20 ސެޕްޓެމްބަރ 2020 - 08:45
ބުދަ ދުވަހާ ގުޅޭ
ހާއްސަކޮށް ދަރިފުޅަށް އެ އުފާ ހޯދައިދިނުމުގެ ދަހިވެތިކަން ވެސް ރިފާގެ ހިތުގައި ވަކިއަޅަން ފަށައިފިއެވެ. ތަކުރާރުކޮށް ހިތް ކުރަނީ އެއް ސުވާލެކެވެ. ޒާހިރު ދޫކޮށްލައިފައި ނަޝްފާ އަންނާނެ ހެއްޔެވެ؟ ދެ ކަފި މަގެއްގެ މެދުގައި ހުއްޓި ހުރެގެން ރިފާ ވިސްނިއެވެ. ބައެއް ފަހަރު ހިތަށްއަރައެވެ. އެނބުރި އަންނާނަމޭ ޒާހިރު ގާތު ރިފާއަށް ބުނެވުނީ ކީއްވެ ހެއްޔެވެ؟ އެނބުރި އަންނަން ދަރިފުޅު ގާތުގައި ރިފާއަށް ވައުދު ވެވުނީ ކީއްވެ ހެއްޔެވެ؟ އެ ކަން އެހެން ނުކުރެވުނު ނަމައެވެ.
ހަވީރުގެ ވަގުތެވެ. އެއްކޮޅުން ރިފާ ކުރާނެ އެއްވެސް ކަމެއް ނޯވެއެވެ. އަނެއް ކޮޅުން ސައުވީސް ގަޑި އިރު މިހާދު އިންނަނީ ރިފާ ކައިރީގައެވެ. އެހެން ތިބޭ އިރު އެކި ކަހަލަ ވާހަކަދެކެވެއެވެ. އެހެނަސް، ގިނަ ވަގުތު ދެ މީހުން ތިބެނީ އެއްޗެއް ނުބުނެއެވެ. އެ ގުޅުމަށް ނަމެއް ދޭކަށް ރިފާއަކަށް ނުކެރުނެވެ.
މިހާދު ފެންވަރަން ވަނުމުން ރިފާ ކޮޓަރިން ނުކުތެވެ. ހާމަ ފެންޑާއަށް އެރިއެވެ. އެއީ އެ ތަނަށް ރިފާ އެރި ފުރަތަމަ ފަހަރެވެ. އެ ތަނުގައި އޮންނަނީ ގަސް ހައްދައިފައެވެ. ގަސްތަކުގެ ތަރުތީބާއި، ގަހުގައި ބަރާވެފައިވާ މާތައް ފެނުމުން ރިފާއަށް ވިސްނުނީ އެ ކަމަށް މިހާދު ދޭ ސަމާލުކަމެވެ. އެ ތަނުގައި ޖޯއްޔާއި އުނދޯލި ހުއްޓެވެ. ހިތްހަމަޖެހުމާއި، އުފާވެރިކަން މުޅި ތަނަށް ފެތުރިފައިވެއެވެ. އަނެއްކާ ވެސް ރިފާއަށް ކަމުދާ އިތުރު ކަމެއް ފެނުނީއެވެ. ރިފާ ހިތަށްއެރިއެވެ. ޒާހިރު ދޫކޮށްލައިފިއްޔާ ރިފާއަކީ ވަރަށް ނުލަފާ މީހަކަށް ވާނެ ހެއްޔެވެ؟ އަމިއްލަ އެދުން ބޮޑު، ކެހިވެރިޔަކަށް ވާނެ ހެއްޔެވެ؟ ޖޯލީގައި އިށީނދެލައިފައި ރިފާ ވައަތުން ފޯނު ނެގިއެވެ. މޫމިނާއަށް ގުޅައިލިއެވެ. މޫނިމާއަކީ އޮފީސް އެކުވެރިއެކެވެ. ދޭތެރެ ދޭތެރެއިން ރިފާގެ ހާލު ބަލައިލަން މޫމިނާ ގުޅައެވެ. ރިފާގެ ހާލަތު އެންމެ ރަނގަޅަށް އެނގޭނެ އެކުވެރިޔަކީ މޫމިނާއެވެ.
