ލޯބި ހޯދަން ލޯތްބާ ދުރަށް

އާދިއްތަ ދުވަހާ ގުޅޭ


ރިފާގެ އަނގަ ބަންދުވިއެވެ. ހިތަށްއެރިއެވެ. ޒާހިރު އެ ބުނީ ތެދެކެވެ. ނަޝްފާ ވެސް އެ ތުހުމަތު އަޅުވާނީ ރިފާގެ ބޮލުގައެވެ. އެއްބަސްވި ގޮތަށް ރިފާއަށް ކަންތައް ކުރެވުނު ނަމަ ރިފާ މިހާރު ހުރީހީ އަމިއްލަ ގޭގައެވެ. އޭރުން ޒާހިރު އެކްސިޑެންޓު ވާކަށް ނުޖެހުނީހެވެ. ޒާހިރުގެ ފަޔެއް ނުބިނދުނީހެވެ.

ރެސްޓޯރަންޓުގައި ކާން އިން އިރު ރިފާ އިނީ ވަރަށް ގަޔާނުވެފައެވެ. މިހާދަށް އެ ކަން ފާހަގަކުރެވުނެވެ. ރިފާ ވާހަކަ ނުދެއްކި ތާނގައި އިސް އުފުލައިލައި ބަލައި ވެސް ނުލިއެވެ.

"ރިފާ!" މިހާދު މަޑުމަޑުން ގޮވައިލިއެވެ.

ރިފާ ބަލައިލިއެވެ. މިހާދަށް ހީވީ ރަނގަޅަށެވެ. ރިފާ ހުރީ ފެންކަޅިވެފައެވެ. މިހާދަށް ނެގުނީ އެހެން މާނައެކެވެ.

"އިރާދަކުރެއްވިއްޔާ ޒާހިރުގެ ފައި ރަނގަޅުވާނެ،" މިހާދު ހިތްވަރުދިނެވެ. "ދުނިޔޭގެ އެއްވެސް ހޮސްޕިޓަލަކުން ޒާހިރު ރަނގަޅު ކުރެވެންޏާ އަހަރެން އެ ކަން ކޮށްދޭނަން."

"އެއީ ކީއްވެ؟" ރިފާ ކުޑަކޮށް ހިތްހަމަނުޖެހިފައި ބުންޏެވެ.

މިހާދަށް ލިބުނީ ސިހުމެކެވެ. ޝުކުރު އަދާކުރާނެ ކަމަށް އުންމީދުކޮށްގެން އިންދައި ރިފާ އެ ކަހަލަ ސުވާލެއް ކުރީމައެވެ.

"އެއީ ކީއްވެހޭ؟" މިހާދު ވަރަށް އޯގާތެރިކަމާ އެކުގައި ބުންޏެވެ. "ރިފާއަށް ޓަކާ. ރިފާ އުފާކޮށްދޭން ވެގެން. އެހެން ނޫނީ އަހަރެން ހިތްހަމައެއް ނުޖެހޭނެ."

"މީހުން ބުނަނީ ހަމަ ތެދެއް،" ޝަކުވާގެ ރާގެއްގައި މަޑުމަޑުން ރިފާ ބުންޏެވެ. "އެއްވެސް މީހަކު އެހެން މީހެއް ދެކެ ލޯތްބެއް ނުވާނެ. ތީ އިންސާނެއް ކަމަށް ވަންޏާ، މިހާދު ބޭނުމެއް ނުވާނެ ޒާހިރު ރަނގަޅު ވާކަށް. ހުރިހާ ކަމެއް މިހާދު ތި ކުރަނީ އަމިއްލަ ފައިދާއަށް. އަހަރެން އުފާ ވީމަ މިހާދު ހިތްހަމަޖެހޭތީ."

ޒާހިރު ގާތުގައި ރިފާ ހޭދަކުރާ ވަގުތު ގިނަވާ ވަރަކަށް، މައްސަލައިން މައްސަލަ ފަޅާނެކަން މިހާދަށް އެނގެއެވެ.

"އަހަރެން ދާން ދޫކޮށްލާ!" ރިފާ އެދުނެވެ. "ހެޔޮނުވާނެ!"

