30 ސެޕްޓެމްބަރ 2020 - 08:43
އާދިއްތަ ދުވަހާ ގުޅޭ
"އެކަމަކު ރިފާ ހުއްދަ ދީފިއްޔާ!" މިހާދު ބުންޏެވެ.
އިތުރަށް މިހާދު ފަލީހަތް ވުމުގެ ބޭނުމެއް ރިފާއަކަށް ނުވިސްނެވެ. ކޮންމެ ގޮތަކަށް މިހާދު ވާހަކަ ދެއްކިޔަސް ނަޝްފާ އެއްބަހެއް ނުވާނެކަން ރިފާއަށް ކަށަވަރެވެ.
"އަހަރެން މީ ނަޝްފާގެ މަންމަ،" ރިފާ ބުންޏެވެ. "ނަޝްފާގެ ގޮތް އެނގޭނީ އަހަންނަށް. އޭނަ ނުވާނެ އެއްބަހެއް."
މިހާދު ބެލީ ރިފާގެ ރުހުން ލިބުނީ ކަމަށެވެ. ރިފާ ލައްވައި ނަޝްފާއަށް ގުޅުވައިގެން ވަގުތާއި ތަނެއް ހަމަޖައްސަން މިހާދު މަސައްކަތް ކުރިއެވެ. އެކަމަކު ނަޝްފާ ހިތްހަމަނުޖެހިފައި ހުރުމުން ރިފާގެ ފޯނަކަށް ޖަވާބެއް ނުދިނެވެ. މެސެޖު ފޮނުވައިގެން ވެސް ނަޝްފާގެ ޚަބަރެއް ނުވިއެވެ. އެންމެ ފަހުން މިހާދުގެ ފޯނުން ގުޅިއެވެ. ނަޝްފާ ފޯނު ނެގިއެވެ. މިހާދު ކަން ހަމަ އެނގޭ އިރަށް ފޯނު ކަނޑައިލިއެވެ. ނަޝްފާއާ ހަމައަށް ދެވެން އޮތް ހުރިހާ މަގެއް، އެ ހިސާބުން މިހާދަށް ބަންދުވިއެވެ.
މިހާދު ކާރުގައި ނަޝްފާގެ ގެއަށް ދިޔައެވެ. އެކަމަކު ގެއަކަށް ނުވަދެއެވެ. ތަންކޮޅެއް ދުރަށް ކާރު މަޑުކޮށްގެން އިނީއެވެ. ގެއަށް ނުވަނީ އޭގެ ސަބަބުން ރިފާއަށް އިތުރު އުނދަގުލަކާ ކުރިމަތިލާން ޖެހިދާނެތީއެވެ. ނަޝްފާ އިސްކޫލަށް ދާން ނުކުތް ތަން ވެސް މިހާދަށް ފެނުނެވެ. ހަމަ އެ ވަގުތު ޒާހިރު ސައިކަލުގައި އައިސް ނަޝްފާ ކައިރިއަށް މަޑުކޮށްލިއެވެ. ސައިކަލުގެ ފަސްފަހަތުން ތަންކޮޅަކަށް މިހާދު ދިޔައެވެ. މަގު ބެދިގެން، ވަކި ހިސާބަކުން ސައިކަލު ގެއްލުނީއެވެ. ނިމޭ ގަޑިއަށް އިސްކޫލު ކައިރިއަށް ގޮސްގެން ވެސް މިހާދަކަށް ފުރުސަތެއް ނުލިބުނެވެ.