"ވަރަށް ސަކަރާތް ވެއްޖެ!" މޫމިނާ ފޯނު ނެގުމުން ރިފާ ބުންޏެވެ.
"ވަރި ނުކުރާނަމޭ ބުނީ ދޯ؟" މޫމިނާ ސުވާލު ކުރިއެވެ.
"އުހުނ!" ރިފާ ބުންޏެވެ. "އަހަރެން ބޭނުމެއް ނޫން ކަންނޭނގެ ވަރިވާކަށް."
މޫމިނާއަށް ލިބުނީ ވަރުގަދަ ސިހުމެކެވެ. އެއްޗެއް ނުބުނެވިފައި އިރުކޮޅަކު އިންނަން ވެސް ޖެހުނެވެ.
"ކޮބާ ހީވޭ!" ކަން ބޮޑުވެފައިވާ ރާގެއްގައި މޫމިނާ ބުންޏެވެ. "ކޮބާ ހީވޭ! އޭރު ވެސް މަ ބުނިން ދޯ އެންމެ ފަހުން ތިހެނޭ ވާނީ. އެކަމަކު ރިފާ ހަތް ހުވާ ކޮށްފަ ބުނިން ދޯ ތިހެނެއް ނުވާނޭ. މިހާރު ދެން ބުނަން ޖެހޭނީ ތި އޮތީ ރާކަނިމަސް ކެވިފައޭ."
ރިފާ ބޭނުންވަނީ އެ ފަދަ ޖަވާބެއް ނޫނެވެ. ބޭނުންވަނީ ރިފާއަށް ހިތްވަރު ދޭނެ މީހެކެވެ. ރިފާގެ ނިންމުމަށް ތަރުހީބު ދޭނެ މީހެކެވެ.
"ދެން އަޅެ މަ ކިހިނެއްތަ ހަދާނީ؟" ރިފާ ސުވާލުކުރިއެވެ. "އޭނަ ހާދަ ރަނގަޅޭ! އެނގޭތަ! މި ފަހަރު މާލެ އައިއް ސުރެ އަބަދު އިންނަނީ އަހަރެން ކައިރީގަ. އަހަރެންގެ މަންމަ ވެސް ހިޔެއް ނުވޭ އަހަރެން ދެކެ އެހާ ލޯބިވާނެ ހެނެއް. ދެން މޫމިނާ ވީމަ ބުނެފާނަން. މި ދިރިއުޅުން ވެސް ނުލާހިކު އަރާމު. ދެން އަލުން ކުރިން އުޅުނު ގޮތަށް އުޅޭ ހިތެއް ނުވޭ! ކިހިނެއްތަ ހަދަންވީ އަޅެ. މޫމިއަށް ހީވޭތަ އަހަރެންނަކީ ނުލަފާ އިބިލީހެއް ހެން."
މޫމިނާ ހޭން ފެށިއެވެ. އެތައް އިރަކު ހީނފައި ވާހަކަދައްކަން ފެށިއެވެ.
