04 އޮކްޓޯބަރ 2020 - 08:45
ބުދަ ދުވަހާ ގުޅޭ
މަގުގެ މެދަކާ ހަމައަށް ދެވުނު އިރު ވެސް، އެއީ އެއްކޮޅަށް ދުއްވާ މަގެއް ކަމެއް ޒާހިރަކަށް ނޭނގެއެވެ. ޒާހިރާ ދިމާއަށް އައީ ކޯޗެއް ކަމެއް، އޭތި ޖެހުނީ ކޮން ތާކު ކަމެއް ވެސް ނޭނގެއެވެ. އެކަމަކު އެއްޗެއް ޖެހުނުކަން ޒާހިރަށް ޔަގީނެވެ. އެ ހިސާބުން ޒާހިރުގެ ލޯމައްޗަށް އަނދިރިވީއެވެ.
މިހާދުގެ ބޮލަށާއި ކަކުލަށް ކުޑަކޮށް ތަދުވިއެވެ. އުޅަނބޮށްޓާއި އަތްތިލަ މަށައިގެންދިޔައެވެ. ބުމަ ކައިރިން ކުޑަ ތަންކޮޅެއް ކަނޑައިގެން ދިޔައެވެ. ގަމީހުގައި ކިލާ ހުއްޓެވެ. އިތުރު އެއްވެސް ކަމެއް ނުވެއެވެ. މިހާދުގެ ސައިކަލަށް ކުދިކުދި ގެއްލުން ލިބުނެވެ. ބޭސްއަޅަން ހޮސްޕިޓަލުގައި އިން އިރު ވެސް މިހާދު އިނީ ހިތް ނުތަނަވަސް ވެފައެވެ. ފިކުރަކަށް ގެއްލިފައެވެ. ހޮސްޕިޓަލުން ނުކުމެގެން މިހާދު އައީ ގެއަށެވެ. ގޭގެ ދޮރު ހުޅުވައިލި އިރު ރިފާ ދުވެފައި ކަހަލަ ގޮތަކަށް އާދެއެވެ. ރިފާ ހުރީ ވަރަށް ހާސްވެފައެވެ.
"ކިހިނެއްވީ؟ ކޮން ތާކަށް ތި ދަނީ؟" މިހާދު އެހިއެވެ.
ރިފާ ފުރަތަމަ އުޅުނީ ނުބުނާށެވެ. އެ ކަން މިހާދަށް ފާހަގަވިއެވެ.
"ރިފާ!" މިހާދު ބުންޏެވެ. "ކޮން ތާކަށްހޭ ތި ދަނީ؟"
"ޒާހިރު އެކްސިޑެންޓެއް ވެގެން ހޮސްޕިޓަލަށް ގެންގޮއްސި،" އެންމެ ފަހުން ރިފާ ބުންޏެވެ. "ދެންމެ ނަޝްފާ ގުޅާފަ ބުނީ."
މިހާދުގެ ބުމަ ކައިރީގަޔާއި އަތްތިލައިގައި ބޭސްއަޅައިފައި ހުރި ތަން ރިފާއަށް ފެނުނީ އެ ވަގުތުއެވެ.
"މިހާދަށް ކިހިނެއްވީ؟" ރިފާ ސުވާލުކުރިއެވެ.
"ސައިކަލު އަނބުރައިލިތަނާ ތުނިކޮތަޅަކަށް އެރުނީ،" މިހާދު ބުންޏެވެ. "އޭރު ވެސް ހިތަށްއެރި ކައްސާލާނޭ. އެ ދިމާލުގަ އޮތް ވަޅުގަނޑެއް ވެސް ކޮނެފަ. ހަމަ ކިރިޔާ އެ ތަނަށް ނުވެއްޓުނީ!"
މިހާދު ލައިގެން ހުރި ހުދު ގަމީސް ކިލާވެފައި ހުރި ތަން ރިފާގެ ލޮލުގައި އަޅައިގަތީ އެ ވަގުތުއެވެ. ވީމާ، ގަމީސް ފޮޅައިލިއެވެ.
"ނަސީބެއްނު!" ރިފާ ބުންޏެވެ. "ދޭ އަވަހަށް ގަމީސް ބަދަލުކޮށްލަން."
"އެއީ ކީއްކުރަން؟" ހައިރާންވެފައި މިހާދު އެހިއެވެ.