ދަންވަރުގެ ވަގުތެވެ. މިހާދަކަށް ނުނިދެއެވެ. ރިފާ އޮތީ ފުން ނިންޖެއްގައެވެ. ރިފާގެ މޫނަށް ބަލަހައްޓައިގެން މިހާދު އެތައް އިރަކު އޮތެވެ. އެ މޫނު ނުފެންނަ ދުވަހަކަށް އިރު އަރާކަށް މިހާދު ބޭނުމެއް ނޫނެވެ. އެކަމަކު އެ ދުވަސް ދެކެން ޖެހޭނެހެން މިހާދަށް ހީވާން ފަށައިފިއެވެ. ރިފާ ކުރިމަތީގައި މިހާދު ކިތަންމެ ސާބިތު ވިޔަސް، މިހާދުގެ މާދަމާ ފެންނަނީ ފުސްކޮށެވެ. ފަޅުކޮށެވެ. އެކަނިވެރިކޮށެވެ. މިހާދުގެ ހިތް ބުނާ ކަހަލައެވެ. އެހެން މީހަކަށް ރިފާ ލިބެން ދެން މާ ގިނަ ދުވަހެއް ނެތެވެ. ބަލާށެވެ. ހިތް ފުރެންދެން ބަލާށެވެ. މިހާދުގެ ނަސީބަކު ރިފާއެއް ނެތެވެ. ކުއްލިއަކަށް ވާރޭ ވެހިގަތް އަޑު އިވުނެވެ. ނިކަން ބާރަށް އެއް ފަހަރު ގުގުރިއެއް ޖެހިއެވެ. އެ އަޑަށް ސިއްސައިގެން ގޮސްފައި ރިފާ ހޭލިއެވެ. އޭރު ވެސް މިހާދު އޮތީ ރިފާއާ ދިމާލަށް ބަލަހައްޓައިގެންނެވެ. ލޮލުގައި ހިތާމަ، ތުންފަތުގައި އުފާވެރިކަން އެކުލެވިފައިވާ މޫނަކައިގެންނެވެ. މިހާދު ފެނުމުން ރިފާ ވެސް ހިނިތުންވެލިއެވެ.
"ނުނިދަންތަ؟" ނިދި އަޑަކުން ރިފާ އެހިއެވެ.
"ނިންޖެއް ނެތް!" މިހާދު މަޑުމަޑުން ބުނެލިއެވެ. "ރިފާ ނިދާފަ އޮންނަލެއް ހާދަ ލޯތްބޭ!"
ރަކި ގޮތަކަށް ރިފާ ހިނިތުންވެލަމުން ލޯމަރައިލިއެވެ. ނާޒުކު ކަފަމަލެއްގައި ވެސް މީހަކު އަތް ނުލާނެހާ މަޑުމަޑުން ރިފާގެ ކޮލުގައި މިހާދު ފިރުމައިލިއެވެ.
"އަހަރެންގެ ކޮންމެ ކަމެއް ވެސް މިހާދަށް ލޯބިވާނެ،" ކިރިޔަކިރިޔާ އަޑު އިވޭ ވަރަށް ރިފާ ބުނެލިއެވެ. "ހިސާބަށް ވުރެ މޮޔަ ބޮޑުވީމަ ވާނެ ތިހެން."
"އެއްބަސް!" މިހާދު އެއްވެސް ޖެހިލުމެއް ނެތި ބުންޏެވެ. "އަހަރެން މަރުވާ އިރު އޮންނާނީ މޮޔައިންގެ ހޮސްޕިޓަލެއްގަ. އެ ކަމަކާ އަހަރެން ހާހެއް ނުވޭ! ދެރައެއް ވެސް ނުވޭ! މި ގެއަށް ވުރެ ހޮސްޕިޓަލެއް އަހަންނަށް ރަނގަޅީ ވެސް. މި އެނދާ، މި ކޮޓަރިޔާ، މި ގެޔާ، ހުރިހާ ތަނެއްގަ ވެސް ރިފާގެ ހަނދާންތައް ހަރުލާފަ ހުންނާނެ. ރިފާ ދިޔައިމަ ވެސް އަހަންނަށް މި ގޭ ތެރެއިން ރިފާ ފެންނާނެ. އެއީ ޔަގީންކަމެއް. އެކަމަކު ހޮސްޕިޓަލަކުން ނުފެންނާނެ. ތަންކޮޅެއް ހަމަޖެހިލައިގެން އަހަންނަށް އޮވެވޭނެއްނު. އަންނައްޗޭ އަހަންނަށް ގޮވާލަން."