"އާނ! ބުނަން ޖެހޭނީ ތިހެން،" މޫމިނާ ސަމާސާކޮށްލިއެވެ. "ދެން ތި ގޭގަ ހުރެބަލަ! ކޮބާ މައްސަލައަކީ؟"
"މަގޭ ދަރި ނުވާނެ އެއްބަހެއް!" ވަރަށް ޔަގީންކަމާ އެކުގައި ރިފާ ބުންޏެވެ. "އަހަރެން އެތައް ފަހަރަކު ބުނިން އަހަރެން އަންނާނަމޭ. ޒާހިރާ އިންނާނަމޭ. އޭނަ ވަރަށް ލޯބިވާނެ ބައްޕަ ދެކެ. ދަރީގެ ޓެސްޓު ފެށެން މިހާ ކައިރިވެފަ އޮއްވާ އަހަރެން ދެން ނާންނާނަމޭ ބުނެފިއްޔާ އޭނައަށް ކިހިނެއް ވާނީ؟"
"އަހަރެން ބުނަންތަ ވާހަކައެއް،" މޫމިނާ ދެކޭ ގޮތް ކިޔައިދިނެވެ. "ދަރިން ދެކެ ލޯބިވާން ޖެހޭނެ. އެ ކަމާ އެއްބަސް. އެކަމަކު ދަރިފުޅަށްޓަކާ އިނދެގެން އުޅުމާ، ދަރިފުޅަށްޓަކާ ވަރިވާން ނުކެރުން އެއީ ގޮތެއް ނޫން. އެބަ އޮތް މޮޅު ގޮތެއް. އަޅެ ދަރި ކައިރީގަ އަހާބަލަ ވަރި ނުވިޔަސް އޯކޭހޭ؟ އޭރުންތާ އޭނަ ދެކޭ ގޮތް އެނގޭނީ. ދަރިފުޅާ ދޭތެރޭ މަންމަ ތި ވިސްނާ ގޮތަށް، މަންމަޔާ ދޭތެރޭ ދަރިފުޅު ވެސް ވިސްނާނެއްނު. ކިހިނެއް އެނގެނީ؟ އޭނައަށް ސޯޅަ އަހަރު. ފުރާވަރު ކުދިންގެ ވިސްނުން ވަރަށް ތަފާތު ވާނެ. އަޅެ އަހާބަލަ!"
މޫމިނާގެ ލަފާ ރިފާއަށް ކަމުދިޔައެވެ. ނަޝްފާ ގާތުގައި އަހާލުމަކީ ގޯސް ކަމެއް ނޫނެވެ. މޫމިނާޔާ ވާހަކަދެއްކުން ނިންމައިލައިފައި ވިސްނަން އިންދައި މިހާދު ސިޑިން އެރިއެވެ. އޭނަ އައީ އޮރެންޖު ޖޫސްތަށްޓެއް ހިފައިގެންނެވެ. ވަރަށް ހިނިއައިސްފައި ހުރެގެން ރިފާއަށް ޖޫސްތަށި ދިނެވެ.
"ރިފާއަށް ޖޫސް ގެންދާތީ ދައްތަ އެބަ ދިމާކުރޭ!" ހެމުންހެމުން މިހާދު ބުންޏެވެ. "އަނބި ދަށު ވިޔަސް ތި ވަރު ބޮޑޯ!"
"ދެން ނުގެނައި ނަމަ،" ޖޫސް ފޮދެއް ބޯލައިފައި ރިފާ ބުންޏެވެ. "އަހަރެން ނުވެސް ބުނަމެއްނު!"
"އެނގެޔޭ ނުބުނާނެކަން،" ވަރަށް ލޯބިން ރިފާއަށް ބަލައިލަމުން ޖޯލީގައި އިށީނދެފައި މިހާދު ބުންޏެވެ. "އަހަރެން މީ ޒާހިރު ހާ ނަސީބު ގަދަ މީހެއް ނޫނޭ."
ރިފާ އެއްޗެއް ބުނަން އަނގަ ހުޅުވައިލިއެވެ. އެހެންނަމަވެސް ހިތަށްއެރިއެވެ. ބުނެވޭ އެއްޗަކުން ރިފާގެ ހިތުގައި ކަފުން ކުރެވިފައިވާ ލޯބި މިހާދަށް ފާޅު ވެދާނެއެވެ. ރިފާގެ ސިއްރު ބޭޒާރު ވެދާނެއެވެ. އެހެން ވެއްޖެ ނަމަ، ރިފާގެ ފައި ދަށުން ބިންގަނޑު ދެމިގަންނާނެއެވެ. މިހާދުގެ އުނގަށް ރިފާ ވެއްޓުނަ ނުދޭން ހުދު ރިފާއަށް ވެސް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެއެވެ. ރިފާއަށް އެނގެއެވެ. އެ ވަގުތު މިހާދާ ހަތަރު ކަޅި ހަމަ ކޮށްފި ނަމަ ރިފާގެ ދެ ލޯ ވެސް މިހާދުގެ ލޯތްބަށް ހެކިދޭނެއެވެ.
