ސްޓާ ޕްލަސްގެ ސިލްސިލާއެއް ޕްރޮމޯޓްކޮށްދޭން ރޭކާ ހަވާލުވެއްޖެ

ސްޓާ ޕްލަސް އިން އަންނަ ހޯމަ ދުވަހުގެ ރޭ ދައްކަން ފަށާ އާ ސިލްސިލާ "ގުމް ހެ ކިސީ ކޭ ޕިޔާރު މޭ" ޕްރޮމޯޓްކޮށް ދިނުމުގެ މަސައްކަތާ ބޮލީވުޑްގެ ބަތަލާ ރޭކާ ހަވާލުވެއްޖެ އެވެ.


ރޭކާއާ އެކު އޭގެ ޕްރޮމޯއެއް ވެސް މިހާރު އަންނަނީ ދައްކަމުންނެވެ. "ގުމް ހެ ކިސީ ކޭ ޕިޔާރު މޭ" ސިލްސިލާގެ ނަމަކީ ރޭކާ އާއި ރަންދީރް ކަޕޫރް 1972 ގައި ކުޅުނު ފިލްމު "ރާމްޕޫރް ކާ ލަކްޝްމަން" ގެ ލަވައެއްގެ ކަޑިއަކުން ނަން ދީފައިވާ ސިލްސިލާއެކެވެ. އާރްޑީ ބަރްމަންގެ މިއުޒިކަށް ހަދާފައިވާ އެ ލަވަ ކިޔާފައި ވަނީ ލަތާ މަންގޭޝްކަރާއި ކިޝޯރް ކުމާރެވެ.

ރޭކާ، 65، އަށް ސިލްސިލާ ޕްރޮމޯޓްކޮށްދޭން ފުރުސަތު ލިބުނީ އެ ލަވަ އަކީ އޭނާގެ ކެރިއަރުގެ ވަރަށް ހާއްސަ ރީތި ލަވައަކަށްވާތީ އެވެ.

ރިޕޯޓްތައް ބުނާގޮތުން "ގުމް ހެ ކިސީ ކޭ ޕިޔާރު މޭ" ގެ ދެ މިނިޓްގެ ޕްރޮމޯ އަށް ރޭކާ އެއްބަސްވީ ފަސް ކްރޯޑެއްހާ ރުޕީސްއަށެވެ. މި ސިލްސިލާ އަންނަ ހޯމަ ދުވަހުގެ ރެއިން ފެށިގެން ހޮނިހިރު ދުވަހުގެ ރެއާ ހަމައަށް ރާއްޖެ ގަޑިން 7:30 ގައު ގެނެސްދޭނެ އެވެ.

"ގުމް ހެ ކިސީ ކޭ ޕިޔާރު މޭ" ގެ ލީޑް ތަރިންނަކީ ނީލް ބަޓާއި އައިޝްވާރިއާ ޝަރުމާގެ އިތުރުން އައިޝާ ސިންގް އެވެ.

ސިލްސިލާއެއް ޕްރޮމޯޓްކޮށް ދިނުމުގެ މަސައްކަތާ ހިންދީ ސިނަމާގައި ޑީވާއެއްގެ ގޮތުގައި ސިފަކުރާ ރޭކާ ހަވާލުވު އިރު، މަޝްހޫރު ބައެއް އެހެން ތަރިން ވެސް މިފަދަ މަސައްކަތްތައްކޮށްފައިވެ އެވެ. އެގޮތުން ސްޓާ ޕްލަސް އިން މިހާރު ނިންމައިލަން ހިފާފައިވާ "ކަސޯޓީ ޒިންދަގީ ކޭ" 2018 ގައި ފެށި އިރު، އެ ޕްރޮމޯޓްކޮށް ދިނުމުގައި ޝާހްރުކް ޚާން ހިއްސާވި އެވެ. އަދި މިދިޔަ އަހަރު އެ ޗެނެލުން ގެނެސްދިން "ކަހާ ހަމް ކަހާ ތުމް" ޕްރޮމޯޓްކޮށް ދިނުމުގައި ސައިފް އަލީ ޚާން ހިއްސާވި އެވެ.