ރިފާ އެއްވެސް އެއްޗެއް ނުބުނެއެވެ. އެކަމަކު މިހާދު ދެއްކި ވާހަކައިން ރިފާގެ ހިތަށް ފުން އަސަރުތަކެއް ކުރިކަން ރިފާގެ މޫނުމަތިން އެނގުނެވެ. ރިފާ ބިއްދޮށަށް އެނބުރުނެވެ. މަރައި ތަގުޅި ކޮށްފައިވާ ލޮލުން ފޭދުނު ކަރުނަ މިހާދަށް ފެންނާކަށް ރިފާ ބޭނުމެއް ނުވިއެވެ. އެހެނަސް ރިފާ ފުރަގަސް ދިން ސަބަބު މިހާދަށް އެނގުނެވެ.
"ރިފާ ހިނގާބަލަ!" ކުއްލިއަކަށް ތެދުވަމުން މިހާދު ބުންޏެވެ.
މިހާދުގެ ހަރަކާތް އަވަސްކަމުން އިތުރު ސުވާލެއް ކުރާކަށް ރިފާއަކަށް ފުރުސަތެއް ނުލިބުނެވެ. ތުނި، އެހާމެ ކުރު ނިދާހެދުން މަތިން އިތުރު އެއްޗެއް ނުލެވުނު ތަނުގައި، ފައިވާނަށް އަރާކަށް ވެސް މިހާދު ދަނޑިވަޅެއް ނުދިނެވެ. ދިޔަ ގޮތަށް ކޮޓަރިން ނުކުމެގެން މިހާދު އެރީ ހާމަފެންޑާއަށެވެ. އޭރު ބޯކޮށް ވާރޭ ވެހެއެވެ. ވާން އުޅޭ ގޮތް ރިފާއަށް ވިސްނުނެވެ. އެ ހިސާބުން ރިފާ ހަޅޭއްލަވައިގަތެވެ. ހޭން ފެށިއެވެ. ވާރޭ ތެރެއަށް ނުނިކުންނަން ގަދަހަދަން ފެށިއެވެ. މިހާދު ކުއްލިއަކަށް ރިފާ އުރާލައިގެން ވާރޭ ތެރެއަށް ނުކުންނަށް ހިނގައިގަތެވެ. ރިފާ މޫނުމަތީގައި އަތްއެޅިއެވެ.
"އަހަރެން ފިންޏަށް ވަރަށް ބަލިވާނެ އިނގޭ،" ހެމުންހެމުން މިހާދު ބިރުގެންނެވޭތޯ ރިފާ މަސައްކަތް ކުރިއެވެ. "އަހަރެން ހުންއަންނާނެ. ރޯގާ ޖެހޭނެ. މާ ބޮޑަށް ފިނިވެއްޖެއްޔާ އަހަންނަށް ފިޓްޖެހޭނެ މިހާދުގަނޑާ!"
މިހާދު ހުއްޓުނީ ހާމަފެންޑާގެ މެދުގައެވެ. އެންމެ ހާމަކޮށް އޮތް ދިމާލުގައެވެ. ކުރިޔަށް ވުރެ ބާރަށް ރިފާ ހޭން ފެށިއެވެ. ތެމިއްޖެއްޔާ ރިފާއަށް ވާނެ ގޮތުގެ ދިގު ލިސްޓެއް ރިފާ ކިއެވެ. ރިފާ ދެއްކި އެއްވެސް ވާހަކައެއް އަޑުއެހުމެއް ނެތި މިހާދު އެ ތަނުގައި ހުރެގެން މަޑުމަޑުން އެނބުރުނީއެވެ. ވާރޭ ކުރިޔަށް ވުރެ ބޯކޮށްލިއެވެ. ފިނި ވައިރޯޅިން ރިފާގެ މުޅި ހަށިގަނޑު ތޮރުފައިލި ކަހަލައެވެ. ވިދާލި ވިދުވަރާ އެކުގައި، ދުރުދުރުން އިވުނު ގުގުރީގެ ރައްދުއަޑު ޖައްވަށް ފެތުރިގެންދިޔައެވެ. ލަސްލަހުން، މަޑުމަޑުންނެވެ. އެ ހިސާބުން ރިފާ ޝަކުވާކުރުން ހުއްޓައިލިއެވެ. ދެ އަތްތިލަ ހުޅުވައިލިއެވެ. އަތުގެ ހުދު ހަމާއި މޫނުގައި ފެންތިކިތައް ބީހެން ދޫކޮށްލިއެވެ. ފެނަކީ ދިރުމެކޭ ކިޔާކަން ރިފާއަށް އެނގެއެވެ. އެ ދިރުމުގައި ފޮރުވިފައިވާ އުފާވެރިކަން ރިފާ ތަޖުރިބާކުރީ އެ ރެއެވެ. އެއީ ރިފާގެ މުޅި ހަޔާތުގައި ވެސް ކުރިން ކޮށްފައި ނުވާ އަރާމު އިހުސާސެކެވެ. ހިތުގައި ބިންވަޅު ނެގުނު، ފޮނި ހަނދާނެކެވެ.