"ހޮސްޕިޓަލަށް ދާން،" ރިފާ ބުންޏެވެ. "މިހާދު ނުދާނަންތަ؟"
ނުދާނަމޭ ބުނާކަށް މިހާދަކަށް ފަސޭހައެއް ނުވިއެވެ. ދާކަށް ހިތްހަމައެއް ނުޖެހުނެވެ. ޒާހިރުގެ ކުރިމައްޗަށް އަރާހާ ހިތްވަރެއް މިހާދަކަށް ނުލިބުނެވެ. މިހާދަށް ހީވަނީ ޒާހިރުގެ މިލްކެއް މިހާދު ޖަހައިގަނެގެން އުޅޭ ހެންނެވެ. ޖަވާބެއް ނުދެވި މިހާދު ހުއްޓުން އަރައިފައި ހުރި ތަން ފެނުމުން ރިފާއަށް އޭގެ މާނަ ވިސްނުނެވެ.
"އަހަރެން ފެނުނީމަ ޒާހިރަށް ތަންކޮޅެއް އުނދަގޫ ވެދާނެހެން ހީވާތީ ހައްތާ ވެސް،" މިހާދު ބަހަނާއެއް ދެއްކިއެވެ. "އެކަމަކު ރިފާ ދާންވާނެ. އަހަރެން ރިފާ ގޮވައިގެން ދާނީ ވެސް. މަޑުކުރޭ!"
މިހާދު ގަމީސް ބަދަލުކޮށްގެން، ކާރުގައި ހޮސްޕިޓަލަށް ދިޔަ އިރު ވެސް ރިފާގެ މޫނުމަތިން ފެންނަނީ ހާސްކަމެވެ. ކާރުގައި އިންދައި ނަޝްފާ ގުޅިއެވެ.
"މިހާރު ކާރުގަ މީނީ! ދެތިން މިނެޓު ވާނީ!" ރިފާ ކުރު ޖަވާބެއް ދީފައި ފޯނު ބޭއްވިއެވެ.
"ރިފާ ހާސްނުވޭ!" މިހާދު ހިތްވަރުދިނެވެ. "އިރާދަކުރެއްވިއްޔާ ދެރަ ގޮތެއް ނުވާނެ."
މިހާދު އެހެން ބުނުމުން ރިފާ ކުޑަކޮށް ހައިރާންވިއެވެ. މިހާދަށް ރިފާ ގެއްލޭނީ ޒާހިރާ ހެދިއެވެ. ޒާހިރު ދުނިޔޭގައި ހުރީތީއެވެ. ވީމާ، ޒާހިރާ މެދު މިހާދުގެ ހިތް އެހާ ހެޔޮވާނެ ހެއްޔެވެ؟ ރިފާއަށް ގަބޫލުކުރަން ދައްޗެވެ.
"އެކްސިޑެންޓުވި ގޮތަށް އަދިވެސް އޭނަ ހެޔެއްނާރާ!" މަގަށް ބަލަހައްޓައިގެން އިނދެ މަޑުމަޑުން ރިފާ ބުންޏެވެ. "ޒާހިރަށް ކަމެއް ވެއްޖެއްޔާ ނަޝްފާ.."
މިހާދު ވަކި އެއްޗެއް ނުބުނެއެވެ. ހޮސްޕިޓަލަށް ކާރު މަޑުކޮށްލުމާ އެކު ކާރުން ރިފާ ފޭބިއެވެ.
"ރިފާ!" މިހާދު ގޮވައިލިއެވެ. "އެއްވެސް ކަމެއް ބޭނުން ވެއްޖެއްޔާ އަހަންނަށް ގުޅާތި! ރާއްޖެއިން ބޭރުން ބޭހެއް ބޭނުން ވިޔަސް، ބޭރަށް ފޮނުވަން ޖެހުނަސް، ބޭރުން ޑޮކްޓަރެއް ގެންނަން ޖެހުނަސް ވަރިހަމަ. ލާރިޔަކަށް ބަލާނެ ކަމެއް ނެތް. އަހަރެން މިހިރީނު. ރިފާ ނުޖެހޭނެ ހާސްވާކަށް."
