ސިލްސިލާ "ޔޭ ރިޝްތޭ ހޭ ޕިޔާރު ކޭ" މި މަހު ނިންމާލަނީ

މިދިޔަ އަހަރުން ފެށިގެން ސްޓާ ޕްލަސް އިން ދައްކަމުން އަންނަ ސިލްސިލާ "ޔޭ ރިޝްތޭ ހޭ ޕިޔާރު ކޭ" މި މި މަހު ނިންމައިލާ ގޮތަށް ހަމަޖައްސައިފި އެވެ.


އެކަން ކަށަވަރުކޮށްދެމުން ސިކްސިލާގެ ޕްރޮޑިއުސަރު ރަޖަން ޝާހީ ބުނީ އޭގެ އެންމެ ފަހު އެޕިސޯޑް ގެނެސްދޭނީ މި މަހުގެ ފަހުކޮޅު ކަމަށެވެ. "ޔޭ ރިޝްތޭ ހޭ ޕިޔާރު ކޭ" ގެނެސްދޭން ފެށީ މިދިޔަ އަހަރުގެ މާޗް މަހުގެ 18 ގަ އެވެ.

މި ސިލްސިލާ އަކީ ރަޖަން ޕްރޮޑިއުސްކޮށް ގެނެސްދޭ ސްޓާ ޕްލަސް އިން މިހާރު ގެނެސްދޭ އެންމެ ދުވަސްވީ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގެ ވާހަކައިން ކުރިފަޅުވައިގެން ގެނެސްދޭން ފެށި އެއްޗެކެވެ. މީފެ ލީޑް ތަރިންނަކީ ޝަހީރު ޝެއިހާއި ރިއާ ޝަރުމާ އެވެ.

މީގެ އިތުރުން "ޔޭ ރިޝްތޭ ހޭ ޕިޔާރު ކޭ" ގެ އެންމެ މުހިއްމު އެއް ތަރި އަކީ ކުރިން ސްޓާ ޕްލަސް އިން ގެނެސްދިން "ސާތު ނިބާބާ ސާތިޔާ" ގައި ކޮކީލާބެން މޯދީގެ ރޯލް ކުޅުނު ރޫޕަލް ޕަޓޭލް އެވެ. "ޔޭ ރިޝްތޭ ހޭ ޕިޔާރު ކޭ" ނިންމައިލަން ހަމަޖެއްސީ އޭނާއާ ވެސް އެކު އެ ސިލްސިލާގެ ދެވަނަ ސީޒަން އަންނަ މަހުގެ ކުރީކޮޅު ދައްކަން ހަމަޖެހިފައި ވަނިކޮށެވެ.

"ޔޭ ރިޝްތާ ހޭ ޕިޔާރު ކޭ" މި ވަގުތަށް ނިންމައިލަން ހަމަޖެހުނު ނަމަވެސް އެ ސިލްސިލާ އިތުރު ސީޒަނެއްގެ ގޮތުގައި އަދި ބެލުންތެރިންނާ ހަމައަށް އައުމުގެ ފުރުސަތު އޮތް ކަމުގެ އިޝާރާތެއް ވެސް ރަޖަން ދީފައިވެ އެވެ. އޭނާ ބުނީ އެ ސިލްސިލާ އަކީ ބެލުންތެރިންގެ ބޮޑު މަގުބޫލުކަން ލިބުނު އެއްޗަކަށްވެފައި. އޭގެ ވާހަކަ އަދިވެސް އޮތީ ކުރިއަށް ގެންދެވެން ކަމަށެވެ. އެހެންވެ ތަންކޮޅެއް ފަހުން އަދި ޝަހީރާއި ރިއާގެ ޖޯޑު ބެލުންތެރިންނާ ބައްދަލުކުރުމުގެ ފުރުސަތު ބޮޑު ކަމަށް ބުންޏެވެ.

ދައްކަން ފެށިތާ ދޮޅު އަހަރެއްހާ ދުވަސް ފަހުން "ޔޭ ރިޝްތޭ ހޭ ޕިޔާރު ކޭ" ނިންމައިލާ އިރު، ސިލްސިލާގެ 340 އަށް ވުރެ ގިނަ އެޕިސޯޑް މިހާތަނަށް ގެނެސްދީފައިވެ އެވެ. މި ސިލްސިލާ ހުއްޓައިލުމާ އެކު އެ ގަޑީގައި ދެން ގެނެސްދޭނީ "ސާތު ނިބާނާ ސާތިޔާ 2" އެވެ.

ސިލްސިލާ ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހުގެ ރެއިން ފެށިގެން ހޮނިހިރު ދުވަހުގެ ރެއާ ހަމައަށް ގެނެސްދޭނެ އެވެ.