މެންދުރު ޒާހިރު ގެއަށް އައި އިރު ޒުލްފާ ހުރީ ޒާހިރު އުޅޭ ބައިގެ ދޮރުމަތީގައެވެ. އޭނަޔާ ދިމާވާކަށް ޒާހިރު ބޭނުމެއް ނޫނެވެ. ޒުލްފާއަށް ފެންނާކަށް ވެސް ބޭނުމެއް ނޫނެވެ. ޒާހިރު ފެނުމުން ލާނެތް ގޮތަކަށް ޒާހިރާ ދިމާއަށް ޒުލްފާ ބަލައިލިއެވެ. ޒާހިރު އިސްޖަހައިލިއެވެ. ގެއަށް ވަންނަން ވެގެން ޒާހިރު އައުމުން ދޮރުމަތިން އެއްފަރާތް ވުމުގެ ބަދަލުގައި ދޮރުކަނީގައި ޒުލްފާ ލެނގިލިއެވެ. ދެ އަތް ފުރަގަހަށް ލައިގެންނެވެ. ވީހާ ވެސް ބޮޑަކަށް ދޮރު ބެދޭ ކަހަލަ ގޮތަކަށެވެ. ޒުލްފާ ދެކެ ޒާހިރު ފޫހިވެފައި ހުރި ވަރުން ތަން ދައްކަން ބުނަން ވެސް ޒާހިރު ފޫހިވިއެވެ. ޒާހިރު ދޮރުން އެތެރެއަށް ވަންނަން ފަރިވެލާ އިރަށް، ކުރިޔަށް ވުރެ ބޮޑަށް ޒުލްފާ ދޮރު ބައްދައިލައެވެ.
"ތަންދައްކާ!" ޒާހިރު މަޑުމަޑުން ބުންޏެވެ.
"ކޮން ތަނެއް؟" ހައިރާންވާ ކަމަށް ހެދިފައި ޒުލްފާ ބުންޏެވެ. "އަހަރެން ގައިގަ ޖެހިދާނެތީ ވެސް ހާދަހާ ބިރެކޭ ދޯ ތި ގަންނަނީ؟ ރިފާ އެ އުޅެނީ އެހެން މީހަކާ އިނދެގެން. ހީކުރިން ދޯ އޭނަ އެއް ދުވަހު އިނދެފަ އަނެއް ދުވަހު ވަރިކުރާނޭ؟ ޒާހިރު ހާދަހާ މޮޔައޭ! އެ ދެ މީހުން ރާވައިގެން އެ ކަމެއް ކުރީ. އެހެން ނޫން ނަމަ މިހާރު ވަރި ނުކުރިޔަސް ރިފާ ހުރީހީ މި ގޭގަ. މަ ބުނީތީ ވެސް ބަލަން ހުރޭ ދެން ވާ ގޮތް. މާދަމާ އިވޭނީ އޭނަ ބަނޑުބޮޑުވި ވާހަކަ. ހުރިހާ އެންމެނެއް ނޫޅޭނެ ޒާހިރާ ހެދި މޮޔަވެގެނެއް."