"މިހާދު ނަސީބު ދެރައެއް ނޫނެއްނު!" އިސްޖަހައިލައިގެން އިނދެ ރިފާ ބުނެލިއެވެ. "ނަސީބު ދެރަ މީހުން ހާދަ ހާލެއްގައޭ އުޅެނީ. އެއް އިރު ކެއިއްޔާ އަނެއް އިރު ނުކައި ތިބެނީ."
"މާނައަކީ ލާރިޔޭ ހުރިހާ ވެސް އެއްޗަކީ؟" މިހާދު އެހިއެވެ. "އެންމެ ރަނގަޅު. ތިއެއް ބަލާލަފާނަން. އަހަރެން އަތުގަ ހުރި ހުރިހާ ލާރިއެއް ރިފާއަށް ދީފާނަން."
މިހާދު އެހެން ބުނުމުން ރިފާގެ ހިތް ނިކަން ބާރަށް ތެޅިގަތެވެ. އެ ވަރުން ވެސް މިހާދާ ދިމާއަކަށް ރިފާ ނުބަލައެވެ. ދެން މިހާދު ބުނާ އެއްޗެއް އަޑުއަހަން ތައްޔާރު ވެގެން އިނީއެވެ. މިހާދު ބުނަން އުޅެނީ ކީކޭކަން ރިފާއަށް އެނގެއެވެ.
"ރިފާ ހަމަ އެކަނި ކޮށްދޭންވީ ކަމަކީ ދޮގެއް ހަދައިދޭންވީ!" މިހާދު އެދުނެވެ. "ބުނޭ އަހަރެން ދެކެ ވަރަށް ލޯބިވެޔޭ!"
އެއީ ދޮގެއް ނޫނެވެ. ތެދެކެވެ. ޖޫސްތަށި ބަހައްޓައިފައި މިހާދު ގައިގައި ރިފާ ނިކަން ބާރަށް ބައްދައިލިއެވެ. އަހަރެން ވަރަށް ލޯބިވެޔޭ ބުންޏެވެ. އެއީ ރިފާގެ ހިތް އެ ވަގުތު އެދުނު ގޮތެވެ. ކަން ކުރި ގޮތެއް ނޫނެވެ.
"ކޮބާ ލާރީގެ ބޭނުމެއް؟" ކުޑަކޮށް ހިނިތުން ވެލައިފައި މިހާދު ބުންޏެވެ. "މީހަކު ލައްވާ ދޮގެއް ވެސް ނުހެއްދުނު."
ރިފާ އެ ތަނުން ދިޔުމަށް ޓަކައި ތެދުވިއެވެ. މިހާދު ނުއެއް ތެދުވެއެވެ. އެކަމަކު ރިފާގެ އަތުގައި ހިފޭއްޓިއެވެ.
"އިށީނދެބަލަ!" މިހާދު އެދުނެވެ.
ރިފާ އިށީނެވެ. އެހެނަސް ރިފާގެ ހިތަށް ކެތްވާ ވަރެއް ނޫނެވެ. ކޮންމެ ގޮތެއް ވިޔަސް ހެޔޮކަމަށް ހަގީގަތް ހާމަކުރަން ކިތަންމެ ފަހަރަކު ރިފާ ހިތަށްއެރިއެވެ. ލަފުޒު އޮތީ ދުލު ކުރީގައެވެ.