"ތިހާ ދާން ބޭނުމިއްޔާ ކީއްކުރަން އަހަރެން ދެކެ ލޯބިވީ؟" މިހާދު ސުވާލުކުރިއެވެ. "ލޯބިވެޔޭ ނުބުނެ ވެސް ރިފާއަށް ދެވުނީހެއްނު! ތަންކޮޅެއް ފުންކޮށް ރިފާ ވިސްނާލަބަލަ! އަހަރެން ކައިރިން ވަރިވެގެން ރިފާއަށް ކޯޗެއް ލިބޭނީ؟"

"އަހަރެންގެ ދަރިފުޅު!" ރިފާ ދިނީ ކުރު ޖަވާބެކެވެ.

ގަޑިން ރޭގަނޑު ނުވައެއް ޖެހިތާ އިރުކޮޅެއް ވެއްޖެއެވެ. ޒާހިރު ގާތުގައި ރިފާ އިންނަކަން އެކަންޏެވެ. ޒާހިރުގެ ހުރިހާ ކަމެއް ބަލަހައްޓަން ހާއްސަ ނަރުހެއް ހުރެއެވެ. އިރުއިރުކޮޅާ އޭނަ އާދެއެވެ. ރިފާ އަތުގައި އޭނައަށް ގުޅޭ ނަންބަރެއް އޮވެއެވެ. އަޑު ވަރަށް މަޑުކޮށްފައި ހުރި ޓީވީއަށް ބަލަހައްޓައިގެން ޒާހިރު އޮތެވެ. ހިތްހަމަނުޖެހިފައެވެ. ޝަކުވާއާއި ސުވާލުތަކުން ހިތް ފުރިފައެވެ. ރިފާ އިނީ ފޯނާ ކުޅޭށެވެ. ވައިބާއިން މޫމިނާއާ ވާހަކަދައްކާށެވެ.

"އަހަންނަށް ވެސް އެނގޭ ތި ހާލުގަ ޒާހިރު ދޫކޮށްލާކަށް ނުވާނެކަން،" މޫމިނާ ބުންޏެވެ. "އެކަމަކު ވަރަށް ހާލުގަ ދޯ ރިފާ އުޅުނީ. މަރުވަންދެން ވެސް ހަމަ ތިހެން ކަންނޭނގެ އުޅެން ޖެހޭނީ. ޒާހިރަކީ ރަނގަޅު މީހެއް. އެ ކަމާ ވެސް އެއްބަސް. ރިފާ ދެކެ ވަރަށް ލޯބިވޭ. ދަރިފުޅު ދެކެ ވެސް ލޯބިވޭ. އެކަމަކު އަލުން ޒާހިރާ އިނދެގެން ކުރިން އުޅުނުހެން ރިފާއަށް އުޅެވޭނެ؟"

މޫމިނާ ކުރި ސުވާލަށް ރިފާ ބުނަން ޖެހޭނީ ނޫޅެވޭނެ ކަމަށެވެ. އެހެން ބުނާކަށް ބޭނުމެއް ނުވިއެވެ.

"ލާރިތަ ހުރިހާ އެއްޗަކީ؟" ރިފާ އެހިއެވެ.