އުފަލުން ގޮސް ރިފާއަށް ރޮވުނެވެ. ބޯޖަހައިލިއެވެ. ހޮސްޕިޓަލަށް ވަދެގެން ދިޔަ އިރު ވެސް ރިފާގެ ހިތް، އަޑުން އަޑު ނަގައިފައި ރުޔެވެ. ހިތަށްއެރިއެވެ. މިހާދަކީ ހާދަ ހިތްހެޔޮ، ރަނގަޅު މީހެކެވެ. މިހާދު ކޮށްދިން ހުރިހާ ކަމެއްގެ ބަދަލުގައި އެ ލޯބީގައި ކޮޅުފައިން ޖަހައިފައި ރިފާ ޖެހޭނީ ދާށެވެ. ލޯބިވަމޭ ބުނުން ފިޔަވައި ރިފާއަށް ދެވޭނެ އެއްވެސް އެއްޗެއް ނެތެވެ. އެއީ ވެސް ރިފާއަށް ދެވުނު އިތުރު އަނިޔާއެކެވެ. ހެޔޮކަމުގެ ބަދަލު ދޭ ގޮތަކީ އެއީ ހެއްޔެވެ؟ އިހުސާންތެރިކަމުގެ އަގު ވަޒަންކުރާ ގޮތަކީ އެއީ ހެއްޔެވެ؟ އަމިއްލަ ހިތާ ސުވާލުކުރަމުން އިމަޖެންސީ ރޫމް ކައިރިއަށް ރިފާ ދިޔަ އިރު، މަންމައާއި ނަޝްފާ ދޮރު ކައިރީގައި ތިއްބެވެ. އޭރު ވެސް ޒާހިރު ހެޔެއްނާރައެވެ. ރިފާ ފެންނަ އިރަށް، ބޭއިހުތިޔާރުގައި ނަޝްފާ އައިސް ރިފާ ގައިގައި ބައްދައިގަތެވެ.
"ބައްޕަ އަދިވެސް ހެޔެއްނާރާ!" ނަޝްފާ ބުންޏެވެ.
"ހުއްޓާލާ ދަރިފުޅާ!" ރިފާ ހިތްވަރުދިނެވެ. "އިރާދަކުރެއްވިއްޔާ ދެރަ ގޮތެއް ނުވާނެ."
"ރިފާތަ ތިހެން ތި ބުނަނީ؟" ރިފާގެ މަންމަ އަޒީޒާ މަޑުމަޑުން ބުންޏެވެ. "އަހަންނަކަށް ހިޔެއްނުވޭ ޒާހިރަށް ދެރަ ގޮތެއް ވާން ރިފާ ބޭނުން ނުވާހެނެއް. ރިފާއަށް ރަނގަޅު ވާނީ ޒާހިރު މަރުވި ނަމަ."
"މަންމާ!" ރިފާ މަޑުމަޑުން ބުނެލިއެވެ.
"ކޮން މަންމާއެއް ކިޔާކަށް؟" އަޒީޒާ ވާހަކަދެއްކީ އަޑު ކޮންޓުރޯލު ކުރަމުންނެވެ. "އަހަރެން އެހެން ބުނީމަ ދޯ ގޯސްވީ. ރިފާ މި ތަނަށް އަންނާނެކަމެއް ވެސް ނެތް."
ތިރީހަކަށް މިނެޓު ފަހުން ޒާހިރު ހޭއެރިއެވެ. އެ ކަމަށް ޓަކައި އާއިލާ ޝުކުރުކުރިއެވެ. އެކަމަކު ލިބުނު ހިތްދަތިކަން ވަކި ކުޑައެއް ނޫނެވެ. ޒާހިރު ފައިގެ ކަށިމަތިން ބިންދައިގެންދިޔައެވެ. ޑަކުޓަރު ބުނި ގޮތުގައި އެ ތަން ރަނގަޅުވެ، ކުރިން އުޅުނު ގޮތަށް ޒާހިރަށް އުޅެވޭނީ ވަރަށް ދުވަހުންނެވެ. ޒާހިރު ވަރަށް ހިތްވަރުކުރަން ޖެހޭނެއެވެ. ފަހުން ހިނގާ އިރު އައިބެއް ހުރުން ވަރަށް ގާތެވެ. އެކްސިޑެންޓުވި މަންޒަރު ލޮލުން ދުށް މީހަކާ ހަވާލާދީ ނޫހުގައި ލިޔެފައިވާ ގޮތުން، ޒާހިރު އައީ އެއްކޮޅަށް ދުއްވާ މަގެއްގެ ނުބައި ކޮޅުންނެވެ. އެކުސިޑެންޓުވި އަނެއް ސައިކަލުގައި އިން މީހާ ވެސް ވެއްޓުނެވެ. އެކަމަކު އޭނަ އަލުން ސައިކަލަށް އަރައިގެން ފިލީއެވެ. އެ މީހާ ލައިގެން ހުރީ ހުދު ގަމީހެއް ނުވަތަ ހުދު ޓީޝާޓެކެވެ.