"އަޑުއަހަން ކިތަންމެ ބޭނުން ނޫނަސް އަދި އެއް ވާހަކަ އަޑުއަހާލާ!" އާދޭހުގެ ރާގަކަށް މިހާދު ބުންޏެވެ. "މާދަމާ ވާނީ ކިހިނެއް ކަމެއް ނޭނގެ. އެކަމަކު މި ވަގުތު ރިފާއަކީ އަހަރެންގެ އަންހެނުން. އަހަރެން އަންހެނުން ގާތުގަ އަހަންނަށް ކޮންމެ އެއްޗެއް ވެސް ބުނެވޭނެ. ރިފާ ދެކެ އަހަރެން ވަރަށް ލޯބިވޭ! ފަހުން ކޮންމެ މީހަކާ ރިފާ އިނަސް އަހަރެންގެ ހިތެއް ބަދަލެއް ނުވާނެ. އެހެން މީހަކާ ނުވެސް އިންނާނަން. ހަމަ ރިފާ ދެކެ ލޯބި ވާނީ."
ރިފާގެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް، ލޮލުގެ ފަރުދާއިން ބޭރަށް ފާޅުވަމުން ދިޔައެވެ. ބަސްމޮށުންތެރިކަން ދެއްވައިފައި ވީ ނަމަ މިހާދުގެ ލޯތްބަށް ކޮންމެ ކަރުނަ ތިއްކެއް ވަކިވަކީން ހެކިވީހެވެ. ބުނީހެވެ. ހުރިހާ ކަމެއް މިހާރު ބަދަލުވެއްޖެއެވެ. ރިފާގެ ހިތުގައި ޖަހާ ކޮންމެ ވިންދެއް މިހާދު ލޯބި ގަބޫލު ކޮށްފިއެވެ.
"އަހަރެން ތި ގޭ ދޮށަށް ދާނަން،" މިހާދު އިތުރަށް ބުންޏެވެ. "އެކަމަކު ނުފެންނާނަން. ފޯނު ނަގާނަން. އެކަމަކު ނުގުޅާނަން. ހެޔޮ ދުއާ ކުރާނަން. އުނދަގުލެއް ނުކުރާނަން. ފަހަރެއްގަ ވެސް ރިފާގެ ހިޔާލު ބަދަލު ވެއްޖެއްޔާ، އަލުން އަންނަން ބޭނުން ވެއްޖެއްޔާ ހަނދާން ކުރާތި! އެންމެ ކޯލެއްގެ ދުރުމިނުގަ އަހަރެން މިހިރީ. މީހުން ބުނާނެ އެއްކަލަ މިހާދު މޮޔަވެގެން އެބަ އުޅެޔޭ. އެއީ އަހަރެން އަންނާނީ ދުވެފަ."
މިހާދު އަތުން ދޫކޮށްލުމުން ރިފާ ހިނގައިގަތެވެ. ހިތްދަތިވެގެން ދެ ފައިން ވާގި ހުސްވާނެ ނަމަ އެ ފަހަރު ރިފާގެ ފައި ތުރުތުރުއެޅީހެވެ. އެހާ ރީތި ހަވީރެއްގައި، އެހާ ލޯބިވާ މީހަކު ދޫކޮށްފައި ދާން ބޭނުން ވާނީ ކާކު ހެއްޔެވެ؟ ރިފާ ކިހާ ރީތިކަން ރިފާއަށް އަންގައިދިނީ މިހާދެވެ. އުފަލަކީ ކޮބައިކަމާއި، ލޯތްބަކީ ކޮބައިކަން އިހުސާސް ކޮށްދިނީ މިހާދެވެ. އެ ވަގުތު ރިފާއަށް ހުއްޓެވުނެވެ. ފަހުން ވަރި ވިޔަސް، ލޯބިވާ ވާހަކަ ބުނަން ރިފާ ބޭނުންވިއެވެ. މިހާދު ކޮށްދިން ކަންތައްތަކަށް ކޮންމެވެސް ބަދަލެއް ދޭން ރިފާ ތައްޔާރުވިއެވެ. ފަހުން ކޮންމެ ގޮތެއް ވިޔަސް ރިފާއަށް ވަރިހަމައެވެ. ފަސް އެނބުރިފައި ރިފާ ބަލައިލިއެވެ.