ޒުލްފާ ދިޔައީ ޒާހިރުގެ ހިތަށް ފިސާރި ތަދުކޮށްލައިފައެވެ. ހިތާމައަކީ، ތީ ހުސް ދޮގޭ ބުނެލަން ވެސް ޒާހިރުގެ ދޫ ހަރަކާތް ނުކުރި ކަމެވެ. ޒާހިރުގެ ލޮލަށް ފެންނަމުންދާ މަންޒަރުތަކާއި، ރިފާ ކަންތައް ކުރާ ގޮތާއި، ޒުލްފާ ދެއްކި ވާހަކަޔާ ދިމާވެއެވެ. އެތައް ގޮތަކުންނެވެ. މިހާދާ އިން ތާ ކައިރީގައި، އިރުއިރުކޮޅާ ރިފާ ގުޅައެވެ. މަދުވަމުން މަދުވަމުން ގޮސް އެ ކަން އެއްކޮށް ހުއްޓިއްޖެއެވެ. މިހާދު މަނާކުރީ ކަމަށް ވެދާނެއެވެ. އެކަމަކު ރިފާ އެ ގޮތް ގަބޫލުކުރީ ކީއްވެގެން ހެއްޔެވެ؟ އެއްބަސްވެވުނީ އެ ގޮތަކަށް ނޫނެވެ. ޔަގީނުން ވެސް ކޮންމެވެސް ނުބަޔެއް ހިނގައިފިއެވެ. ޒާހިރު އިސްޖަހައިލައިގެން ވިސްނަން ހުއްޓައި ނަޝްފާ ކޮޓަރިން ނުކުތެވެ.
"ބައްޕާ!" ޒާހިރު ހުއްޓިގެން ހުރި ގޮތުން ކުޑަކޮށް ހައިރާންވެގެން ނަޝްފާ ގޮވައިލިއެވެ.
ޒާހިރު ބަލައި ވެސް ނުލައި އައި ގޮތަށް ކާން އިށީނެވެ. އެއީ ކުރިން ޒާހިރު ކަންތައް ކުރި ގޮތެއް ނޫނެވެ. ޖެހިގެން ހުރި ގޮނޑީގައި ނަޝްފާ އިށީނެވެ.
"ކިހިނެއްވީ؟" ނަޝްފާ ސުވާލުކުރިއެވެ. ދެން ވެސް ޒާހިރު އަޅާނުލުމުން ނަޝްފާ އަނެއްކާ ވެސް ގޮވައިލިއެވެ. "ބައްޕާ!"
އެ ފަހަރު ޒާހިރު ބަލައިލިއެވެ. ނުކުރަން ހުރި ސުވާލު ކުރަން ނިންމިއެވެ.
"ދަރިފުޅަށް ހީވޭތަ މަންމަ އަންނާނެހެން؟" ޒާހިރު އެހިއެވެ.
"ނާންނާނެ!" ނަޝްފާ ވަގުތުން ޖަވާބުދިނެވެ. "ކުރިން އަހަރެން މިހެނެއް ނުބުނަމެއްނު! ކުރިން ދެއްކި އެއްވެސް ވާހަކައެއް މަންމަ މިހާރަކު ހަނދާނެއް ނެތް."
އެހެން ކޮންމެ ފަހަރަކު ވެސް ޒާހިރަށް ހިތްވަރުދޭ ދަރިފުޅުގެ ދުލުން އެ ފަދަ ބަސްތަކެއް އިވުމުން، ފުންކޮށް ވިސްނަން ޒާހިރަށް މަޖުބޫރުވިއެވެ. ޒުލްފާ ދެއްކި ވާހަކައާއި ނަޝްފާގެ ވާހަކަ ގުޅުވައިލެވުނެވެ. އުންމީދުގެ ކަނި ހުޅުކޮޅު، ވައިރޯޅިއަކަށް ނަށައިލައިފައި ނިވުނުހެން ނިވުނު ކަހަލައެވެ.
ކައި ނިމިގެން ޒާހިރު ފިހާރަޔަށް ދިޔައިރު ޒާހިރުގެ ވިސްނުން ހުރީ މުޅިން އެހެން ދިމާއެއްގައެވެ. މަގުމަތީގެ ކާރުބާރު ކިހާ ބޮޑު ކަމެއް ޒާހިރަކަށް ނުވިސްނެއެވެ. ވަންނަން ދިމާކުރެވުނީ އެއްކޮޅަށް ދުއްވާ މަގެއްގެ ނުބައި ކޮޅުން ކަމެއް ވެސް ހަނދާނެއް ނެތެވެ.