"އެ ވާނީ ރިފާގެ ފިރިމީހާ ކަމަށް." އެއްވެސް ޖެހިލުމެއް ނެތި އަޒީޒާ ބުނެލިއެވެ.
ރިފާ ހައިރާންވީ މަންމަ އެހެން ބުނީމަކާ ނޫނެވެ. އެ ކަމާ ދެކޮޅަށް ނަޝްފާ އެއްޗެއް ނުބުނީމައެވެ. ހީވާ ކަހަލައެވެ. ނަޝްފާ ވެސް އެ ވާހަކަ ގަބޫލުކުރެއެވެ. މިހާދު އެ ކަހަލަ ކަމެއް ނުކުރާނެކަން ރިފާއަށް ޔަގީނެވެ. އެކަމަކު ހިތުގައި ކުޑަކުޑަ ޝައްކެއް އުފެދުނެވެ. މިހާދު ގެއަށް އައީ އަނިޔާވެގެންނެވެ. މިހާދު ލައިގެން ހުރީ ހުދު ގަމީހެކެވެ. ރިފާގެ ނަޒަރުގައި އެއީ އިއްތިފާގެކެވެ.
ޒާހިރު ކޮޓަރިއަށް ބަދަލުކުރިއެވެ. ހޮސްޕިޓަލުގައި ހުރި އެންމެ ފެންވަރު ރަނގަޅު ކޮޓަރިތަކުގެ ތެރެއިން ކޮޓަރިއަކަށެވެ. ނަޝްފާ އިސްކޫލަށް ދާން ޖެހޭނެތީ އަޒީޒާޔާ އެކުގައި ނަޝްފާ ގެއަށް ފޮނުވައިފައި ޒާހިރު ގާތުގައި އިނީ ރިފާއެވެ. ޒާހިރަށް ޓަކައި ރިފާގެ ލޮލުގައި ވަނީ ލޯތްބެވެ. އެކަމަކު އެ ލޯބިން ބައެއް އުނިހެން ޒާހިރަށް ވަރަށް ހީވެއެވެ.
"މި ކޮޓަރި ހާދަ އަގު ބޮޑު ވާނޭ!" ރިފާއާ ހަތަރުކަޅި ހަމަކޮށްފައި އެންމެ ފުރަތަމަ ވެސް ޒާހިރު ކުރީ ޝަކުވާއެކެވެ. "އަހަރެން ވޯޑުގަ ބޭއްވި ނަމަ."
ރިފާއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް މިހާދު ގުޅިއެވެ. ރިފާ ފޯނަށް ބަލައިލައިފައި ޒާހިރަށް ބަލައިލިއެވެ. އެއީ ކާކުގެ ކޯލެއްކަން ބުނެދިނީ ރިފާގެ މޫނެވެ. ރިފާ އުޅުނީ ފޯނު ހިފައިގެން ތަންކޮޅެއް ދުރަށް ދާށެވެ.
"މި ތާ ހުރެގެން ވާހަކައެއް ނުދެއްކޭނެ؟" ޝަކުވާގެ ރާގަކަށް ޒާހިރު އެހިއެވެ.
ރިފާ ވިސްނައިލައިފައި ފޯނު ނެގިއެވެ. އެއީ މިހާދު ގުޅި ހަތްވަނަ ފަހަރެވެ.
"ކިހިނެއް ހުރިހާ ކަމެއް؟" މިހާދު ސުވާލުކުރިއެވެ.
"ރަނގަޅު. މިހާދު ކައިފިން؟" ރިފާ އެހިއެވެ.
