާ ނިކަމެތި ވަނީ. އެނެމެފަހުން އޭނާގެ ކެތްތެރިކަމާ ވަމުން އައި ޤުރުބާނީ ކައްޓާގެ އެއްކޮޅަށް ލާފަ އަނެއްކޮޅަށް ފައިސާކޮޅެއް އަޅާލާ އިރަށް ކައްޓާގެ ކަށި އެއްްވެސް ހިފެއްހެއްޓުމެއްނެތި ވެއްޓިގެންދާތަން މިފެންނަނީ. މިކަންކަމުން މުޖުތަމައުއަށް ދެވޭ މެސެޖު އެހާ ފައްކަލެއްނޫން.
ބާއި
16 September 2020
ނިމޭ ގޮތާ ބަލަން މަޑުކޮށްލާ.
އާސިފު
16 September 2020
މިހާދު އިނީ ހަގީގަތުގަ އެކުގަ އުޅެން. އެކަމަކު ރިފާ އުޅެން ނެތީޔާ ނޫޅެވޭނެކަން އެނގޭތީ ވަރިކޮއްދޭނަމޭ ބުނީ. އެކަމަކު މިހާދު ގެ ނިޔަތަކީ ހަގީގަތުގައިވެސް ރިފާ އާއިއެކު ލޯބިން އުޅުން. އެހެން ނޫނަސް ޒާހިރުއާ އިންނަންވެގެން ވަރިވުމަކީ ފައްކެނޑުން. އެއީ ލައުނަތް ލެއްވިގެންވާ ކަމެއް. ދުނިޔަވީ މުދަލަށްޓަައި ވިޔަސް އޯކޭ. އެވަރުގެ ފާފައެއް ނުކުރުން ރަނގަޅި ދީނީގޮތުންވެސް ދުނިޔަވީ ގޮތުން ވިޔަސް. އެހެންވީމަ މިހާރު އެދަނީ ރަނގަޅަށް
ލޮލްލޮލް
16 September 2020
އެހެންވީމަ މިހާދު ރިފާއާ އިނީ އޮޅުވާލައިގެންތާދޯ؟ ވަރަށް ރަނގަޅަށް ވެސް އިންނަން މިހަދޫ ހިށައެޅީ ފައްކަޑަން އެދެމީހުންނަށް އެހީވެދޭންދޯ؟ ފައްކެނޑުމަކީ އިސްލާމްދީނުގެ ހުކުމަކީ ހަރާމް އެހެންވިޔަސް މިހާދު ހުށައެޅީ އެނގިހުރެ
1828
16 September 2020
އަންހެނަކަށް ފައިސާ ފެނުނީމައި ދީންނެއް އޮވޭތަ؟
ޛލެލެ9
16 September 2020
އެގްރީ އެގްރީ "ލޮލްލޮލް". މިހާދު ހަމަ ބުނި ފަށް ކަނޑަން އެހީވާނަމޭ. ދެން ކޮން ލޯތްބެކޭ ކިޔާކައްތަ .. ޗި!
ފޯޢް
17 September 2020
"ދޮގު" ކިޔާ ބަހެއް ދަންނަންތަ
އިއްސެ
16 September 2020
ކިނބޫ ކަރުނަ އަޅަން މިހާދަށް އެނގޭނީ. ވާހަކައިގެ ކުއްނު ގެނެސްބަލަ ބިއްމާ
ފޫހި
16 September 2020
މިހާދު އެއުޅެނީ ރިފާ މޮޔަހައްދަން. ފަހުން މިހާދު އަނެއްކާ ވެސް ލޯބިވެރިން ހޯދާނެ. ރިފާ ފައިސާއަށް ތިޔަ ހެއްލެނީ.
ވިސްްނާ
16 September 2020
ރިފާ މިހާދު ކައިރީ މަޑުކޮށްފިއްޔާ ރިފާ ތީ އަންހެނުންނަށް ހުރި ހުތުރެއް..ދެން އޮތީ ރިފާގެ ދަރިފުޅު ހެއްލުމުގެ ބައިހެން ވަރަށް ހީވޭ..ކިތަންމެ ވަރެއް ކުރިއަސް މަނަމަ ބައްޕަ ދޫކޮށްފަ ނުދާނަން.ހުރިހާ އެއްޗަކީ ފައިސާއެއް ނޫން.ކޮބާ ޒާހިރު.ފަންޑިތަ ބައި ކޮޅެއްގަ ޖެހިއްޖެ ބާ
ހަސަނުގެ ހާސަރު
16 September 2020
ޢެ މާ އެއްލާޅެވޭކަށްނެތް- މި މާ ވެސް ނުބިނދެ ވާކަށްނެތް- ދެމާ އެކުގައި ލިބޭކަށް ނެތް. ޢެކަމަކު އެމާ ގެއްލިއްޖިއްޔާ މިމާ ލިބިދާނެ. މާނައަކީ ޒާހިރާ ޒުލްފާ ތަތްވުން. ނިމުނީ
ނަން
16 September 2020
ދެ ަަަނަ