ނުނިމޭ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފްލާވާ
03 October 2020
މޮޔަ ނުވެ ޒާހިރު އެހެން މީހަކާ އިނދެބަލަ
ފްލާވާ
03 October 2020
ޟައިން ބަފައިން ހުތުގަ ޖެހިދާނެތީ އެމީހުންނާ ދިމާލަށް އުއްފު ވެސް ނުބުނުމަށް ދީނުގަ އަންގަވާފައި ވޭ. އެހެން ވީމަ ނަޝްފާ އަށް ވެސް ރަނގަޅުވާނީ ތަގުދީރާ ރުހުން.އަންހެން ކުއްޖަކު ބޮދަށް ރަނގަޅު ވާނީ މަނަމަ ކައިރީ ހުރއްޔާ
ފްލާވާ
03 October 2020
މީހަކު އޭނާގެ މުސްކުޅި މަންމަ ކޮނޑަށް ލައިގެން ގެފުޅު ވަށާ 11 ބުރު ޖެހި އިރު އޭނާ ވިހެއުމަށްތަކައި އެމަންމަ އުފުލި ވޭން ވަރުގެ ތެރެއިން އެންމެ ވޭން ވަރެއްގެ މިންވަރު އަޑަ ނުވޭ. މިކަމުނއ ވެސް އިނގެނީ މައިން ގެ ގަދަރު .ނަޝްފާ އަސް މިކަން ވިސްނޭނެ ކަމަށް އުއްމީދު ކުރަން
ފްލާވާ
03 October 2020
ދީނުގައި ދަރިން ނަށް އަންގަވާފައި ވަނީ މައިންބަފަެިންނަށް ކިޔަމަން ވުމަސް. ޢެމީހުން ހިތުގަ ޖެހޭގޮތަށް ކަންތަށް ނުކުރަން .މަޔަކު ދަރިޔަކު ވިހާފަ އެއްލައިލި ނަމަވެސް އެދަރިފުޅު ބޮޑުވެގެން މަންމަ ލޯތްބާ އެކު ބެލިޔަސް މާބަނޑު ދުވަސް ވަރު އެމަންމަ އުފުލި ވޭނުގެ އަގުވެސް އަދާ ނުކުރެވޭނެ ކަމަށް ހަދީސް ކުރައްވާފައިވޭ. ޥީއިރު ނަޝްފާޔަށް އޮތީ ކޮން ހައްގެއް ތޯ މަންމަ ހިތުގަ ޖެހޭ ގޮތަށް ކަންތަށް ކުރަން
ފްލާވާ
03 October 2020
ރިފާ މިހާދު ދެކެ ލޯބިވޭ .މިހާދު މާ ރޮމޭންޓިކް.މިހާދު ރިފާ ބޭނުން ހާ ކަމއް ކޮށްދޭ.ރިފާ ގެ ދަރިފުޅު ދެކެ މިހާދު އެހާ ލޯބިވޭ. ޜިފާ ބުނެފިއްޔާ ރިފާ އަށް ގަނޑުވަރެއް ވެސް މިހާދު އަޅައިދޭނެ. ޑެން ރިފާ ކީއްވެ މިހާފު ދޫކޮށްލާފަ ނިކަމެތި ކަމަށް ދާން މަސައްކަތް ކުރަނީ. މިވަރު ފުދޭ ރިފާ މިހާދާއެޚީ ދިރިއުޅުމަށް. ނަޥްފާ ރުއްސައިގެން
ފްލާވާ
03 October 2020
މަ އެދެނީ ރިފާ އާއި ނަޝްފާ ނިކަމެތިކަމުން ސަލާމަތްވެ މުއްސަނދިކަން ލިބުމެ???އެއީ އަހަރެންނަށް އެމީހުންގެ ހާލް އިހުސާސް ކުރެވޭތީ???އަދި ރިފާ އަށް ވެސް ލޯބިވާ މީހަކާ ގުޅުމުގެ ހައްޤު އޮންނާނެ???