"ތިހެން ލިޔެލަން ވަރަށް ފަސޭހަވާނެ،" މޫމިނާ ލިޔުނެވެ. "ކީއްކުރަންބާ މީހުން ވަޒީފާ އަދާކުރަނީ؟ ރިފާ ކީއްވެބާ އެއް ރުފިޔާއަށް ރަން ނުކިއީ؟ ބުނީމެއްނު އެއީ ތިމަންނަގެ ހަށިގަނޑުގެ އަގޭ. ކީއްވެ އެހެން ބުނީ؟ އަސްލު އަހަރުމެންގެ އެބަ އުޅޭ މައްސަލައެއް. ލޯބިން ތަތްތެޅުނީމަ އަހަރުމެންގެ ދެ ލޯ ކަނުވަނީ. ބިޓު އުޅެނީ ޖޮބެއްގަހޭ، މުސާރަ ކިހާ ވަރެއްހޭ އެހުމަކީ ހަޑިކަމެއް. މާލޭގަ ގެދޮރު އެބަހުރިހޭ އެހުމަކީ އަދި މާ ހަޑި ކަމެއް. އިންނަ އިރު ވެސް ނޭނގޭ ބިޓު އުޅެނީ ކޮން ޖޮބެއްގަ ކަމެއް ވެސް. މާ ފަހުން މި އެނގެނީ ބިޓު އުޅެނީ ކުއްޔަށްކަން. ދެން މި ޖެހެނީ ދެ މީހުންގެ ލާރިން ތަނެއް ކުއްޔަށް ހިފަން. އިރުކޮޅަކުން އަންހެނުން ބަނޑުބޮޑުވެދާނެ. އެ ހިސާބުން ޖޮބުން ކެނޑެން ޖެހިދާނެ. ދެން އަދި ކިރިޔާ ދުނިޔެ މި ފެންނަނީ. މިހެން ބުނީމަ އަޑުއަހަން ވަރަށް އުނދަގޫ ވެދާނެ. އެކަމަކު އިންނަން ޖެހޭނީ އަނބިމީހާ ގެންގުޅެވޭ ވަރުގެ މީހަކާ. އަނބިމީހާއަށް ލިބޭ މުސާރައިން ކައިގެން ބޮއިގެން ގޭގަ ދެ ފައި ދަމާފަ ނިދަން އޮންނަ ފިރިޔަކާ އެއްކޮށެއް ނޫޅެވޭނެ."

އެ ހިސާބަށް މޫމިނާ ލިޔުނު ތަނާ ޒާހިރުގެ ކެތްތެރިކަން ކޮޅުންލިއެވެ.

"ތި ފޯނުގަނޑު ބާއްވަބަލަ!" ޒާހިރު ތަންކޮޅެއް ބާރަށް ބުންޏެވެ.

ރިފާ ވަގުތުން ފޯނު ދަބަހަށް ލިއެވެ. އެކަމަކު މިހާދު ދުވަހަކު ވެސް ރިފާއާ ދިމާއަށް އެހެން ނުބުނާކަން ރިފާ ހަނދާންވިއެވެ.

"ކިހިނެއް ހަދައިދޭންވީ؟" ރިފާ ވަރަށް އޯގާތެރިކަމާ އެކުގައި އެހިއެވެ.

"އާނ އެހެންތާ ވާނީ! މިހާރު ދެން މާ ބޮޑު މުއްސަންޖަކާ އިނދެވިފަ ވިއްޔަ މިއޮތީ! އަހަރެން ބުނި ކަމެއް ކޮށްދެވޭނެއްނު!" ޝަކުވާކުރާނެ މައުލޫއެއް ނުލިބިފައި އޮތް ޒާހިރު ބުންޏެވެ. "މަ ބުނީމެއްނު ވޯޑަށް ބަދަލުކުރާށޭ! އަހަރެން ބޭނުމެއް ނޫން ރިފާގެ ފިރިމީހާގެ ތައްޕާހުން އުޅޭކަށް."

ޒާހިރަށް ދެވިދާނެ އެތައް ޖަވާބެއް އެ ވަގުތު ވެސް ރިފާއަށް ވިސްނުނެވެ. އެހެނަސް ރިފާ ބޭނުންވަނީ މައްސަލަ ފިނިކުރާށެވެ. ޒާހިރުގެ ރުޅި މަޑުކުރުވާށެވެ.

"ކީއްވެ ތިހެން ތި ވާހަކަދައްކަނީ؟" ހިނިތުންވެފައި ރިފާ މަޑުމަޑުން ބުންޏެވެ. "ކުރިން ވާހަކަދައްކާހެން ދައްކަބަލަ!"

"ދުރުހިލޭ މީހުންނާ އަހަރެން ވާހަކަދައްކަނީ ދުރުހިލޭ މީހުންނާ ވާހަކަދައްކާހެން،" ޒާހިރުގެ ރުޅި އެންމެ ތަންފުކެއް ވެސް މަޑެއް ނުވިއެވެ. "ގޮސް ފިރިމީހާ ކައިރީގަ އޮވޭ! މި ތާކަށް އަންނާނެ ކަމެއް ނެތް."