ނުނިމޭ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕަރސަން
22 September 2020
ރިފާ ހިތުން ރިފާ މިހާދުދެކެ ލޯބިވަނީ، އެކަމު އަސްލުހީވަނީ ފައިސާއާއި ތަނަވަސްކަމާއި އެ އަރާމު ދިރިއުންދެކެއޭ ލޯބިވަނީ ބުނަންނުކެރިގެން ދެން މިހާދުދެކެ އޭ ލޯބިވަނީ މި ބުނަނީ ނޫނީ ހީކުރެވެނީ. އެކަމު އަސްލު ޒާހިރުއަށް ކިހާ ދެރަގޮތެއް މިވަނީ، ފުރަތަމަ ވަރިވާންޖެހުނީވެސް ރިފާ ހޭބަލިވެގެން ޒާތެއްގެ އެއްޗެއް ކައިގެން ޒާހިރު ލޮލަށްބޮލަށް އަރައިގެން. އެ ހުރިހާ ކަމެއް ވީމަވެސް އެކީގައި އުޅެން ޒާހިރު އަދިވެސް ބޭނުންވޭ އެބަ، އެނުވޭތަ ލޯތްބަކަށް؟
ކިޔާމީހާ
20 September 2020
ދެން އޮތްބައި ވަރަށް ޝައުޤުވެރިވާނެ ކަމަށް ލަފާކުރެވޭ.. މިސާލަކަށް މިހާދަށް ކަމެއް ވުން.. ރިފާ ބޭނުންވާ އަޅާލުމާއި ލޯބި އަދި ފައިސާ ނުދެވެވޭނެ ފަދަ ޙާލަތެއް ދިމާވުން.. މުއްސަދިންނަށް އަބަދަކު ހުރިހާ މޮޅެއްވެސް ނުލިބޭނެތާ ދޯ!!!
ނާލާ
21 September 2020
އޭރުން ވަރަށް ސަޅި ޓުވިސްޓަކަށް ވާނެ
ޢަލީ
20 September 2020
މަ ހިތަށް މިއަރަނީ ވާހަކައިގެ މިސްރާބު ހުރިގޮތުން ކުރިން ނުބައިވެގެން އުޅުނު އަންހެންމީހާ އެކުރީ ހަމަ ރަނގަޅުކަމެކޭ. ސަބަބަކީ އޭގެ ސަބަބުން މިހާދަށް ރިފާ ލިބުނީ, އަދި ރިފާވެސް އެންމެފަހުން މިހާދުދެކެ ލޯބިވީ. އެހެންވިއްޔާ ރިފާއަށް ތަނަވަސް އަދި އެހާމެ ލޯބިލިބޭ ޙަޔާތެއް ހޯދައިދިނުމުގެ އަސްލަކީ އެއީތާ!
ޒުލްފާގެ އަންމް
20 September 2020
ބުނޭ ވަރި ނުކުރާށޭ. ދެން ޒުލްފާ އާއި ޒާހިރުއާ ތަތްކޮށްލީމަ މައްސަލަ ހައްލުވީ. އޭރުން ދަރިފުޅުގެ މައްސަލައެއް ވެސް ނޯންނާނެ. ހަބޭސް މިހާދު!
ފޫހު
20 September 2020
ފައިސާއަށް ލޯބިގަނެވޭ ޒަމާން. ޢެއީ ނިކަމެތިކަމުގައި އުޅެން ބޭނުންނުވާތީ. ޢެކަމަކު ރިފާ އަދި ތިޔައީ އުޑުން ތަރިބާލައިދޭ ދުވަސްވަރު. މިހާދު ފަހުން ތިޔަހާ ހެވެއްނުވާނެ. ތިޔަ ހެޔޮވުމުގެ ފަހަތުގައިވަނީ ރިފާގެ ހިތް އަތުލުން. މިހާދުގެ މާޒީ އަކީ ކަޅު މާޒީއަކަށް ވުމަކީވެސް އެކަށީގެންވާކަމެއް. އަދި ރިފާ ވެސް އެއީ ގަމާރަކަށް ނުވާނެ. މާލޭގައި ރަހުމަތްތެރިން ތިބި އޮފީހެއްގައި އުޅޭ މީހެއް. މިހާދުގެ މާޒީ ވެސް ނުބަލާ މިހާދަށް ހިތް ތިޔަ ހަދިޔާކުރީ ފައިސާއަށް
ފޮޑި2
20 September 2020
ޢެމީހަކަށް ފައިދާވާ ގޮތަށް އުޅުމަކީ މައް ސަލަޔެއް ނޫން.