ފްލާވާ
03 October 2020
ކޮންމެ ގޮތަކަށް ކުރެވުނަސް ކައިވެންޏެއް ކުރުމަށްފަހު ވަރިބނުވުން ރަނގަޅީ???އެހޭނީ ދީނުގައި އަންގަވާފައިވޭ ފިރިމީހާގެ ގާތުން އެއްވެސް މަޤުބޫލު އުޒުރެއް ނެތި ވަރިވާން އެދޭ އަންހެނުން ނަށް ސުވަރުގޭގެ ވަސް ވެސް ނުފެންނާނެ ކަމަށް???ވީއިރު ނަޝްފާ ރިއްސައިގެން މިހާދާ އެކު އުޅޭ???އަދި ކުރިން ކުރެވުނު ކުށް ތަކަށް ތައުބާވޭ???ޒާހިރު ވެސް ދެމަފިރިން ދޭޔެރެއަށް ވަންނަން ނޫޅެ އެގެން މީހަކާ އެކު ރީތި ދިރިއުޅުމެއް ފަށާ??މީ ރަނގަޅު ގޮތަކީ
ފްލާވާ
03 October 2020
ޢެއްވެސް މީހަކަށް ހުރިހާ އެއްޗެއް ނުލިބޭނެ???ރިފާ މިޖާރު ތީ މީހެއްގެ އަންބެއް❤️❤️❤️ކުރީގެ ފިރިމިީހާ މިހާރު ވާނީ ހިލޭ މީ ހަކަށް އޭނާ މަތިން ހަނދާން ކުރުމުން ރިފާ ފާފަވެރިވާނެ?????
ރޯސް
02 October 2020
ހރޯސް އަށް ހީވަނީ ރިފާޔާ މިހާދަށް ފިރިހެން ކުއްޖެއް ލިބޭނެހެން ???ދެން ޒާހިރު އެކްސިޑެންޓް ވެފައި??? ނަޝްފާ ރިފާ ކައިރިފަށް އަންނަނީ ހެން ???.ޒާހިރު ކޯމާއެއްގައި އޮއްވާ މިހާދު ކޮންމެވެސް ގޮތަކުން މަރުވާނީ???.އަދި ޒާހިރު ގެ އަރާނީ???.ދެން ލޯބި ހޯދަން ލޯތްބާއި ދުރަށް ކުރި ދަތުރު ނިމޭނީ?
ނެކްސްޓް
30 September 2020
މިހާދަކީ ވަރަށް ފޭކް މީހެއް ރިފާ ދެކެތިހާ ލޯބިވާނަމަ ލޯބުހުށައަޅައިގެން ބަހާ އަމަލާ ދިމާވާ ގޮތައް ރިފާ ހޯދިނަމަދޯ. އެންމެންނަށް އޮޅުވާލައިގެން އިނީ ފައްކަޑާ ދޭށޭ ކިޔާފައި. މަށަށް ހަމަ އެއްގޮތަކަށްވެސް ކަމުދާ ކެރެޓަރއެއްނޫން. ފައިސާގެ ދަޅަދައްކައިގެން މީހުން ހެއްލުން މީކީ
ާއަތިރީ ކަ މަނާ
30 September 2020
ޙަގީ ގީ ފަ އިސާ ވެރިޔެއް ނަ މަ މައްސަލަޔެއްނެތް. މައްސަލަޔަކީ ބަޔެއް ފިރިހެނުންއަތުގަ ދެރުފިޔާ ނެތް އިރުވެސް. މާބޮޑު ފައިސާ ވެރިޔަކަށް ހެދިގެން އަން ހެންކުދިންނާ އާއިލާ ހައްދާތީ ަަަ
1828
30 September 2020
ފައިސާއޭ ބުނާއިރަށް އަންހެނުން އެފިރިހެނަކަށް ކެޓެން ޖެހޭތަ؟ މީހާދެކެއެއް ނޫނޭ މި އަންހެނުން ލޯބިވަނީކީ، ފައިސާދެކެ އަންހެނުން ލޯބިވަނީ.