ޒާހިރު އެހެން ބުނި ނަމަވެސް، ޒާހިރަށް ނަރުހަކު ހަމަޖައްސައިފައި ހުރި ނަމަވެސް ރިފާ ގެއަކަށް ނުދެއެވެ. މިހާދު ކައިރިން ވަރިވެގެން އައުމުން ޒާހިރުގެ ރުޅިގަނޑު މަޑުވާނެކަމަށް ރިފާ އުންމީދުކުރިއެވެ. ނަޝްފާގެ ރުހުން ހޯދުމަށް ޓަކައި، ކެތްތެރިކަން އިސްކުރަން ރިފާއަށް މަޖުބޫރެވެ. މުޅި ދުނިޔެ ރިފާއަށް އިނގިލި ދިއްކުރިޔަސް ދަރިފުޅުގެ ރުހުން ލިބިއްޖެ ނަމަ ރިފާއަށް ނިމުނީއެވެ.

އެނދުގައި އޮށޯވެލައިގެން ވިސްނަން އޮތް މިހާދު ފޯނު ނެގިއެވެ. ނަޝްފާއަށް މެސެޖެއް ލިޔެލިއެވެ.

"އަހަންނަށް ގުޅާލަފާނަން؟" މިހާދު ލިޔުނެވެ.

އެތައް އިރަކު ވިސްނަން އޮވެފައި، މެސެޖުގެ ތިރީގައި މިހާދުގެ ނަން ޖަހައިފައި މެސެޖު ފޮނުވައިލިއެވެ.

ދަންވަރު ދޭއް ޖެހިއިރު ޒާހިރު ނިދައި މަރުވެއްޖެއެވެ. ވަރަށް ބޯކޮށް ވާރޭވެހެން ފެށިއެވެ. ރިފާ އެކަނި ވެއްޖެއެވެ. ހޮސްޕިޓަލުގެ ކުޑަދޮރުން ފެންނަން އޮތް ފަޅު މަގަށް ބަލަހައްޓައިގެން ރިފާ ހުއްޓެވެ. އަތުގައި ފޯނު އޮތެވެ. މިހާދަށް ގުޅާލަން ކިތަންމެ ފަހަރަކު ހިތަށްއެރިއެވެ. ވާރޭވެހެން ފެށުމުން މިހާދު މަތިން މާ ބޮޑަށް ހަނދާންވީއެވެ. އެކަމަކު ރިފާ ގުޅައިފި ނަމަ، މިހާދުގެ ހިތުގައި ރިފާއަށް އޮތް ލޯބި ހައްތަހާ ގަދަވާނެއެވެ. އެހެން ވާކަށް ރިފާ ބޭނުމެއް ނޫނެވެ. އެ ވަގުތު ރިފާގެ ފޯނަށް މިހާދުގެ މެސެޖެއް އައެވެ. މެސެޖު އައިސްފައި އޮތީ ވައިބާއިންނެވެ. އެއީ ވަރަށް ގިނައިން ވާ ގޮތެކެވެ. މީހެއް މަތިން ކުއްލިއަކަށް ހަނދާންވަނީ އެ މީހާ ވެސް ހަނދާން ކުރީމައެވެ. މިހާދު ހަމަ އެކަނި ފޮނުވާފައި އޮތީ ހިތެކެވެ. ރިފާ ހިތަށްއެރިއެވެ. އެއީ ހަގީގީ ލޯބި ނޫން އެހެން ކޯޗެއް ހެއްޔެވެ؟ މިހާދު ކަހަލަ މީހަކު ދަންވަރު ނުނިދައި ހަނދާންކުރަން ރިފާއަކީ ކާކު ހެއްޔެވެ؟ އެ ވަގުތަކީ ރިފާ ވަރަށް އެކަނިވެފައި، ހިތްދަތިވެފައި ހުރި ވަގުތެކެވެ. މިހާދު ގުޅައިފި ނަމަ ރިފާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބޭނެއެވެ. ރިފާއަށް ވެސް ގުޅިދާނެއެވެ. އެކަމަކު ރިފާގެ ނަޒަރުގައި އެއީ، ހިތްހަމަޖައްސައިލުމަށް ޓަކައި ބިރުވެރި ފިލްމެއް ބެލުން ކަހަލަ ކަމެކެވެ.