"އެނގޭނެ ރިފާޔާ ނުލާ އަހަރެން ނުކާނެކަން،" މިހާދު ބުންޏެވެ. "ހިނގާ އެއްޗެއް ކާލަން. ދަންތަ ބަލާ؟ ރިފާ ނުފެންނަތާ މާ ގިނަ އިރު ވީމާ ވަރަށް ދެކިލާ ހިތް ވޭ!"
އެއީ ތެދުވެރި ލޯބި ނޫން ނަމަ ތެދުވެރި ލޯތްބަކީ ކޮބައި ކަމެއް ރިފާއަކަށް ނޭނގެއެވެ.
"މި ވަގުތު މި ކޮޅުގަ މީހަކު ވެސް ނެތް!" ރިފާ ތަންކޮޅެއް މަޑުން ބުންޏެވެ.
"އިރުކޮޅަކުން ތި ކޮޅަށް ނަރުހެއް ފޮނުވާނަން. ޒާހިރު ދޫކޮށްލަންދެން އަބަދުވެސް ޒާހިރަށް ހާއްސަ ނަރުހެން ދެން ހުންނާނެ،" ވަރަށް ޔަގީންކަމާ އެކުގައި މިހާދު ބުންޏެވެ. "ރިފާ ތި ތަނަށް ދާން އަހަރެން އެއްބަސްވީ ހަމަ އެކަނި ރިފާގެ ހިތްހަމަޖެހުމަކަށް. ކަންކަން ކުރަން ތިބޭނެ ނަރުހުން."
މިހާދު ފޯނު ބޭއްވިއެވެ. ރިފާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ދުރުގައި ހުރި މީހާ ރިފާ ދެކޭ ހިތުން މޮޔަ ވަނީއެވެ. ކައިރީގައި އޮތް މީހާ އޮތީ ފުސްމޫނު ހަދައިގެންނެވެ.
"މިހާދު ކައިފިން ހޭ؟" ހިތްހަމަނުޖެހިފައި ޒާހިރު ބުނެލިއެވެ. "އެއީ ރިފާ ބަލަން ޖެހޭ ކަމެއްތަ؟"
"ޒާހިރު!" ރިފާ ވާހަކަދެއްކީ ކެތްތެރިކަމާ އެކުގައެވެ. "އަހަރެންނަކީ މިހާދުގެ އަންހެނުންނޭ!"
"ވަގުތީ!" ތަންކޮޅެއް ބާރަށް ޒާހިރު ބުންޏެވެ. "އެހެން ބުނޭ! ތީ ވަގުތީ އަންބެއް! ތީ އޭނަޔާ އިނދެފަ ވަރިވެގެން އައިސް އަހަންނާ އިންނަން ހަތް ހުވާ ކޮށްފަ ދިޔަ މީހެއް. ހަނދާންނެތުނީ؟ އަހަރެން ހިޔެއްނުކުރަން ލާރިޔާ ހެދި ރިފާ ތިހާ ހޭބަލިވާނެ ކަމަކަށް. އަހަރެން ފަގީރުވުމަކީ އަހަރެންގެ ކުށެއް؟ އޭނ؟ މީހުން ހާދަހާ މަލާމާތެއް ކުރެޔޭ! ރިފާއަށް އެނގޭތަ އެ ކަން؟ މި ވަރުން ކިހިނެއް އަހަރެން ދުނިޔޭގަ އުޅޭނީ؟ ރިފާޔާ ހެދި އަހަރެން އެކްސިޑެންޓު ވެސް ވީ. ރިފާ ޖެހޭނެ ޒިންމާވާން."
ރިފާގެ އަނގަ ބަންދުވިއެވެ.
ނުނިމޭ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަމީ
06 October 2020
އެންމެ ފުރަތަމަވެސް މިހާދު ރިފާ ބަލާދިޔައީ އޮޅުވާލާފަ ޒާހިރު ފިހާރައިގަ ތާށިކޮށްލާފަ.. އެހެންވީމަ މިހާދު ރަނގަޅެއް ނުވާނެ ފަހުންވެސް... ރިފާވެސް ދެން ފައިސާ ފޮއްޗެއް ފެނިގެން މޮޔަފުޅު ވެފަ..