ާައޭނަ
20 September 2020
ހަމަ ފައިސާ އަށް ލޯބި ދޭންވީ. ފައިސާ ނެއް މީހަކާ އިދެ، ފަހުން ތަނަވަސް ކަން ލިބުނީމަ ކުރީގެ އަނބި ވަރިކޮށްލާ ޅަކުއްޖަކާ އިންނަ ބައެއް.
ކިޔާމީހާ ދެރަވެފަ
20 September 2020
އަސްލުވެސް މިހާރު ބިންމާ ގެނެސްދެނީ ވަރަށް ކުރުކޮށް. ދެރަ ކަމަކީ ކޮންމެ ދުވަހެއްގެ ބައިގަވެސް މި ވާހަކައިގަ ހިމެނޭ އެހެން ބައިތަކަށް ކޮންމެވެސް ވަރަކަށް އަލި އަޅުވާނުލާތީ. މިސާލަކަށް ޒާހިރު އާއި އަޅައިގަނެގެން އުޅޭ މަންޖެއާއި ޒާހިރާ ދެމެދު ހިނގަމުންދާ މަންޒަރު މިއަދުވެސް ހިމަނާފަކާ ނުވޭ. އެބައިގެ ތަންކޮޅެއް ވެސް ހިމަނާލިނަމަ ތަންކޮޅެއް ޝައުގެވެރިވެފަ، މިއަދުގެބައިވެސް ތަންކޮޅެއް ދިގު ކޮށްލެވުނީސް.
އާސިފު
20 September 2020
އަހަންނަށް ރިފާ ގޯހެއް ނޫން ހިތްހަމަޖެހުމާ އަރާމާ ލޯބި ބޭނުންނުވާނީ ކާކު؟ އަނެއްކާ އެވެސް ހަލާލުގޮތުގަ.
ދިޔާޝާ
20 September 2020
އަހަރެން
އާސިފު
20 September 2020
އޭސް ދަ ޓައިމް ޗޭންޖްސް، މައިންޑް ޗޭންޖްސް
2739
20 September 2020
ޒާހިރު ދެން ރޯލާ. ބިންމާ ބުނަނީ ފަގީރުންނަކަށް ލޯބި ހޯދައެއް ނުދެވޭނޭ. މުދަލަކީވެސް ލޯތްބަކީވެސް މުއްސަނދިންގެ ހައްގެކެވެ. އެހެންވީމަ ތަންމަތި ބޮނޑި ބަނދެލައިގެން އެކަނި ވެރިއެއްހެން އުޅެ މަރުވޭ. ރިފާއާ މިހާދާ ދާނެ ޒާހިރުގެ ސަލާންޖަހާ ނާށިގަނޑަށް ލާރިއެއް ވައްޓާލަން. ލާރި ވައްޓާލާފަ ދެން އެމީހުންގެ ބީއެމްޑަބްލިއު ކާރުގަ ބުރެއްޖަހާލަން ދާނެ. ޒާހިރު އިނދޭ ބަލާފަ ރޯން. ހެހެ ބިއްމާ ސްޓައިލް!!
ފްލާވާ
25 September 2020
ތިހެން ވާނެ ނަމަ ދޯ
ރީޑަރ
20 September 2020
ބިންމާ އަށް ބިންމާ ފެނިފަ ރީއްޗަށް ލިޔެވޭތީ އެހާ ކުރު ވަރަށް ފޫހި ދެން ފަހަރަކުން ނޫނީ ދެން ނުވެސް ކިޔާނަން
ޢުނބު ޝޭމް
20 September 2020
ޢަދިވެސް ކިޔާނެ. ތިއުޅެނީ ި ހިތް ނުފުރިގެން