"އަޅެ މިހާދު ގުޅާބަލަ!" ހިތާހިތުން ރިފާ ބުނެލިއެވެ.

ކުއްލިއަކަށް ރިފާގެ ފޯނު ވައިބްރޭޓުވާން ފެށިއެވެ. ގުޅީ މިހާދެވެ. ރިފާގެ ހިތުގެ އަޑު މިހާދަށް އިވުނު ކަހަލައެވެ. ޒާހިރު ނިދާފައި އޮތުމުން ފޯނު ނަގައިގެން ވާހަކަދައްކާކަށް ރިފާއަކަށް ނުކެރުނެވެ. އެންމެ ފަހުން ފޯނު ކެނޑުނީއެވެ. ދެން އައީ މެސެޖެކެވެ.

"ރިފާގެ ފޮޓޯއެއް ފޮނުވަފާނަން!" މެސެޖުގައި މިހާދު އެދިފައި އޮތެވެ.

އެ ވަރު މިހާދަށް ހައްގު ކަމަށް ރިފާއަށް ގަބޫލުކުރެވުނެވެ. އަނބިމީހާ ވީމައެވެ. ފަހަރެއްގައި ނިދާފައި އޮތް ކަމަށް ހެދިގެން ޒާހިރު އޮތަސް، އޭނައަށް ނުފެންނާނެ ހިސާބަކަށް ޖެހިލައިފައި ފޮޓޯއެއް ނަގަން އުޅެނިކޮށް އަނެއްކާ މެސެޖެއް އައެވެ.

"ފެނުނީމަ ނޫނީ ނުނިދޭނެ،" މެސެޖުގައި އޮތެވެ. "ކުޑަދޮރުން ބޭރު ބަލައިލިޔަސް ހެޔޮ!"

ރިފާއަށް ލިބުނީ ވަރުގަދަ ސިހުމެކެވެ. ހިތަށްއެރިއެވެ. ދަންވަރުގެ ވަގުތު އެހާ ބޯކޮށް ވާރޭ ވެހެނިކޮށް މިހާދު ހޮސްޕިޓާ ކައިރިއަށް އައީ ހެއްޔެވެ؟ ނުވަތަ އެއީ ސަމާސާއެއް ހެއްޔެވެ؟ އަވަސް ފިޔަވަޅުތަކެއް އަޅަމުން ގޮސް ކުޑަދޮރު ކައިރިއަށް ހުއްޓުނު އިރު، ދުވާރު މަތީގައި ކުޑައެއް ނަގައިގެން މިހާދު ހުއްޓެވެ. ރިފާގެ އިންތިޒާރުގައެވެ. ވާރޭ ވެހޭލެއް ބޯކަމުން މިހާދު ރަނގަޅަކަށް ހިޔަލެއް ނުވެއެވެ. މުޅި މާލެ ނިދައިފައިވާ އިރު ވެސް، ރިފާ ދެކިލާ ހިތުން މިހާދުގެ ހިތް ތެޅިފޮޅެނީއެވެ. ރިފާ ބަލައިލުމާ އެކު މިހާދު ހަނާއަޅައިލިއެވެ. އެ ހިސާބުން ރިފާގެ ފައިތިލައަށް ލޮޅުން އެރިއެވެ. ކެތެއް ނުކުރެވުނެވެ. އަވަސްއަވަހަށް ކޮޓަރިން ނުކުތެވެ. ރިފާ ކަށަވަރު ކުރި ގޮތުގައި ޒާހިރު އޮތީ ނިދައިފައެވެ. ހޮސްޕިޓަލުން ބޭރަށް ނުކުތް އިރު މިހާދު ހުރީ ދޮރު ކައިރީގައެވެ. ރިފާ ބޭރަށް ނުކުތުމާއެކު މިހާދު ކުޑަ ދިއްކޮށްލީ ރިފާއަށެވެ.

"އެކަމަކު ދޯ!" ފެންކަޅިވެފައި ރިފާ ބުންޏެވެ. "ތީ ކޮން ކަހަލަ މީހެއް؟"

"މޮޔައެއް!" ހިނިތުންވެލައިފައި މިހާދު ބުންޏެވެ. "ހަމަ ފައްކާ މޮޔައެއް!"

ނުނިމޭ