ނުންނ
04 October 2020
❤️❤️ މީހުން ހާދަހާ މަލާމާތެއް ކުރެޔޭ.،،❤️❤️މިބައި ތަފްސީލް ކޮށްދެއްވުން އެދެމެވެ
ޒަހޫކު
04 October 2020
އަސްލު މިވާހަކައިގަ ވާގޮތް ކިޔާދީބެއް.
ފްލާވާ
04 October 2020
ޒާހރު އުޅެނީ ރިފާޔާ މިހާދާ ދޭތެރޭ އަށް ވަންނަން
ލިލްޒް
05 October 2020
ފްލާވާގެ ކޮމެންޓްތައް ނުކިޔާ. އޭރުން އެނގޭނެ މި ވާހަކައިގަ ވާގޮތް. ހެހެ
ޕިކްސީ
04 October 2020
ވާހަކައަށްވުރެ ކޮމެންޓްސް މާ އިންޓްރެސްޓިންގް މިހާރު.
ފްލާވާ
04 October 2020
ހެހެހެ
ޕަރސަން
04 October 2020
ފްލާވާ ކުރާނެ އިތުރު ކަމެއްނެތީތަ މި ކޮމެންޓް ސެކްޝަންގައި ގިނަވެގެން މިއުޅެނީ؟
ފްލާވާ
04 October 2020
ނޫނޭ.ބައިވަރު ކަންތައްތައް އެބަހުރި
ފްލާވާ
04 October 2020
ޒާހރު ދެރަ ނުވޭ❤️❤️ ޒާހިރާ އެކު ނާލާ ހުންނާނެ
ސުހާނީ
04 October 2020
މިއއޮއް ކަމެއް.. ފުރަތަމަ ކަމަކަށް ރިފާ އާ މިހާދުގެ ކައިވެނި ޞައްޙަ އެއްވެސް ނޫން. ވަރިކުރަން ޝަރުތު ކޮށް ކައިވެނި ކުރުން އޮތީ ދީނުގައި ޙަރާމް ކުރައްވާފައި. މީހެއްގެ ލޯތްބާ އޯގާތެރިކަން އިންގޭނީ އެމީހަކާ އެކު ދުވަސް ކޮޅަކު އުޅުނީމާ..ތިހެން ފެންނަ މުއްސަންދި ކަމަކުން ނޭގޭނޭ. ރިފާއަށް ހަމަ ރަނގަޅަށް އިނގޭ ޒާހިރުގެ ހެޔޮކަމާ ރިފާ ދެކެ އިްނތިހާ އަށް ލޯބި ވާކަން. ޒާހިރު ފަޤީރުކަމުން އޭރުގެ އޯގާތެރިކަން ރިފާ މިހާރު ހަނދާނެއްނެތް. ރިފާ ދެކެ ފޫހިވެއްޖެ
ފްލާވާ
04 October 2020
ދެން އެދެމީހުން ކައިވެނި ކުރެވުމަށްފަހު ވަރި ނުވުން ރަނގަޅީ
ފްލާވާ
04 October 2020
ކާކުހޭ ފައިސާ އަށާ ތާޖާއި ތަހުތަށް ނޭދެނީ މާ ކުރިއްސުރެ ވެސް މިއީ ދުނިޔޭގެ ހަމައެއް ކަން ޔަގީން ކިހާބޮޑު ތެދެއް ތޯ
ނެކްސްޓް
04 October 2020
ޒާހިރު އެބުނީ ރަނގަޅަށް ރިފާ ހޭބަލިވެފަ އެހުރީ ލާރިއާހެދި. ޢެހެންޏާފަހެ ސާދަ ފަނަރަ އަހަރުގެ ދެކުދިންތަމީ ލޯބިވެގެން ނުނެއްޓެވިގެން އުޅެން.
މަލާކް،އަސްރަފީމަގު މާލެ
04 October 2020
ޒާހިރަކާ ޒާހިރެކޭ
އިއްސެ
04 October 2020
ރިފާ ހާދަ ގަޅިއޭ. އެ "އެކްސިޑެންޓާ" ދޭތެރޭ ވިސްނާލަބަ. އެއީ ހަމަ މިހާދު ގަސްތުގަ ޒާހިރަށް އަނިޔާ ދޭން ކުރިކަމެއް. ކިހާ ބޮޑު އުނދަގުލެއް!!!
މަލާކް،އަސްރަފީމަގު މާލެ
04 October 2020
ޒާހިރަކާ ޒާހިރެކޭ